ހަނދާން ހުންނަން ފެށީއްސުރެ ހިންދީ ޑްރާމާތަކަކީ ދިވެހި ސިޓިންގ ރޫމްތަކުގައި ސުމާރެއް ނެތް ވަރަށް ވަކި ހިއްޕާލާފައިވާ އެއްޗެކެވެ. އަހަރެން ކުޑައިރު މިސްކިތަށް ނަމާދުކުރަން ގޮސް އުޅުނުއިރުވެސް އިޝާ ނަމާދަށް ގޮސް އަވަސް އަވަހަށް “ނިތް ތަޅާލައިގެން” އަވަހަށް ދުވެފައި ގެއަށް ދަނީ އަށެއް ޖަހާއިރު ކަސޯޓީ ފެށޭތީއެވެ. އެހާވެސް ފޯރި ހުންނާނެއެވެ. އަލިފާނެއް ފެނެއް ނޭނގޭ ކުޑަ ދަރިންނަށްވެސް އަނޫރާގާ ޕްރޭނާ އެނގޭނެއެވެ. އަނެއްކާ އަށެއް ޖަހާއިރު އިށީންނަ ގޮތަށް ގޮސް އެގާރަ ޖަހާއިރުވެސް ދައްތަމެން ބަލާހާ ޑްރާމާއެއް ބަލަން އިންނަމެވެ. މަންމަ ރުޅިއައިސްގެ އައިސް ޓީވީ ނިއްވާލަންދެން އެކުޅިވަރު ކުރިއަށްދާނެއެވެ. އަދި އެވަރުން ނިމުނީކީނޫނެވެ. ސުކޫލަށް ގޮސް ދެން އޮންނާނީ އެވާހަކައެވެ. ދެގަޑި ދޭތެރޭވެސް އިންޓަވަލް ގަޑިއަކަސް މަގުމައްޗަކަސް ދެން ކިޔާނެކަމެއްނެތެވެ. ދެ އަންހެން ކުއްޖަކު އެއްވިއްޔާ، ސޫޖަލް ކަޝިސް ރޮއްވާލި ވާހަކައެވެ. ޕްރޭނާ އަނޫރާގް މަރާލި ވާހަކައެވެ.

ކޮންމެއަކަސް ސުކޫލުގައި އުޅުނު އިރު ބަލަން ފެށި ޑްރާމާއެއް އަދިވެސް ހަމަ އެގޮތުގައި ބަލަން މިރޭވެސް މި އިނީއެވެ. މިހާރު ސުކޫލު ނިންމާ މީހުންނާ އިނދެ ދަރިންވެސް ލިބިއްޖެއެވެ. ކުރުގޮތަކަށް ބުނާނަމަ މުސްކުޅިވެއްޖެއެވެ. އެކަމަކު ޑްރާމާ އަދިވެސް ހަމަ ޒުވާނެވެ.

މި އާޓިކަލްގައި ބަލައިލަން މިއުޅެނީ ގިނަ އަހަރުތަކެއް ވަންދެން ދައްކާ ނުވަތަ ދެއްކި ހިންދީ ޑްރާމާތަކަށެވެ.

ޔޭ ރިޝްތާ ކިޔާކެހެލާތާހޭ

މިއީ މިހާތަނަށް ދެއްކި އެންމެ ދިގު ޑްރާމާއޭވެސް ބުނެވިދާނެއެވެ. ޑްރާމާ ދައްކަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އަކްޝަރާ އާއި ނައިތިކް ގެ ޒުވާން ދުވަސްވަރުން ފެށިގެން ދައްކަންފެށި ޑްރާމާގައި މިހާރު ފެނިގެންދަނީ އެދެމީހުންގެ ދަރިންގެ ދިރިއުޅުމެވެ. އަކްޝަރާ އާއި ނައިތިކްގެ ދަރިން ކަމުގައިވާ ނަކްޝް އާއި ނައިރާ ބޮޑުވެގެން އެމީހުންނަށްވެސް މިހާރު ދަރިން ލިބިއްޖެއެވެ.

މިހާތަނަށް މިޑްރާމާގެ 3150 އަށް ވުރެ ގިނަ އެޕިސޯޑް ވަނީ ދައްކާފައެވެ.

ކަސޯޓީ ޒިންދަގީކޭ ސީޒަން 1

މިޑްރާމާ ނުބަލާ ދިވެއްސެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ގެނައި މިޑްރާމާގައި ލީޑް ރޯލް ކުޅުނު ޕްރޭނާ، އަނޫރާގް އަދި ބަޖާޖް ވަނީ ހައެއްކަ ފަހަރު މަރުވުމަށްފަހު އެނބުރި އައިސްފައެވެ. ޑްރާމާ ފެށުނު އިރު ކޮލެޖަށް ކިޔަވަން ގޮސް އުޅުނު އަނޫރާގާއި ޕްރޭނާ، ޑްރާމާ ނިމުނު އިރު ވަނީ މުނިމާމަ ކިޔައިފައެވެ. އެދެމީހުންނަށް ލިބުނު ދަރިން ކަމުގައިވާ ސްނޭހާއާއި ޕްރޭމްއަށް ދަރިން ލިބި އެކުދިންނަށްވެސް ވަނީ ދަރިން ލިބިފައެވެ.

ޑްރާމާ ނިމުނީ 1423 އެޕިސޯޑުންނެވެ. މިޑްރާމާގެ ސީޒަން 2 ވެސް ވަނީ ދާދި ފަހުން ދައްކާފައެވެ. އެހެންނަމަވެސް ސީޒަން 1އާ ގާތަށްވެސް ސީޒަން 2ކަށް ބެލުންތެރިންގެ ތަރުހީބެއް ނުލިބެއެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއް ނުވެ އެސީޒަން ވަނީ ނިންމާލާފައެވެ.

ސާތު ނިބާނާ ސާތިޔާ

“ގޯޕީ ބަހޫ” އާއި “ކޯކިލާ މޯދީ” އަކީ ދިވެހިންގެ މެދުގައި އަދިވެސް ވަރަށް މަގުބޫލް ދެމީހުންނެވެ. ޑްރާމާގެ އަސްލު ނަމަށްވުރެން ވެސް ޑްރާމާ ގިނަ ބަޔަކަށް އެނގެނީވެސް މިނަންތަކުން ބުނުމުންނެވެ. 2010 ވަނައަހަރު ފެށި މިޑްރާމާގެ ބައެއް ސީންތަން މިހާރުވެސް ސޯޝަލް ޕްލެޓް ފޯމުތަކުގައި ހަމަ ވިދާ ބަބުޅަނީއެވެ. އެގޮތުން “އެހެމް ޖީ” ގެ ލެޕްޓޮޕް އޯމޯލައިގެން ދޮވެލާފައި ހިއްކަން އަޅާ ސީން އަކީ ހަމަ ސުޕަ ހިޓެކެވެ. ދާދިފަހުން ވައިރަލް ވި “ރަސޯޑޭމޭ ކޯންތާ” އަކީވެސް ހަމަ މެގަ ހިޓް ސީނެކެވެ. ޑްރާމާ ފެށިގެން އައީ ގޯޕީ އާއި އެހެމްގެ ޅައުމުރުން ފެށިގެންނެވެ.

ޑްރާމާ ނިމުނު އިރު އެދެމީހުންނަށް ދަރިން ލިބި އެކުދިންނަށް ވެސް ދަރިން ލިބި ގޯޕީއާއި އެހެމް ވަނީ މާމަ ކާފައަށް ވެފައެވެ. މިޑްރާމާގެ ސީޒަން 2 މިހާރު ދަނީ ދައްކަމުންނެވެ. މިޑްރާމާ ނިމުނު އިރު 2184 އެޕިސޯޑްވަނީ ދައްކާފައެވެ.

ޔޭހޭ މޮހައްބަތޭން

2003 ވަނަ އަހަރު ދައްކަންފެށި މިޑްރާމާއަކީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލު ވި ޑްރާމާއެކެވެ. ރަމަން އާއި އިޝިތާގެ ހައިޖާނު ބޮޑު ދިރިއުޅުން ދައްކައި ދިން މިޑްރާމާގައި އިޝިތާ އަކީ ދަރިން ނުލިބޭ މީހެކެވެ. އަދި ރަމަންއަކީ ކުރިން ކައިވެންޏެއްކޮށް 2 ދަރިން ލިބިފައިވާ މީހެކެވެ. އެހެންނަމަވެސް އެކުދިންގެ މަންމައަކީ އަމިއްލަ އެދުން ބޮޑު މީހެއްކަމުން އޭނާ ލޯބިވަނީ ބޮޑަށް ހުންނަ ފިރިހެން ކުއްޖާ ދެކެއެވެ. ސަބަބަކީ ރަމަންގެ ފައިސާގެ ވާރުތަވެރިއަކަށް އެކުއްޖާވުމެވެ. ކުޑައަށް ހުންނަ އަންހެން ކުއްޖާއާ އިޝިތާއާ ދިމާވެ އިޝިތާ އަށް ދަރިއެއް ފަދައިން އެކުއްޖާ ދެކެ ލޯބިވެވި އެންމެފަހުން ރަމަންއާއި ކައިވެނިކޮށް ދަރިންދެކެ އިންތިހާއަށް ލޯބިވާ މަންމަ އަކަށް ވެއެވެ. އަދި ދަރިންވެސް އަމިއްލަ މަންމައަށް ވުރެ ބޮޑަށް އިޝިތާ ދެކެ ލޯބިވެއެވެ.

‘ޔޭހޭ މޮހައްބަތޭން’ ޑްރާމާ ނިންމާލާފައިވަނީ 2019 ވަނައަހަރު 1895 އެޕިސޯޑާއެކުއެވެ.

މިއީ ފާހަގަކޮށްލެވޭ ޑްރާމާތަކެއެވެ. އެހެންނަމަވެސް އާއްމުކޮށް ހިންދީ ޑްރާމާތަކަކީ އަހަރުތަކަށް ދެމިގެން ބެލުންތެރިން ބައެއް ފަހަރު ފޫހިވެގެން ބެލުން ހުއްޓާލަން ޖެހިފައި ހުރި ޑްރާމާތައް ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.