ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މަޢުރޫފް އަޙްމަދު (މާއްޓޭ)، ބޭރު ގައުމެއްގައި ބާއްވާ މެރަތަން އެއްގައި ދުވާ ވާހަކަ ބުނުމުން އެކަން އެހައި ހައިރާން ކުރުވަނިވި ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މާއްޓޭ ގެ ކޮއްކޮ، މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެފަދަ ރޭހެއްގައި ދުވިކަމަށް ބުނުމުން ހަމަގައިމުވެސް ހައިރާން ކަމެއް ލިބޭނެކަމަށް ޤަބޫލުކުރެވެއެވެ. އަދި ވަކިން ޚާއްޞަކޮށް ‘ލޯތްބަށްޓަކައި’ މަހްދީ އަޙްމަދު ތައިލޭންޑް ގައި 10 ކިލޯމީޓަރަށް ދުވެފި ކަމަށް ބުނުމުން އެއަށްވުރެން ބޮޑު ހައިރާން ކަމެއް ލިބިދާނެ އެވެ.

އާނއެކެވެ. ދައްކަން މިއުޅެނީ މަހްދީ އަޙްމަދު ލިޔަމުން އަންނަ ނުވަތަ ލިޔެފައިވާ ސްކްރީންޕްލޭ އެއްގެ ވާހަކައެއް ނޫނެވެ. ތައިލެންޑް ގެ ޗިއަންގް މައި ގައި ކޮންމެ އަހަރަކު ބާއްވާ ‘މުއަންގް ތައި ޗިއަންގް މައި މެރަތަން 2017‘ ގެ 10 ކިލޯމީޓަރު ދުވުމުގައި މަހްދީ ވަނީ ބައިވެރިވެފައެވެ. ތިން ކިލޯމީޓަރު ދުވުމުގައި ބައިވެރިވި މަހްދީ 10 ކިލޯމީޓަރު ދުވުމުގައި ފަހުން ބައިވެރިވީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ގެ ބުނުމަށެވެ. މަހްދީ ގެ ލޯބިވާ އަނބިމީހާ ގެ ލޯތްބަށްޓަކައެވެ.

މަހުދީ ދުވީ 10 ކިލޯމީޓަރު ދުވުމުގައި – ފޮޓޯ: މަހުދީ

ތަންކޮޅެއް ފިލްމީ ސްޓައިލެއްގައި މިވާހަކަ ދެއްކިޔަސް މި ދުވުމުގައި ފާހަގަ ކޮށްލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ދުވުމަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 24 ވަނަ ދުވަހު ޗިއަންގް މައި ގައި އޮންނަ ބޮޑު މެރަތަން އެކެވެ. މިއަހަރުގެ ދުވުމުގައި ވަނީ ދުނިޔޭގެ 55 ގަައުމަކުން 10500 މީހުން ބައިވެރިވެފައެވެ. ތައިލެންޑުން ބޭރު ގައުމުތަކުގެ 2785 މީހުން ބައިވެރިވި އެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ދިވެހިރާއްޖޭގެ 12 މީހަކު މި ދުވުމުގައި ބައިވެރިވި ކަމެވެ.

ދިވެހިރާއްޖެ އިން މި ދުވުމުގައި 12 މީހުން ބައިވެރިވި އިރު ފާހަގަކޮށްލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މުނިއަވަސް އަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ޚާއްޞަ އޮންލައިން އަކަށް ވުމުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ މި ދުވުމުގައި ރާއްޖޭގެ ދެ ސެލެބްރިޓީން ބައިވެރިވި ކަމެވެ. އެއީ މަހްދީ އަހްމަދާއި ހ. ދުނި އަލްފާޟިލާ މަރިޔަމް ވަހީދާ އެވެ. މި ދުވުމުގައި 04 ކެޓަގަރީ އެއްގައި ރާއްޖެއިން 12 މީހުން ބައިވެރިވި އިރު، އޭގެ ތެރެއިން 09 މީހުންނަކީ އަންހެނުންކަން ވެސް ކުލަގަދަކޮށް ފާހަގަކޮށްލަން ޖެހެއެވެ. 

މި މެރަތަން އާއިބެހޭ ގޮތުން މަހްދީ އެންމެ ފުރަތަމަވެސް ފާހަގަ ކޮށްލަން ބޭނުންވީ މީގައި ބައިވެރިވި އަންހެނުންގެ ޢަދަދެވެ.

“ފާހަގަ ކޮށްލާތި ޖުމްލަ 12 ދިވެހިން 04 ކެޓަގަރީ އަކުން ބައިވެރިވިކަމާއި އޭގެ ތެރެއިން 09 މީހުންނަކީ އަންހެނުންކަން.” މި ދުވުމާއި ބެހޭގޮތުން މަޢުލޫމާތު ދޭން ފަށަމުން މަހްދީ އެދުނެވެ. މަހުދީ ބުނީ އޭނާގެ އާއިލާ އަކީ މެރަތަން އަށް ވަރަށް ޝައުޤު ހުންނަ ބައެއް ކަމަށާއި މަހުދީ ގެ ދައްތަ އަކާއި އަންހެން ކޮއްކޮ އަކާއި ފިރިހެން ކޮއްކޮ އެއް އަބަދުވެސް މިފަދަ މެރަތަން ތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

“……….. އެހެންވެ އެމީހުން މިކަމުގަ ބައިވެރިވީ. ދެން މިއީ ޑިސެމްބަރު ކަމަށްވެފައި ކުދިންގެ ޗުއްޓީއަށް ވާތީ އެމީހުން އަހަންނާއި އަހަރެންގެ ދަރިފުޅު ވެސް ބައިވެރިކުރީ 03 ކިލޯމީޓަރު ދުވުމުގަ.” މަހުދީ މި މެރަތަން ގައި ބައިވެރިވިގޮތް ކިޔައިދެމުން ބުންޏެވެ.

“އެކަމަކު ދުވަން އޮތް ދުވަހުގެ އެއްދުވަސް ކުރިން ދުވަން ބޭނުންވާ ސާމާނު ހޯދަނިކޮށް ވައިފް ބުނެފި 10 ކިލޯމީޓަރު ދުވުމުގައި އަހަރެން ބައިވެރިވުމަށް. އެހެންވެ އަހަރެން މިކަން ކުރީ އޭނާއަށްޓަކައި. މިއީ އަހަރެންގެ ދިރިއުޅުމުގެ ލޯތްބަށްޓަކައި ދުވި ދުވުމެއް. :)

ސްމައިލީ ފޭސް އެއް ދެމުން މަހުދީ 10 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވި ގޮތް ކިޔައިދިނެވެ.

މަހުދީ އާއި އޭނާގެ އަންހެނުން ޝޫޒާ މެރަތަން ނިންމާލުމަށްފަހު – ފޮޓޯ: މަހުދީ

މަހުދީ ބުނީ މާލޭގައިވެސް ކޮންމެ ހަފުތާ ބަންދެއްގައި 10 ކިލޯމީޓަރަށް އޭނާ ދުވާ ކަމަށާއި ނަމަވެސް 10000 ވަރަކަށް ދުވުންތެރިންނާއި އެކުގައި ދުވެލުން ވީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް ކަމަށެވެ.
“ހަމަ އެކަނި ދުވާ މީހަކަށް އެ އިހްސާސް ދެނެގަންނަން އެނގޭނީ.” އެހައި ގިނަ މީހުންނާއި އެކު ދުވެވުމުން ކުރެވު އިހްސާސް ތައް ބަޔާން ކޮށްދެމުން މަހުދީ ބުންޏެވެ.

ދުވުމުގައި ރާއްޖެއިން ބައިވެރިވީ 12 މީހުން – ފޮޓޯ: މަރިޔަމް

މި މެރަތަންގައި (42 ކިލޯމީޓަރު ދުވުމުގައި) ރާއްޖޭގެ 04 މީހުން ދުވުނެވެ. އޭގެ ތެރޭގައި މަހުދީ ގެ ދައްތަ އާއި އަންހެން ކޮއްކޮ އަކާއި، ފިރިހެން ކޮއްކޮ ގެ އިތުރުން ދިވެހި އެހެން އަންހެންކުއްޖަކު ފުލް މެރަތަން ގައި ދުވި އެވެ. އަދި ހާފް މެރަތަން ގައި (21 ކިލޯމީޓަރު ދުވުމުގައި) ރާއްޖޭގެ މަޝްހޫރު ކަނބަލެއް ކަމަށްވާ ހ. ދުނި މަރިޔަމް ވަހީދާ އާއި މަހުދީ ގެ ބޮޑުދައިތަ އެއް ދުވުނު ކަމަށްވެސް މަހުދީ މަޢުލޫމާތު ދެއެވެ.
 
ކުރިން ފިލްމީ ދާއިރާއިންވެސް ފެނިފައިވާ އަދި އަދަބީ ގޮތުންވެސް ފާހަގަ ކޮށްލެވޭ ހ. ދުނި މަރިޔަމް ވަހީދާ ފަދަ އުމުރުން ދުވަސްވެފައިވާ ބޭކަނބަލަކު ހާފް މެރަތަން އެއްގައި ބައިވެރިވެ ދުވުނުކަން މަހުދީ ފާހަގަ ކުރަނީ އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކާމިޔާބީ އެއް ކަމުގައެވެ.

ހ. ދުނި މަރިޔަމް ވަހީދާ ހާފް މެރަތަންގައި ދުވަނީ – ފޮޓޯ: މަރިޔަމް

 
މަހުދީ އާއި އެކު ރައްޖޭގެ އަންހެނެއްވެސް 10 ކިލޯމީޓަރު ދުވަުމުގައި ބައިވެރިވި އެވެ. އަދި މަހުދީގެ އަންހެނުންނާއި އެމީހުންގެ 06 އަހަރުގެ ދަރިފުޅާއި ބޭބެއިންގެ ފިރިހެން ދަރިއަކާއި (ނެފިއު އަކާއި) އަދި އުމުރުން 07 އަހަރަށް ދާ ބޭބެއިންގެ ދަރި އަންހެން ކުއްޖެއް (ނީސް އެއް) ބައިވެރިވި ކަމަށްވެސް މަހުދީ ބުންޏެވެ.
 
މަހުދީ މިވަގުތު ހުރީ ދުވުމާއިގެން ކުރިއަށް ދިއުމަށް ކަން އޭނާގެ ވާހަކަތަކުން އެނގުނެވެ. އެގޮތުން 2018 ގައި ބައިނަލްއަޤްވާމީ ހާފް މެރަތަން އެއްގައި ދުވުމަށް މަހުދީ ހުރީ ގަރާރުވެގެން ކަމަށް ބުންޏެވެ. އަދި މަހުދީ ގެ އުއްމީދަކީ ބައިނަލްއަޤްވާމީ ފުލް މެރަތަން އެއްގައި 2019 ވަނަ އަހަރު އޭނާ ބައިވެރިވުމަށެވެ.
 
ތައިލެންޑްގައި އޮތް މެރަތަން ގައި މަހުދީ އަލަށް ބައިވެރިވިޔަސް މިއީ އޭނާގެ ދައްތަ އާއި އަންހެން ކޮއްކޮ މިފަދަ މެރަތަންތަކުގައި ބައިވެރިވި 11 ވަނަ ފަހަރެވެ. އަދި މަހުދީގެ ފިރިހެން ކޮއްކޮ ބައިވެރިވަނީ 15 މެރަތަން އެއްގައި ބައިވެރިވެފަ އެވެ.

ފުރިހަމަ ސިއްޙަތެއްގައި ދެމިތިބުމަށް ކުޅިވަރާއި ކަސްރަތަކީ މުހިންމު ކަމެއްކަން ރާއްޖޭގެ ގިނަ ބަޔަކަށް ތާ އަބަދު ހަނދާން ކޮށްދެމުން އަންނަ މާއްޓޭ އެކޭ އެއްފަދައިން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ދުވުމަކީ މުހިންމު ކަމެއް ކަން މަހުދީ ފާހަގަ ކުރެއެވެ.

ތައިލެންޑް ގައި މަހުދީ މިފަހަރު ދުވުނީ ލޯތްބަށްޓަކައި ކަމަށް ވިޔަސް މަހުދީ ހުރީ ދުވުމުގެ ރޮނގުންވެސް އެއްމެ ތަންފުކެއް ދޫނުކޮށް އޭނާގެ އަމާޒަށް ވާޞިލު ވުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.