2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ގައުމަކަށް ދިވެހި ރާއްޖެއިން ބިޑް ކާމިޔާބު ކޮށްފައި އޮއްވާ ކޮވިޑް19 ވަބާގެ ސަބަބުން އެހާތަނަށް ރާއްޖެއަށް ތައްޔާރު ވެވެން ނެތިގެން މަޑަގަސްކަރަ ގައި މި ގޭމްސް ބާއްވާ ގޮތަށް ބަދަލު ގެނެސްފިއެވެ.
މި އިވެންޓް ދިވެހި ރާއްޖޭގައި ބާއްވަން މިދިޔަ އަހަރު ވަނީ އެވޯޑް ކޮށްފައެވެ. ނަމަވެސް 2023ގެ ގޭމްސް މަޑަގަސްކަރަ ގައި ބާއްވާގޮތަށް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެންބަރު ގައުމު ތަކުން ވަނީ ނިންމާފައެވެ.

މި މުބާރާތް 2 އަހަރު ދުވަހަށް ލަސްކޮށް، 2025 ގައި ބާއްވާގޮތަށް ހަމަޖައްސައިދިނުމަށް ދިވެހި ރާއްޖެއިން ވަނީ އެދިފައެވެ. ނަމަވެސް އައި އޯ އައި ގޭމްސް ފެޑެރޭޝަނުން ދެ މުބާރާތް ދޭތެރޭ 6 އަހަރު ދުވަސް ބާއްވާކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން މި މުބާރާތް ބާއްވާފައި ވަނީ 2019 ގައެވެ.

މަޑަގަސްކަރަ އިން 2023 ގެ ގޭމްސް ބިޑް ކާމިޔާބު ނުވުމުން އެ ގައުމުންވެސް 2025 ގައި މި މުބާރާތް ބޭއްވުމަށް އެދުނެވެ.
ދިވެހި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަރްޒޫޤް ވިދާޅުވީ މި ބަދަލުގެ ސަބަބުން ގައުމުގެ ކުޅިވަރުގެ ދާއިރާއަށް މާޔޫސްކަމެއް ކުރިމަތި ވެއްޖެ ކަމަށެވެ.

މިފަހަރު އައިއޯއައި ގޭމްސް ބާއްވަނީ މަޑަގަސްކަރައިގަ – ފޮޓޯ: ގެޓީ އިމޭޖްސް

“އަހަރެމެންނަށް މިވަނީ ކޮވިޑްގެ ސަބަބުން ދަތިތަކަކާ ކުރިމަތި ވެފައި.” މަރްޒޫޤް ވިދާޅުވިއެވެ. “އެއްވެސް ސަބަބަކާ ހުރެ ރާއްޖެއަށް މި ފުރުސަތު ނުލިބުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް.”

ދިވެހިރާއްޖެއިން މިހާތަނަށް ކޮވިޑްގެ 13،000 އަށްވުރެ ގިނަ ވޭދަނަ ފެނިފައި ވެއެވެ. މިބަލީގައި 47 މީހުން ވަނީ މަރުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.