ހ. ދުނި މަރިޔަމް ވަހީދާ އޭ ބުނުމުން ނޭޭނގޭނެ މީހަކު މަދުވާނެ އެވެ. ފިލްމީ ދާއިރާ އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ވެސް މި ނަމެއް އަލެއް ނުވާނެ އެވެ. ގަރލް ގައިޑް ގެ ހަރަކާތްތަކަށް ބަލައިލިޔަސް މިއީ ފާހަގަކޮށްލެވޭ ނަމަކެވެ. އިނގިރޭސި ބަހުގެ ޅެންވެރިކަމާއި އަދަބީ މަސައްކަތްތަކަށް ބަލައިލިޔަސް މަރިޔަމް ގެ ނަމަކީ ފާހަގަކޮށްލެވޭނެ ނަމެކެވެ. މަރިޔަމް ގެ އުމުރާއި އަޅައި ބަލާއިރު މަރިޔަމް ގެ ސިފަ އާއި ހަށިގަނޑުގެ ސިއްޙަތަށް ބަލައިލިޔަސް މަރިޔަމް އަކީ ވަރަށް ޝައުޤުވެރި ސަޚްޞިއްޔަތެކެވެ. ކިޔަވައިދެއްވުމަކީ މަރިޔަމް އެންމެ ކުރައްވާ ހިތްޕުޅުވާ ކަންތަކެވެ.

މަރިޔަމް ވަހީދާ އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުންނެވުމަށް ބަރާބަރަށް މިހާރުވެސް ކަސްތަރަތު ކުރައްވާ ބޭފުޅެކެވެ. ދުވުވެޑައިގެންނެވުމަކީ ވެސް މަރިޔަމް ކުރައްވަމުން ގެންދަވާ ކަަމެކެވެ. އެގޮތުން މެރަތަން ތަކުގަައި ދުވުމަކީ މަރިޔަމް ކުރައްވަމުން ގެންދަވާ ވަރަށް ލާމަސީލު ކަމެކެވެ. ނިމިގެން މިދާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ތައިލެންޑް ގެ ޗިއަންގް މައި ގައި ކޮންމެ އަހަރަކު ބާއްވާ ‘މުއަންގް ތައި ޗިއަންގް މައި މެރަތަން 2017‘ ގައި ހާފް މެރަތަން ގައި މަރިޔަމް ކުރެއްވެވި ހިތްވަރަކީ ފާާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. 

ދުވުމުގައި ރާއްޖެއިން ބައިވެރިވީ 12 މީހުން – ފޮޓޯ: މަރިޔަމް

މި ދުވުމުގައި މަރިޔަމް ބައިވެރިވެލެއްވި ގޮތާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވައިލީމެވެ. މަރިޔަމް ވިދާޅުވީ މި މެރަތަން ގައި އެންމެ ފުރަތަމަ ބައިވެރިވެލެއްވީ 2016 ވަނަ އަހަރު އެވެ. އެއީ މަރިޔަމް ކަސްރަތު ކުރައްވަވަން ވަޑައިގަންނަވާ ޓީއެފްޖީ ޖިމް ގެ ފަރާތުން ލިބިލެއްވި ފުރުޞަތެކެވެ.

“ފުރަތަމަވެސް ދުވީ10 ކިލޯމީޓަރު.” 2016 ވަނަ އަހަރު މި ދުވުމުގައި ބައްވެރިވެލެއްވި ގޮތް އޮޅުންފިލުވައިދެއްވަމުން މަރިޔަމް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރަށް މިދިޔަ ރޯދަމަހު ޓީއެފްޖީ އިން ބޭއްވި ރޯދަ ޗެލެންޖުގައި އެކި ރޭރެޔަށް ބަހާލައިގެން 222 ކިލޯމީޓަރަށް ދުވުނު ކަމަށްވެސް މަރިޔަމް ވިދާޅުވިއެވެ. ވޭތިވެދިޔަ ދެ އަހަރު ތެރޭގައި ވަރަށް ގިނަ ފަހަރަށް ދުވުންތަކުގައި ބައިވެރިވެލެއްވި މަރިޔަމް އަކީ އަބަދުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުންނެވުމަށް ބަރާބަރަށް ކަސްރަތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މަރިޔަމް ވިދާޅުވީ ހަފުތާގެ ހަ ދުވަހު، ހައެއް ނުވަތަ ހަތް ކިލޯމީޓަރަށް ދުވެލައްވާ ކަމަށެވެ.

މުއަންގް ތައި ޗިއަންގް މައި މެރަތަން 2017‘ ގެ ދުވުން މަރިޔަމް ފުރިހަމަ ކުރެއްވީ ތިންގަޑިއިރާއި ހަތް މިނެޓުންނެވެ.“އަޅުަގަނޑު ދުވަނީ އުފަލަކަށް، އެހާ ކޮމްޕެޓެޓިވް ގޮތަކަށް ނޫން.” ލ. އަތޮޅުގައި އަންނަ މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަށް މިހާރުވެސް ތައްޔާރުވަމުން ގެންދަވާ މަރިޔަމް ވިދާޅުވި އެވެ.”ދުވުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން. އެމީހެއްގެ ބެސްޓް ސްޕީޑް ގަ ދުވީމަ ރަނގަޅުވާނެ. އަޅުގަނޑު ބަލަނީ އަޅުގަނޑުގެ ރެކޯޑް ބްރޭކް ކުރަން.” މަަރިޔަމް ދުވުމުގައި ގެންގުޅުއްވާ އުސޫލު ހާމަކުރައްވަމުން ވިދާޅުވީ ނިމިދިޔަ ދުވުމުގައި ހައިވަކަރުގޭ (މަހުދީ އަޙްމަދުގެ އާއިލީ ގޭގެ) ކުދިން ވަރަށް ހިތްވަރު ދިން ކަމަށެވެ.

މި މެރަތަން ގައި މަރިޔަމް ވަހީދާ ގެ ހިތްވަރު ފާހަގަ ކުރަމުން މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަޙްމަދު ބުނީ، މަރިޔަމް ވަހީދާ ފަދަ އުމުރުން ދުވަސްވެފައިވާ ބޭކަނބަލަކު ހާފް މެރަތަން އެއްގައި ބައިވެރިވެ ދުވުނުކަން އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކާމިޔާބީ އެއް ކަމުގައެވެ. ކިޔަވައިދިނުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދެއްވަވާ މަރިޔަމް މިހާރުވެސް ގެންދަވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި ހިންގާ ޑިޕްލޮމާ ކޯސްތަކުގެ މޮޑިއުލް އެއް ކިޔަވައިދެއްވަވަމުންނެވެ.

މަރިޔަމް ގެ ލިޔުންތެރިކަމަކީ އަދިވެސް ފަނޑުވުމެއް ނެތް ޚިދުމަތެކެވެ. އެގޮތުން މިހާރުވެސް ފޭސްބްކް ގައި ‘މަރިއަމްސް ޕޮޔަމްސް’ ގެ ނަމުގައި ޕޮއެޓްރީ ޕޭޖެއް ހިންގަވަމުން ގެންދަވައެވެ. މީގެ އިތުރަށް ‘މަރިއަމް ކްއޯޓްސް’ ގެ ނަމުގައިވެސް ގެންދަވަނީ ޕޭޖެއް ހިންގަވަމުންނެވެ.

މަރިޔަމް ފާހަގަ ކުރައްވާގޮތުން ފުރިހަމަ ސިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކަސްރަތުކޮށް ހިނގައި ދުވެހަދަން ޖެހެއެވެ. “އަޅުގަނޑު ޕަވަރ ޕްރޮގްރާމެއް ހަފުތާާއަކު ތިން ދުވަހު ހަދަން. އަދި ޔޯގާ ޓައިޕް ޕްރޮގްރާމެއް ވެސް ތިން ދުވަހު ޓީއެފްޖީ ގައި ހަދަން. މި ދެންނެވީ ދުވުމުގެ އިތުރަށް.”

ފިލްމީ ދާއިރާގައި މަރިޔަމް ފާހަގަވެގެން ދިޔައީ ޙުސައިން ޝިހާބް ހެއްދެވި ފިލްމަކުންނެވެ. އެ ފިލްމުގެ އިތުރުން ފިލްމު ދެރިޔާ ގައިވެސް މަރިޔަމް ވަނީ މަންމަ އެއްގެ ރޯލުން ފެނިގެން ގޮސްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.