ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ޑިސެންބަރު 10 އަދި 11 ވަނަ ދުވަހު މަސްވެރިންގެ ފޯރަމެއް ބާއްވައިފިވިއެވެ. މަސްވެރިންގެ ފޯރަމަކީ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި ހިމަނައިގެން މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިއްމު ހަރަކާތެކެވެ.

މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމުގައްޔާއި، މަސްވެރިކަމުގެ ސިނާޢަތުގެ އެންމެހައި ކަންކަން ރާވައި، ހިންގައި، ބެލެހެއްޓުމުގައި ހުރި މައްސަލަތަކާއި، އަދި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި އެކި ގޮންޖެހުންތަކާއި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމެވެ. މިފޯރަމްގައި ބައިވެރިވުމަށް ކައުންސިލްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހައި ރަށަކަށް ފުރުޞަތު ހުޅުވާލެވުނެވެ. މީގެ އިތުރުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ކުންފުނިތަކާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ފޯރަމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލެވުނެވެ.

މި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ. ފޯރަމް ޝަރަފުވެރުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މަސް ކިރުވުމަށް ގިނަ ވަގުތު ކިއުގައި ހޭދަކުރަންޖެހުމާއި، އައިސް ލިބުމުގައި ހުރި ދަތިތަކާއި، އެކްސްޕޯޓް މަރުހަލާގައި ނަގާ ފީތައް ވާދަވެރި އެހެން ގައުމުތަކާއި އަޅާބަލާއިރު އެތައް ގުނައަކުން ބޮޑުވުމާއި އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހައްޤު މަޤާމު ބޭރުގެ ބާޒާރުގައި ޤާއިމުކުރެވިފައި ނެތުމަކީ މަސްވެރިންނާއި މި ސިނާޢަތުގެ ބައިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެއްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިކަމުގެ ހާލަތު ހީނަރުވެފައި ވާކަމަށާއި، ކޮވިޑް19ގެ ބަލިމަޑުކަމާއެކު ޔޫރަޕްގެ ޤައުމުތައް ފުރަބަންދުވުމުގެ ސަބަބުން ބޮޑު ކަންނެލީގެ އެކްސްޕޯޓް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާކަމަށާއި، ފިނިކުރި ތާޒާ މަހުގެ ގޮތުގައި ޔޫރަޕަށް މަސް އެކްސްޕޯޓްކުރުމަށް ތައްޔާރުވެފައި އޮތް މި އިންޑަސްޓްރީއަށް މިކަމުގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއާއެކު، ރިޒޯޓް މާކެޓަށާއި އެކްސްޕޯޓަށް ބަރޯސާވެފައިވާ، ފާނަ މަސްވެރިމާއި، ފަރުމަހުގެ މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަމަށްވެސް ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މި ފޯރަމްގައި މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާއި، އިންޑިޔާކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ގޮތުންނާއި، ދިވެހިރާއްޖޭގައި އުފައްދާ ހިކި ކަނޑުމަހުގެ މިންގަނޑާ ބެހޭ ގޮތުންނާއި، ކަނދުފަތީގެ މަސްވެރިކަން ފުޅާކުރުމާއި، މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމާގުޅޭ ގޮތުން އަދި ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ޤާނޫނީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަސްވެރިކަމުގެ އައު ޤާނޫނުގެ ދަށުން ޖުމުލަ 8 ގަވާއިދެއް ގެޒެޓުވެފައިވާކަމަށާއި، މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭންތަކެއް މިހާރު ދަނީ ގެޒެޓުކުރެވެމުން ކަމަށް މިނިސްޓްރީގެ ކޮމްޕްލަޔަންސް ސެކްޝަންގެ ޑިރެކްޓަރ އަޙްމަދު ޝިފާޒް ވިދާޅުވެފައިވެއެވެ. އަދި ޤާނޫނީ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެން ދާނެކަމަށާއި، މަސްވެރިކަމުގެ މަސައްކަތްތައް ލާމަރުކަޒީކުރުމަށްޓަކައި ކައުންސިލްތަކުގެ ތެރެއިން މަސްވެރިންނަށް ޚިދުމަތްދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށާއި، މަސްވެރިންނަށް ފޯރުކޮށްދޭންޖެހޭ އިޖުތިމާޢީ، އިޤުތިޞާދީ އަދި ސިއްޙީ ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި މީގެ އިތުރުން، މަސްވެރިންގެ ފުރިހަމަ މަޢުލޫމާތު ރެކޯޑްކޮށް މަސްވެރިންގެ ދަފުތަރެއް އެކުލަވާލެވޭނެކަމަށްވެސް މި ސެޝަނުގައި ފާހަގަކޮށްފައިވެއެވެ.

ފޯރަމްގެ ފުރަތަމަ ދުވަހުގެ ތިން ވަނަ ސެޝަންގައި ޚާއްސަކޮށްފައިވަނީ ދިވެހިރާއްޖޭގައި އުފައްދާ ހިކި ކަނޑުމަހުގެ ކޮލިޓީ ރަނަގަޅު ކުރުމަށްޓަކައި އެކުލަވައިލަމުންގެންދާ ގަވާއިދާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށެވެ. މިގޮތުން ހިކި ކަނޑުމަސް އުފައްދާ ތަންތަނާއި، ރާއްޖޭގެ އެތެރޭގެ ބާޒާރުތަކަށާއި އެކްސްޕޯޓުކުރުމަށް ހިކި ކަނޑުމަސް ބަންދުކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ހިކި ކަނޑުމަސް އުފެއްދުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި މިންގަނޑުތަކާގުޅޭ މަޢުލޫމާތުދެވުނެވެ. މި ސެޝަން ހުށަހަޅުއްވައިދެއްވީ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކްއެވެ.

ފޯރަމްގެ ދެވަނަ ދުވަހުގެ ފުރަތަމަ ސެޝަނެއް ކުރިއަށް ގެސްގޮސްފައިވަނީ، އޮއިވާލި ކަނދުފައްޗާއި ގުޅޭގޮތުންނެވެ. މިސެޝަން ހުށަހެޅުއްވީ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދެވެ. މިސެޝަންގައި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ ބޭނުމާއި ކަނޑައިގެންދާ ކަނދުފަތިތައް ހަރުކޮށް މަރާމާތުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި އޮވާލިކަނދުފަތީގެ ވިއުގަ ދެމެހެއްޓުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ. އަދި އޮއިވާލިކަނދުފައްޗަށާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާގޮތަށް މަސްވެރިންހިންގާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަނދުފަތީގެ ބޮއިގައި ވައު އެއްސުމާއި ކަނދުފަތިކައިރީގައި ވަދުނަނުގައްޔާއި ނަނު ވައްތައިގެން ކުރާ މަސްވެރިކަންފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޮއިވާލި ކަނދުފަތި ކައިރިން ކުރާ މަސްވެރިކަމަށް ވުރެ ކަނޑުހިނގާ އައިންތަކުން ކުރާ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއްކަމުން ބައެއް މާކެޓްތަކުން ކަނދުފަތި ބޭނުންނުކޮށް ކުރާ މަސްވެރިކަން (‘ފެޑް ފްރީ ފިޝިންގ’) އިން ބާނާ މަހަށް ޑިމާންޑްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރު ކަނދުފަތިތައް އަޅައި ކަނދުފައްޗަށް ކަނޑުމަހުގެ މަސްވެރިކަން އެއްކޮށް ބަރޯސާވިޔަ ނުދީ ކަނޑުހިގާ އައިންތަކުން މަސްވެރިކަން ކުރުން އިތުރުކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

ފޯރަމްގެ ދެވަނަ ދުވަހު، އެކުއަކަލްޗަރކޮށްގެން ކަނޑުގެ ދިރުން އާލާކުރުމުގެ ސިނާޢަތެއް ގާއިމުކުރުމުގެ މަޤްސަދަށް އަލި އަޅުވާލަމުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ސީނިއަރ ބަޔޮލޮޖިސްޓް، ހަސަން ޝަކީލް ވިދާޅުވީ މެރިކަލްޗަރ ޞިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމުގެ ސަބަބުން ކަނޑުން އާމުދަނީ ލިބޭ ފުރުސަތުތައް އިތުރުވެ، ކަނޑުގެ އެކިއެކި މާހައުލުގައި ކުރާ އިޤްތިޞާދީ މަސައްކަތްތައް އިތުރުވެގެން ދާނެކަމަށެވެ. އަދި، ކަނޑުގެ ދިރުން އާލާކުރުމުގެ މަސައްކަތުން މަސްވެރިކަމަށް ފައިދާ ކުރާނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އާލާކުރެވޭނެ ބާވަތްތަކުގެ ތެރޭގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި އެމުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް އަދި ދިރޭކުދިމަހުގެ ގޮތުގައި އެކްސްޕޯޓުކުރެވިދާނެ ބާވަތްތައް މި ސެޝަންގައި ފާހަގަކޮށްފައިވެއެވެ.

ފޯރަމްގެ ފަހު ސެޝަންގައި، ބޭރުގެ އުޅަނދުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން އެކުލަވައިލަމުންދާ ގަވާއިދުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. މިމަކާގުޅޭ ގޮތުން މިނިސްޓްރީގެ ސީނިއަރ ކޮންޕްލަޔަންސް އޮފިސަރ ހުސައިން ޒަމީލް ވިދާޅުވީ މިގަވާއިދުގެ މަޤުސަދަކީ ދިވެހި މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ހޯދައިދިނުމަށް މަގުފަހިކޮށްދީ ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުންކަމަށެވެ. އަދި މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވިގެން ދާނީ ހަމައެކަނި %100 ދިވެހިން ޙިއްސާވާ ކުންފުނިތަކަށް ނުވަތަ ވިޔަފާރިތަކަށްކަމަށާއި، އަދި ލައިސަންސް ދޫކުރުމުގެ ކުރިން އެ އުޅަނދަކީ ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ކަމުގެ ރެކޯޑެއް ނެތް އުޅަނދުތަކަށް ކަން މިނިސްޓްރީގެ ފަރާތުން ކަށަވަރު ކުރާނެކަމަށް ވެސް ޒަމީލް ވިދާޅުވިއެވެ. އަދި ލައިސަންސްގެ މުއްދަތުގައި އުޅަނދުގެ ހަރަކާތް މޮނިޓަރ ކުރެވޭނެ ޑިވައިސްތައް މި އުޅަނދުތަކުގައި ހަރުކުރެވޭނެކަމަށާއި އަދި މި އުޅަނދުތަކަށް ލައިސަންސް ދެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާ ބަނދަރުތަކުގައި ހަރަކާތްތެރިވުމަށް ކަމަށް ފާހަގަކޮށްފައިވެއެވެ. މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު މަސް ނުކިރުވިގެން ގިނަދުވަސް ވާން ޖެހޭ މައްސަލަ ހައްލުވެގެންދާނެކަމަށާއި، މި ގަވާއިދުގެ ދަށުން މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސް ކިރުވުމަށް ފަހު ވަގުތުން ފައިސާ ދޭން ޖެހޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވުންކަމުގައި ޒަމީލް ފާހަގަކޮށްފައިވެއެވެ. ހުސައިން ޒަމީލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ސުޕްރިންޓެންޑެންޓް މުޙައްމަދު މުފީދު މި ސެޝަންގެ ޕެނަލިސްޓެއްގޮތުގައި ބައިވެރިވެފައިވެއެވެ. ސުޕްރިންޓެންޑެންޓް މުޙައްމަދު މުފީދު ވަނީ މިގަވާއިދު ތަންފީޒުކުރުމުގައި ކަސްޓަމްސް އިން އަދާކުރާނެ ދައުރާބެހޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ފޯރަމްގައި އެޖެންޑާކޮށްފައިވާ މަޢުޞޫޢުތަކުގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ފޯރަމްގެ ދެވަނަ ދުވަހު ބައިވެރިންނަށް ފުރުޞަތު ހުޅުވައިލެވުނެވެ. މިގޮތުން މަސްވެރިކަން ކުރުން މަނާ ސަރަޙައްދުތަކާއި ގުޅޭގޮތުންނާއި މަސް ކިރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމާ އެކު ދަތުރުފަތުރުކުރުން ހުއްޓިފައިވާތީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ އިންޓަނެޓްގެ ޛަރިއްޔާއިން ޒޫމް މެދުވެރިކޮށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.