އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މަގުޗާޓު، “އަ ބްރައިޓަރ ފިއުޗަރ ފޮރ މޯލްޑިވްސް ޕަވަރޑް ބައި ރިނިއުއަބަލްސް – ރޯޑްމެޕް ފޮރ ދި އެނަރޖީ ސެކްޓަރ އޮފް ދަ މޯލްޑިވްސް 2020-2030” އިފްތިތާޙުކުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު އަދު (17 ޑިސެންބަރު 2020 ގައި) ބާއްވައިފައެވެ.

އޮންލައިންކޮށް ބޭއްވި މިރަސްމިއްޔާތުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ޔޫޓިލިޓީ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ދިހަ އަހަރު ހަކަތައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ މި މަގުޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް އޭގައިވާ ކަންކަން ހާސިލުވާނެ ގޮތަށް އެކުލަވާލާފައިވާ އޭޑީބީ އިން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މަގުޗާޓެކެވެ. މިމަގުޗާޓުގައިވާ ގޮތުން، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ކަރަންޓު އުފައްދައި ފޯރުކޮށްދިނުމާއި ބޭނުންކުރުންފަދަ ރާއްޖޭގެ މައިގަނޑު އިޖުތިމާޢީ އަދި އިޤްތިސާދީ ދާއިރާތައް ކުރިއެރުވުމުގެ މަސައްކަތްތައް އެކުލަވާލައި ހިންގާނީ، ހަކަތަ ސަމަކާރަ ކުރުމާއި، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރުމާއި، އާ އުފެއްދުންތެރި ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކުރެވޭނެގޮތަށެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްޤީ ކުރުމަށް އޭޑީބީއާއި، ބައިނަލް އަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް މިމަގުޗާޓުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

އޭޑީބީ އިން މިމަގުޗާޓު އެކުލަވާލާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުވާނެ ގޮތަށެވެ. އެހެންނަމަވެސް، ސަރުކާރުން ކާބަން އެމިޝަން މަދުކުރުމާ ގުޅޭގޮތުން މިހާރު ކަނޑައަޅައި އާންމުކޮށްފައިވާ ލަނޑުދަނޑި ހާސިލުވާނެގޮތަށް މިމަގުޗާޓު ކުރިއަށް އޮތް ތާނގައި މުރާޖަޢާކުރައްވާނެ ކަމަށް އޭޑީބީއިން ވަނީ މިރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.