މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ ދިވެހި ސަޤާފަތާއި ތާރީޚަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ވަކިން ހާއްޞަކޮށް މި ރަށަކީ ރައްޖޭގެ މަޝްހޫރު އެތައް ޅެންވެރިންތަކެެއް އުފަން ރަށެކެވެ. މިގޮތުން އަދާ ހަމަޔަށްވެސް ދިވެހި އަދަބީ ފަންނުގައި ފިޔަޖަހަމުންދާ އެތައް ޒުވާނުންނެއް މި ރަށުގެ ފަސްގަނޑުން މިހާރުވެސް ހޮވާލެވިދާނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ދައްކަން މިއުޅެނީ މުޅިން ތަފާތު ވާހަކައެކެވެ.

ދަރަވަންދޫގެ ޒުވާނުންތަކެއް އިސްނަގައިގެން 2020 ނޮވެންބަރު 19ވަނަ ދުވަހު އުފަންކުރި ”ބ. ދަރަވަންދޫ ހަރަހެރި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު”ގެ ވާހަކައެވެ. މި ޖަމްޢިއްޔާ އަކީ ރަށާއި އަތޮޅާއި މުޅި ރާއްްޖެއަށް ނަމޫނާ ދައްކަމުންދާ، ދަރަވަންދޫ ޖަމްޢިއްޔާއެކެވެ. މިގޮތުން މި ޖަމްޢިއްޔާއަކީ ދަރަވަންދޫގައި ޒަމާނީ ކުޅިވަރުތައް އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކޮށް އުފެއްދުމަށާއި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވުމަށް އުފެއްދި ޖަމްއިއްޔާއެއް ކަމަށް މި ޖަމްއިއްޔާ އުފެއްދުމުގެ އެއް މުއައްސިސް އަޙުމަދު ޒަނީމް ވިދާޅުވިއެވެ. މި ގޮތުން ރަށުގެ އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގައި މި ޖަމްޢިއްޔާއިން ބައިވެރިވަމުން ދެއެވެ. އަދި މި ޖަމްޢިއްޔާއިން އިސްނަގައިގެން ރަށުގައި ތަފާތު އިޖުތިމާއި ހަރަކާތްތައް ހިންގަމުން ދާކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މި ލިޔުމުގައި އަލިއަޅުވާލާނީ މި ޖަމްޢިއްޔާގެ ދަށުން ހިނގާ ހަރަހެރި ބޮޑުބެރު ގުރޫޕަށެވެ.

މި ޖަމްޢިއްޔާއިން ހިންގާ ހަރަހެރި ބޮޑުބެރު ގުރޫޕަކީ ދަރަވަންދޫގެ ވަރަށް ގިނަ ޒުވާނުން ހަރަކާތްތެރިވާ ގުރޫޕެކެވެ. ޖަމްޢިއްޔާ އުއުފަންވުމުގެ މާކުރިން ސުރެވެސް މި ގްރޫޕް ހަރަކާތްތެރިއެވެ. މިގޮތުން މި ބޮޑުބެރު ގުރޫޕް ވޫޖުދަށް އައުމާކު އެންމެ ފުރަތަމަ ޝޯތައް ދެމުން ދިޔައީ ރަށު ފެންވަރުގައެވެ. ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލާއެކު މި ގްރޫޕްގެ ހަރަކާތްތައް އިތުރަށް ފުޅާވެ ރަށާއި އަތޮޅާއި ކައިރި އަތޮޅުގެ ރަށްރަށަށް ޝޯތައް ދެމުން ގެންދިޔައެވެ. މި ގޮތުން ރ ،ބ، ޅ ވަކިން ހާއްޞަކޮށް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަތޮޅުގެ ގިނަ ރިސޯޓްތަކުގައި މިހާރުވެސް މި ގްރޫޕުން ޝޯތައް ދެމުންދާއިރު، މި ދުވަސްވަރަކީ ޚިތާނީ މޫސުން ކަމަށްވުމާއެކު މިއަދު މި ގުރޫޕަށް ހިންދެމިލެވޭކަށް ނެތެވެ. ރަށާއި އަތޮޅުތެރެއިން ގިނަ ބަޔަކު މި ގްރޫޕްގެ ޝޯވތައް ބަލާލަން ވަނީ ކެތް މަދުވެފައެވެ. އެތައް ބަޔަކު މި ގްރޫޕްގެ ޝޯވތަކަށް އެދެމުންދެއެވެ. އެއީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. ހަރަހެރި ބޮޑުބެރަކީ މުޅިން ތަފާތު އައިޓަމްތަކެއް ހުށަހަޅައިދޭ ބަޔަކަށް ވުމެވެ. ޝޯވ ގެ ތެރެއިން އަންހެން ކުދިންގެ ފަރި ހަރަކާތްތަކާއި ސަޤާފީ އައިޓަމްތައްވެސް ގެނެސްދެމުންދާތީއެވެ.

ބ. އަތޮޅަށް މަޝްހޫރު ހަރަހެރި ބޮޑުބެރު ގްރޫޕްގެ ހައުސްފުލް ޝޯވތައް މި ގްރޫޕުން ދެމުން ދިޔަ ނަމަވެސް މި ގުރޫޕުގެ އަމާޒަކީ ސަޤާފީ ކުޅިވަރުތައް އާލާކޮށް ގިނަބަޔަކަށް ދަސްކޮށްދިނުމެވެ. މިގޮތުން މާފަތި ނެށުމާއި، ދަނޑި ޖެހުމާއި، މާގަނޑު ނެށުމާއި ބަނޑިޔާޖެހުން ފަދަ ނެށުންތަކެވެ. އަދި މި ނެށުންތައް ފަރިތަކުރަމުން ގެންދާއިރު މި ގުރޫޕްގެ އެންމެ ބޮޑު އުންމީދަކީ އަންހެން ބޮޑުބެރު ގްރޫޕެއް އުފަން ކުރުމުމެވެ. މި ލަނޑުދަނޑިއަށް ވާޞިލްވުމަށް ހަރަހެރި ޖަމްޢިއްޔާގެ ހީވާގި ކަނބަލުން ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެެއެވެ. މީގެ އިތުރުން ތާރަ ޖެހުމައި ލަނގިރި ޖެހުުން ފަދަ ކުޅިވަރުތައް ދަސްކޮށްދިނުމަށް ފަންނީ މީހުން ހޯދުމުގެ މަސައްކަތް ހަރަހެރިި ޖަމްޢިއްޔާއިން ކުރަމުންދާކަމަށް އެ ޖަމްއިއްޔާއިން ވަނީ މަޢުލޫމާތު ދީފައެވެ. އެހެންކަމުން ހަރަހެރި ބޮޑުބެރު ގްރޫޕުން މިހާރު ތައްޔާރުވަމުން ދަނީ އަތޮޅު ގިރާކޮށް މުޅި ރާއްޖެއަށް ޝޯވ ދިނުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމަށް ކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.

މި ފުރުޞަތުގައި މުނިއަވަސްގެ ޓީމުގެ ފަރާތުން ހަރަހެރި ޖަމްޢިއްޔާ އާއި ހަރަހެރި ބޮޑުބެރު ގްރޫޕުން ދިވެހި ސަޤާފަތް ދިރުވާ އާލާކުރުމަށް ކުރާ ބުރަ މަސައްކަތަށް އުފަލާއެކު މަރުހަބާ ކިޔަމެވެ.

ހަރަހެރި ފޭސްބްކް ޕޭޖްތައް:-

ހަރަހެރި ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް

ހަރަހެރި ބޮޑުބެރު

ހަރަހެރި ޖަމިއްޔާ

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.