މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ ރަނަރަޕް، ޝަމްވީލް މުހައްމަދު ނުވަތަ އެންމެންގެ (ބަރޯ)ގެ 3ވަނަ އޮރިޖިނަލް ލަވަ “ކިލަނބުކަން”، މިމަހު 20 ގައި ނެރޭނެކަމަށް ޝަމްވީލް ބުނެފިއެވެ.

“ކިލަނބުކަން” ލަވައިގައި ޝަމްވީލްގެ އިތުރުން މަޝްހޫރު ހިޕް ހޮޕް އާޓިސްޓު ސޮއްޕެގެ ކުޅަދާނަ ރެޕްކުރުންވެސް އިވިގެންދާނެއެވެ. މިއީ ޝަމްވީލް އުފައްދާ އަމިއްލަ އަލްބަމް “ސޮރު”ގެ ލަވަތަކުގެ ތެރެއިން ލަވައެކެވެ. މި ލަވައިގެ ރާގު ހެދީ ޝަމްވީލް އެވެ. މިއުޒިކް ކޮމްޕޯސްކުރީ މުނާޒް ޒުބައިރު އެވެ. ލަވައިގެ ޅެންވެރިއަކީ ނާއިޝް ޝާޠިރު އެވެ. ލަވައިގެ މިއުޒިކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ސަމާހް (ބަޖިއްކޮ)ގެ ހާރމޮނީއިންނެވެ.

“ކުއްޖަކު ފަނާވެދަނީ ރައްޓެހިންނާ ހެދި. ދެން ވަގުތު ފާއިތު ނުވަނީސް ހަމަބިމަށް އަންނަން އޭނާ ކުރާ މަސައްކަތް މި ލަވައިގައި ކިޔައިދޭނީ.” ޝަމްވީލްގެ ތިންވަނަ އޮރިޖިނަލްގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން އޭނާ ބުންޏެވެ.

ލަވައިގެ ކަވަރުގެ އާޓް މަސައްކަތް ކޮށްފައިވަނީ ޢަބްދުﷲ ރިޒާ އެވެ. ލަވަ އުފެއްދުމުގައި އެހީތެރިވެދިން އަޙްމަދު ނަބީލް (ޓޯއީ) ޢާއި މޫސާ ނަދީމަށް ވަރަށް ޚާއްޞާ ޝުކުރެއް ޝަމްވީލް ރައްދުކުރެއެވެ.

“ސޮރު” އަލްބަމުން މިހާތަަނަށް ނެރެފައިވަނީ “އޮޑިދީލާ” އަދި “ފަރި ހަންޑި” އެވެ. “އޮޑިދީލާ” ނެރުނީ 2018 ވަނަ އަހަރުއެވެ. “ފަރި ހަނޑި” ރިލީޒްކުރީ 15 ނޮވެމްބަރު 2019 ގައެވެ.

”އޮޑިދީލާ“ އަކީ ޝަމްވީލްގެ އަމިއްލަ ރާގެކެވެ. ޅެން ހަދާފައިވަނީ ނައުފަލް އެވެ. މަސްވެރިކަން ކުރަން ނޭނގޭ މީހަކު ކަނޑުމައްޗަށް ނިކުތުމުން ދިމާވާ ގޮންޖެހުންތައް ލަވައިގައި ކިޔައިދެ އެވެ. ކަނޑުމައްޗަކީ ކިހާ ވަރެއްގެ ތަނެއްކަންވެސް ކިޔައިދެ އެވެ.

“ފަރި ހަނޑި” ގައި ކިޔައިދެނީ ސޮރުގެ ވާހަކަ އެކެވެ. ފުރަތަަމަ ލަވައިގައި ސޮރުގެ ކުރު ތައާރަފެއް ދިނުމަށްފަހު އޭނާގެ މޮޅު ވާހަކަތައް ފަށަނީ މި ލަވައިން ކަމަށް ޝަމްވީލް ބުނެފައި ވެއެވެ. މި ލަވައިގައި މުޅިން ވެސް ދައްކާނީ އެ ސޮރުގެ ފޮނި ވާހަކަތަކެވެ. ފަރި ހަންޑިއަކާ ދިމާވެގެން އެންމެން ކައިރީ ފޮނި ވާހަކަތައް ދައްކާ އެ ހަންޑިއަކީ ހަމައެކަނި އޭނާއަށް ފެންނަ އެއްޗެއް ކަމަށް ކިޔަމުން ރަށުތެރޭ އުޅޭ ވާހަކަތަކެއް ކަމަށް ވެސް ޝަމްވީލް ބުނެފައި ވެއެވެ. “ފަރި ހަންޑި” އަކީ ޝަމްވީލްގެ ރާގަކަށް، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ޅެންވެރިކަމާއެކު އުފައްދާފައިވާ ލަވަ އެކެވެ.

“ސޮރު” އަދި “ފަރި ހަންޑި” ލަވައިގައި އެއް ލަވަ އަނެއް ލަވައާ ގުޅުންހުރި ވާހަކަތަކެއް ކިޔައިދިން ނަމަވެސް “ކިލަނބުކަން” ލަވައިގައި ކިޔައިދެނީ ތަފާތު ވާހަކަތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.