ޙުޔޫން – ޕައިލެޓް އެޕިސޯޑް އާ ގުޅޭ
”ދަރިފުޅާ ކަމެއްނުވޭ! ދޭ ފިލާވަޅުތައް ދަސްކުރަން.“ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ބުނެލީމެވެ. ޙުޔޫން ގަބޫލުނުކުރެވިފައި ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރުމެން ދެމައިންވެސް ސިހިގެން ދިޔައީ މީހަކު ގޭގެ ދޮރުގައި ޓަކި ޖެހުމުންނެވެ. ކުރިމަތީގައި ތިބި މީހުން ފެނިފައި އަހަރެން ހުރީ ނޭވާލާން ހަނދާންނެތިފައެވެ. ހައިރާންވި ވަރުން އަނގަވެސް ހުޅުވިފައި ހުރެވުނެވެ.
އެމީހުންނާއިއެކު އަހަރެންނާއި ހުޔޫން ދިޔުމަށް އެދުނެވެ. އަހަރެން ހުރީ ފެންނަމުންދާ މަންޒަރުތަކަކީ ހަގީގަތެއްކަމާއި މެދު ޝައްކުވެފައެވެ. އެމީހުންނަކީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހުންނެވެ. އާނއެކެވެ. އެއީ ލޯބީގެ ދަންތުރައިގައި ޖައްސައި އަހަރެންގެ މުޅި ދިރިއުޅުން ޒަހަރަށް ހެދި ހައިކަލް އާއި އޭނާގެ މައިންބަފައިންނެވެ.
“ހަޔާ ހިނގާ މާލެ ބަދަލުވާން!” ހައިކަލް ބުންޏެވެ. އާދޭސް ކުރާ ބީދައަކުންނެވެ. އެވަގުތު އަހަރެންނަށް އާދަޔާޚިލާފު ހިތްވަރެއް ލިބުނު ކަހަލައެވެ. ނަފުސު ހަމައަކަށް އަޅުވާލީމެވެ.
“ތީ ކޮންބައެއްތަ؟ ކާކުތަ ތި ހޯދަނީ؟” އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހެދެމުން އަހަރެން އަހާލީމެވެ.
“ހަޔާ މީ އަހަންނޭ. ހަޔާގެ ހައިކް އޭ ..ހަދާންކޮށްބަ.. އެހެރީ އަހަރުމެންގެ ދަރިއެއްނޫންތަ؟” އަހަރެންގެ ދެ އަތުގައި ހިފަމުން ހައިކަލް ބުންޏެވެ. އެއާ އެކު އަހަރެންގެ ރުޅިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. ހައިކަލްގެ އަތް ވިއްސުވާލާފައި އަހަރެން އެތެރެއަށް ދިޔައީމެވެ. ދެވަނަ ސިކުންތުގައި ފައިލެއް ހިފައިގެން އަހަރެން ހުރީ އެމީހުންގެ ކުރިމަތީގައެވެ.
“ތީ ކާކުކަން ނޭނގިގެން އަހަރެން ނޫޅެން ..ހުޔޫ އެއީ ހަމަ އެކަނި އަހަރެންގެ ދަރިއެއް. ކޯޓުންވެސް ނިންމީ އެހެން، މިއޮތީ ހެކި!” މިހެން ބުނެފައި އެ ލިޔެކިޔުންތަކުގެ ކޮޕީތައް ހައިކަލްގެ މޫނަށް ޖެހީމެވެ.
“ބައްޕީ! ބަލަ އެއީ ކޮންބައެއްތަ؟ އެމީހުން އެއުޅެނީ އަޅުގަނޑު ގެންދަންތަ؟” ހުޔޫންގެ އަޑު އިވުމުން އަހަރެން ސިހޭގޮތްވިއެވެ. ވާނީވެސް އެހެންނެއް ނޫން ހެއްޔެވެ؟ ހުޔޫން ބައްޕަ ކިޔަނީ އަދުހަމް އަށެވެ. އަދުހަމް އަކީ އަހަރެން ހާލުގައި ޖެހުނު ދުވަހު އެހީތެރިވި މީހާއެވެ. މިހާރުވެސް ހުޔޫން އަށް ބައްޕައެއްގެ ލޯބި ދެނީ އަދުހަމްއެވެ. އެހުރިހާ ކަމެއް ވީއިރު އަދުހަމް ހުރިކަމެއް އަހަންނަކަށް ނޭނގެއެވެ. ހުޔޫން އަހަރެންގެ އަތުގައި ހިފައި ގޭތެރެއަށް ވެއްދިއެވެ. އަދުހަމްގެ ކުރިމަތީގައި އެވަގުތު ހުންނަން ބޭނުންނުވުމުން ކޮޓަރިއަށް ވަނީމެވެ. ހުޔޫން ގެއްލިދާނެ ކަމުގެ ބިރު އިންތިހާއަށް ހިތުގައި ވަނީ އުފެދިފައެވެ. އެނދުގައި އޮށޯވެލީމެވެ. އެހެން އެގޮތަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ހުޔޫން، އަދުހަމް އަދި އަހަރެމެން ތިން މީހުން ތިބީ ޓީވީ ބަލާށެވެ. އެ ދުވަހުގެ އެ ހާދިސާ އާއި ބެހޭގޮތުން އަދުހަމް އަހަރެންނާއި ސުވާލުކުރާނޭ ކަމަށް އަހަރެންނަށް ހީކުރެވުނެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. އެ ހާދިސާއާއި ގުޅިގެން އަދުހަމް އަހަންނާއި ސުވާލެއް ނުކުރެއެވެ. ޓީވީ ބަލަމުން ދިޔައިރު ހުޔޫން ދިޔައީ އަދުހަމް އާއި އެކި ކަހަލަ ސުވާލު ކުރަމުންނެވެ. އަދުހަމް ދޭ މަޖާ ޖަވާބުން އަހަރެންނަށް ވެސް ބައެއް ފަހަރު ހިނިއަންނަ ގޮތް ވެއެވެ. މިގޮތުގައި ވަގުތުތައް ހޭދަވަމުން ދަނިކޮށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. އަދި އެއަށް ވުރެ ބޮޑަށް ސިހުނީ ކޯޓުން އަހަންނަށް އައިސްފައި އޮތް ޗިޓެއް ދިއްކޮށްލުމުންނެވެ. އަހަރެންނަށް ފާޑަކަށް ގަބުވެފައި ކަހަލަ ގޮތަކަށް ހުޔޫންގެ ގައިގައި ބައްދާލައިގެން ހުރެވުނީއެވެ.
“ހަޔާ! ހަޔާ! ދޭބަލަ އެ ޗިޓާއި ހަވާލުވާން … އެނގިދާނެތާދޯ ވާގޮތެއް!!؟” އަހަރެން އެ ޗިޓާއި ހަވާލުވީ އިރުވެސް ހުރެވުނީ ފާޑަކަށް ރޮވިފައެވެ.
އަދުހަމް އަކީ ކޮންތާކު ކީއްކުރާ މީހެއްބާއެވެ؟ އޭނާގެ މައިންބަފައިން ކޮބައިބާއެވެ؟ އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ވަރަށް އަވަސް އަވަހަށް އޭނާ މާލެ ދާކަމެވެ. ދަނީ ކީއްކުރަން ކަމެއްވެސް ނޭނގެއެވެ. މީގެ ކުރިން އަދުހަމް އާ ބެހޭގޮތުން މައުލޫމާތު ހޯދުމުގެ ވިސްނުމެއް އަހަރެންގެ ނުވެސް ނެތެވެ. އަހަރެން މިހުރިހާ ސުވާލެއް އެއްފަހަރާ އަދުހަމްއާއި ކުރަން ބޭނުންވިއެވެ. މިސުވާލުތައް ކުރާނޭ ގޮތަކާއި މެދު އަހަރެން ވިސްނަން ހުރެވުނެވެ.
“ހަޔާ ދީބަލަ ތި ޗިޓު އަހަރެން ބަލާލަން…” އަދުހަމް އަތަށް ޗިޓު ދޭނީތޯ ނުދޭނީތޯ އަހަރެން ވިސްނާލީމެވެ. “ޗިޓު ދިނުމުގެ ކުރިން އަހަރެން ބޭނުން އަދުހަމް އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގެން. އަދި އަހަރެންނަށް އެހީވާން ނިންމީ ކީއްވެކަން އެނގެން.”
އެ ސުވާލުތަކުގެ ޖަވާބު ދިނުމުގެ ބަދަލުގައި އަދުހަމް ގޮނޑީގައި އިށީނެވެ.
“ހަޔާ އަހަރެންނަކީ ހަޔާ ހީކުރާ ކަހަލަ މީހަކަށް ނުވެދާނެ. އަހަންނަކީ ލޯޔަރެއް. އެހެންވެ އެހާގިނައިން މާލެ ދަނީ. ދެން ހިތަށްއަރާފާނެ ކީއްވެހޭ އަހަރެން މިރަށަށް އަންނަނީ .. އަހަރެންގެ ގެސްޓް ހައުސްއެއް ހުރޭ މިރަށުގަ .. ގެސްޓް ހައުސްގެ ކަންކަންވެސް ބަލަހައްޓަނީ އަހަރެން. ސޯ އެހެންވެ އަންނަން ޖެހޭނެއްނު.. އަދި ހުޔޫން އާއި ވެސް ބައްދަލު ކުރަން ބޭނުން ވޭ.. ދެން އަދުހަމްގެ މަންމަ އާއި ބައްޕަ އެބަ އުޅޭ މާލޭގަ.. އެ މީހުންނާއި ވަރަށް ކަނެކްޝަން ނޯންނާނެ. ކަނެކްޝަން ނެތަސް އެމީހުންނަށް ހުރިހާ ޚަރަދެއް ކޮށްދެނީ އަހަރެން. އަހަންނާއި ބެހޭ ގޮތުން ދެން އިތުރަށް އެނގެން ބޭނުން ވަނީ ކޮންކަމެއް؟”
އަހަރެން އެ ޗިޓު ދިނީމެވެ.
“އަހަރެން ބޭނުން ހަޔާގެ މާޒީ އެނގެން. އޭރުން ކޯޓުގަ ކޭސް ގެންދަން ފަސޭހަ ވާނީ.” އަދުހަމް އެހެން ބުނި އިރުވެސް އަހަރެންގެ މާޒީ ކިޔާ ދޭން ޖެހޭނެ ކަން އެނގެއެވެ. އަހަރެންގެ މާޒީގެ ސަފްހާތައް ކިޔައިދޭން ފެށީމެވެ.
ފަސް އަހަރު ކުރި
އަރައިގެން އައި އިރާއެކު މިއަދުވެސް އަހަރެން އަވަސްވެގަތީ ހެނދުނުގެ ސައި ތައްޔާރުކުރާށެވެ. ސައި ތައްޔާރުކޮށް ނިމުމާއެކު އަހަރެން އަވަސް އަވަހަށް އޮފީހަށް ދާން ތައްޔާރުވީމެވެ. ގަޑިޖެހުމުގެ ފަސްމިނިޓް ކުރިން އޮފީހަށް ދިޔުމަކީ އަހަރެންގެ އާދައެކެވެ. އޮފީހުގައި އަހަރެން ބަލަނީ ވީހާވެސް ރަނގަޅަކަށް އަހަންނާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމާށެވެ.
އޮފީސް ގަޑި ނިމެންވާއިރަށް އަހަރެންނާއި ހަވާލުކުރެވިފައިވާ މަސައްކަތް ނިންމާލާފައި އަހަރެން ގެއަށް ދާން ނިކުތީ އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވާހާލުގައެވެ.
އަހަރެން ގެއަށް ވަންއިރު ގޭ ސިޓިންރޫމުގައި އަހަރެން ނުދަންނަ ބައެއް ތިބިއެވެ. މަންމަ ކޮބައިތޯ ބަލާލިއިރު މަންމަ އުޅެނީ ބަދިގޭގައެވެ. މަންމަގެ މޫނު ފެންނަހެން އަހަރެން ހުއްޓިލީމެވެ.
“މަންމާ އެއީ ކޮންބައެއްތަ؟” މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހާލީމެވެ. ޖަވާބުގައި އެއީ މާލޭގައި އުޅޭ މަންމަގެ ރައްޓެހި ބައެކޭ ބުންޏެވެ. އެއީ މާބޮޑު ކަމަކަށް ނަހަދައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަންނަން ދިޔައިރު އަހަރެންނާ ދިމާއަށް ކަޅި ޖަހައިނުލާ ބަލަން އިން ޒުވާނާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބަލާބެލުމަށް އެނާ އަކީ އަހަރެންނާއި ދާދި އެއް އުމުރުގެ މީހެކެވެ.
އަހަރެންނަށް ހަމަ ވިސްނެނީ އެމީހާއާއި ދޭތެރޭގައެވެ. އެނާގެ އެ ޖާދުވީ ނަޒަރުގައި އަހަރެން ހަމަ ރަނގަޅަށް ވެސް ޖެހެވުނު ކަހަލައެވެ. އަހަރެން ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ދޮރު ހުޅުވާލިއިރު ހުރީ އެ ޒުވާނާއެވެ.
“އަމްމް ހިނގާބަ އަހަރުމެންނާއި އެކީ ހިނގާލަންދާން. ތީނަ މަންމަވެސް އާދޭ.” އާނއެކޭ ބުނުމަށްފަހު އަވަސް އަވަހަށް ތައްޔާރުވެގެން ނިކުތީމެވެ.
އެ ޒުވާނާގެ ތޫނު ނަޒަރު އަހަނަންނަށް އަމާޒުވެއެވެ. އެންމެން އެކީ ފޮޓޯ ނަގާ ހެދިއެވެ. ގެއަށް އާދެވުނު ތަނުން އެ ޒުވާނާ ނެގި ފޮޓޯތައް ފޮނުވަން ބޭނުންވާ ކަމަށް ބުނެ އަހަރެންގެ ނަންބަރު ހޯދިއެވެ. ހަގީގަތުގައިވެސް އަހަރެން ވަރަށް އުފާވިއެވެ. އެ ޒުވާނާ އަހަރެންގެ ނަންބަރު ނެގީއްސުރެ ފޯނަށް ބެލުނު އަދަދެއްވެސް ނޭނގެއެވެ. އެ ޒުވާނާގެ މެސެޖެއް ލިބޭތޯއެވެ. އިޝާ ނަމާދު ވަގުތު ފަހަނައަޅައި އެރޭ ދިހައެއް ޖަހައި ބޮޑުވީއިރުވެސް ނުލިބުމުން އަހަރެން މާޔޫސް ވާގޮތް ވިއެވެ. އެންމެ ފަހުން ނުލިބޭނޭ ކަމަށް ނިންމައި ނިދީމެވެ.
އެރޭ ދަންވަރު ބާރަޖަހައި އެހާކަންހާ އިރެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދެ ފިކުރެއްގައި ހުރެ ފޯނު ނެގީމެވެ. ފޯނު ނެގުމާއެކު އެމީހަކު ބުނި އެއްޗަކުން އަހަރެންގެ މެޔަށް ދިޔައީ ފިނިވެގެންނެވެ.
– ނުނިމޭ –
ލިޔުންތެރިޔާގެ ފުރަމަލަ
- ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މާރޗް 2021ޚަބަރު“އުމަރު” ސީރީޒް ރާއްޖެ ޓީވީން އަންނަ ރަމަޟާން މަހު!
- 31 ޖެނުއަރީ 2021ޚަބަރުސްކިލް ޓްރެއިނިން ސެންޓަރުން އަތޮޅުތަކަށް ހާއްސަ އޮންލައިން ކުލާސްތަކެއް!
- 25 ޖެނުއަރީ 2021ވާހަކަޙުޔޫން – އެޕިސޯޑް 03
- 21 ޖެނުއަރީ 2021ޚަބަރުތ. ކިނބިދޫ މައުލޫދު ހަރުގެ މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި
Masha allah very nice stroy now i am wait for the next part.