މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.
އަހަރެންނަކީ އާދައިގެ ރަށެއްގައި ދިރިއުޅެމުންދާ ޢުމުރުން 19 އަހަރުގެ އަންހެން ކުއްޖެކެވެ. އެއީ މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. އަހަރެން ދިރިއުޅޭ ގެ ހުންނަނީ އަތިރިމައްޗާއި ވަރަށް ކައިރީގައިކަމުން އާދައިގެ މަތިން އަހަރެންގެ މަންމަ އަހަރެން ގޮވައިގެން އިރުއޮއްސޭ ދަޅަމައްޗަށް ރަށުގެ އަތިރިމައްޗަށް ގޮސް ހަދައެވެ. އޭރު އަހަރެންނަކީ ވަރަށް ހަލަނި، އުމުރުން އެންމެ 04 އަހަރުގެ ކުއްޖެއްކަމުން އަތިރިމައްޗަށްދާ ކޮންމެ ފަހަރަކު ވެއްޔާކުޅެ ހެދުމުން އިރުއޮއްސުމުން އަހަރެން ގޮވައިގެން މަންމަ ގެއަށް އައިސް ފެންވަރުވައެވެ. އޭރު ގޭގައި ހުންނަނީ ވަޅު ގިފިއްޔެކެވެ. މިގޮތުން ކޮންމެ ދުވަހަކު މިގޮތަށް ކަންތައްކުރަން ފެށުމުން އަހަރެން އެކަނި އިނދެ ހެމުން ވާހަކަ ދައްކާކަމަށް މަންމަ ބުންޏެވެ. އަދި ބައެއް ދުވަސް ދުވަހު ދެނަމާދު ދޭތެރޭ ރޯ ކަމަށްވެސް މަންމަ ބުނެއެވެ. މިކަމާއި ކަންބޮޑުވެގެން މީހެއްގެ ކައިރީ އެހުމުން އަހަރެންނަށް ވަނީ އެއްޗެއް އަވަލާފައިކަމަށް ބުންޏެވެ. އަދި މިގޭތެރޭގައި އޭތި އުޅޭކަމަށްވެސް އެމީހާ ބުންޏެވެ. އެހެންކަމުން އެ މީހާގެ އެދުމުގެ މަތިން މަންމަ ނިންމީ އިރުއޮއްސޭ ދަޅަމައްޗަށް އަހަރެން ގޮވައިގެން އަތިރިމައްޗަށް ނުދިއުމަށެވެ. އަދި އިރުއޮއްސޭ ގަޑީގައި ގިފިއްޔަށް ވަދެ ފެން ނުވެރުވުމަށެވެ.

މިގޮތުގައި ދުވަސްތައް ހޭދަވަމުން ދެއެވެ. ނަމަވެސް އަހަރެން ބޮޑުވަމުން އަންނަ ވަރަކަށް އަބަދުވެސް މީހަކު އަހަރެންނާއެކު އެބަ ވެޔޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ބައެއް ފަހަރު އެކަނި އިނދެ ވާހަކަވެސް ދެއްކެއެވެ. މި ވާހަކަ ދެއްކެނީ ކާކާކަންވެސް އޭރު ޚުދު އަހަރެންނަކަށް ނޭނގެއެވެ.

ދުވަސްތައް ފާއިތުވެގޮސް އަހަރެންގެ އުމުރުން 13 އަހަރު ފުރުމުން އަހަރެންގެ މައިންބަފައިން ނިންމީ އަހަރެން ކިޔަވަން މާލެ ބަދަލުކުރާށެވެ. އަހަރެން ކިޔަވަން ހުންނަނީ ހުޅުމާލޭގައެވެ. ހުޅުމާލޭގައި ކިޔަވަން ހުރިނަމަވެސް އަހަރެންގެ މައިން ބަފައިން އަހަރެންނަށް އަންގާފައި އޮންނަނީ ރޭގަނޑު އެކަނި ބޭރަށް ނުނިކުތުމަށެވެ. ހުޅުމާލޭގައި ކިޔަވަން އުޅުނު ނަމަވެސް ކޮންމެ މަހަކުހެން ބަންދު ދުވަސްތަކަށް ރަށަށް ގޮސް ހަދަމެވެ. އެއީ އަހަރެންގެ ރަށަކީ މާލެއާއި ކައިރި ހިސާބެއްގައި އޮންނަ ރަށަކަށް ވާތީއެވެ.

ހުޅުމާލޭގައި ކިޔަވަން އުޅުނު ނަމަވެސް ލިބޭ ހުސްވަގުތުގައި ބޭރަށް ނިކުމެލާ އުޅުމަކީ އަބަދުވެސް އަހަރެން ވަރަށް ކުރާ ހިތްވާކަމެވެ. އެހެން ނޫނީ ގިނަ ފަހަރަށް ގޭތެރޭގައި ކުރާނެކަމެއް ނެތި ފޫހިވެގެން އޮންނަން ޖެހެއެވެ. މިގޮތުން ބައެއް ރޭރޭ ރައްޓެހިންނާއެކު ބޭރަށް ހިނގާލަން ދަމެވެ. ބައެއް ފަހަރު ފިރިހެން ކުދިންނާއެކުއެވެ. މިގޮތުން އެއްރެއަކު އަހަރެން ހުޅުމާލެ މަގެއްގެ މަތިން ހިނގާފައި ދަނިކޮށް ވަރަށް ޒުވާން ރީތި ފިރިހެން ކުއްޖަކާއި ދިމާވިއެވެ. އޭނާ ހުރީ ހުޅުމާލޭ ތަންކޮޅެއް މީހުން މަދު ހިސާބެއްގައި ކަމުން އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. އެއީ އޭނާވެސް އަހަރެންނަށް މާބޮޑަށް ބަލާހެން ހީވެގެންނެވެ. އޭރަކު އެއީ ޖިންނިއެއް ކަމެއް ނޭގެއެވެ. އެރޭ އެތަނުގައި އޭނަޔާއި ވާހަކަދައްކަން ހުއްޓައި އަހަރެންގެ ބައްޕައަށް ފެނުނެވެ. އަދި އެ ފިރިހެން ކުއްޖާވެސް ބައްޕައަށް ފެނުނުކަމަށް ބުންޏެވެ. އެގޮތުން ބައްޕައަށް އެ މަންޒަރު ފެނިގެން އަހަރެންނަށް ގުޅައި ވަގުތުން ގެއަށް ދިއުމަށް ބުންޏެވެ. އޭރަކު ބައްޕައަކަށްވެސް އެއީ ކާކުކަމެއް ނޭގެއެވެ.

އެރެއަށްފަހު ބައްޕަ އަހަރެންނަށް އަންގާފައި އޮތީ އެއްގޮތަކަށްވެސް ރައްޓެހިންނާއެކު ރޭގަނޑު ބޭރަށް ގޮސްގެން ނުވާނެކަމަށެވެ. އަދި މިކަން ރަށުގައި ހުރި އަހަރެންގެ މަންމައަސްވެސް އެންގިއެވެ. މަންމައާއި ބައްޕަގެ އެދުމުގެ މަތިން އޭގެ ފަހުން އަހަރެން ރޭގަނޑު ކިތަންމެ ފޫހިވިޔަސް އެކަނި އެހެން ބޭރަށް ގޮހެއް ނަހަދަމެވެ.

މިހެން އުޅެފައި ލިބުނު ސްކޫލު ބަންދެއްގައި އަހަރެން އެނބުރި ރަށަށް އައީމެވެ. އަދި ގޭގައި އޮވެ ފޫހިވާތީ މަންމައާއި އެކު ރޭގަނޑު ހިނގާލަން ރަށުތެރެއަށް ނިކުންނަމެވެ. މިހެން އުޅުމުގެ ތެރޭގައި އެއްރެއަކު ރަށުގެ ޤަބުރުސްތާނު ކައިރީ އޮންނަ އަނދިރި މަގަކުން އަހަރެންނާއި އަހަރެންގެ މަންމައާއި ދެމީހުން ހިނގާފައި ގޮސް ރަށުގެ ހިއްކި ސަރަހައްދަށް ނިކުތީމެވެ. އޭރަކު އެތަނުން މީހެއްގެ ހިލަނމެއްވެސް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް އަހަރެންގެ ލޮލުގެ ނަޒަރު ހުއްޓުނީ ކުރިމަތިން ހިނގާފައި އަންނަ ޒުވާން ރީތި ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ފެނުމުން އެއީ ދުވަހަކުވެސް ރަށުން ނުފެންނަ ކުއްޖެއްކަން އެނގުނެވެ. އަދި މަންމައަށް ދައްކާލާފައި އެއީ ކާކުތޯ އެހީމެވެ. އެ ކުއްޖާ މަންމައަށްވެސް ފެނެއެވެ. ނަމަވެސް އެއީ މިރަށު ކުއްޖެއް ނޫންކަމަށް ބުނުމުން އޭނަޔާއި ވަރަށް ގަޔާވެ ވާހަކަ ދައްކާލާ ހިތްވިއެވެ. އެހެންކަމުން އޭނައަށް ގޮވާލީމެވެ. އަދި އޭނައާއި އަރާ ހަމަކޮށްފައި ތިއީ ކޮންކުއްޖެއްތޯ ސުވާލު ކުރީމެވެ. ޖަވާބުގައި އޭނަ ބުނީ ޗުއްޓީއަކަށް އައިސް އުޅޭ ކުއްޖެއްކަމަށެވެ. އަދި ވަރަށް ފެންބޮވާފައި ހުރި ވާހަކަ ބުންޏެވެ. މިހެން ބުނުމުން މަންމަގެ އިޒުނައާއި އެކު އޭނާ ގޮވައިގެން މަންމައާއި އެކު ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އަހަރެންނާއި މަންމަގެ ފަހަތުން އޭނާ ވެސް ހިނގާފައި އާދެއެވެ. އޭނާގެ ރީތިކަން ފެނިފައި އަހަރެންނަށް ދޭތެރެ ދޭތެރެއިން ފަހަތް ބަލާލެވެއެވެ. ނަމަވެސް މަންމަ ހުރުމުން ވާހަކަދައްކާކަށް ނުކެރެއެވެ.

އެރެއަކީ މަގުތައް އަމާން ރެއެކެވެ. ރަށުތެރެ ކޮންމެވެސް ވަރަކަށް އަނދިރިއެވެ. ކަޅުފޮއެ ރެއެކެވެ. ގަޑިން އޭރު ގާތްގަނޑަކަށް މެންދަމު ބާރަ ޖަހަން އުޅޭނއެވެ. އަހަރެންނާއި މަންމަ އައިސް ގެއަށް ވަނުމުން އޭނަވެސް އަހަރެމެންގެ ފަހަތުން އައިސް ގެއަށް ވަނެއެވެ. އޭރު ކާފަ ގިފިލީގައި އުޅެއެވެ. ގިފިލި ހުންނަނީ ގެއަށް ވަންނަ އިރު ގޭގެ މައިދޮރާއި އެންމެ ކައިރިއަށްވެ. ދެން ހުންނަނީ ބަދިގެއެވެ. އެހެންކަމުން އަހަރެންނާއި މަންމައާއި ދެމީހުން ބަދިގެއަށް ވަނީމެވެ. އޭރު ގިފިލިކައިރީ އޭނާ މަޑުކޮށްލައިގެން ހުއްޓެވެ. އެހެންކަމުން ބަދިގެއަށް ވަދެ ތަށްޓަކަށް ފެންއަޅައިގެން އަހަރެން ނިކުތީމެވެ. ނިކުތްއިރު އޭނައެއް ފެންނާކަށް ނެތެވެ. ކުއްލިއަކަށް ކާފަ ގިފިލިތެރެއިން ނިކުތެވެ. އަދި އަހަރެންނާއި ދިމާލަށް މިރޭ ތި ގެއަށް ވެއްދީ ކާކުތޯ އެހިއެވެ. އެއީ ކާފައަކީ ކޮންމެވެސް ވަރަކަށް ފަންޑިތަ ދަންނަ މީހަކަށްވުމުން ކޮންމެވެސް ކަމެއް ވެގެން އުޅޭކަން ކާފައަށް އެނގުމުންކަން ނޭގެއެވެ. އެވަގުތު އެއީ ބީރައްޓެއްސެކޭ ފެންފުދެއް ދޭން ބުނުމުން ގޮވައިގެން ގެއަށް އައީކަމަށް އަހަރެން ބުނީމެވެ. މިހެން ބުނުމުން އެއީ އިންސާނެއް ނޫންކަމަށާއި މިރޭ ތިގެއަށް ވެއްދީ އަހަރެންނާއި އަވަލައިގެން އުޅޭ ޖިންނި ކަމަށް ކާފަ ބުންޏެވެ. އަދި އެ ޖިންނި ފައްސާލީ ކާފަ ކަމަށް ކާފަ ބުންޏެވެ. އަދި ކާފައަށް އެކަން އެނގުނީ ކާފަ ގިފިލީގައި ހުއްޓާ ކުއްލިއަކަށް ކާފައަށް މީހަކު ގިފިލިތެރޭގައި ހުރިހެން ހީވެގެން ފަހަތް ބަލާލިއިރު، އަހަރެން ގެއަށް ވެއްދި ޖިންނި ފިރިހެން ކުއްޖާ ދެލޯ ރަތްކޮށްފައި ކާފައާ ދިމާލަށް ބަލަން ހުރުމުން އެއީ އިންސާނެއް ނޫންކަން އެނގުމުން ކާފަ ކުރުސި ކިޔަވަން ފެށުމުން އޭތި ކުއޮލިއަކަށް ގެއްލުނީކަމަށް ކާފަ ބުންޏެވެ. ކާފަގެ ފަރާތުން މި ވާހަކަތައް އިވުމުން އަހަރެން ހިތް ބިރުން ތެޅިގަތެވެ. އަދި މަންމައަށް މިކަން އެނގުމުން މަންމަވެސް ބިރުން އެރެއަކު ނުނިދައެވެ.

އޭގެ ފަހުން ކޮންމެ ރެއަކުވެސް މެންދަމު ގަޑީގައި މީހަކު އަހަރެންނަށް ގޮވާހެން ހީވެގެން ހޭލެވެއެވެ. ނަމަވެސް މީހަކު ގެނެސްގެން ރުޤުޔާ ކިޔެވުމުން މިހާރު އެއްގޮތަކަށްވެސް އެކަހަލަ ކަމަކާއި ކުރިމައްޗެއް ނުވެއެވެ.
…………………………………………………………………

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.