އުފެއްދުންތެރި ފަންނު ތަކަކީ މިއުޒިކާއި ޑްރާމާގެ ޙަރަކާތާއި ވިޜުއަލް އާރޓްސް ހިމެނޭ އުނގެނުމުގެ ދާއިރާއެވެ. މިއިން ކޮންމެ ބައެއްގައިވެސް އެބަޔަކަށް ޚާއްޞަ ޢިލްމާއި، މަފްހޫމާއި، ވައްތަރުތަކާއި، ގޮތްތަކާއި، ކަންތައްތަކާއި ޓެކްނޮލޮޖީތަކެއް ވެއެވެ. އަދި އުނގަންނައި ދިނުމުގައިވެސް އެބަޔަކަށް ވަކި ޚާއްޞަ ކަންތައް ތަކެއްވެއެވެ. އެހެން ނަމަވެސް، މި ދާއިރާގައި ހިމެނޭ ހުރިހާ ބައިތަކެއްވެސް ވަނީ އެއްބައެއް އަނެއްބައާއި ގުޅި ލާމެހިފައި ކަމަށް ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އެތައް މާނައެއް ދޭހަވާ ގޮތަށް، ކުރެހުންތަކާއި އަޑުތަކާއި ޙަރަކާތްތަކުގެ ޒަރީޢާއިން ޒުވާނުން، އެ ޒުވާނުންގެ އިޙްސާސްތަކާއި، ޚިޔާލުތައް ފާޅުކޮށް އަދި ތަޖުރިބާތައް ޙިއްޞާކޮށް އެ ޒުވާނުންގެ ޝުޢޫރު ފާޅުކުރަމުން ދެއެވެ. ހަމަ އެހެންމެ އުފެއްދުންތެރި ފަންނުތަކުގެ ތެރެއިން ޒުވާނުންގެ ޘަޤާފީ ތަރިކަތައް ބަލައިގަނެ، އެ ތަރިކަތަކާމެދު ޝައުގުވެރިކަން އުފެދި، ހޭލުންތެރިކަން އިތުރުވާނެވެ. ކޮންމެއަކަސް މިއަދު މިއުޒިކީ ދާއިރާގައި ދިވެހި ޒުވާނުން ފެންނަލެއް ގިނައެކޭ ނުދެންނެވޭނެއެވެ. ނަމަވެސް ފަދަ ފުރުޞަތެއް ނުލިބި ފުރުޞަތެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެތައް ޒުވާނުންނެއް މި ޤައުމުގައި މިހާރުވެސް އެބަ ތިއްބެވެ.
މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ މިއުޒިކު ކުޅުމުގައި ކުރިއަރަމުން އަންނަ ފަންނުވެރިއެއްކަމަށްވާ ކ. ކާށިދުއަށް އުފަން އަޙުމަދު ޔާސިރު، ޢާއްމުކޮށް ކިޔާނަމަ ”ޔާބެ” ގެ ވާހަކައަށެވެ. އެހެންކަމުން މުނިއަވަސްގެ ފަރާތުން ޔާބެ އައި ސުވާލުކޮށްލާ އޭނާގެ ވާހަކަތައް ތިޔަ ކިޔުންތެރިންނާ ހިއްޞާ ކޮށްލަމެވެ.
ޔާބެ މިއުޒިކު ޙަޔާތް ފެއްޓީ ކިހިނެއްތޯ؟ އަދި އެކަމަށް ޝައުޤުވެރިވި ގޮތަކީ ކޮބައިތޯ؟
އަޅުގަނޑު މިއުޒިކް ކުޅެން ފެށީ ތުއްތު އިިރު. އެއީ އަޅުގަނޑު މަންމަ ބުނެފައިވާގޮތުން ވާހަކަ ނުދެއްކޭހާ ކުޑައިރުވެސް އަނގައިން ރާގު އަޅުވާލައިގެން އޮންނަ ވާހަކަ. ކިރިޔާވެސް ބަލިވެއްޖެ ނަމަ ރާގެއްގެ އަޑެއް ނީވޭނެ. އަދި ބަލިން ރަނގަޅުވާ ކަމުގެ ސިގްނަލަކީވެސް އެއަޅުވާލާ ރާގު ކަމަށް މަންމަ ބުނި. އެއީ އަސްލު ފެށުނު ގޮތަކީ..
ޔާބެ އެންމެ ކުޑައިރުވެސް މިއުޒިކް ކުޅެންތަ؟
އެންމެ ކުޑައިރުވެސް އިސްޓްރޫމަންޓްސް ކުޅުމާއި މިއުޒިކް އުފެއްދުމަށް ޝައުގުވެރިކަން ހުރި. އޭރު ސްކޫލް ލަވަ މުބާރާތްތަކުގައި ބައިވެރިވެގެން ވަނަވެސް ލިބިފައިވޭ.
ޔާބެ އަބަދުވެސް ފެންނަނީ ގިޓައެއް ހިފައިގެން އުޅޭތަން. ގިޓައެއްގައި އަތްލަން ލިބުނީ ކޮންއިރަކުތޯ؟ އަދި އެކަން ދަސްކުރީ ކިހިނެއްތޯ؟
(ހިނިގަނޑެއް ޖަހާލަމުން) ގިޓައެއްގައި އަތްލަން ފުރުޞަތު ލިބުނީ އުމުރުން 16 އަހަރުގައި ދޮންބެ ގިޓައެއް ގަނެދިނުމުން. ކޯޑްތައް ދަސްކުރީ ގިޓައާއިއެކު ލިބުނު ފޮތަކުން. ނަމަވެސް އޭރު ކިޔައިދޭނެ މީހެއް ނެތް. އިންޓަނެޓް ނުލިބި ގިޓާކުޅެން ދަސްކުރަން ޖެހުމުން އެކަންވީ ވަރަށް އުނދަގޫ ކަމަކަށް. ކުޑަ އިރުއްސުރެ އަޅުވާލަމުން ދިޔަ ރާގުގައި ކުލަޖެހެން ފެއްޓީ ގިޓާ ކޯޑްތައް ކުޅެލެވުނު ހިސާބުން. މިގޮތުން 2017 ވަނަ އަހަރު ޖެނުއަރީމަހު ލަވައެއް ކުޅެލެވޭވަރުވި. އަދި އޭގެ ހަތަރުމަސް ފަހުން އަމިއްލައަށް ލަވަ ހަދަންފެށުނު. މަހެއް ތެރޭގައި އަމިއްލަ ރާގުގެ 6 ލަވަ ތައްޔާރު ކުރެވުނު. އަދި ޅެންވެސް ލިއުނީ އަމިއްލައަށް.
ޔާބެ، ދެން ހުނަރު ތަރައްޤީކުރަން މަސައްކަތް ކުރީ ކިހިނެއް؟
ފަހުން ރަށުގައި ގިޓާކުޅެން ޝައުގުވެރިވެގެން އުޅުނު ރައްޓެހިންނާއެކު ގިޓާކުޅެން ފެށުމުން ހުނަރު އިތުރުވާން ފެށި. އެނގިފަ ހުރި އެއްޗެއް އެކަކު އަނެއްކަކަށް ކިޔައިދިނުމުގެ ރޫހެއް ވަރަށްބޮޑަށް ހުރީ އެންމެންގެ ވެސް. އެދުވަސްކޮޅު ރަށުގައި ކުރިން ކްލަބެއް ހިންގުމުގައި އިސްކޮށް ހަރަކާތެރިވި އަލީ ނަޖީބް ހަދިޔާކުރި ކީބޯޑެއް ބޭނުންކޮށްގެން ކުޑަގޮތަކަށް މިއުޒިކް ކުޅެން ފެއްޓުނު. އަދި ބޭބެ ޢަލީ ސާމިރު(ސާންޓެ)ގެ އެހީތެރިކަމާއެކު ލަވަތަކުގެ މިއުޒިކާއި ވޯކަލް ރެކޯޑް ކުރެވުނު. އަދި އޭރު ތައްޔާރު ކުރި ޅެމާއި ލަވަތައް ނޭޝަނަލް ބިއުރޯއޮޕް ކްލެސިފިކޭޝަންއިން ފާސްވެސްކުރެވުނު. އަދި ދިއެފްއެމް އާއި ރާއްޖެ އެފްއެމް މިހާރުގެ ދިވެހި އެފްއެމަށް ލަވަތައް ހަދިޔާވެސް ކުރެވުނު.


އެނގިފައިވާ ގޮތުގައި ޔާބެ އޯޑިއޯ ރެކޯޑިން ގެ މަސައްކަތްވެސް ކުރޭ! އެ މަސައްކަތް ދަސްކުރީ ކިހިނެއް؟
އޯޑިއޯ ރެކޯޑިން މަސައްކަތް ދަސްކުރުން. ރެކޯޑް ކުރަން ދަސްކުރަންފެށުނީ މޫސާ ސަމާއު އަތުން މިޑީ ކީބޯޑެއް ގަން ހިސާބުން. ސަމާއު ލެޕްޓޮޕަށް ސޮފްޓްވެއަރ އަޅައިދީ މިޑީކޮށް އިސްޓްރޫމަންޓްސް ރެކޯޑް ކުރާނެގޮތް ކުޑަގޮަތަކަށް ދަސްކޮށްދިން.
ކޮޕްސް ބޭންޑުން ފުރުޞަތު ލިބުނީ ކިހިނެއްް؟
ބޭންޑްގެ ކޮމާންޑަރު ޢަލީ މަނިކު (ދާރީ) ކޮޕްސް ބޭންޑް ގެ ލައިންއަޕަށް ގެނައި ބަދަލުގެ ތެރެއިން ކޮޕްސް ބޭންޑަށް ކުޅެން ފުރުސަތު ލިބުނު. ރިދަމް ގިޓަރިސްޓެއްގެ ގޮތުގައި ކޮޕްސް ބޭންޑްގައި މަސައްކަތްކުރި އިރު ކޮޕްސް ބޭންޑުގެ ލީޑް ގިޓަރިސްޓު އަޙުމަދު ޢަބުދުﷲ (އެންޑީ) ގެ އެހީތެރިކަމައެކު ގިޓާކުޅުމުގެ ހުނަރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިތުރުވެގެންދިޔަ.
މިފަހަކަށް އައިސް ކޮޕްބޭންޑްގެ ކާމިޔާބު ދުވަސްވަރެއްގައި މަސައްކަތް ކުރެވުމުން އުފާކުރާކަމަށް ޔާބެ ބުނޭ. އެއީ ކީއްވެ؟
ލައިންއަޕް އުފެދުނުތާ ކުޑަދުވަސްކޮޅެއް ތެރޭގައި ކޮޕްސް ބޭންޑް ސައުތު އޭޝިއަން ބޭންޑް ފެސްޓިވަލްގައާއި ސައުންޑް އޮފް މޯލްޑިވްސް ޝޯވ އާއި މިނިވަން ފަންސާސް ފާހަގަ ކުރުމުގެގޮތުން ކޮޕްސް ބޭންޑް އިންޑިއާގައި ޕާފޯމްކޮށްފައިވޭ. އަދި ރާއްޖޭގައި އެކި ރަށްރަށުގައާއި މާލެގެ އިތުރުން ޓީވީ ޗެނަލްތަކުގައި ވެސްގިނަ އަމިއްލަ ރާގުގެ ހުށަހެޅުންތަކެއް ހުށަހަޅައިފައިވޭ. އެހެންވެ އުކަމާ އުފާކުރަން.
ކޮޕްސްބޭންޑުގައި އަލަށް ތައްޔާރު ކުރާ ލަވަތައް ރެކޯޑް ކުރަން ޔާބެއަށް ދަސްކުރީ ކިހިނެއް؟
މިކަމުގައި ބޭންޑް އެންޑް މިއުޒިކްގެ އޯޑިއޯ ސްޓޫޑިއޯގެ ކުޅަދާނަ އިންޖިނިއަރުން ކަމުގައިވާ އަބްދުﷲ އިލްހާމް އިބްރާހިމް (އިއްލެ) އާއި ޔޫސުފް ޝިމާޒް އަދި ފަތުހުއްﷲ ޝަކީލް ހުސައިން (ފަޗޫ) ގެ އެހީތެރިކަން ލިބި މިކަންވެސް ދަސްވެ ހުނަރު އިތުރުވެގެންދިޔަ.
އަޑުއެހިން ސިފައިންގެއިން އުފެއްދި ”ހާދަރު” ފިލްމުގައިވެސް މުހިންމު މަސައްކަތްތަކެއް ޔާބެ ކުރި ވާހަކަ. އެއީ ކޮން މަސައްކަތްތަކެއްތޯ؟
ހާދަރު ފިލްމުގެ ޝޫޓިންތަކުގައި އޯޑިއޯނެގުމާއި ފިލްމުގެ ޑަބިން މަސައްކަތާއި ފޮލޭގެ މަސައްކަތް ކުރެވުނު. އެއީ ވަރަށް ބުރަ ނަމަވެސް ބޮޑު ތަޖުރިބާއެއް އަދި ހިންހަމަޖެހުމެއް ލިބުނު މަސައްކަތެއް.
ޔާބެ އެންމެ ދެރަވި ކަމަކީ ކޮބާ؟
ކޮޕްސްބޭންޑުގެ ލީޑް ގިޓަރިސްޓު އަޙުމަދު ޢަބުދުﷲ (އެންޑީ)އާ ބޭންޑްގެ ދެ ވޯކަލިސްޓުން ސިފައިންގެ ޚިދުމަތުން ވަކިވެގެންދިއުން. އެއީ މިއުޒިކީ ޙަޔާތުގައި އެންމެ ދެރަވި ދުވަސްކޮޅު. އޭގެފަހުން ލީޑް ގިޓަރިސްޓެއް އަދި ލީޑް ވޯކަލިސްޓެއްގެގޮތުގައި މަސައްކަތް ކުރެެވުނު.
ލީޑް ގިޓަރިސްޓެއްގެ ގޮތުގައި ކިހާ ދުވަހަކު ދެމިހުރިތަ؟ އަދި އެކަމުން ލިބުނު ކުރިއެރުމަކީ ކޮބާ؟
2016 ން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ކޮޕްސް ބޭންޑްގެ ކޮންމެ ފެނިލުމެއްގައި ލީޑްކޮށް ފެނިގެން ގޮސްފައިވާނެ. އޮގޮތުން ރާއްޖެވަޑައިގަންވާ ރައީސުންނާއި މަތީ ފެންވަރުގެ ބޭބޭފުޅުންގެ ހަފްލާތަކުގައި އެގައުމުތަކުގެ ބަސްބަހުން ލަވަ ކިއުމަކީ ކުރެވުނު ވަރަށް ފަހުރުވެރި މަސައްކަތެއް. އޭރުގެ ބޭންޑް އެންޑް މިއުޒިކް ވިންގްގެ ކޮމާންޑަރު އިސްމާއިލް އަކްރަމް ފަހިކޮށްދިން ފުރުޞަތަކުން ސިފައިންގެ އޯޑިއޯ ސްޓޫޑިއޯގައި މަސައްކަތް ކުރަންފެއްޓުނު. އަދި އޯޑިއޯ އިންޖިނިއަރިންގެ މަސައްކަތަށް ލޯހުޅުވުނު. އޮގޮތުން ސިފައިންގެ ލެވެލްގަޔާއި ޤައުމީ ލެވެލްގައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވެ ޕާޕޯމް ކުރުމާއި ޤައުމީ އަލްބަމްތަކުގައި މިއުޒިކާއި ރާގު ތައްޔާރުކުރެވިފައިވޭ. މިއުޒިކީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އެތައް ބަޔަކާއެކު މަސައްކަތްތަކެއް ކުރެވުނު. އެމީހުންގެ ފަރާތުން ޕޮސިޓިވް ކޮމެންޓްތަކެއް ލިބުން އެއީ ލިބުނު ވަރަށްބޮޑު އުފަލެއް.




ޔާބެ އެންމެ އުފާވާކަމަކީ ކޮބާ؟
އެންމެ އުފާވަނީ މި މަސައްކަތުގައި މީހުން އިތުބާރު ކުރާ މީހެއްގެ ގޮތުގައި ހުރެވުން. އެގޮތުން ސިފައިން ގޭގައި މަސައްކަތް ކުރެވުނު ދުވަސްތަކުގައި ބޭންޑްގެ ވެރިންނާއި އެކުގައި މަސައްކަތްކުރި އެންމެހާ ފަރާތްތައް ފާހަގަކުރަން.
މިއުޒިކް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ގޮތަކީ ކޮބާ؟
މިއުޒިކް ދާއިރާއިން ކުރިޔަށްދާން ބޭނުންވަނީ ހޮބީއެއްގެ ގޮތުގަ. އަމާޒަކީ ރީތި އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއް ނެރުމަކީ އަމާޒު. އަދި މިހުރީ ފިލްމު ޑަބިން މަސައްކަތާއި ފޮލޭ މަސައއްކަތުގެ އިތުރުން މިއުޒިކު ހަދަން ބޭނުންވަ ފަރާތްތަކަށް އެކަން ކޮށްދޭގޮތަށް.
އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟
އެންމެ ދެކެން ބޭނުންވަނީ މިއުޒިކުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއިރެއްގައި އޮންނަ ސަރުކާރަކުން އަޅައިލައި މިއުޒިކް ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މިއަށްވުރެ ފަހި ފުރުޞަތުތަކެއް ހޯދައިދީ މިކަމުން ނަފާ ހޯދައިދޭނެ ގޮތްތަކެއް ފަހިކޮށްދޭނެ ދުވަސްތަކެއް.
އިތުރަށް ބުނެލަން ބޭނުންވަނީ ކީކޭ؟
އަބަދުވެސް ބުނަން ބޭނުންވަނީ މިއީ ދަސްކުރުމެކޭ. ބައިވަރު އެއްޗެހި މިދާއިރާގައި އެބަހުއްޓޭ ދަސްކުރަން ޖެހޭ. ކޮލިޓީ މީހަކަށް ވާނީ އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭ ކުރިޔަށް ދިއުމުގެ ރޫހު ހުރެގެނޭ. އެކަހަލަ މީހަކަށް ވާން ވަގުތު ނަގާނެޔޭ. މިއީ އާޓް ވޯކް އެކޭ. ކުރި ވަރަކަށް މޮޅު ވާނެއޭ. ޝައުޤާއި އެކު ކޮށްފިނަމަ ކިތަންމެ އުހަކަށްވެސް މި ދާއިރާއިން ދެވިދާނެއޭ.
މިއީ ޔާބެގެ ވާހަކައެވެ. ނަމަވެސް ހިތާމަޔަކީ ޔާބެ ފަދައިން މިއުޒިކީ ފަންނުގައި މަސައްކަތްކުރާ ޒުވާނުން މަދުވަމުންދާ ކަމެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ލިބޭ އާމްދަނީ ދަށްވުމާއި، މި ދާއިރާއަށް މީހުން ޝައުޤުވެރިކަން ކުޑަވުމެވެ. އެހެންކަމުން، ދިވެހި ލަވަޔާއި މިއުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެނީ ދިވެހި ސަގާފަތް އަންނަން އޮތް ޖީލަށް ވާޞިލުކޮށް ދިނުމަކީ މިއަދުގެ ޒުވާނުންގެ ވާޖިބެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި