ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލަކުން ފެނިގެން ދާނެ ބޮޑު ކާސްޓެއް ހިމެނޭ ފިލްމު ‘ދެވަންސޫރަ’ 2018 ވަނަ އަހަރު ފެބްރުއަރީ ހައެއް ގައި ރިލީޒް ކުރާނެ ކަމަށް ބުނެފި އެވެ.

‘ދެވަންސޫރަ’ ފިލްމާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފިލްމުގައި މުހިންމު ކެރެކްޓަރ ރޯލެއް އަދާކުރާ މުހައްމަދު ފައިސަލް ބުނީ އަންނަ އަހަރު ޖެނުއަރީ ފަހެއް ހިސާބުގައި ޓިކެޓް ވިއްކަން ފަށާނެ ކަމަށާއި މިހާރުވެސް ޓިކެޓް ނަން ނޯޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދެވަންސޫރަ ފޭސްބްކު ޕޭޖުން އިންބޮކްސް ކޮށްގެން ޓިކެޓް ބުކިންގ ހެދޭނެ ކަމަށެވެ.

އަޙްމަދު ޝާހް އަލި އަދި އަލީ ޝަޒްލީމް ޕްރޮޑިއުސްކުރާ މި ފިލްމަކީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާ ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ޝަކިއްތަ ފަދަ އެކްޓަރުން ހިމެނެ އެވެ.

ފައިސަލް ބުނީ މި ފިލްމުގެ އެންމެ ސްޓްރޯންގް ކަމަކީ މީގެ ވާހަކަ ކަމަށެވެ. އަދި މި ފިލްމުގެ ވާހަކަ އިން ޔޫއްޕެގެ އަސްލު ޖޮންރާ ކަމަށްވާ ސަސްޕެންސް، ތްރިލާ އަދި ހޮރޯ ހިމެނިފައި ވާނެ ކަމަށެވެ.

“މި ތިން ޖޮންރާ އޭގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވައްދައިގެން ޔޫއްޕެ މީތި ހަދާފަ މީނދީ. ދެން މިވާހަކަ އަކީ ވަރަށް ކުރިންސުރެން ޔޫއްޕެ ޑިވޮލޮޕް ކުރަން ބޭނުންވެފަ އިން ވާހަކައެއް.” ފިލްމުގެ ވާހަކަ ޑިވޮލޮޕް ކުރިގޮތް ކިޔައިދެމުން ފައިސަލް ބުންޏެވެ.

މި ފިލްމުގެ ވާހަކަ އިން ޔޫއްޕެގެ އަސްލު ޖޮންރާ ކަމަށްވާ ސަސްޕެންސް، ތްރިލާ އަދި ހޮރޯ ހިމެނޭ

މިއީ ‘ނޯޓީ40’ ގެ ވެސް ކުރިން ޖައްސަން ބޭނުންވި ފިލްމެއް ކަމަށާއި އެކަމަކު ނޯޓީ40 ނިންމާފަ ހަދަންވެގެން މަޑުޖައްސާލި ކަމަށްވެސް ފައިސަލް ބުންޏެވެ.

“ފިލްމު ފަހުން ޖައްސަން ބާއްވާފަ ފައިސަލް މެން ހުރިހައި އެންމެންނާ ވާހަކަ ދައްކައިގެން އޮންބޯޑް ކޮށްފަ ޔޫއްޕެ ބޭނުންވީ ކޮންމެ މީހަކަށްވެސް ކެރެކްޓަރ ވަރުގަދަ ރޯލެއް ދީފަ، ކޮންމެ މީހަކުވެސް އީކުއަލީ ވަކި ހިސާބަކުން ހަމަ ވަކިވަރަކުން ކޮންމެ މީހަކުވެސް ދައްކަން. އެހެންވީމަ ކޮންމެ މީހަކަށްވެސް އިންނާނީ ސްޓޯރީގަ ވަކި ހިސާބަކުން މުހިންމު ކެރެކްޓަރ ރޯލެއް ދީފަ.”

“ކޮންމެ މީހަކަށްވެސް އިންނާނީ ވަކި ގޮތަކަށް ވަކި ކެރެކްޓަރ އެއް ދީފަ. އެހެންވީމަ ކޮންމެ މީހަކަށްވެސް އެ ކެރެކްޓަރ ޑިވެލޮޕް ކުރަން ވީގޮތް ޔޫއްޕެ ކިޔައިދީފަ އޭތި ޑިވެލޮޕް ކުރަން ކޮންމެ މީހަކަށްވެސް ޔޫއްޕެ ފުރުޞަތު ދިން.” ފައިސަލް އިތުރަށް ބުނީ މި ފިލްމަށް ތަރިން ކަނޑައެޅުމުގައި އެންމެ މުހިންމު ކަމަކަށް ވީ އޭގެ އެކްޓިން ރަނގަޅަށް ދެއްކޭނެ ވަރުގެ ސްޓާރުން ހޯދުން ކަމަށެވެ.

“އެގޮތުން  ޝިފާ ވެސް ހަމަ އަލަށް ނިކުތް ކުއްޖަކާ ބަލާފަ ވަރަށް ވަރަށް ފާހަގަ ކުރެވޭ ޝިފާގެ އެކްޓިން ވަރަށް މޮޅު. ދެން ޖާދުﷲ އޭނާ ކުރިން މިކުޅުނު ލޯބީގެ ފިލްމާ މީގަ ވަރަށް ތާފާތު ކެރެކްޓަރ އެއް އޭނަ މި ދައްކަނީ. މި ކެރެކްޓަރ ވެސް ޖާދުﷲ ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެބައިން. އެކަން ވަނީ ޔޫއްޕެވެސް ޝޫޓިން ތެރޭގަ ވަރަށް ބޮޑަށް ފާހަގަ ކޮށްފަ.”

އީސަ (އާނަންދު) ވެސް ފިލްމުގައި ދައްކަުވައިދެނީ ވަރަށް ތަފާތު ރޯލެއް

ފައިސަލް މި ފިލްމުގައި ކުޅޭ ރޯލާއި ބެހޭގޮތުން ބުނީ ދެވަންސޫރައިގައި އޭނާ ފެންނާނީ ވަރަށް ސީރިޔަސް ކެރެކްޓާ އަކުން ވަރަށް ސީރިއަސް ރޯލަކުން ކަމަށެވެ.

“އަދި އަލަށްކަން ނޭގެ ފައިސަލް ޕޮލިހެއްގެ ރޯލެއް މި ކުޅުނީ. ދެން ޖިމީ އިންސާފުގަ ކުޅެފަ އިން ކަހަލަ ސިފައިންގެ ކެރެކްޓަރ އެއް ޖިމީ އަށް މީގަ މި އިނީ. ދެން ޚާއްޞަ ފެނިލުމަކުން ސައީދު ފެންނާނެ.” ފައިސަލް، ޖިމީ އަދި ސައީދު މި ފިލްމުގައި އަދާކުރާ ރޯލާއި ބެހޭގޮތުން ފައިސަލް ބުންޏެވެ.

މިއީ ފައިސަލް އަދި ޝަޒްލީމް އަލަށް ޕޮލިހެއްގެ ރޯލު ކުޅޭ ފިލްމު

ފައިސަލް ބުނީ މި ފިލްމުގައި އަޒޫ ފެނިގެންދާނީ އޭނާ އާއްމުކޮށް ސްކްރީނުން ފެނިފައި ނެތް ގޮތަކަށް ތަންކޮޅެއް ގޮތިކް ލުކެއްގައި ކަމަށެވެ. އެގޮތުން ފިލްމު ޝޫޓް ކުރަން ފެށީ ހުރިހައި އެންމެންގެ އެކްޓިން އަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދީގެން ކަމަށާއި ގާތްގަނޑަކަށް ދެވަރަކަށް މަސްތެރޭގައި ފިލްމުގެ ޝޫޓިން ނިންމާފައިވާކަމަށެވެ.

ފިލްމުގެ ޝޫޓިން އަށް ދެ މަސްވަރު ހޭދަވާން ޖެހުނު ގޮތްވެސް ފައިސަލް ކިޔައިދިނެވެ.

“އަސްލު ވީގޮތަކީ އެއްބައި ސްޓާރުން މީގަ އެބަހުރި ކޮންމެވެސް ވަރަކަށް ޗޭންޖް ވެސް ކޮށްފަ. އެގޮތުން މި ޝޫޓް ކުރަން ފެއްޓިފަހުން އަސްލު މި ވީގޮތަކީ ބޭނުންވާ ލެވެލް އަށް އެއްބަޔަކު އެބައުޅޭ ނުގެނެވޭ، މީގަ ފުރަތަމަ ފެއްޓި އިރު ސްޓެޕް އައްޔަވެސް އުޅޭނެ. ރިއްޕެވެސް އުޅޭނެ. އެކަމަކު މީގަ ވާގޮތަކީ މި ކެރެކްޓާ ވަރަށް ވަރުގަދަ ރޯލުތަކެއް ވީމަ އެ މީހުންނަސް މިގޮތަށް ޕުލް އޮފް ނުކުރެވޭތީ ކޮންމެވެސް ވަރަކަށް އޭތި ބަދަލުވެސް ހަމަ ކުރިން. ކޮށްފަ ހަމަ އެ ކެރެކްޓާ އާ ހަމަ އެންމެ ގުޅޭ މީސްމީހުން އެ ބައިތަކަށް ލީ.”

ކެރެކްޓަރ ތައް ބަދަލުކުރުމަށްފަހު ސްޓެޕް އައްޔަ އާ ރިފްޝާނަށް ޝޫޓިން އަށް ވަގުތު ދެވެން ނެތުމުން އެބައިތަކަށް ވެސް މީހުން އަލުން ލާން ޖެހުނު ކަމަށްވެސް ފައިސަލް ބުންޏެވެ.

އެހެން ނަމަވެސް މިހާރު މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން ހުރިހައި ކަމެއް ވެސް ފައިނަލް ވެފައިވާ ކަމަށާއި އެޑިޓިން ހުރިހައި ކަމެއްވެސް ނިމިފައިވާކަމަށް ފައިސަލް ބުންޏެވެ.

“ދެން ބެކް މިއުޒިކް މަސައްކަތް މިހާރު ކުރިއަށްދަނީ.” ގާތްގަނޑަކަށް ދެގަޑިއިރާއި ބައި ގެ ދިގުމިން ހުންނަ މިފިލްމުގައި އެއްވެސް ލަވައެއް ނުހިމެނޭނެ ކަމަށާއި ހަމަ އެކަނި އިންނާނީ ފިލްމު ޕްރޮމޯޝަނަލް އަށް އިންނަ ލަވައެކެވެ.

“ދެން މީގަ ވަރަށް ބައިވަރު އިމޯޝަނަލް އިލަމެންޓްސް ތަކެއްވެސް ޔޫއްޕެ ލާފަ އިންނާނެ. ދެން ހަޤީޤަތުގަ މީތި ބޮޑަށް މި އަމާޒުވަނީ މާލެތެރޭގަޔާ ދިވެހި ރާއްޖޭގަ މި ހިނގައިދާ މާރާމާރީ އާ މީހުން މެރުމާ މިކަންތައްތަކަށް ބޮޑަށް ހައިލައިޓް ކޮށްފަ އޭގެތެރެއިން ނަގާފަ އިން އެއްޗަކުން ކޮންސެޕްޓް ނަގައިގެން މި ޑިވެލޮޕް ކޮށްފަ މީނީ. އެއަށް ވަރަށް ބޮޑަށް އެޑްރެސް ކޮށްފަ އިންނާނެ ހަގީގަތުގަ.” ފިލްމުގެ ވާހަކަ އަމާޒުކޮށްފައިވަނީ ކޮން ކަމަކަށް ކަން އޮޅުންފިލުވައިދެމުން ފައިސަލް ހާމަކުރި އެވެ.

މި ފިލްމުގައި ކޮންމެ ސްޓާރަކަށްވެސް ދީފައިވަނީ ވަރަށް ވަރުގަދަ ކެރެކްޓަރ ރޯލެއް

ކުރިއަށް އޮތްތާނގައި ފިލްމުގެ ޕްރޮމޯޝަން އަށް ލަވަ ޝޫޓް ކުރާއިރު މާރާމާރީގެ އެކި ކަންތައްތަކުގައި ޒަޚަމްވެ ނުވަތަ މަރުވެފައިވާ މީހުންގެ ހަނދާން އާކުރުމަށް ޚާއްޞަ އިވެންޓެއް ރާވާފައި ވާނެ ކަމަށާއި އެގޮތުން މާރަމާރީގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި މަރުވެ ގޮސްފައިވާ މީހުންގެ އާއިލާ މެންބަރުން އެއްތަނަކަށް އެއްކޮށްގެން ސުކޫތެއް ގެނެސް ވަހަކަ ދައްކައި އެކަންކަމުގެ ހަނދާން އާކުރުން އަންނަ ޖެނުއަރީގައި އޮންނާނެ ކަމަށްވެސް ފައިސަލް ބުންޏެވެ. އަދި އެގޮތަށް ބާއްވާ އިވެންޓްގެ ތެރެއިން ނަގާ މަންޒަރުތައް ވެސް ޕްރޮމޯޝަނަލް ލަވައިގައި ހިމެނުމަށް ނިންމާފައި ވާކަމަށްވެސް ފައިސަލް ބުންޏެވެ.

މި ފިލްމާއި މެދު ޔޫއްޕެ ބުނީ “ދެވަންސޫރަ” ގައި ދިވެހި މުޖުތަމައު ތެރޭގައި މިހާރު ހުރި ވަރަށް ގިނަ މައްސަލަތަކެއް ދައްކުވައި ދޭނެ، ބެލުންތެރިން ވަރަށް ގަޔާވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.