ބޮލީވުޑް ސުޕަސްޓާރ އަކްޝޭ ކުމާރަކީ އަބަދުވެސް ފިލްމު ޝޫޓިންތަކުގައި ވަރަށް ބުރަކޮށް އުޅޭ ފަންނާނެކެވެ. އިންޑިއާގައި ލޮކްޑައުންއަށް ލުއި ދިނުމާއެކު އެންމެ ފުރަތަމަ ފިލްމީ މަސައްކަތްތައް ފެށި ތަރިންގެ ތެރޭގައި އަކްޝޭ ހިމެނެއެވެ. “ބެލް ބޮޓޮމް”ގެ ޝޫޓިންގ ނިންމާލުމަށްފަހު އޭނާ މިހާރު ހުރީ އިތުރު ފިލްމެއްގެ ޝޫޓިންގ ފަށަން ތައްޔާރުގައެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މި ފެށޭ 2021 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ހަފުތާގައި، ކްރިތީ ސަނަންއާއެކު އަކްޝޭ ކުޅޭ “ބައްޗަން ޕާންޑޭ”ގެ ޝޫޓިންގ ފަށާނެއެވެ. ރާޖަސްތާނުގައި 30 ދުވަހު ޝޫޓިންގ ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު 100 އަށްވުރެ ގިނަ މީހުން މި ފިލްމުގެ ޝޫޓިންގއަށް ޖައިސަލްމީރަށް ދަތުރުކުރާނެއެވެ.

އާ އަހަރަށް އަކްޝޭ ނެގި ބްރޭކްގެ ކުރިން ދަނުޝްއާއި ސާރާ އަލީ ޚާންއާއެކު ކުޅޭ “އަތުރަންގީ ރޭ”ގެ މަންޒަރުތަކެއް އާގްރާގައި ހުންނަ މަޝްހޫރު ތާޖް މަހަލް ސަރަހައްދުގައި ނަގާފައިވެއެވެ.

އެންމެ ފަހުން އަކްޝޭ ފެނިފައިވަނީ މިއަހަރު ޑިސްނީ+ހޮޓްސްޓާގައި ރިލީޒްކުރި “ލަކްޝްމީ” އިންނެވެ. ކުރިއަށްވެސް އަކްޝޭގެ ޝައުޤުވެރި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައިވާ “ބެލް ބޮޓޮމް” އާއި “ސޫރިޔަވަންޝީ” އަދި މިހާރުވެސް ޝޫޓިންގ ކުރިއަށް ގެންދާ “އަތުރަންގީ ރޭ” އާއި “ޕްރިތުވިރާޖް”ގެ އިތުރުން “ބައްޗަން ޕާންޑޭ” އާއި މިދިޔަ އޮގަސްޓު މަހު އޭނާ އިޢުލާނުކުރި “ރަކްޝާ ބަންދަން” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.