ޖެހިގެން އައި ރެއެވެ. ނަތާއަށް ސަމާޙް ގުޅިއެވެ. އަދި ނަތާމެން ގޭ ކައިރިއަށް ބައްދަލުކޮށްލަން ދާނެ ވާހަކަ ބުންޏެވެ. އެހެންކަމުން ސަމާޙް ފެންވަރައި ރީތިވެލައިގެން ނަތާމެންގޭ ކައިރިއަށް ދިޔައެވެ. އޭރު ނަތާ ހުރީ ސަމާޙްގެ އިންތިޒާރުގައި ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ. ދޮރުމަތީގައި ސަމާޙް ފެނޭތޯ ދެކޮޅުބަލަބަލައެވެ. އިސާހިތަކު ނަތާ އާއި ސަމާޙް ބައްދަލުކޮށްފިއެވެ. އަދި ދެމީހުން އެރޭގެ ހިތްގައިމު ހަނދުވަރީ މަންޒިލެއްގައި ތިބެ އަތާއި އަތް ޖޯޑުކޮށް ލައިލާމަޖުނޫން ފަދައިން ވަކިނުވާން ބުނެ ލޯބީގެ ފޮޅުވަތް އަޅާލިއެވެ. އެރެއަށްފަހު ކޮންމެރެއަކުހެން ސަމާޙްއަށް ލޮލުފިޔައެއް ޖަހާލެވެނީވެސް ނަތާގެ އެފަރި ހަނދެއްފަދަ މޫނު ދެކިލުމަށްފަހުގައެވެ. އޭރު މިދެކުދިންގެ ލޯބީގެ ގުޅުމަށް އަދި މިވީ އެންމެ 3 ދުވަހެވެ.

ޖެހިގެން އައި ރެއެވެ. ނަތާގެ ރައްޓެހި ފަޒާ އަށް ސަމާޙްއާއެކު ނަތާ މަގުމަތިން ދަނިކޮށް ފެނުނެވެ. އެހެންކަމުން ފަޒާ މިވާހަކަ ނާދިޔާ އަށްގުޅައި ކިޔައިދިނެވެ. ފަޒާ އާއި ނާދިޔާ އަކީ ނަތާ އާއި އެއްކުލާހެއްގައި ކިޔަވަމުންދާ ފުރާވަރުގެ ދެ ޖިންސުއްލަތީފުންނެވެ. މިދެކުދިންނަކީ މަޖާކުރުމާއި ސަކަރާތް ޖެހުމުގައިވެސް އަރާހުރި ދެކުދިންކަން ސަމާޙްއަށް އެނގެއެވެ. އަދި މިދެކުދިން ސަމާޙްވެސް ދަނެއެވެ. މަގުމަތިންދާ ފިރިހެން ކުދިންނާ ފޮށެލުމަކީ މިދެކުދިންގެ އާދައެކެވެ.

ފަޒާ، ނާދިޔާއަށް ގުޅުމުން ނާދިޔާ ވަރަށް ހައިރާންވިއެވެ. އަދި އަހާލެވުނެވެ. ނަތާގެ ލޯބިވެރިޔަކީ ސަމާޙް ހެއްޔެވެ. ފަޒާ ބުންޏެވެ. އާއެކެވެ. އަހަރެން ކުރިން ރެއަކުވެސް ދުށީމެވެ. މިހެން ބުނުމުން ނާދިޔާ ބުންޏެވެ. ސަމާޙްއަކީ ދެން ކާކު ހެއްޔެވެ. މަ ވަރަށް ފޫހިވެއެވެ. މިހެން ކިޔައި ނާދިޔާ ނަތާއަށް ގުޅިއެވެ. އަދި ފަޒާއާއި އެކު ނަތާމެން ގެއަށް އެބަދަމޭ ބުންޏެވެ. މިހެން ބުނުމުން ނަތާ ބުންޏެވެ. މައްސަލައެއް ނެތެވެ. އަދި ނަތާ ފޯނުން ވާހަކަ ދެއްކުމަށްފަހު ފޯނު ނަގާ އަތްދަބަހަށް ލުމާއެކު ސަމާޙް އެހިއެވެ. ގުޅީ ކާކުހެއްޔެވެ؟ ނަތާ ބުންޏެވެ. ނާދިޔާއެވެ. އެމީހުން މިގެއަށް އެބައާދެއެވެ. މިހެން ބުނުމާއެކު ސަމާޙް ބުންޏެވެ. ފަހުން ގުޅާނަމެވެ. އަހަރެން މިދަނީއެވެ. މިހެން ބުނުމުން ނަތާ ސަމާޙްއަށް ދޮނެއް ދިނުމަށްފަހު ވަރަށް ލޯބިން އައިލަވް ޔޫ އޭ ބުނެލިއެވެ. ޖަވާބުގައި މީޓޫ އޭ ބުނެލުމަށްފަހު ސަމާޙް އެނބުރި ދިޔައެވެ.

އޭގެ ކުޑައިރުކޮޅެއްފަހެވެ. ނާދިޔާ އާއި ފަޒާ، ނަތާމެންގެއަށް އައެވެ. އަދި ތިން މީހުން އެކުގައި ބޭރަށް ނިކުމެ އެއްކަލަ ޕާކްކައިރީގައި ވާހަކަ ދައްކަން މަޑުކޮށްލިއެވެ.

ނާދިޔާ: ނަތާއަށް އެނގޭތަ ފިރިހެނުންނަކީ ފާޑެއްގެ ބައެއް. ނަތާ މިހާރު ތިޔަ ރަށްޓެހިވެގެން އުޅޭ ސަމާޙްގެ ގޮތް ނުބަލާތަ ތިޔަ ރަށްޓެހިވީ..

މިވާހަކަ ނާދިޔާ ބުނުމުން ނަތާ ވަރަށް ހައިރާންވެ ހުރެ ބުންޏެވެ. ކީކޭ.. ކިހިނެއް އަހަރެން ސަމާޙް އާ ރަށްޓެހިވެގެން އުޅޭކަން އެނގުނީ..

ފަޒާ: އަހަރެމެން ބަލަމޭ ނަތާ އުޅޭގޮތް…

ފަޒާ މިހެން ބުނުމުން ނަތާ އެއްބަސްވިއެވެ. އަދި ބުންޏެވެ. ސަމާޙްއަކީ ވަރަށް މަޑުމަޑުން ހުންނަ ކުއްޖެ… ހިއެއް ނުވޭ އޭނަޔަކީ ގޯސް ކުއްޖެއްހެން. އެހެން ނޫނަސް އޭނަ އަހަރެންދެކެ ވަރަސް ލޯބިވޭ.. އަދި އަހަރެންވެސް…

ނަތާ މިހެން ބުނުމުން ނާދިޔާ ހީލާފައި ބުންޏެވެ.

ނާދިޔާ: ބަލަ މޮޔަޔާ.. އެހެން ތަނަކުން މީހަކު ފެނުނަސް އަދި ހަޤީޤަތެއް ނޭގޭނެ.. މަށަށް ފެނޭ ސަމާޙް އެވަނީ ނަތާދެކެ އަސްލު ހަމަ ހަޤީޤީ ލޯބިތޯ ބަލާލަން…
ނަތާ: ކިހިނެއް ބަލާނީ…
ފަޒާ: ނަތާ ހަދަންވީ ގޮތަކީ ސަމާޙްއަށް ވާނުވާ އަންގާނުލާ އެއްވެސް ކަމަކާ ނުލާ ރުޅި ވާންވީ… އޭރުން އޭނަ ނަތާ ދެކެ ލޯބިވަންޏާމު އެނގިދާނެތާ… ލޯބި ހޯދަންވެސް މަސައްކަތް ކުރާނެތާ…

ފަޒާ މިހެން ބުނުމުން ނާދިޔާ އެކަމަށް ސަޕޯޓް ކުރިއެވެ. އަދި މިދެ މިތުރުންގެ އެދުމުގެ މަތިން ނަތާ އެގޮތަށް ކަންތައް ކުރަން ނިންމިއެވެ.

ސަމާޙް އާއި ނަތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިއަދަށް ފަސް ދުވަސް ވީއެވެ. އެއްރެއަކު ނަތާ ސަމާޙް އަށް ގުޅާފައި ބައްދަލުކުރަން އެދުނެވެ. ސަމާޙް ނަތާ އާއި ބައްދަލުކުރިއެވެ. ނަމަވެސް ނަތާ އެރޭ ސަމާޙްއާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޫހި ރާގަކަށެވެ. ސަމާޙްއަށް އެކަން އިހްސާސް ކުރެވުނެވެ. ނަތާ ބުންޏެވެ. މިއަދުން ފެށިގެން އަހަރެން ބޭނުންވަނީ ސަމާޙް އާއި ރުޅިވާށެވެ. ސަބަބެއް ނުބުނެވެ. ސަމާޙް ހައިރާންވިއެވެ. ލޯތްބަކީ ބޭނުންވީމަ ރުޅިވާ އެއްޗެއް ބާވައެވެ. އަދި ބޭނުންވީމަ ރައްޓެހިވާ ކުޅޭ ކުޅޭ އެއްޗެއް ބާވައެވެ. ނަތާ މިގޮތަށް އެތައް ފަހަރެއްގެ މަތިން ސަމާޙް އާއި ރުޅިވެ އެވެ. އަދި ދުވަސް ގަނޑަކަށްފަހު ރައްޓެހިވެއެވެ.

އެހެންކަމުން ސަމާޙްވެސް ނިންމީ އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަށެވެ. މިފަހަރު ސަމާޙް ލޯބީގެ ގޮތުން ގުޅުނީ ސަމާޙްދެކެ ލޯބިވާ ސާރާ އާއެވެ. އެކަމަކުވެސް ސަމާޙް އަކަށް ނަތާ ހިތަކުން ފޮހެއެއް ނުލެވުނެވެ. ސާރާ އާއި ރަށްޓެހިވިނަމަވެސް އެއީ ނަމެކެވެ. ސަމާޙްގެ މަސައްކަތަކީ ކޮންމެ ރެއަކުވެސް ނަތާ ދެކެ އެވެވުނު ލޯބި މަތިން ހަނދާންކޮށް ނަތާއަށް މެސެޖެއް ކޮށްލުމެވެ. ނަތާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައެވެ. މިގޮތުގައި ދުވަސްކޮޅަކު އުޅުމަށްފަހު ސަމާޙް އެނބުރި ރަށަށް ދިޔައެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.