ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ޗެނަލް ރާއްޖެ ޓީވީން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ނިންމާފައިވާ “ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް” ގައި ބައިވެރިވާ ފަންނާނުން ދައްކާލައި، ފަންނާނުންނާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ރާއްޖެ އެމްވީން ބުނާގޮތުން ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ރިއަލެޓީ ޝޯވ “ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް”ގައި ރާއްޖޭގެ މަޝްހޫރު 8 ފިލްމީ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުން މި ޝޯވ ހުށަހަޅައިދޭނީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި މަޝްހޫރު ފިލްމީތަރި އަލީ ސީޒަނެވެ. މި ޝޯވ ހުށަހަޅައިދިނުމުގައި ސީޒަނާއިއެކު ބައިވެރިވާނީ ރާއްޖެ ޓީވީގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރް ސަލީމެވެ.
“ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް” ޝޯވގައި ބައިވެރިވާ ފަންނާނުންނަކީ، މުހައްމަދު މަނިކު، އިސްމާއީލް ޖުމައިހް (ޖުމާ)، ސަރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ އިސްމާޢީލް (ޖާދު)، މަރްޔަމް ޝިފާ އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.
ޝޯގައި ބައިވެރިވާ 8 ތަރިންނާއިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޝޯވ ހުށަހަޅައިދޭ އަލީ ސީޒަނާއިއެކު ވެސް ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ރާއްޖެޓީވީގެ ޑެޕިއުޓީސީއޯއޯ ނާޒްމީ ސައީދު ވިދާޅުވީ، “ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް” އަކީ ރާއްޖޭގެ މީޑިއާއަކުން މިހާތަނަށް ގެނަސްދޭނެ އެންމެ ވަރުގަދަ ޝޯވ ކަމަށާއި، މި ޝޯވ އަކީ ކުރިޔަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މީޑިއާއަކުން ގެނަސްދޭނެ އެންމެ ވަރުގަދަ ޝޯވ ކަމާއިމެދު ޝައްކު ނުކުރާ ކަމަށެވެ. މި ޝޯވގައި ބައިވެރިވި ފަންނާނުންނަށް ނާޒްމީ ވަނީ މަރުހަބާ ދަންނަވާފައެވެ.
މި ޝޯވ ހުށަހަޅައިދޭ އަލީ ސީޒަން ބުނީ މި ޝޯވ އަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައި ނެތް ގޮތަކަށް އުފައްދާ ޝޯވ އެއް ކަމަށާއި، މި ޝޯވ ހޯސްޓު ކުރުމަށް ބޭނުންވީ ރާއްޖެ ޓީވީ އާއި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ޝޯވ އަކަށް ވުމުން ކަމަށެވެ. ސީޒަން އިތުރަށް ބުނީ މިއީ ޗެލެންޖިންގ ޝޯވ އެއް ކަމަށާއި، މިއީ ރާއްޖޭގެ ޓީވީ ޗެނަލަކުން އުފައްދާ އެންމެ މަސައްކަތް ބުރަ ޝޯވއަށް ވެގެންދާނެ ކަމަށާއި، މި ޝޯވ އާއި މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި މި ޝޯވ އަކީ މި ރޯދަމަހު ރާއްޖޭގެ ޗެނަލަކުން ދައްކާނެ އެންމެ ވަރުގަދަ ޝޯވ އަށް ވެގެންދާނެ ކަމަށް ޝީޒަން ބުންޏެވެ.
މި ޝޯވގައި ބައިވެރިވާ ފަންނާނުން ބުނީ މިޝޯވ އާއި މެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި، މިއީ އައު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށެވެ. އަދި ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ކާމިޔާބު ކުރުމަށް ކެތް މަދުވެފައިވާ ކަމަށް ފަންނާނުން ވަނީ ބުނެފައެވެ.
ޕްރިސްޓަރ އޮއިލްގެ ހޮސްޓް އަދި ރާއްޖެޓީވީގެ ޕްރޮގްރާމްސް އެންޑް ކޯރޑިނޭޝަން އާމިރް ސަލީމް ވިދާޅުވީ ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް މި ޝޯވ އަކީ ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ރާއްޖެ ޓީވީއިން އެސް ޕްރޮޑަކްޝަންސް އާއި ގުޅިގެން އުފައްދާ ރިއަލިޓީ ޝޯވއެއް ކަމަށާއި، މި ޝޯވގެ ޝޫޓިންގތައް ކުރިޔަށްދާނީ 11 ފަޅު ރަށެއްގައި ކަމަށެވެ. އަދި މި ޝޯވ ކުރިޔަށްދާނީ ސަވައިވަލް ޝޯވއެއްގެ ގޮތުގައި ކަމަށް އާމިރް ވިދާޅުވިއެވެ. އާމިރް އިތުރަށް ވިދާޅުވީ މި ޝޯވ އަކީ މި ކޮންސެޕްޓަށް އުފައްދާ ފުރަތަމަ ޝޯވ ކަމަށާއި އެހެންކަމުން މި ޝޯވ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން އާމިރް ވަނީ ރާއްޖެޓީވީގެ ނަމުގައި މި ޝޯވގެ ސްޕޮންސަރުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.
މި ޝޯވގެ ޓައިޓަލް ސްޕޮންސަރަކީ މެރިން ޕަވަރގެ ޕްރިސްޓޯ އޮއިލްއެވެ. ކޯ ސްޕޮންސަރުންނަކީ އޫރިދޫ މޯލްޑިވްސް، ސީގިޔަރ، ސުޒުކީ މޮޓޯ ސައިކަލް އަދި މިފްކޯގެ ފަސްމީރެވެ. ޕްރިންޓިނގ ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އެސް ޕްރޮޑަކްޝަންއެވެ. ސްޕޮންސަރުންގެ ގޮތުގައި މި ޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ރާއްޖެޓީވީން ބުނެއެވެ.
މަސްދަރު: ރާއްޖެ އެމްވީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!