ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ އަހަރު ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމު “ވަކިން ލޯބިން” ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ. “ވަކިން ލޯބިން” އަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ޢާއިލީ ޑްރާމާ އެކެވެ. 

“ވަކިން ލޯބިން” ވެސް ޑައިރެކްޓް ކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. ދިވެހި ފިލްމު ހޭލާ އިން ފިލްމީ ދާއިރާއަށް ރަނގަޅަށް ހޭލައިގަތް ޢަލީ ޝިފާޢު ޑައިރެކްޓްކޮށްފައިވާ ގިނަ ފިލްމުތަކަކީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމުތަކެކެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އޮން ސްކްރީންގައި ކެމިސްޓްރީ މާބޮޑަށް ގުޅޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޖުމައްޔިލް އަދި މަޖޫ އެވެ. މީގެ ކުރިން މިދެތަރިން އެކުގައި ކުޅުނު ފިލްމު “އެންމެ ފަހު ވިންދާ ޖެހެންދެން” އާއި “ވާށޭ މަށާ އެކީ” އަށް ވަނީ ވަރަށް ބޮޑު ތަރްހީބެއް ލިބި ބެލުންތެރިންނަށް ވަރަށް ކަމުގޮސްފަ އެވެ.

ޑާރކްރެއިން ގެ އުފެއްދުންތަކުގެ އެއްމެ ގުޅޭ ދެތަރިންގެ އިތުރުން މި ފިިލްމުން އިބްރާހިމް އަމާން އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އޮފީސް ޑްރާމާ މުބާރާތުން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޖުލީސާ (ޖުލީ) ވެސް ފެނިގެންދާނެ އެވެ. ކުޑަކުއްޖެއްގެ ރޯލުން ކުރީގެ ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)ގެ ދަރިފުޅު ޝުއާ ޝާނީޒް ފެނިގެންދާނެ އެވެ. 

“ވަކިން ލޯބިން” ޝޫޓިންގ ގެ ެރެއިން ފޮޓޯ: ޑާރކްރެއިން

ފިލްމު “ވަކިން ލޯބިން” ގެ ޝޫޓިންގ ފެށުމުގެ ކުރިން ފިލްމު ގެ ޑައިރެކްޓަރ އަދި ސްކްރީންޕްލޭ ލިޔުނު ޢައިޝަތު ފުއާދު ވަނީ ފިލްމުގެ ތަރިންނާއި އެކު ފިލްމުގެ މަންޒަރުތަކާއި ޑައިލޮގް ތަކުގެ ރިހަރސަލް ތަކެއް ބާއްވާފަ އެވެ.

“ވަކިން ލޯބިން” ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެ ފަހެއްގަ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު އެ ފިލްމު ރިލީޒްކުރަން ކުރިން ނިންމި ނަމަވެސް ފިލްމު އަޅުވާ ތާރީހު ލަސް ކުރީ އޮލިމްޕަހުން އަދި ޝްވެކް ސިނަމާއިން ޖާގަ ނުލިބުމުން ކަމަށް ފިލްމު ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގަރ) ބުނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.