ބަހެއްގެ ލަފުޒުތައް ނުވަތަ ބަސްކޮށާރަކީ އެބަހެއްގެ އަސާސީ އެއް ބަހާއެވެ. ގުޅުވާލެވިފައިވާ ލަފުޒުތަކެއްގެ ޒަރީޢައިން އިންސާނުންގެ ޝުޢޫރުތަކާއި ޚިޔާލުތައް އެކަކު އަނެކަކަށް ހާމަކޮށްދީ އަންގައިދެއެވެ. އެގޮތުން ބަހަށް އަންނަ ބަދަލުތައް އެންމެ ބޮޑަށް ދައްކުވައިދޭ ކަމަކީ ބަހުގެ ތެރެއަށް ދެ ލަފުޒު އެއްކޮށްލައިގެން އިތުރުވަމުންދާ އާ ލަފުޒުތަކެވެ. ނުވަތަ ބަސްބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ބޭނުންކުރާ ގޮތްތަކެވެ. ބަސްކޮށާރަށް ލަފުޒު އިތުރު ކުރެވޭ ގޮތްތަކުގެތެރޭގައި އަލަށް ލަފުޒެއް އުފެއްދުމާއި، އެހެން ބަހަކުން ލަފުޒެއް ގެނައުމުގެ އިތުރަށް އެބަހެއްގައި ކުރިންވެސް ބޭނުންކުރެވޭ ލަފުޒުތަކަށް އެކި ބަދަލު ގެނެސްގެން ދެ ލަފުޒު އެއްކޮށްލައިގެން އާލަފުޒު އުފެއްދުން ހިމެނެއެވެ.

އެހެންކަމުން މި ދިރާސާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ، ކޮމްޕައުންޑިންގ ނުވަތަ އެކުވިބަހަކީ ކޮބައިކަމާއި، އެކުވިބަހުގެ ވައްތަރުތަކަށެވެ. އަދި ދިވެހި ބަހުގެ ރަދީފުން ކޮމްޕައުންޑް ކޮށްގެން އުފެދިފައިވާ ބައެއް ލަފުޒުތަކަށެވެ.

ކޮމްޕައުންޑް ނުވަތަ އެކުވިބަސް

ކޮމްޕައުންޑް ނުވަތަ އެކުވިބަހަކީ ބަހެއްގައި ކުރިންވެސް އޮންނަ ދެ ލަފުޒު އެއްކޮށްލައިގެން އާ ލަފުޒު އުފެއްދުންކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވާއިރު، ފަތުޙުﷲ އަޙްމަދު ރަޝީދު (2011) ހާމަކުރައްވަނީ ލަފުޒުތައް އެކި ހަމަތަކުގެ މަތިން އުފެއްދުމަކީ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ކުރެވިދާނެ ކަމެއްކަމަށެވެ. މިސާލަކަށް: ”ހުވަނދުމާ” މިލަފުޒަކީ ހުވަނދު (ނަންއިތުރު) އަދި މާ (ނަން) ގުޅުވައިގެން އުފައްދާފައިވާ ލަފުޒެކެވެ. ”Notebook” މިއީ އިނގިރޭސި ބަހުގެ މިސާލެކެވެ. މީގެއިތުރުން އެކުވި ބަހަކީ ދޭއް ނުވަތަ އެއަށްވުރެ ގިނަ ލެކްސީމް އެކުލެވޭ ”ކޯނި” complex ލަފުޒެއްކަމަށް ސޮންޔާ ފްރިޓްޒް (2001) ބަޔާންކުރައްވާފައިވާއިރު، އެކަމަށް ބާރުދެއްވައި ޙުސައިން ރަޝީދު އަޙުމަދު (1999) ހާމަކުރައްވާފައިވާގޮތުގައި އެކުވިބަހަކީ ވަކިވަކި ދެކަލިމައިން ހެދިފައިވާ އެއް ކަލިމައެކެވެ. މިސާލަކަށް، ”ކަރުވަޅު، ހަރުގަނޑުު، ބޮޑުުބޮލި” ފަދަ ލަފުޒުތަކެވެ. މިއާއި ޚިލާފަށް އެކަނި އެއްބަހުން އޮންނަ ކޮންމެ ބަހަކީ އެކަހެރި ބަހެއްކަމަށާއި އެއީ، އެބަހަކީ ނަމެއް ކަމުގައި ވިޔަސް ނުވަތަ ކަމެއް ކަމުގައި ވިޔަސް ނުވަތަ އަކުރެއް ކަމުގައި ވިޔަސް  އެއީ ހަމަ އެކަހެރި ބަހެއްކަމަށް ޙުސައިން ރަޝީދު އަޙުމަދު (1999) ހާމަކުރައްވައެވެ. މިސާލަކަށް، ކަލޭ، ނަމަ، ދޭ، މިފަދަ ބަސްތަކެވެ. މިގޮތުން ތިރީގައިމިވާ ތާވަލްގައިވާ ބަސްތަކަށް ބަލާށެވެ.

ތާވަލް:1 އެކުވިބަސް

ތާވަލް 1 ގައިވާ ލަފުޒުތަކަކީ ކުރިންވެސް ދިވެހިބަހުގައި އޮންނަ ދެ ލަފުޒު ގުޅުވައިގެން ނުވަތަ ކޮމްޕައުންޑް ކޮށްގެން އުފައްދާފައިވާ ލަފުޒުތަކެވެ. މިގޮތަށް ލަފުޒު އުފައްދާއިރު ތަފާތު އުޞޫލުތަކެއް ބޭނުންކުރެވިދާނެކަމަށް ފަތުޙުﷲ ރަޝީދު (2011) ހާމަކުރައްވައެވެ. ތާވަލް 1 ގައިވާ ”ގަނޑުފެން” މި ލަފުޒަކީ އެ އުޞޫލުތަކުގެ ތެރެއިން ނަންއިތުރު (ގަނޑު) އާއި ނަމެއް (ފެން) އެއްކޮށްގެން އުފައްދާފައިވާ ލަފުޒެކެވެ. އެގޮތުން ”ގަނޑު” އަދި ”ފެން” މިއީ ކުރިންވެސް ދިވެހިބަހުގައި އޮތް ދެލަފުޒުކަމަށް ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު (2011) ހާމަކުރައްވާފައިވެއެވެ.  ހަމައެހެންމެ ތާވަލް 1 ގައިވާ ”ކޯމަސް” މި ލަފުޒަކީ ނަމެއް (ކޯ) އާއި ނަމެއް (މަސް) އެއްކޮށްގެން އުފައްދާފައިވާ ލަފުޒެކެވެ. މި ލަފުޒަކީވެސް ކުރިން ދިވެހިބަހުގައި އޮތް ދެލަފުޒުކަމަށް ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު (2011) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން މި ދެލަފުޒު އުފައްދާފައިވަނީ ކޮމްޕައުންޑް ކޮށްގެންކަން އެނގެއެވެ.

އެކުވިބަސް އުފެއްދުމުގެ ވަކިވަކި އުސޫލުތަކުގެ އުފެއްދުންތެރިކަން ތަފާތުވާއިރު، އިނގިރޭސިބަހުގައި ނަމާއި ނަން ގުޅިގެން އެކުވިބަސް އެކުލަވާލުމުގެ އުސޫލު ވަރަށް އުފެއްދުންތެރިކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހާމަކުރައްވައެވެ. މިއާ ޚިލާފަށް ކަމާއި ނަން ގުޅުވައިގެން އެކުވިބަސް އުފެއްދުމާއި، ނަމާއި ކަމުގެ އެކުވިބަސް އުފެއްދުމުގެ އުސޫލުތައް އެހާ އުފެއްދުންތެރިއެއް ނޫންކަމަށްވެސް އެ ބޭފުޅުން ހާމަކުރައްވައެވެ.  ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ ބަސްބަހުގައި މިހެން ބުނެވެއެވެ. ސަބަބަކީ މިފަދަ އެކުވި ބަހުގެ ތެރެއަށް ކަންކުރެވޭ ވައްދަނީ އެވެ. މި އުސޫލުން އެކުވިބަސް އުފެއްދުމަށް ކިޔަނީ ”ނަން ހިމެނުން” noun incorporation ކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހާމަކުރައްވައެވެ. މިގޮތުން ދިވެހި ބަހުގައި ‘ބޯދޮވުން، ނަމާދުކުރުން، ރޯދަ ހިފުން، ޒަކާތް ދިނުން، ޝަހާދަތް ކިޔުން’ މިއީ ހައްތާވެސް ނަން ހިމަނާފައި ހުރި އެކުވިބަސް ކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވާއިރު، ޙުސައިން ރަޝީދު އަޙުމަދު (1999) ހާމަކުރައްވަނީ މިފަދަ އެކުވިކަމަށް ކިޔަނީ ކަނޑައެޅޭ މަސްދަރުކަމަށެވެ.

މީގެއިތުރުން އެކުވިބަހެއްގައި މަދުވެގެން 2 ލެކްސީމް ހިމެނޭއިރު، މި 2 ލެކްސީމްވެސް އޮންނަނީ އޭގެ ތަނޑު ފޯމަށް ކަމަށާއި ފިރާލެވިފައިވާ ފޯމަކަށް ނޫންކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) އާއި ހަވާލާދެއްވައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ. މިގޮތުން އިނގިރޭސި ބަހުގައި ‘’Drawing’’ އެއީ އެކުވި ބަހަކަށްވާއިރު، އޭގެ އެއް ލެކްސީމް ކަމަށްވާ ”Draw” އުފެއްދުމަށްފަހު، މި ”Wing” ގުޅުވައިގެން  ”Drowwing” އެއް ނުކިޔައެވެ. ނަމަވެސް މި އުސޫލެއް މުޅިއަކުން ނުހިނގައެވެ. ދިވެހިބަހުގައި ލަފުޒުގެ ތަނޑުގެ ބަދަލުގައި ލަފުޒުގެ ނޮމިނެޓިވް ނުވަތަ ނަންކުރާ ކޭސް ބޭނުންކޮށްގެން އެކުވިބަސް ހެދެއެވެ. މިސާލަކަށް، ”ގަސްވަކަރު މި މަހުގެ ތަނޑަކީ ”ގަހް” އެވެ.  ” ރުއްބުރި” މި ބަހުގެ ތަނޑަކީ ”ރުކް” އެވެ.  އެހެނީ މިފަދަ ބަސްބަހުގައި ތަނޑަށް ތަބާވާނަމަ އޮންނާނީ ގަހުވަކަރު، ”ރުކުބުރިި” މި ފަދައިންނެވެ.

އެކުވިބަހުގައި ހިމެނޭ ދެ ލެކްސީމް ހިމެނޭ ފަދައިން ދިވެހި ބަހުގައި ”އާ” މިއަކުރު އެކުވިބަހުގެ ދެބައި ގުޅުވުމަށް ބައެއް ޙާލަތްތަކުގައި ބޭނުންކުރާކަމަށް ޢަޒީޒާ އަފީފް (2014) ވިދާޅުވެފައިވާއިރު، ޙުސައިން ރަޝީދު އަޙުމަދު (1999) ވިދާޅުވާގޮތުގައި ”އާއި” އަކީ ބައިވެރިކުރާއަށް ބޭނުންކުރެވޭ އަކުރެއް ކަމަށެވެ. މިސާލަކަށް، މުޙައްމަދާ އިނުން ” މިއީ އެކުވިކަމެކެވެ. ނަމަކީ ”މުޙައްމަދު” އެވެ. ކަމަކީ ”އިނުން” އެވެ.  މި ދެ ލަފުޒު ގުޅުވާލާފައި މިވަނީ ”އާ” މިއަކުރު  ދެލަފުޒުގެ މެދުން ގުޅުވައިގެންނެވެ.

ޢާއްމުގޮތެއްގައި އެކުވިބަހެއްގައި އޮންނަ ފުރަތަމަ ލަފްޒަކީ ދެވަނައަށް އޮތް ލަފްޒަށް ބަރޯސާވާ އެއްޗެކެވެ. އެކުވިބަހެއްގެ ދެވަނަ ލަފުޒަށް ކިޔަނީ semantic head ނުވަތަ މައިގަނޑުކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހާމަކުރައްވައެވެ. އެހެންކަމުން އެކުވިބަހެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ލަފުޒަކީ ދެވަނަ ލަފުޒުކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ.

އެކުވިބަހުގެ ވައްތަރުތައް

އެކުވިބަހުގެ ވައްތަރުތަކަށް ބަލާއިރު 4 ވައްތަރެއްގެ އެކުވިބަސް ފާހަގަކުރެވެއެވެ. އޭގެތެރޭގައި، އެންޑޯސެންޓްރިކް އެކުވިބަސް، އެކްސޯސެންޓްރިކް އެކުވިބަސް، ކޯޑިނޭޓވިވް އެކުވިބަސް، އެޕޮޒިޝަނަލް އެކުވިބަސް، ހިމެނެއެވެ.

  • އެންޑޯސެންޓްރިކް އެކުވިބަސް

އެންޑޯސެންޓްރިކް އެކުވިބަހަކީ މައިގަނޑު މާނަ އެތެރޭގައި އޮންނަ ބަހެވެ. މިކަމަށް ބާރުދެއްވައި މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހާމަކުރައްވަނީ، އެންޑޯސެންޓްރިކް އެކުވިބަހަކީ އެކުވިބަހުގައި އެކުލެވޭ 2 ލަފުޒުގެ ތެރޭގައި މުޅި ލަފުޒުގެ މާނަ އޮންނަ އެކުވިބަސް ކަމަށެވެ. މި މިގޮތުން ތިރީގައިމިވާ ތާވަލް 2 ގައިވާ މިސާލުތަކަށް ބަލާށެވެ.

ތާވަލް 2: އެންޑޯސެންޓްރިކް އެކުވިބަސް

ތާވަލް 2 ގައިވާ ބަސްތަކަށްބަލާއިރު ” ވައިހޮޅި” މި ބަހަކީ  ނަމެއް (ވައި) އާއި ނަމެއް (ހޮޅި) އެކުވެގެން އުފައްދާފައިވާ ”ވައިހޮޅި” މި ލަފުޒު ވަކިން އޮންނައިރު ”ވައި” އަދި ”ހޮޅި” މިއީ މުޅިން ތަފާތު ދެ މާނައެއް އެކުލެވޭ ދެބަހެވެ. ނަމަވެސް  މިދެލަފުޒު ގުޅިގެން އުފެދޭ ”ވައިހޮޅި” މިލަފުޒު އެކުވުމުން މުޅި ލަފުޒުން މާނައެއް ދޭހަވެއެވެ. ދޭހަވާ މާނަ އޮންނަނީ މައިގަނޑުގެ އެތެރޭގައެވެ. އަދި މިހެން އޮތުމުން މިއީ ވައިވައްދާ ނެރޭގޮތަށް ހަދާފައި ހުންނަ ހޮޅި އެއްކަން އެނގެއެވެ. ހަމަ މިގޮތަށް ތާވަލް 2 ގައިވާ” ހުނިގޮނޑި” މިބަހަކީ ނަމެއް (ހުނިި) އަދި ނަމެއް (ގޮނޑި) އެކުވެގެން އުފެދިފައިވާ ލަފުޒެކެވެ. މި ދެލަފުޒު ވަކިން އޮންނައިރު ދެ ލަފުޒުގެ މާނަ ތަފާތު ވި ނަމަވެސް ދެލަފުޒު އެއްކުރުމުން ” ހުނިގޮނޑި” މި ލަފުޒުން ކާށި ހުނި ގޭނުމަށް ބޭނުންކުރާ ގޮނޑިއެއްކަން ހާމަވެއެވެ. ހަމަ މިއާއެކު ”ހަރުގަނޑު” މިއީވެސް އޭގެ ޒާތުގައި މައިގަނޑުގެ ތެރޭގައި މާނަ އޮންނަ ބަހެކެވެ. މިސާލަކަށް، ”ހަރު” އެއީ ތަންތަނަށް އަރަން ބަންނަ އެއްޗެކެވެ. ‘ގަނޑު” އެއީ ގަނޑުގަނޑަށް އޮންނަ އެއްޗެއްކަން އެނގެއެވެ. އަދި މި ދެބަސް އެކުވުމުން މައިގަނޑުގެ ތެރެއިން މާނައެއް ދޭހަވެއެވެ.

  • އެކްސޯސެންޓްރިކް އެކުވިބަސް ނުވަތަ ވީގިނަބަސް

އެކްސޯސެންޓްރިކް އެކުވިބަސް ނުވަތަ ވީގިނަބަހަކީ މައިގަނޑުން ބޭރުގައި މާނަ އޮންނަ ބަސްބަހެވެ. މީގެތެރޭގައި މަޖާޒީބަހާއި ނަންއިތުރު އެކުލެވިގެންވެއެވެ. މިކަމަށް ބާރުދެއްވައި ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) އާއި ހަވާލާދެއްވައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވަނީ، ވީގިނަބަހުގައި ދޭހަވާ މާނަ ނޭގެނީ އެކުވިބަހުގެ ބޭރުންކަމަށެވެ. މިފަދަ އެކުވިބަހަށް ކިޔާ އަނެއް ނަމަކީ ”ބަހުވްރީހި” އެކުވި ބަހެވެ. މިއީ ސާންސްކްރިތް ބަހުން ”(ހަނޑުލު) ވީ ގިނަ” ކަމުގައިވާއިރު، މިއެކުވި ބަހުގެ މާނައަކީ ވީ ގިނަވުމެއް ނޫންކަމަށްވެސް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެއެވެ. ސަބަބަކީ، މިތަނުގައި މި ދައްކަނީ ވީ ގިނަ މީހެއް ނުވަތަ މުއްސަނދި މީހެއްގެ ވާހަކައަަށްވުމެވެ. މިގޮތުން ތިރީގައިވާ ތާވަލް 3 ގައިވާ މިސާލުތަކަށް ބަލާށެވެ.

ތާވަލް 3:  ވީގިނަބަސް

މަތީގައިވާ ތާވަލް 3 ގައިވާ ” ބާރުދެރަ” އޭ ބުނުމުން އެ ބަޔާންކުރެވެނީ މީހެއްގެ ގައިބާރު ދެރަވާކަހައެއް ނޫނެވެ. ހަކަތަ މަދުވުމުން މީހެއްގެ ވަރުދެރަވާ ވާހަކައެވެ. އެހެންކަމުން މިހާލަތުގައިވެސް މި އެކުވިބަހުގެ މައިގަނޑު މިއޮތީ ލަފުޒުގެ ބޭރުގައެވެ. އެހެނީ ”ބާރު ، ދެރަ ” މި ދެލަފުޒަކީ ނަންއިތުރުގެ ގޮތުގައިވެސް ބޭނުންކުރެވޭ ދެލަފުޒަކަށްވެފައި މިދެލަފުޒު އެއްކޮށްގެން ހެދިފައިވާ ” ބާރުދެރަ” މިބަހަކީ ނަންއިތުރަށް ބޭނުންކުރެވޭ އެކުވިބަސް ކަމުގައި ބުނެވިދާނެކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ.

ދިވެހިބަހުގައި ހިމެނޭ ”ވީގިނަ” އެކުވިބަހަށް ބަލާއިރު ” ގަދަ، މަޑު” މިފަދަ ނަންއިތުރު ފުނައެއްގެ ގޮތުގައި ބޭނުންކޮށްގެން، ނަމުން އެކުވިނަންއިތުރު ދިވެހި ބަހުގައި އުފައްދާކަމަށް ސޮންޔާ ފްރިޓްޒް (2001) ހާމަކުރައްވާފައިވެއެވެ. މިގޮތުން ތާވަލް 3 ގައިވާ ”ގަދައޮނު” މި ބަހަކީ ނަންއިތުރެއް (ގަދަ) އަދި ނަމެއް (އޮނު) އެކުވެގެން އުފެދިފައިވާ ނަމެވެ. ”ގަދަ” އޮނޭ ބުނުމުން މާނައަކީ އޮނުގެ ގަދަ ކަމެއް ނޫނެވެ. މި ލަފުޒުން މި އަންގައިދެނީ ފަލަމަސް ގަންނުވަން ބޭނުންކުރާ ދޮށީގެ ވާހަކައެވެ. ވީމާ، މި ހާލަތުގައި މި އެކުވިބަހުގެ މައިގަނޑު މާނަ މިއޮތީ ލަފުޒުން ބޭރުގައެވެ. ހަމައެންމެ  ”ގަދައޮނު” މި ބަހުގައިވާ ނަންއިތުރު (ގަދަ) މި އޮތީ ފުނައެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. އެހެނީ ނަންއިތުރަކުން ނަމެއް ފަޅުވަން ފުނަ ބޭނުންކުރެވެއެވެ. މިގޮތުން ”ގަދަ” މި ލަފުޒު މިއޮތީ އެއްޗެއްގެ ގަދަކަން ބޭނުންކޮށްފައެވެ. އެއީ ”އޮނު” މިލަފުޒުގެ ކުރިއަށް ”ގަދަ” މި ނަންއިތުރު އައުމުން ”އޮނު” ގެ ގަދަކަން އެބަ ދޭހަވެއެވެ.  މީގެއިތުރުން ” ބާއަޑު، ގޮށްރީދޫ، ބޯހަރުު” މި އީ މަޖާޒީ ބަހަކާއި ނަންއިތުރެއް އެކުވެގެން އުފެދިފައިވާ އެކުވިބަސްބަހެވެ. ”ބާ، ގޮށް، ބޯ” މިއީ ތިން ނަންއިތުރެވެ. ” އަޑު، ރީދޫ، ހަރު” މިއީ ނަންއިތުރަކާއި އެކުވުމުން މަޖާޒީގޮތުން ބޭނުންކުރެވިދާނެ ބަސްބަހެވެ. އެހެނީ، ”ގޮށްރީދޫ” އޭ ބުނުމުން ގަމީހުގެ ގޮށް ރީދޫ ވާހަކަ ނުވަތަ ރީދޫ ގޮށެއްގެ މާނަވެސް ދޭހަވެއެވެ. ހަމައެހެންމެ ”ގޮށްރީދޫ ގަމީސް”  މިހެން ބުނުމުން ދޭހަވަނީ ގަމީހުގެ ކުލައަކީ ގޮށްރީދޫ ކުލަ ކަމެވެ. މިނޫން ގޮތަކަށްވެސް މި ‘ގޮށްރީދޫ” ބޭނުންކުރެވިދާނެއެވެ. މިސާލަކަށް، ކައްކާ އެއްޗަކާއި އެއްފަދަ ކުރުމުގެ މާނައިގައިވެސް މި ގޮށްރީދޫ ބޭނުންކުރެވެއެވެ. ހަމައެހެންމެ ”ބޯހަރު، ބާއަޑު” މިފަދަ ލަފުޒުތަކަކީވެސް ދޭހަވާ މާނަ މައިގަނޑުން ބޭރުގައިވާ ބަސްބަހެވެ. މިސާލަކަށް، ”ބޯހަރަށް ލާށެވެ، އެއީ ބޯހަރު މީހެއް” ފަދަ ތަފާތު މާނަތަކުގައިވެސް ބޭނުންކުރެވެއެވެ. އެހެންކަމުން، މި ގޮތަށް އުފެދިފައިވާ އެކުވިބަސްތަކަކީވެސް އެބަސްތަކުގެ މާނަ މައިގަނޑުން ބޭރުގައިވާ ބަސްބަހެވެ.

  • ކޯޑިނޭޓިވް އެކުވިބަސް ނުވަތަ ބައިވެރިބަސް

ކޯޑިނޭޓިވް އެކުވިބަސް ނުވަތަ ބައިވެރިބަހަކީ އެކުވިބަހުގައި ހިމެނޭ 2 ލަފުޒުވެސް އެއީ ”މައިގަނޑު” ކަމުގައި ބެލެވޭ އެކުވި ބަސްކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) އާއި ހަވާލާދެއްވައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ. މީގެއިތުރުން ކޯޑިނޭޓިވް އެކުވިބަހުގެތެރޭގައި ދިވެހިބަހުގައި ހިމެނޭ އިދިބަސްް، ހަމަބަސް އަދި ޖަމާބަސް ވެސް ހިމެނެއެވެ. މިގޮތުން ތިރީގައިވާ ތާވަލް 4 ގައިވާ މިސާލުތަކަށް ބަލާށެވެ.

ތާވަލް 4:  ބައިވެރިބަސް

މަތީގައިވާ ތާވަލް 4 ގައިވާ ” މަސްކާށި ” މި އެކުވިބަހުގައި ” މަސް” އަދި ”ކާށި” މި ދެލަފުޒުވެސް ހަމަ އެއްވަރަކަށް މުހިންމުވެއެވެ. އެހެނީ މިދެ ދެ ލަފުޒުގައިވެސް މައިގަނޑު މާނައެއް ވެއެވެ. އަދި ދެ ލަފުޒު އެކުވުމުންވެސް މި އެކުވި ބަހުގައި މައިގަނޑު ދެ މާނައެއް އޮތްކަމަށް ބެލެެވެއެވެ. ހަމަ މިގޮތަށް ” އާދަކާދަ” މި އެކުވި ބަހުގައި ” އާދަ” އަދި ކާދަ” މި ދެ ލަފުޒުގައިވެސް މައިގަނޑު ދެ މާނައެއް އޮންނަ ފަދައިން މި ދެ ލަފުޒު އެކުވުމުން އުފެދޭ ”އާދަކާދަ” މި އެކުވި ލަފުޒުގައިވެސް މައިގަނޑު ދެ މާނައެއް އެކުލެވިގެން ވުމުން މިއީ ބައިވެރިބަސް ކަމުގައި ބެލެވެއެވެ. މީގެއިތުރުން ތާވަލް 4 ގައިވާ އެކުވިބަސް ކަމުގައިވާ ” ރޭދުވާ” މި ބަސް އެކުލެވިފައިވަނީ ”ރޭ” ، ދުވާ” މި ލެފަޒުގެ އެކުވެގެންނެވެ. ” ރޭ” މިއީ ރޭގަނޑެވެ. ” ދުވާ” މިއީ ދުވާލެވެ. އެހެންކަމުން މި ދެލަފުގައިވެސް މައިގަނޑު މާނައެއް ވެއެވެ. މިގޮތުން މިފަދަ އެކުވިބަހަށް ކިޔާ ސަންސްކރިތު ނަމަކީ ”Dvadva” ދުވަންދުވަ” އެކުވިބަސްކަމަށާއި، އަދި މިކަމުގެ މިސާލެއްގެ ގޮތުން މަހާނަގަލަކުން ނަގާފައިވާ ” ކައުކަނބަލު” ވެސް މިއީ ހަމަ އެކުވިބަސް ކަމުގައި ސޮންޔާ ފްރިޓްޒް (2001) ހާމަކުރައްވައެވެ.

  • އެޕޮޒިޝަނަލް އެކުވިބަސް ނުވަތަ ހުތްފޮނިބަސް

އެޕޮޒިޝަނަލް އެކުވިބަސް ނުވަތަ ހުތްފޮނި ބަހަކީ އެއްދަނޑިވަޅެއްގައި ގިނަގުނަ ކަންތައްތަކެއް މެދުވެރިވާ އެކުވިބަހެއްކަމަށް  މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ވިދާޅުވެފައިވެއެވެ. އަދި  އެއީ ދެ ރަހައެއް އެއް ދަނޑިވަޅެއްގައި ދިނުންކަމަށްވެސް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހަވާލާދެއްވައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ. މިގޮތުން ތިރީގައިމިވާ ތާވަލް 5 ގައިވާ މިސާލުތަކަށް ބަލާށެވެ.  މިސާލަކަށް، ” ހުތްފޮނި” ހުތްރަހަޔާއި ފޮނިރަހަ އެއްދަނޑިވަޅެއްގައި މިގޮތަށް ދިނުމެވެ.

ތާވަލް 5:  ހުތްފޮނިބަސް

މާތީގައިވާ ތާވަލް 5 ގައި އެވަނީ ދެ ރަހައެއް އެއް ދަނޑިވަޅެއްގައި ހިމެނޭ ބަސްތަކެވެ. މިގޮތުން ތާވަލް 5 ގައިވާ ފުރަތަމަ އެކުވިބަހަކީ ”ތެޔޮފެން” އެވެ. މި ބަހުގައި ”ތެޔޮ”، ”ފެން” މި ދެ ލަފުޒުގައި މައިގަނޑު ދެ ރަހައެއް އެއްވަރަކަށް ހިއްސާކުރެއެވެ. ” ތެޔޮ” މި ލަފުޒުން ހިއްސާކުރަނީ ބައެއްޒާތުގެ އޮށްއޮށާއި މަސްމަހުގެހަމާއި، ސަރުބީއާއި މޭގަނޑުން ހޭނޭ ފެނަށްވުރެ އޮލަ ދިޔާ އެއްޗަކަށެވެ. ނުވަތަ ބިމުގެ އަޑިން ނެގޭ އޮލަ މާއްދާ އަކަށެވެ.  ”ފެން” މި ލަފުޒުން ދޭހަވަނީ އޮކްސިޖަނާއި، ހައިޑްރޯޖަން އެކުލެވިގެން އުފެދިފައިވާ އެއްޗެއްކަމާއި، އަދި މިއީ ފިނިވީމާ ގަނޑުވާ، ހޫނުވީމާ، އާތްވަށްވެގެން އަރާ ކުލައެއް ވަހެއް ނެތް ދިޔާ އެއްޗެއްކަމެވެ.  އެހެންކަމުން މިއީ  ތަފާތު ދެ ރަހައެއް އެކުލެވޭ ދެ އެއްޗަކަށް ބެލެވިދާނެއެވެ. އެހެނީ ” ތެޔޮފެން” މި ބަހަކީ ހުތްފޮނި ބަހެއްކަމުގައި ބެލެވެއެވެ. ހަމަ މިގޮތަށް ” ރަންރިހި” މި އެކުވިބަހުގައި ” ރަން ، ”ރިހި” މި ދެލަފުޒުގައިވެސް މިވަނީ މައިގަނޑު ތަފާތު ދެ ރަހައެވެ. އެއީ ރަން ކުލަ އާއި ރިހި ކުލައިގެ އަސަރެވެ. އެހެންކަމުން އިސްވެ ދެންނެވުނު ފަދައިން މި ބަހަކީވެސް ހުތްފޮނި ކަމެއް އެކުލެވޭ ބަހެއްކަމަށް ބެލެވިދާނެއެވެ. ހަމަ މިގޮތަށް ”ލޮނުފެން” މިބަހުގައިވާ ” ލޮނު” އަދި ”ފެން” މިދެ ލަފުޒަކީވެސް ތަފާތު ދެ ރަހައެއް އެކުލެވޭ ލަފުޒެކެވެ. އެހެނީ ލޮނާއި ފެން އެއީ މުޅިން ތަފާތު ދޭއްޗެކެވެ. ތަފާތު ދެ ރަހައެކެވެ. ވީމާ، މިފަދަ ބަސްބަހަކީ އެއްދަނޑިވަޅެއްގައި ދެ ރަހައެއް އެކުވެގެން އުފެދިފައިވާ އަދި ދެ ލަފުޒުވެސް އެއްވަރަކަށް ހިއްސާކުރާ ހުތްފޮނި ބަސްތަކެވެ.

އެކުވިބަހުގައި ހިމެނޭ ނަމުގެ ވައްތަރާއި ކަމުގެ ވައްތަރު

އިސްވެދެންނެވުނު އެކުވިބަހުގެ 4 ވައްތަރުގެ އިތުރުން އެކުވިބަހުގައި ނަމުގެ ވައްތަރާއި ކަމުގެ ވައްތަރުތައް ހިމެނެއެވެ. މިގޮތުން ތިރީގައިވާ ތާވަލް 6 ގައިވާ މިސާލުތަކަށް ބަލާށެވެ.

ތާވަލް 6: ނަމާއި ކަން އެކުލެވިގެންވާ އެކުވިބަސް

މަތީގައިވާ ތާވަލް 6 ގައިވާ ނަމުގެ އެކުވިބަހުގެ މިސާލުތަކަށް ބަލާއިރު، ނަމުގެ އެކުވިބަހުގެ ދެވައްތަރެއްވާކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެއެވެ. މިސާލަކަށް، ތާވަލް 6 ގައިވާ ”މަސްގޮނޑި” މި އެކުވިބަހުގައިވާ ފުރަތަމަ ލަފުޒު ”މަސް” އެއީ ނަމަކަށް އިތުރު ސިފައެއް ގެނެސްދިނުމަށް ބޭނުންކޮށްފައިވާ ލަފުޒެކެވެ.  އެހެނީ ”މަސް” ނިސްބަތްކޮށްފައި އެވަނީ ”ގޮނޑި” އަށެވެ. އެއީ ”ގޮނޑި” މިނަމަށް އިތުރު ސިފައެއް ގެނަސްދިނުމަށެވެ. ހަމަ މިގޮތަށް ދެވަނަ މިސާލުގައި ” ވަދުފޮށި” މިއީވެސް ދެނަން ގުޅިގެން އުފެދިފައިވާ އެކުވި ބަހެކެވެ. ” ވަދު” މިއީ ” ފޮށި” މި ލަފުޒަށް ނިސްބަތްކޮށްފައިވާ ނަމެކެވެ. އެހެންނަމަވެސް ” މަސްގޮނޑި” ، ވަދުފޮށި” މި ދެ އެކުވިބަސް އުފެދިފައި މިވަނީ ދެ ނަން އެކުވެގެންކަން ފާހަގަކުރެވެއެވެ.

ނަމުގެ ދެވަނަ ވައްތަރަކީ ނަމުގެ ކުރިއަށް ކަމެއް ގުޅިގެން އުފެދިފައިވާ ނަމެވެ. މިގޮތުން ތާވަލް 2 ގައިވާ ”ދޮންނަގެ” މި އެކުވިބަހުގައިވާ ”ދޮންނަ” މިއީ ކަމެކެވެ. މި ކަން ނިސްބަތްވަނީ ”ގެ” އަށެވެ. ”ގެ” މިއީ އެކުވިނަމެކެވެ. ނަމަވެސް ”ގެ” މިއީ ކޮންކަމެއްކުރާ ގެއެއްކަން އެނގެނީ ”ގެ” ގެ ކުރިއަށް ނިސްބަތުގެ ކަމެއް އެކުވުމުންނެވެ. އެހެންކަމުން މިއީ ކަމެއް އެކުވެގެން އުފައްދާ ފައިވާ އެކުވި ނަމެކެވެ.  

މީގެއިތުރުން ސޮންޔާ ފްރިޓްޒް (2001) ހާމަކުރައްވާފައިވާގޮތުގައި ޢަރަބި ބަހުން ދިވެހި ބަހަށް ގެނެވިފައިވާ ނަންނަމުގެ ފަހަތަށާއި އޮރިޖިން ނޭނގޭ ލަފުޒުތަކުގެ ފަހަތަށް ” ވެރި” މި މޯފީމް ބޭނުންކޮށްގެން ނަންއިތުރު  އުފައްދާކަމަށެވެ. ހަމަ އެހެންމެ ތެރި ގުޅެނީ ވަަރަށް މަދު މޯފީމެއްގެ ފަހަތަށް ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. އަދި އަބްދުﷲ ޞާދިޤު (1993) ވިދާޅުވަނީ އާއްމުކޮށް ”ތެރި ގުޅެނީ ސުކުނަށް ނިމިފައި ހުންނަ ނަންނަމުގެ ފަހަތަށް ކަމަށާއި، އެނޫން ނަންނަމުގެ ފަހަތަށް ގުޅެނީ ” ވެރި” ކަމަށެވެ. އެހެންކަމުން ތިރީގައިމިވާ ތާވަލުން ”ތެރި” އާއި ”ވެރި” ގުޅިގެން އުފެދިފައިވާ ގޮތްތަކަށް ބަލައިލާނަމެވެ.

ތާވަލް 7: ”ވެރި” ތެރި އެކުލެވޭ އެކުވިބަސް

މަތީގައިވާ ތާވަލް 7 ގައިވާ ލަފުޒުތަކަށް ބަލާއިރު، އާއްމުކޮށް ”ތެރި” ގުޅިގެން އުފެދިފައިވާ އެކުވިބަހުގައި ‘ތެރި” ގުޅެނީ ސުކުނުގެ ފަހަތަށޭ ، އެނޫން ތަންތަނަށް ގުޅެނީ ”ވެރި” ކަމަށް ޢަބްދުﷲ ޞާދިޤު (1993) ވިދާޅުވެފައި ވީނަމަވެސް ”ވެރި” ގުޅިފައިވާ ލަފުޒުތަކުގެ ތެރޭގައި ސުކުނަށް ނިމޭ ”ކުށް، ވެރި” ފަދަ ލަފުތަށް ހިމެނެއެވެ. މިގޮތުން ބަލާއިރު’، ”ކުށް” އަމުރު” މިއީ ނަމެކެވެ. ”ވެރި” މިއީ ފުނަ އެކެވެ. ނަމަވެސް ”ޙީލަތްތެރި، ބޭވަފާތެރި” މި ދެ އެކުވިބަހުގައި ”ޙީލަތް، ވަފާ” މިއީ ދެ ނަމެވެ. އެހެންނަމަވެސް ” ތެރި” މިއީ ފުނައެވެ. އަދި ”ވަފާ” މި ލަފުޒުގެ ކުރިއަށް ނަފީގެ ”ބޭ” މިވަނީ އިތުރު ކުރެވިފައެވެ. އެހެނީ ޙުސައިން ރަޝީދު އަޙްމަދު (1999) ވިދާޅުވެފައިވާ ނަފީގެ އަކުރުތަކުގެ ތެރޭގައި ”ބޭ” މިއަކުރުވެސް ހިމެނެއެވެ. އެހެންކަމުން މިއީވެސް ނަފީގެ އަކުރެކެވެ. ނަމަވެސް ”ބޭ” މިއީ ނަންއިތުރަކަށްވެސް ބެލެވޭކަމަށް ޢަޒީޒާ އަފީފް (2014) ހާމަކުރައްވައެވެ.  ހަމައެހެންމެ ”ވަފާ” މިއީ ނަންއިތުރަކުން އުފެދިފައިވާ ނަންއިތުރުގެ ބައުންޑް ރޫޓެވެ. ”ވެރި” މިއީ މި ބަހުގެ ފުނަ އެވެ. އެހެންނަމަވެސް ފުނައަށް ނިމިފައި ހުންނަ އެއްވެސް ބަހެއްގެ ކުރިއަށް ނަފީގެ އަކުރެއް ނުގެނެވޭކަން މި މިސާލަށް ބަލާލުމުންވެސް އެނގެއެވެ.  ވީމާ، މިއިން ދޭހަވަނީ ނަންއިތުރަކާއި ނަންއިތުރެއްގެ ފަހަތަށް ނުވަތަ ނަންއިތުރެއްގެ ފަހަތަށް ފުނައެއް މަހާލައިގެންވެސް އެކުވި އާލަފުޒުތައް އުފެދިފައި ހުރިކަމެވެ.

އެކުވިނަމުގެ ވާހަކަދައްކާއިރު، ދިވެހިބަހުގައި އެކުވިކަމުގެ ވައްތަރުތައް 3 ބަޔަކަށް ބެހިގެންވެއެވެ. އޭގެތެރޭގައި ނަމާއި ކަން އެކުލެވޭ އެކުވިކަމާއި، ކުރުގެޅިއާއި ކަން އެކުލެވޭ އެކުވިކަމާއި އަދި ބުންޔާދާއި ކަން އެކުލެވޭ އެކުވިކަން ހިމެނޭކަމަށް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ. މިގޮތުން ދިވެހިބަހުގައި ކަމުގެ ތެރެއަށް ނަން ވައްދައިގެން noun incorporation  ގެ އުސޫލުން އުފެދިފައިހުރި އެކުވިކަން ވަރަށް ގިނަކަމަށް މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް (2010) ހަވާލާދެއްވައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވެއެވެ.  މިސާލަކަށް: ”ފޮތްކިޔަނީ” މި ބަސް އުފެދިފައިމިވަނީ ކަމެއްގެ ތެރެއަށް ނަން ވައްދައިގެންނެވެ.  ” ފޮތް” މިއީ ނަމެކެވެ. ކުރާކަމަކީ ” ކިޔަވަނީ” އެވެ.

ކުރުގެޅިއާއި ކަން އެކުލެވޭ އެކުވިކަމުގައި އޮންނަނީ މައިގަނޑު ކަމާއި އެ ކަމަށް އެހީތެރިވާކަމެކެވެ. އެހެނީ މިއީ ކަމާއި ކަން އެކުލެވޭ އެކުވިކަމެވެ. މިގޮތުން މި ބާވަތުގެ އެކުވިކަމުގައި މައިގަނޑު ކަން އޮންނާނީ ކުރުގެޅީގެ ރޫފައަށެވެ. މިކަމަށް އިޝާރާތްކުރައްވައި ސޮންޔާ ފްރިޓްޒް (2001) ހާމަކުރައްވާފައިވަނީ ، ދިވެހިބަހުގައި ވަކި 4 އެކުވިކަމެއް ނެރޭއިރު، މި އެކުވިކަންކަން ނެރެނީ މައިގަނޑު ކަމަކާއި އެހިތެރިވާކަން މަހާލައިގެން ، އެކަންކަމަށް އެކިއެކި ސިމެންޓިކް ލަދު ތަކެއް ލައްވައިގެންކަމަށެވެ. މިލަދުން ދޭހަކޮށްދެނީ އެކްޝިއޮންސާޓް ބާވަތުގެ މަފްހޫމްތަކެއް ކަމުގައެވެ. މިސާލަކަށް، ”ނަށައިލުން” މި އީ އެކުވިކަމެކެވެ. މިލަފުޒުގައި ފުރަތަމަކަން ” ނަށައި” މިއޮތީ ކުރުގެޅީގެ ރޫފައަށެވެ. އަދި ދެވަނައަށް އޮތްކަން ”ލުން” މިއޮތީ އެހީތެރިވާ ކަމެއްގެ ގޮތުގައެވެ.

މީގެއިތުރުން ބުންޔާދާއި ކަން އެކުލެވޭ އެކުވިކަމުގެ މިސާލަކަށް ބަލާއިރު، ”ކާންދެނީ، ” ބޯންދިނުން” މި ފަދަ އެކުވިބަހުގައި މިވަނީ ކަމަކާއި ބުންޔާދެއް ގުޅިފައެވެ. މިއީވެސް އެކުވިބަހުގެ ވައްތަރެކެވެ. ނަމަވެސް މިފަދަ އެކުވިކަން ނަފީ ކުރުމުން ފުރަތަމައަށް އޮތް ބުންޔާދަށް ށަވިޔަނި ސުކުނެއް އަންނާނެއެވެ. މިސާލަކަށް، ”ކާކަށްނުދެން، ބޯކަށްނުދެން” މިގޮތަށެވެ.

ދިވެހިބަހުގައި ކޮމްޕައުންޑް ނުވަތަ އެކުވިބަހަކީ ކުރިންވެސް އޮންނަ ދެ ލަފުޒު އެކުވެގެން އުފެދިފައިވާ ބަހެއްކަން ހާމަވެގެން ހިނގައްޖެއެވެ. އަދި ދިވެހިބަހުގައި ތަފާތު ގޮތްގޮތައް ކޮމްޕައުންޑް ލަފުޒުތައް އުފެދިފައިވާކަމެވެ. މިގޮތުން ކޮމްޕައުންޑް ނުވަތަ އެކުވިބަހުގައި އެކުލެވިގެންވާ މައިގަނޑު 4 ވައްތަރުގެ ތެރޭގައި އެންޑޯސެންޓްރިކް އެކުވިބަހާއި، އެކްސޯސެންޓްރިކް އެކުވިބަސް  ނުވަތަ ވީގިނަބަހާއި،  ކޯޑިނޭޓިވް އެކުވިބަސް ނުވަތަ ބައިވެރިބަހާއި، އެޕޮޒިޝަނަލް އެކުވިބަސް ނުވަތަ ހުތްފޮނިބަސް އެކުލެވިގެންވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ހިތްފޮނި ބަސް ހުރީ ވަރަށް މަދުކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން އެކުވިބަހުގައި ނަމާއި ކަމުގެ ވައްތަރުތަކެއް ހުރިކަންވެސް ފާހަގަކުރެވުނެވެ.

އެހެންކަމުން އިތުރަށް ކުރި ދިރާސާތަކުން ހާމަވެގެން ދިޔައީ ދިވެހިބަހުގެ ރަދީފުގައި ހުންނަ ލަފުޒުތައް ބޭނުންކޮށްގެން ދެ ލަފުޒު ގުޅުވައިގެން އާ އެކުވިބަސްތައް ހަދާފައި ހުރިކަމެވެ.

ރިކޮމެންޑޭޝަން

ކުރެވުނު ދިރާސާގައި ފާހަގަކުރެވުނު އެއްކަމަކީ އެކުވިބަހުގެ ވައްތަރުތަކުގެ ތެރެއިން ދިވެހި ބަހުގައި ހިތްފޮނި ލަފުޒުތައް މަދުނަމަވެސް، ދެ ބަސް އެކުވެގެން އާ ލަފުޒުތައް އުފައްދާފައި ހުރިކަމެވެ. މީގެތެރޭގައި ދެ ނަން އެކުވެގެން އުފައްދާފައިވާ ބަސްތަކާއި، ނަމަކާއި ކަމެއް ގުޅިގެން އުފައްދާފައިވާ ބަސްތަކާއި، ނަންއިތުރަކާއި ނަމަކާއި ގުޅިގެން އުފައްދާފައި ހުރި ތަފާތު ބަސްތައް ފާހަގަކޮށްލެވުނެވެ. ހަމައެހެންމެ ، ދެވަނައަށް ފާހަގަކުރެވުނު ކަމަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދިވެހި ބަހުގައިވެސް އެކުވި ލަފުޒުތައް އިތުރުކޮށް ދިވެހި ބަސްކޮށާރު މުއްސަނދިވުމުގެ މުހިންމުކަން ބޮޑުކަމެވެ. ދިވެހި އަޑުތަކާ އެއްގޮތަށް ދުލަށް ފަސޭހަ ، ޓެކްނޮލޮޖީގެ އާ އުފެއްދުންތަކާއި، އާލާތްތަކާއި، ނަންތަކަށް ބޭނުންކުރާނެ، އާ އެކުވި ލަފުޒުތައް އުފެދިއްޖެނަމަ ދިވެހިބަހުގެ ބަސްކޮށާރު މިހާރަށްވުރެ މުއްސަނދި ވާނެކަމެވެ.

އެހެންކަމުން އަޅުގަނޑު އެދެނީ، ދިވެހި ބަހަކީ ޒަމާނުގެ ފިހިން ޤައުމުގެ ތަރައްޤީގައި ޖައްސަމުން ގެންދާ ކުލަތަކާއި، އެއް ހަމައެއްގައި އާރޯ ކަމާއި ތާޒާކަންމަތީ ފެނިގެންދާނެ މުއްސަނދި ބަހަކަށްވުމެވެ.

 ރިފަރެންސް

ޙުސައިން ރަޝީދު އަޙުމަދު.(1999). ދިވެހިބަހުގެ ބަސްމަގު: ތަޤްވީމުއްލިސާނުގެ ޝަރަހަ”. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޢަޒީޒާ އަފީފް .( 2014). ދިވެހިބަހުގެ ލަފުޒުގެ ޢިލްމުގެ ތެރެއިން ލަފުޒު ފުރޮޅުން (ޑެރިވޭޝަން). މާލެ:ދިވެހިބަހުގެ އެކެޑެމީ.

އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު.(3 ޖުލައި، 2016). ދިވެހި ލަފްޒުގެ ކިއްސަރު (ތިންވަނަ ޑްރަފްޓް):(”އަންޑަސްޓޭންޑިންގ މޯފޮލޮޖީ ”ގެ ޝަރަހަ). ގ.ކެނެރީގެ.

ޢަބްދުﷲ ޞާދިޢު. (1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް.މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤާއުމީ މަރުކަޒު.

ފަތުހުﷲ އަޙްމަދު ރަޝީދު.(2011). ބަސް ތަރައްޤީކުރުމަށް ލަފުޒު އިތުރުކުރެވިދާނެ ގޮތްތައް. ފަތްތޫރަ.381،ޞ.11-13.

ސޮންޔާ ފްރިޓްޒް. (2001). ދަ ދިވެހި ލެންގުއޭޖް: އަ ޑިސްކްރިޕްޓިވް އެންޑް ހިސްޓޯރިކަލް ގްރެމާ އޮފް ދަ މޯލްޑިވިއަން އެންޑް އިޓްސް ޑައިލެކްޓްސް.

މާޓިން ހަސްޕެލްމަތު އަދި އެންޑްރިއާ ޑީ ސިމްސް .(2010).އަންޑަސްޓޭންޑިންގ މޯފޮލޮޖީ. ސެކަންޑް އެޑިޝަން). ލަންޑަން: ހޮޑާ އެޑިއުކޭޝަން.

މުޙައްމަދު ނަސީރު.(2012). ތިންބަހުގެ ހަދިޔާ، ރަދީފް. މާލެ: ނޮވެލްޓީ ބްކްޝޮޕް.

ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު.(2011).ދިވެހި ބަސްފޮތް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.