ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ރައްޔިތުންގެ މެދުގައި ޤައުމީ ޖޯޝު އާލާކޮށް ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދެނީ އެ ޤައުމެއްގެ އަދަބީ ޝާޢިރުންގެ ގަލަންކޮޅުން އުފައްދާ ޝާއިރީ ޚިޔާލުތަކުން ކަމީ މިއަދު ދެބަސް ވެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ މި ރާއްޖެއަށް ބަލައިލި ނަމަވެސް މި މަންޒަރު ސިފަވެގެން ދެއެވެ. އެހެނީ، ދިވެހިރާއްޖޭގައި ވެސް ޤައުމީ ރޫހާއި ޖޯޝު އާލާކޮށްދިނުމަށް ޒަމާނުއްސުރެ ފެށިގެން ދިވެހި ޅެންވެރީން ގެންދަނީ ތަނަވަސް ޝާއިރީ ޚިޔާލުތައް މުޖުތަމައަށް އޮއްސަވަމުންނެވެ.

ކޮންމެއަކަސް ދިވެހި ޅެންވެރީންގެ އަލިގަދަ މުތީ ތަކުގެ ޝާއްބަކަމާއި ފޮނިމީރުކަމާއި އަސަރުގަދަކަން މިއަދު މި ދިވެހި މުޖުތަމައުން ފެންނަމުންދެއެވެ. ފަށުވިކާމާއި އޮމާން ކަމާއެކު މި އަސަރުގަދަ އެމުނުންތައް އަމުނައި ދިވެހި ޖައްވުގެތެރެއަށް ދޫކޮށްލެއްވުމުގެ ކުޅަދާނަކަން މިއަދު ދިވެހި ޅެންވެރީންގެ ކިބައިން ފެނިގެންދާ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. މިގޮތުން މުނިއަވަސްގެ މިއަދުގެ ރިޕޯޓް ހާއްޞަ ކޮށްލާފައި މިވަނީ ދިވެހި އަދަބިއްޔާތުގައި ރާއްޖެއިން ފާހަގަކޮށްލެވޭ އެތައް ޅެންވެރިންތަކެއްގެ ވަޒަން ބ. ދަރަވަންދޫގެ ޅެންވެރިއަކަށެވެ. ދިވެހި ޖައްވުގައި ފިޔަޖަހަމުންދާ ޅެންވެރީންގެ ގުލްޒާރަކުން ފަރިވި، ބ.ދަރަވަންދޫ ދޭލިޔާގެއަށް އުފަން އަޙުމަދު ނާޝިދު، މަޝްހޫރު ނަމުން ނަމަ ދަރަވަންދޫ ނާޝިދަށެވެ.

އަހްމަދު ނާޝިދުގެ ދަރިކަނބަލުންނާ އަނބިކަނބަލުންނާއެކު

ޅެންވެރި އާއިލާއެއް
އަލްފާޟިލް އަޙުމަދު ނާޝިދުގެ އާއިލާ އަކީ ރާއްޖޭގެ މަޝްްހޫރު ޅެންވެރި އާއިލާއެކެވެ. ނާޝިދުގެ ބައްޕައަކީ ދިވެހި އަދަބިއްޔާތުގައި ކުޅަދާނަ ޝާއިރު އަލްމަރުހޫމް ސައީދު އަލިފުޅެވެ. މަންމައަކީ ބ. ދަރަވަންދޫ ގުލްހަޒާރުގޭ އަލްމަރުހޫމާ ޝަރީފާ ހުސެއިނެވެ. ކާފައަކީ ދަރަވަންދޫ ދޭލިޔާގޭ އަލްމަރުހޫމް ޢަލީ މުޙަންމަދު ކަލޭފާނު (އަލިފުޅު) އެވެ. ޢާއްމު ނަމުން ނަމަ ދަރަވަންދޫ މާމުދިން އަލިފުޅެވެ. އަޙުމަދު ނާޝިދުގެ ބައްޕަ އަލްމަރުހޫމް ސައީދު އަލިފުޅަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ގުނާލެވޭ އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ ޝާޢިރެކެވެ. އަދީބެކެވެ. ނާޝިދުގެ މަންމަ އަލްމަރުހޫމާ ޝަރީފާ ހުސައިން އަކީވެސް ރަށުގެ މަޝްހޫރު ޅެންވެރިއެކެވެ. ލަވަ ކިޔުންތެރިއެކެވެ. މީގެއިތުރުން ރަށުގެ ސަޤާފީ ކަންކަމުގައި ހަރަކާތްތެރިވެފައިވާ މުރާލި ކަނބަލެކެވެ.

އަޙުމަދު ނާޝިދުގެ މަންމައާއި ބައްޕަގެ އިތުރުން ދިވެހި އަދަބިއްޔާތުގެ ރޮނގުން މައިނާގެ ނަމުން މަޝްހޫރުވެފައިވާ ބ.ދަރަވަންދޫ ދޭލިޔާގޭ އަލްމަރުހޫމް ޔޫސުފް އަލިފުޅަކީވެސް ދިވެހި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުޅަދާނަ ޝާއިރެކެވެ. އެދުރެކެވެ. ހަމަ އެފަދައިން ޔޫސުފް އަލިފުޅާއި ސައީދު އަލިފުޅުގެ ބައްޕަ ނުވަތަ އަޙުމަދު ނާޝިދުގެ ކާފަ އަލިފުޅަކީ ވެސް ރައިވަރާއި، ފަރިހީގެ ޅެންވެރި އެކެވެ. އޭގެ އިތުރަށް ދިވެހިބޭސްވެރިކަމާއި، ފަންޑިތަވެރިކަން ނާޝިދުގެ ކާފަ ދެނެވަޑައިގަނެ އެވެ. އޭނާއަކީ ރަށުގެ މާ މުދިމު ވެސްމެ އެވެ.

އަޙުމަދު ނާޝިދުގެ ބައްޕަ ސައީދު އަލިފުޅުގެ ހޫރު ކާފައަކީ، ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނެވެ. އޭނާއަކީ، މާލެއާއި މެދު ރާއްޖެތެރެއަށް ނަންހިނގައިފައިވާ ބަސްވިކޭ ހަރު ބޭކަލެކެވެ. ޙުސައިން އެދުރުކަލޭގެފާނުގެ ދަރިކޮޅު މައިގަނޑު ދެ ގޮތްޕަކަށް ބެހިގެން ދިޔަ އެވެ. އެއީ އޭނާގެ ދެ ދަރިކަލުން ކަމުގައިވާ، އަލިކަލޭފާނުގެ ގޮތްޕާއި، ޒަކަރިއްޔާކަލޭފާނުގެ ގޮތްޕެވެ. މިގޮތުން މަޝްހޫރު ޅެންވެރިޔާ އަޙުމަދު ނާޝިދަކީ މި އަލިކަލޭފާނުގެ، މުޙަންމަދު ކަލޭފާނުގެ، އަލީ މުހަންމަދު ކަލޭފާނު (އަލިފުޅު)ގެ، ސައީދުފުޅުގެ ދޮށީ ފިރިހެން ދަރިފުޅު އަޙުމަދު ނާޝިދެވެ.

އަހްމަދު ނާޝިދުގެ ދަރިކަނބަލުންނާ އަނބިކަނބަލުންނާއެކު

ކޮންމެއަކަށް ޅެންވެރިކަމުގެ ގުލްޒާރަކުން ފަރިވެ ފޮޅޭނީވެސް ފަރި ރީތި މާތަކެވެ. މި ގުލްޒާރުގައި ފަރިވެ ފޮޅޭ ކޮންމެ މަލަކީވެސް އޭގެ ޒާތުގައި ވަސްމީރު މާތަކެކެވެ. ފުނަށް ފީނާލައިފި ނަމަ މިފަދަ އެތައް މަޝްހޫރު މާތަކެއް މި ގުލްޒާރުން ފެނިގެންދާނެ ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ. މިގޮތުން ”ދިވެހި އަދަބިއްޔާތުގެ ފަތިހުގެ ތަރި”، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު އެއީ، މާފަންނު ދަރަވަންދޫގޭގެ ބޭފުޅެކެވެ. ދަރަވަންދުއާއި، ޙުސައިން ޞަލާޙުއްދީނާއި އޮތީ ކޮން ގުޅުމެއްކަން މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް ފަންވަތުގައި ލިޔުއްވާފައިވާ ލިޔުއްވުމެއް ކިޔާލުމުން ފުދެއެވެ. “އެހެނީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ މައިކަނބަލުންނަކީ އަޙުމަދު ނާޝިދުގެ ބައްޕަ ސައީދު އަލިފުޅުގެ ހޫރުކާފަ (ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނު)ގެ ދެ ދަރިކަލުންގެ ތެރެއިން ދަރަވަންދޫ ޒަކަރިއްޔާ ކަލޭފާނުގެ ދަރިކޮޅަށް ނިސްބަތްވާ، ދަރަވަންދޫ ބޭކަނބަލެކެވެ.”

ކޮންމެއަކަސް، ޅެންވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ދުވަހެއް ފާހަގަ ކުރެވެނީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހަށް ނިސްބަތްކޮށެވެ. އެއީ 15 ޖަނަވަރީ 1988އެވެ. މިގޮތުން މިއަހަރު ފާހަގަކުރާ ދިވެހިރާއްޖޭގެ 32 ވަނަ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރަނީ ދިވެހި ޅެންވެރިކަމުގެ ބަގީޗާއިން ފަރިވި ނަރުގިސްމާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ދަރިކަނބަލުން އައްނަބީލާ އަލްމަރުޙޫމާ ފާޠުމަތު ސަޢީދަށެވެ. އެ ކަމަނާއަކީ ޅެންވެރިކަމަށް ނުހަނު ފުރިހަމަ ޚިދުމަތްތަކެއް ކޮށްދެވި ބޭފުޅެކެވެ.

ގުލްޒާރަކުން ފޮޅޭނީ ފިނިފެންމާތަކެވެ. މި ދެންނެވީ ނާޝިދުގެ އާއިލީ ދަރިފަސްކޮޅާއި ބެހޭ ކުޑަ މިންވަރެކެވެ. އެހެންކަމަށް ވާނަމަ ދަރަވަންދޫ ނާޝިދަކީ ޅެންވެރިކަމުގެ ގުލްޒާރަކުން ފޮޅުނު ފަރި ފިނިފެންމަލެކޭ ނުބުނެވޭނެ ތޯއެވެ.

އަލްފާޟިލް އަޙުމަދު ނާޝިދަކީ ލިބިލައްވާފައިވާ ޅެންވެރިކަމުގެ ހުނަރު ތަރައްޤީ ކުރުމުގެ ގޮތުން އުފެއްދުންތެރިކަން އިތުރުކުރުމަށް ތަފާތު ޚިޔާލުތަކަށް ޅެން ހައްދަވާ ބޭފުޅެކެވެ. މިގޮތުން އޭނާ ހައްދަވާ ބައެއް ލަވަތަކަށް އިތުރު މުއްސަނދިކަމެއް ގެނައުމުގެ ގޮތުން ލަވައިގެ ތެރެއަށް، ރައިވަރު، ބަނދި، ކާ، ފަދަ ތަކެތި ހިމަނައިގެން ޅެން ހައްދަވައެވެ. މީގެއިތުރުން ލަވައިގެ ފެށޭ ކޮޅަށާއި، ނިމޭކޮޅަށް ރައިވަރު، ބަނދީގެ ރާގަށް ބައިތު ހައްދަވާ ލަވައިގެ ތެރެއަށް ލައިގެން އައު ޚިޔާލެއް ތަޢާރަފުކުރުމުގެ ގޮތުން ރެކޯޑްކޮށް ރަސްމިއްޔާތު ތަކުގައި ބޭނުން ކުރަމުންދާ މޮޅު ޝާއިރެކެވެ.

އަޙްމަދު ނާޝިދު ހައްދަވާފައިވާ ލަވަތަކަށް ކުޅެފައިވާ ވީޑިއޯތަކުގެ ޔޫޓިއުބް ޗެނަލެއް އޭނާގެ ދަރިކަނބަލުން ހިންގަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

އަދަބީ ޚިދުމަތް

ޢުމުރުން އެންމެ 12 އަހަރުގައި 1968ން ފެށިގެން މިއަދާއި ހަމައަށް ނާޝިދު ވަނީ ގިނަ އަދަދެއްގެ ޅެންތަކާއި ލަވަތައް ހައްދަވައި ޝާއިޢުކޮށްފައެވެ. މިގޮތުން ނާޝިދު ފުރަތަމަ ހެއްދެވި ޅެންތައް އަމާޒުކޮށްފައިވަނީ މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާއިމެއްސާއި، ދޫނި ސޫފާސޫތްޕާއި، ފަނިފަކުސާ ފަދަ ތަކެތީގެ މައްޗަށެވެ. އޭގެ ފަހުން އެއް ފުރާގެ ވާދަ ވެރި ކުދިންނަށް ރައްދު ދިނުމަށެވެ. އެއަށްފަހު ކުޑަކުދިންނާއި ގުޅޭ ޅެމާއި، މަދަހަ އާއި، ޤައުމީ ޅެމާއި، ދީނީ ޅެން ހަދަން ފެށުނެވެ. މި ގޮތަށް ދުވަހެއް ދުވަހަށް ނާޝިދުގެ ޅެންވެރިކަން ތަރައްޤީވެ ކުރި އަރަމުން ގޮސް ލަވަޔާއި ބައްޖާއި ކާ ފަދަ ތަކެތި ހަދަމުން ގެންދިޔައެވެ. އެ ދުވަސްވަރު ހެދި ޅެންތަކުގެ ތެރޭގައި، ލޯބީގެ ޅެމާއި، މަލާމާތުގެ ޅެމާއި، ޖަދަލުގެ ޅެމާއި، މީސްމީހުންނަށް ލޯބިވެރިން ކާމިޔާބުކޮށް ދިނުމަށްޓަކައި އެ މީސްމީހުންގެ ނަމުގައި ހަދާ ޅެންތަކާއި، އަމިއްލަ ބޭނުމަށް ހަދާ ޅެންތައް ހަދަން ފެށުނެވެ. މިއީ ނާޝިދުގެ ޅެންވެރިކަން ފެށުނު ގޮތެވެ. އާދެ! ޅަ ޢުމުރުގައި އާއިލާގެ އެހީތެރިކަމާއެކު ފެށި މަސައްކަތް މިއަދު މި މުޖުތަމައަށް ފެތުރިފައެވެ.

އޮލިމްްޕިއަންސް މިއުޒިކް ގްރޫޕްގައި ނާޝިދު އުޅުއްވި އިރު

ބުރަ މަސައްކަތުން ހޯދާ ކާމިޔާބީ ވަރަށްވެސް ފޮންޏެވެ. މިގޮތުން އަޙުމަދު ނާޝިދަކީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން މިއަދު ފާހަގަ ކޮށްލެވެއެވެ.

ނާޝިދުގެ ބައެއް ޅެންތަކާއި ލަވަތަކަށް ބަލައިލުމެއް

އަލްފާޟިލް އަޙުމަދު ނާޝިދު ހައްދަވާފައިވާ ޅެންތަކާއި ލަވަތައް ނުހަނު ގިނައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ މުހިންމު ބައެއް ލަވަތަކުގެ ތެރޭގައި ޔާރާ އަލްބަމްތަކުގެ ގިނަ ލަވަތައް ހިމެނެއެވެ. އެ އަލްބަމްތަކުން ފާހަގަކޮށްލެވޭ އެއް ލަވަޔަކީ ހިތާނީ ލަވަ ”ހެޕީހެޕީޔާޔާ” އެވެ.

އަދި 2008 ވަނަ އަހަރު ޤައުމީ ފުޓުބޯޅަ ޓީމަށް ސާކު ސަމިޓްގެ ތަށި އުފުލާލުމުން އެ ޓީމަށް މަރުހަބާ ކިޔުމަށް ހެދި ލަވަ ”ދިވެހި ފުޓްބޯޅަޔަށް ސާބަސް” މި ލަވަ ފާހަގަ ކޮށްލެވެއެވެ.

މީގެއިތުރުން ”ޖަހާތާރަ ދެކިލަބަލާ، ބަރަވެލިކަނޑުގެ އަޑީގާ ފީނާނަން، އިންސާފަކީ ކޮބާ، ބަދުނާމަކީ ކޮބާ، ކަނބުލޮ ތިޔަ ގޮތުގަ އުޅެން ހުރިއްޔާ، އޭ ގޮމާ ތި ލޮލުގެ ނަޒަރުން” ފަދަ ފިލްމުތަކާއި ޑްރާމާ ތަކުން ވިދާލި ލަވަތަކުގެ ޅެންތައްވެސް ހައްދަވާފައިވަނީ ނާޝިދެވެ.

ހަމައެހެންމެ، ފިލްމު “ބާރައިގެ ފަސް”، “ހުކުރު ވިލޭރޭ”، އަދި މަޝްހޫރު އެކްޓްރެސް އަދި ޑައިރެކްޓަރ އާރިފާ އިބްރާހިމް އުފައްދާފައިވާ ޑްރާމާ ސީރީސްތަކާއި ފިލްމުތަކުގެ ލަވަތަކަށް ޅެން ހައްދަވާ ދެއްވާފައި ވަނީވެސް ނާޝިދުއެވެ.

ނާޝިދުގެ ޅެންވެރިކަމަށް ބަލާއިރު އޭނާ އަކީ ޅެން ހަދައި ބުޤިސް ކުރުމުގައި އޭނާގެ ބައްޕަ ސައީދު އަލިފުޅު ފަދައިން ކުޅަދާނަ ޝާޢިރެކެވެ. މި ގޮތުން ދިވެހި ގިނަ ފިލްތަަކަށާއި، އޯޑިއޯ، އަދި ވީޑިއޯ އަލްބަމް ތަކަށް ޅެމާއި ލަވަ ހައްދަވައެވެ. މީގެއިތުރުން އެކިއެކި ރަސްމިއްޔާތުތަކަށާއި، އެކި ފަރާތްތަކުގެ ކެންޕޭންތަކަށް އަދި ބައެއް ސްކޫލްތަކުގެ ސްކޫލް ލަވަތަކާއި، އޮފީސް ޑްރާމާ މުބާރާތްތަކަށްވެސް ލަވަ ހައްދަވާފައި ހުންނާނެކަމަށް ނާޝިދު ވިދާޅުވެއެވެ. އަދި މިގޮތަށް ހެދޭ ބައެއް ލަވަތަކާއި ޅެންތަކަކީ ހިލޭ ސާބަހަށް ކުރެވުނު މަސައްކަތްތަކެއްކަމަށް ނާޝިދު ވިދާޅުވެއެވެ.

ލިބިފައިވާ ކާމިޔާބީތައް
ދިވެހި ޅެންވެރިކަމުގެ ރޮނގުން މިހާތަނަށް ނާޝިދުއަށް ލިބިފައިވާ ބައެއް ކާމިޔާބީތަކަށް ބަލާއިރު، އަތޮޅު މަދަރުސާ ކުދިންގެ ލަވަ ކިޔުމުގެ މުބާރާތުން 1997، 1998، 1999، 2000 ވަނަ އަހަރު ޅެންވެރިކަމުގެ ރޮނގުން 2 ވަނަ، ޓެލެވިޜަން މޯލްޑިވްސްގެ ”ސްކޫލު ކުދިންގެ ލަވަ މުބާރާތް 2000” ގެ ޅެންވެރިކަމުން 1 ވަނަ، އަތޮޅު މަދަރުސާ ކުދިންގެ ލަވަ މުބާރާތް 2001 ވަނަ އަހަރުގެ ޅެންވެރިކަމުން 1 ވަނަ، 2001 ވަނަ އަހަރު ބޭއްވުނު 17 ވަނަ ޤަޢުމީ ޅެންހެދުމުގެ މުބާރާތުން 2ވަނަ، 2002 ވަނަ އަހަރު ބޭއްވުނު 18 ވަނަ ބައިނަލް އަޤުވާމީ ޅެންހެދުމުގެ މުބާރާތުން 2 ވަނަ، އަދި ”އަތޮޅު މަދަރުސާ ކުދިންގެ ލަވަ ކިޔުމުގެ މުބާރާތް 2002” ގެ ޅެންވެރިކަމުން 3 ވަނަ ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މީގެއިތުރުން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ލަވަޔާއި ޅެން ފާސްކުރުމަށް ޢައްޔަން ކުރެއްވި ކޮމެޓީގެ މެންބަރަކަށް 2006 ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ހަމަޖެއްސިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤާއުމީ މަރުކަޒުން 1986 ވަނަ އަހަރު ބޭއްވި ޅެންހެދުމުގެ މުބާރާތުގައި ”ޅެންވެރީންގެ ޖަމްޢިއްޔާ” ގެ ފަރާތުން ބައިވެރިވެ، އެ ޖަމްޢިއްޔާ 03 ވަނައަށް ގެންދިއުމުގައި ބައިވެރިވި 10 ޅެންވެރީންގެ ތެރޭގައި ނާޝިދު ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންމެންގެ ވެސް އެކުވެރިއެއް
ދަރަވަންދޫ ނާޝިދޭ ބުނެފިނަމަ މިއަދު ނޭނގޭ މީހަކު ވަރަށް މަދު ވާނެއެވެ. އެއީ އެންމެންގެވެސް ގާތް އެކުވެރިއެކެވެ. ރަހުމަތްތެރިއެކެވެ. މުޖުތަމައުގެ ރައްޓެއްސެކެވެ. އެހެނީ، ނާޝިދަކީ ރަށާއި އަތޮޅާއި ޤައުމަށް ޅެންވެރި ކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. މިގޮތުން ޤައުމީ ލަވަ ހެދުމާއި، މަދަހަ ހެދުމާއި، އިސްތިހާރު ލަވަ ހެދުމާއި، އެކި އެކު ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޅެމާއި ލަވަ ހެދުމާއި، ސްކޫލް މަދަރުސާތަކަށާއި، އޮފީސްތަކަށް ލަވަޔާއި މަދަހަ ހެދުން ފާހަގަ ކޮށްލެވޭއިރު ހާއްޞަކޮށް އުފަން ރަށުގައި އޮންނަ ތަފާތު ހަރަކާތްތަކަށް ލަވަ ހައްދަވާ ދެއްވައެވެ.

ނާޝިދުގެ ޅެންވެރިކަމުގެ ވާހަކަ ދައްކަމުން ދާއިރު، މިއަދު ނާޝިދަކީ ޒުވާން ޅެންވެރިންގެ އުޝްތާޒެކެވެ. މިގޮތުން ލަވަޔާއި ޅެން ހަދަން ދަސްކުރަން ބޭނުންވާ ކުދިންނަށް އެކަން ދަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވައެވެ. އަދި އަމިއްލައަށް އިސްނަގައިގެން ޅެމާއި ލަވަ، ހަދަން ދަސްކުރަން ބޭނުންވާ ކުދިންނަށް ޅެންހަދަން ދަސްކޮށްދޭ ކުލާސްތައް ހިންގާފައިވާކަން ފާހަގަކޮށްލަމެވެ.

ނިންމުން
އާދެ! ދަރަވަންދޫ ނާޝިދުގެ ޅެންވެރިކަމުގެ ގުލްޒާރުގައި ގިނަ ވަގުތު ހޭދަކޮށްފިނަމަ އިތުރު ކުރިތައް ފަޅާ ތާޒާ ވާނެކަން ޔަޤީނެވެ. ނަމަވެސް ކޮނުނު ކޮނުނުހެން ފަސް ގިނަވާއޭ ބުނާ ބީދައިން ނާޝިދުގެ ޅެންވެރިކަމުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. އެހެނީ މިފަދަ މޮޅު ޝާއިރެއްގެ ވާހަކަ މިހާ ކުރުކޮށް ބަޔާންކޮށްދޭއިރު ލައްކަ ވާހަކަތައް ނުދެއްކި ހުންނާނެއެވެ. ކޮންމެއަކަސް މި ލިޔުން ކުރުކޮށްލަމަށް އެދުމުން އަޙުމަދު ނާޝިދު ހިތުގެ ޝުޢޫރުތައް ބަނޑުންކޮށްލަމުން އެންމެ ފަހު ބަސްކޮޅު ވިދާޅުވީ މިހެންނެވެ.

”މިދާއިރާއިން ކުރިއަށް ދިއުމަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލެއްވުމަކީ ހަނދާނުން ފިލާނެ ކަމެއް

ނޫން، ވަކިން ހާއްޞަކޮށް ދިވެހި ބަހުގެ އެކެޑެމީ އާއި ދިވެހި ޅެންވެރީން ބަހައްޓަވާ ގާތްކަމާއި ހިތްހެޔޮކަމަކީ މިއަދު ނާޝިދަށް ލިބޭ

ވަރަށް ބޮޑު އުފަލެއް”.

މިހެން ވިދާޅުވުމަށްފަހު މިއަދަކީ ދިވެހިރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަސް ކަމަށް ވުމާއެކު މި ދުވަހުގެ ތަހުނިޔާ ޅެންބައިތަކުން ނާޝިދު ވިދާޅުވެ ދެއްވިއެވެ.

”ޅެންވެރީންނަށް ޚާއްޞަވާ، ޅެންވެރި މި ދުވަހަށް މަރުހަބާ
ޅެންވެރި ޝުޢޫރުން ދަންނަވާމީ ޅެންވެރީންނަށް ތަހުނިޔާ”
– އަޙުމަދު ނާޝިދު – ބ.ދަރަވަންދޫ-

ކޮންމެއަކަށް ނާޝިދުގެ ގަލަމުން ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޅެންވެރީންނަށް ފޮނުވައިފިއެވެ. އެހެންކަމުން މުނިއަވަސްގެ ފަރާތުން މި އުފާވެރި ދުވަހުގެ ތަހުނިޔާ ނާޝިދަށާއި ރާއްޖޭގެ ހުރިހާ ޅެންވެރިނަންށް ފޮނުވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޙުމަދު ނާޝިދު ކުރައްވާ މަސައްކަތްޕުޅާއި ދިވެހި ޅެންވެރީން ކުރައްވާ އަދަބީ ޅެންވެރި މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާއަށް އިތުރު ރޯޝަންކަމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރެއްވުމެވެ.

 

މައުލޫމާތު:
ފަތްވަތް- އާދަމް ނަޝީރު އިބްރާހިމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.