މަޝްހޫރު ޅެންވެރިޔާ، އަދި ފުޅާ ދާއިރާއެއްގައި ޅެންވެރިކަން އުނގަންނަވައިދެއްވަވަމުން ގެންދަވާ އީސާ ޝަރީފު، އޮންލައިން ޕޮއެޓްރީގެ މަސައްކަތްތަކަށް ޚާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. މިއީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބާގައި އީސަގެ ފަރާތުން އާއްމުކޮށްފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ.

އީސަ އޮންލައިން ޕޮއެޓްރީގެ ވެބްސައިޓަކީ www.easashareef.com އެވެ. ދިވެހިރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަހާއި ދިމާކޮށް ހުޅުވި މި ވެބްސައިޓް އިފްތިތާޙު ކުރުމަށްޓަކައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ ޙަފްލާގެ ޝަރަފުވެރި މެހެމާން އަލްއުސްތާޛް އިބްރާހިމް ވަހީދު (އޮގަރު) އެވެ. އޮގަރު އިބްރާހިމް ވަހީދުގެ އިތުރުން އުތީމު އާދަމްބެ ވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގެންފައެވެ.

އީސާ ޝަރީފުވިދާޅުވިގޮތުގައި މިފަދަ ވެބްސައިޓެއް އުފެއްދުމުގެ މަގްސަދަކީ ޅެންވެރިކަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެކަން ކުރެވޭނެ މަގުފަހި ކޮށްދިނުމަށް ކަމުގައެވެ.

“ބުރަކޮށް މަސައްކަތުގައި އަދި ވަޒީފާތަކުގައި އުޅުއްވަމުން ލިބިލައްވާ ހުސްވަގުތުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ހިފުމަށާއި އަދި އެ ވަގުތުގެ ބޭނުން ހިއްޕަވައިގެން ދަސްކޮށްލާހިތްވެފައިވާ ކަމެއް ދަސްކޮށް، ކުރިއަށްދިއުމަށް މީ ރަނުގެ ފުރުޞަތެއް…މިގޮތުން އެންމެ ޒަމާނީ މޮބައިލް ފޯނާއި ޓެބްލެޓް އަދި ލެޕްޓޮޕްފަދަ މުއާސަލާތީ ކޮންމެ ވަޞީލަތެއް، ފަސޭހަކަމާއިއެކު މިކަމުގައި އެހީތެރި ވެދޭނެ… މިބާވަތުގެ ގުޅުންތަކުގައި ވީޑިއޯ އާއި އޯޑިއޯ (ފޮޓޯއާއި އަޑު) މުހިންމު ރޯލެއް އަދާކުރޭ….މިދެންނެވުނު މުޢާޞަލާތުގައި ލިޔެކިޔުން ޙިއްސާ ކުރުމާއި ފޮޓޯ ބަދަލުކުރުމަކީ އެންމެ ފަސޭހަ އެއްވަޞީލަތް..” އީސަ ވިދާޅުވިއެވެ.

ޜޭގެ ހަފްލާގައި ވެބްސައިޓް އިފްތިތާޙު ކުރުމުގެ އިތުރުން ޅެންވެރި ކަމާއިގުޅޭ އީ- ފޮތްތަކެއް ވަނީ ނެރެދެއްވާފައެވެ. އެގޮތުން އުތީމު އާދަމް އަބްދުއްރަޙުމާނުގެ 100 ޅެން ހިމެނޭ ފޮތެއް ކަމަށްވާ “ބިރާގަން”، ސައިކުރާ އިބްރާހިމް ނައީމްގެ “ޔަމަނުގެ މައުސޫމާ”، އީސާ ޝަރީފުގެ ބައްޕާފުޅު އަލްމަރުހޫމް ބެއްޔަ ހުއްތުގެ ހަނދާނުގައި އެކުލަވާލައިފައިވާ ޅެންވެރި ކަމުގެ ހުނަރުތައް ދަސްކޮށްދޭ އަތްމަތީ ފޮތް “ލަފުޒުން ކުރެހުން” އަދި އީސާ ޝަރީފުގެ “ވަޒަނާ ނުލާ ޅެމެއް ނުހެދޭނެ” މި ފޮތް ވަނީ ނެރެދެއްވާފައެވެ. މީގެ އިތުރުންވެސް ޅެންވެރިކަމާއި ގުޅޭ އިތުރުފޮތްތައް އީސަގެ މިވެބްސައިޓުން ލިބެން ހުންނާނެއެވެ.

އީސާ ޝަރީފު ވަނީ މިފަދަ ފޮތްތަކެއް މީގެ ކުރިންވެސް އޭނާގެ ދަރިވަރުންނަށް ހަދިޔާކުރައްވާފައެވެ. އޭނާގެ ދަރިވަރުން ސިފަކުރާގޮތުގައި އީސައަކީ ދީލަތި މުދައްރިސެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައި ޅެންވެރިކަމުގެ އޮށް އިންދައި ޅެންވެރިން ކުރިއެރުވުމަށް އީސަ ކުރަމުން އަންނަ މަސައްކަތަކީ ފާހަގަކޮށްލެވޭ އަގުރި މަސައްކަތްތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.