♪♫♬ އިންސާނެކެ މީ ދުނިޔޭގާ ބިކަ ހާލުގަ ޖެހިފައިވާ
ހިތްދަތިކަމުގާ ވޭނާ ކެކުޅުން އުފުލަން ޖެހިފައިވާ ♪♫♬

ޅެންބައިތުން އެ ބުނަނީ ނަފީސާގެ ހާލެވެ. ނަފީސާގެ ހިތްދަތި ހާލަތެވެ. ތަފާތަކީ އެ ޅެންބައިތު ކިޔަމުން، ފިލްމެއްގައި ސިފަކޮށްދޭ ގޮތަށް ނަފީސާ ހިނގަމުން ނުދާކަމެވެ. އެހެން ނަމަވެސް އެ ހިތްދަތި މަންމަގެ ހާލަތު ދެނެގަތީ ރާއްޖޭގެ މަންމައިން ތަމްސީލުކޮށްދޭ ޖަމުއިއްޔާ “މަމްސް އެންޖީއޯ” އާއި ‘އެހީ ޖަމުއިއްޔާ” އިންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ނަފީސާގެ އާއިލާގެ ވާހަކަ ހިއްސާ ކުރުމަށް “މަމްސް އެންޖީއޯ“ގެ ފޭސްބުކް ޕޭޖުގައި ޖެހި ޕޯސްޓެއްގައި އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލިއެވެ. އެގޮތުން ނަފީސާއަށް އެހީވުމަށް ޚާއްސަ ކެމްޕެއިނެއް ހިންގައި “އެހީ” ޖަމުއިއްޔާ އާއި “މަމްސް އެންޖީއޯ“ގެ މެމްބަރުންގެ ދީލަތި އެހީގައި ނަފީސާގެ ގެ މަރާމާތުކުރުމާއި ފަރުނީޗަރުތައް އައުކޮށްދިނުމާއި ކުދިންނަަށް ބޭނުންވާ އަންނައުނާއި ނެޕީ، ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެތީގެ އިތުރުން ކުޑަކުދިން ކުޅޭ ސާމާނު ހަދިޔާކޮށްދިނެވެ. ހަމައެހެންމެ ނޮވެމްބަރު މަހުން ފެށިގެން ހަމަސްދުވަހަށް ވާވަރަށް ރީތިވާ ސާމާނާއި ގެއަށް ބޭނުންވާ ކާބޯތަކެތި ވަނީ ފޯރުކޮށްދިނެވެ.

ނަފްސާނީ މައްސަލައެއް ހުންނަ ނަފީސާގެ މަންމައާއި ބައްޕަގެ އެ މައްސަލަ ހުންނަ ހަ ކުދިން ތިބިއިރު ނަފީސާއަށާއި އެހެންކުދިންނަށް ރަށުގެ އެކި މީހުންގެ ފަރާތުންނާއި ބިދޭސީންގެ ފަރާތުން ޖިންސީގޯނާއާއި ކުރިމަތިލާންޖެހުނެވެ. ނަތީޖާއަކަށްވީ ކައިވެނިން ބޭރުން ދަރިންތަކެއް ލިބި އެކުދިންނަށް އަޅާލާނޭ މީހަކުނެތުމެވެ. އަދި މުޅިއާއިލާ ނިކަމެތިވެ ކެއިން ބުއިމާއި ޟަރޫރީ އެހެނިހެން ބޭނުންތައްވެސް ފުއްދޭ ވަރަށްވުރެވެސް ނިކަމެތިވެ އަތްމަތި ދަތިވުމެވެ.

ނަފްސާނީބަލި ހުންނަ މީހުންގެ ނާޖާއިޒު ފައިދާ މިފަދަ ގޮތަކަށް ނެގުމަކީ މި މުޖްތަމަޢުގައި އާއްމުކަމަކަށްވެފައިވާއިރު “މަމްސް އެންޖީއޯ“ގެ ފަރާތުން މިވަނީ މި މައްސަލަ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަވައި އެއާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައި ނަމޫނާ ދައްކަވާފައެވެ. “މަމްސް އެންޖީއޯ“ގެ ފަރާތުން މީގެ ކުރިންވެސް ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެގޮތުގައި ނަމޫނާ ދައްކަމުން ސާބިތުކަމާއެކު ވަރުގަދަ ރޫހެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަފީސާގެ އާއިލާއަށް އެހީތެރިވެދިނުމަށް ހިންގި ކެމްޕއެިނުގައި އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް “މަމްސް އެންޖީއޯ“ގެ ފަރާތުންވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މަމްސް އެންޖީއޯ’ އަކީ ދިވެހި ސަރުކާރުގައި ރެޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި ’މަމްސް އެމްވީ‘ ގެ ނަމުގައި ކުރިއަށް ގެންދާ ’ކްލޯސްޑް ފޭސްބްކް ގްރޫޕް‘ އަށް ނިސްބަތްވާ މަންމައިން އިސްވެ ހިންގާ ހަރަކާތެއްވެސް މެއެވެ. މި ގްރޫޕްގައި 28 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.