ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ޅެމާއި، ލަވަޔާއި ރައިވަރުގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތަކެއް ވެއެވެ. ބައެއް ޅެންތަކުގައި ކޮންމެ ބައިތެއްގައި މުސްތަޤިއްލު މާނައެއްވާ ފަދައިން ކޮންމެ ބައިތެއް ސުރުޚީއާއި ގުޅުވައިގެން ހަދާފައި ހުންނައިރު ބައެއް ލަވަތަކުގައި ކޮންމެ ކަޑިއެއް މައިގަނޑާ ގުޅުވައިގެން ހަދާފައިވެސް ހުރެއެވެ. ތިންބަސް ރައިވަރާއި ހަބަސް ރައިވަރުގައި އެއް ޖުމުލަ ގުޅުވައިގެން ޖުމުލަ ހަމަޖައްސާފައި ހުންނައިރު ބައެއް ރައިވަރުތަކުގައި ދެ ޖުމުލަ ނުވަތަ ތިން ޖުމުލައިންވެސް ޖުމުލަ ހަމަޖައްސާފައި ހުރެއެވެ. ނަމަވެސް މިކަންކަން ފުރިހަމަވެގެން އަންނަނީ ވަޒަން ހަމަކުރުމާއެކު، ކާފިޔާ، ބަނޑުވައްއަކުރު އަދި ފިލިކޯޅި އެއްގޮތް ކުރުމުގައި ގެންގުޅޭ އުޞޫލުތަކެއްގެ ސަބަބުންނެވެ.
އެހެންކަމުން މިމަޒުމޫނުގައި ބަލައިލާނީ ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ޅެމާއި ރައިވަރުގައި ބޭނުންކުރެވޭ އުސޫލުތަކާއި ހަމަތަކުގެ މައްޗަށެވެ. މިގޮތުން ޅެމާއި ރައިވަރުގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތަކާއި، ރައިވަރުގެ ވަޒަނުގެ ތާލުތަކާއި ތާލުތައް އެތުރޭ ގޮތްތަކާއި އަދި ޅެމާއި ރައިވަރުގެ ކާފިޔާ، ބަނޑުވައްއަކުރު، ފިލޮކޯޅި އެތުރިފައިވާ ގޮތްތަކުގެ މައްޗަށެވެ.
1- ޅެމާއި ލަވައިގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތައް
ޅެމާއި ލަވައިގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތަކަށް ބެލުމުގެ ކުރިން ޅެމާއި ލަވަޔަކީ ކޮބައިކަން އެނގެން ޖެހެއެވެ. ޅެމަކީ ވަޒަނަކަށް ފެތޭގޮތަށް ކާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެއްކަމަށް މުހައްމަދު ޖަމީލް ދީދީ (1986) ހާމަކުރައްވައެވެ. މިގޮތުން މި ބަސްތަކަކީ ޅެމުގައި ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް، ސިފަކޮށް ދައްކާ، ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފަށްޗަށް އެކުލަވައިލައި ނަޘުމޭ، ނުވަތަ ނަޒުމޭ ކިޔެއެވެ. އަނެއްބަޔަށް ނަޘްރޭ ކިޔެއެވެ. ޅެމާއި ހިލާފަށް ލަވައިގައި ހާއްޞަ ސިފަތަކެއް ހުންނަކަމަށާއި އެއީ ލަވަ ބަޔާންކުރުމުގައި ދިގުނުކޮށް ކުރުކޮށް ބަޔާންކުރުން ކަމަށް މުޙައްމަދު ޖަމީލު ދީދީ (1986) ހާމަކުރައްވައެވެ. ވަޒަނަށް ބަލާއިރު ޅެމާއި އެއްގޮތްވިޔަސް ބައިތުތަކުގެ ޢަދަދަށް ބަލާއިރު، މާބޮޑުތަން ލަވައިގައި މަދުވާނެއެވެ. އެކިއެކި މުނާސަބަތާ ގުޅިގެން ލިޔެ ޗާޕްކުރުމުގެ މަޤްޞަދުގައި ހެދިފައި ހުންނަ ޅެންތަކުގެ ބައިތުތައް ގިނަކަމަށްވެސް މުޙައްމަދު ޖަމީލު ދީދީ (1986) ހާމަކުރައްވައެވެ. އެހެންކަމުން ލަވަޔަކީ އަޑުގެ, އެއް ގޮތްކަން ހިމެނޭ، އަޑުގެ ބައިތަކެއް (ރާގެއް) ގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެހެންނަމަވެސް ކޮންމެ ޅެމެއް ލަވަޔަކަށް ހެދިދާނެ އެވެ. އެކަމަކު ކޮންމެ ލަވައެއް ޅެމަކަށް ނުވާނެއެވެ. ލަވަޔަކީ އޭގެ ސަބަބުން އަޑުއަހާ މީހުން އެ ބައި މީހުންގެ ވަށައިގެންވާ ވެށި ހަނދާންނައްތާލާ ފަދަ އަޑެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗެކެވެ. މިގޮތުން ޅެމާއި ލަވައިގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާގޮތް ތަކެއް ހުންނައިރު ކޮންމެ ބައިތެއްގައިވެސް މުސްތަގިއްލު މާނައެއް އޮންނަންޖެހޭ ހެއްޔެވެ.
ޅެންހެދުމުގައި ކޮންމެ ބައިތެއްގައި މުސްތަޤިއްލު މާނައެއް އޮތުމަކީ، ބައިތެއް ކިޔުމުން އޭގައިވާ ލަފުޒުތައް އެހެން ޢިބާރާތަކާ ނުގުޅުވާ ފުރިހަމަ މާނަ ދޭހަވާގޮތަށް ޅެމުގެ ކޮންމެ ބައިތެއް އޭގެ އަމިއްލަ ޒާތުން އެމުނި އެކުލެވިފައިވުމެވެ. މިސާލަކަށް،
ޖަވާބު ސުމެއް!
މަގޭ ހިތަށްއެރި އެއްޗެއް ކަލޭ ނިކަން ބުނެބަލަ!
ވަގޭ ކިޔަސް ނުދެކޭނަމަ ކަމެއް ތެދަށް ބުނެބަލަ
ދިމާމަތިން މިވިދާ އުޑުގެ ތަރިތަކާ އެކުގައި
ތިމާ ލޮލުން މިދެކޭ ބިމުގެވެލި ގުނާދީބަލަ
އިރެއް ނުކޮށް ހަނދަށާ އޯބިޓަށް ދަތުރުކުރިހެން
ބިރެއްކަމެއް ނެތިގެން އަޅެ އިރަށް ދަތުރުކޮށްބަލަ
-ސަޢީދު ޢަލިފުޅު/ ބ.ދަރަވަންދޫ-
މިޅެމުގެ ބައިތުތަކަށް ބަލާއިރު ކޮންމެ ބައިތެއްގައި މިވަނީ މުސްތަޤިއްލު މާނައެކެވެ. ޅެމުގެ ފުރަތަމަ ބައިތުގައި ބުނެފައި މިވަނީ” މަގޭ ހިތަށް އެރި އެއްޗެއް ކަލޭ ނިކަން ބުނެބަލާށެވެ. ވަގޭ ކިޔަސް އެކަމެއް ތެދު ނުވަނީސް ވަގެއް ކަމަކަށް ނުދެކޭނަމެވެ. ދެވަނަ ބައިތުގައި ” އުޑުމަތިން ވިދާ ތަރިތަކާއެކު، ތިމާގެ ލޮލުން މިދެކޭ ވެބިމުގެ ވެލި ގުނާދީބަލާށެވެ.” ތިނަވަނަ ބައިތުގައި ‘ ކަލޭ ހަދަށާއި އޯބިޓަށް ދަތުރު ކުރިފަދައިން ބިރެއްކަމެއް ނެތިގެން އަޅެ އިރަށް ދަތުރުކޮށްބަލާށެވެ”. މިގޮތަށް ކޮންމެ ބައިތަކުން ދޭހަވާ މުސްތަޤިއްލު މާނައެވެ.
ބައިތުތަކުގައި މުސްތަޤިއްލު މާނައެއް ވާފަދައިން ބައެއް ޅެންތަކުގައި މައިގަނޑަށް ތަބަަޢަކޮށް ބައިތުތަށް ގެނައުމަކީ، ޅެމުގެ ފުރަތަމަ ބައިތާއި ގުޅުވައިގެން މެނުވީ، ހެދިފައިވާ އެހެން ބައިތުތަކުގެ ފުރިހަމަ މާނަ ދޭހަ ނުވާނޭހެން ޅެން ހެދުމެވެ. އޭރުން ފުރަތަމަ ބައިތުގައި މެނުވީ، އެހެން އެއްވެސް ބައިތެއްގައި މުސްތަޤިއްލު މާނައެއް ނޯންނާނެއެވެ. މާނަ ދޭހަވާނީ ކޮންމެ ބައިތެއްމެ ކިޔާނިމިގެން ފުރަތަމަ ބައިތު އެއާއި ވިދިގެން ކިޔުމުންނެވެ. މިސާލަކަށް،
އިޝްޤު ނުވިނަމަ…
ޢިޝްޤު ނުވިނަމަ ދޭހުގައި މިހިތާމައެއް ނުޖެހޭނެޔޭ
ގިސްލަ ގިސްލާފައި ކަރުނަ އޮހޮރާކަށެއް ނުޖެހޭނެޔޭ
ވާނުވާއެއް ނޭނގިފާ، ޙައިރާންވެފާ، ހިތްދަތިވެފާ
ދާނުގާ މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔޭ
ނިދިފިލާ ރޭގަނޑު ހަތަރުދަމުހެން ނުލިބިހަމަ ރާޙަތެއް
ވިދި ދެކަޅި ލޯބޮޑުވެފައި، އޮންނާކަށެއް ނުޖެހޭނެޔޭ
– ހޯރަފުށީ އާދަމް ސަލީމް-
މިޅެމުގެ ފުރަތަމަ ބައިތުގެ މާނައަށް ބަލާއިރު، ޢިޝްޤު ނުވިނަމަ ދޭހުގައި މިހިތާމައެއް ނުޖެހޭނެޔެވެ. އަދި ޢިސްޤު ނުވިނަމަ ގިސްލަ ގިސްލާފައި ކަރުނަ އޮހޮރާކަށެއް ނުޖެހޭނެޔެވެ. ދެވަނަ ބައިތުގެ ”ޢިޝްޤު ނުވިނަމަ ވާނުވާއެއް ނޭނގިފާ، ޙައިރާންވެފާ، ހިތްދަތިވެފާ އަދި ދާނުގާ މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔެވެ. ތިންވަނަ ބައިތުގައި މާނައަކީ، ޢިޝްޤު ނުވިނަމަ، ނިދިފިލާ ރޭގަނޑު ހަތަރުދަމުހެން ރާޙަތެއް ނުލިބި، ދެކަޅި ވިދި ލޯބޮޑުވެފައި އޮންނާކަށެއް ހަމަ ނުޖެހޭނެކަމެވެ. ” މިއިން ކޮންމެ ބައިތެއްގައިވެސް ޖުމުލަ ހަމަޖައްސާފައިވަނީ ކޮންމެ ބައިތެއް ޅެމުގެ ފެށޭބައިތުގެ ފެށޭ ބައި ( އިސްޤު ނުވިނަމަ…) އާ ގުޅުވައިގެންނެވެ. އެހެންކަމުން މިއިން ކޮންމެ ބައިތެއް ވަކިވަކިން ބެލުމުން މުސްތަޤިއްލު މާނައެއް ދޭހައެއް ނުވެއެވެ.
މީގެއިތުރުން ޅެންހެދުމުގައި ބައިތުތައް މައިގަނޑު ނަމާއި ތަބަޢަކޮށް ޅެންހެދުމަކީ، ބައިތުތަކުގައި މުސްތަޤިއްލު މާނައެއްނެތި، ބައިތު ކިޔާފައި ސުރުޚީ ނުވަތަ މައިގަނޑަށް ކިޔުމުން ނޫނީ، ބައިތުގެ ފުރިހަމަ މާނަ ދޭހަ ނުވާނެހެން ބައިތުތައް ހަދައި އެކުލަވާލުމެވެ. ޅެމެއްގައި ކޮންމެ ބައިތެެއްގެ މުސްތަޤިއްލު މާނައެއްނެތި، އެ ބައިތެއް ކިޔާފައި މައިނޑުނަން ކިޔުމުން ފުރިހަމަ މާނަ ދޭހަނުވާނަމަ އެއީ ޅެމަކަށް ނުވާނެއެވެ. ޅެމަކަށް ވާނީ އެ ބައިތެއް ކިޔާފައި މައިގަނޑު ކިޔުމުން ފުރިހަމަ މާނައެއް ދޭހަވާނަމައެވެ. މިސާލަކަށް؛
ފަޤީރުވުމުން
ގުޅިގެން އުޅޭނެމީހުން ގިނައެއް ނުވާނެޔޭ
ރުޅިބަސް ރުޅިން ބުނާއަޑު ކެނޑިގެން ނުދާނެޔޭ
އުނިކަން ޙަޔާތުގައިލިބި މިގޮތަށް ދިމާވުމުން
ދުނިޔޭގެ ބިންމަތީގައި ބާކީ ވެދާނެޔޭ
-މުޙައްމަދު ރަފީޢު/ ހ.ކަރަންކާމާގެ-
މި ޅެމުގެ ކޮންމެ ބައިތެއް ކިޔާލުމުން ފުރިހަމަ މާނައެއް ދޭހަވަނީ ސުރުހީއާއި ގުޅުމުންނެވެ. މިސާލަކަށް، ” ފުރަތަމަ ބައިތުގެ ޞަދުރުގައި ގުޅިގެން އުޅޭނެމީހުން ގިނައެއް ނުވާނެޔޭ ”ފަޤީރުވުމުން” މިހެންނެވެ. މިގޮތަށް މިޅެމުގެ ފުރަތަމަ ބައިތުގައި މިވަނީ ޞަދުރާއި އަޖުޒު ވަކިވަކިން ޅެމުގެ ޞުރުހީ އާއި ގުޅުވައިގެން ޖުމުލަ މާނައެއް ހަދާފައެވެ. އަދި އެހެން ހުރިހާ ބައިތެއް ވަނީ ޞުރުހީ އާއި ގުޅުވައިގެން ކޮންމެ ބައިތެއް ވަކިން ޖުމުލަ މާނަ ހަމަޖައްސާފައެވެ.
ޅެމާއި ޚިލާފަށް ލަވައިގައި މުސްތަޤިއްލު މާނައެއް ދޭހަވަނީ ލަވައިގެ ކޮންމެ ކަޑިއެއް މައިގަނޑު ކަޑިއާއި ގުޅުވައިގެން ނެވެ. މިސާލަކަށް،
ޗާނދަނީ
ތާގައި އެހުންނާނޭހާ / ނާ ޗާނދަނީ (20 ފިލި)
ތާގައިމިއިންދާނޭހޭނާ / ނާ ޗާނދަނީ (22 ފިލި)
ގެންނަންދަމާހޭ، / އެންމެން ހިނގާށޭ (18 ފިލި)
މިންނަތް ކުރާށޭ، / ހެއްދޭތޯ ޗާނދަނީ (20 ފިލި)
އިންދަން ހަދާށޭ،/ ހައްދަން އުޅޭށޭ (18 ފިލި)
ފެންދީބަލާށޭ، / ހެއްދޭތޯ ޗާނދަނީ (20 ފިލި)
ސޯސަންމަލާމާ، / ޝަމްސަން ނެތީމޭ (18 ފިލި)
އޯގާވަމާހޭ / ހެއްދޭތޯ ޗާނދަނީ (20 ފިލި)
-ބޮޑުފެންވަޅުގޭ ސީދީ-
މިލަވަޔަށް ބަލާއިރު މި ލަވައިގެ ކޮންމެ ކަޑިއެއް މިވަނީ ލަވައިގެން މައިގަނޑު ކަޑިއާއި ގުޅިފައެވެ. އަދި މި ލަވައިގެ ކޮންމެ ކަޑިއަކުންވެސް މުސްތަޤިއްލު މާނައެއް ދޭހަވެއެވެ. ލަވައިގެ ޖުމުލަ މާނައަކީ، ”ނާހަމަ ގައިމެވެ. އެތާނގައި ޗާނދަނީ ހުންނާނެއެވެ. މިތާނގައި އޭނާ ޗާނދަނީ އިންދާނެއެވެ. ޗާނދަނީ މާ ގަސް ގެންނަން އެންމެން ދަމަ ހިނގާށެވެ. އެގަސް ގެނެސް އިންދަން ވަޅުކޮނެ ހައްދަން އުޅޭށެވެ. ފެންދީ ބަލާށެވެ. ޗާނދަނީ މާ ހެއްދޭތޯ އެވެ. އަދި ސޯޝާން މަލާ، ސަމްޝަން މާ ނެތަސް ޗާނދަނީ މާ ގަސް ހެއްދޭތޯ އެގަހަށް އޯގާވަމާ ހެވެ. ” މިއެވެ.
މި ލަވަ ޅެމަކަށް ނުވާ އެއް ސަބަބަކީ ޅެމުގައި ހުންނަ ގޮތަށް ބައިތުތަކުގައި ވަޒަން ހަމަނުކޮށް ރާގަށް ފައްތާފައި ވުމެވެ. މިލަވައިގެ ވަޒަނަކީ 18 ފިއްޔާއި 22 ފިއްޔާއި ދެމެދެވެ. ޅެމެއްގައިނަމަ ޞަދުރާއި ޢަޖުޒުގައި ތާލުތަކުގެ ފިލީގެ ޢަދަދު ހަމަ ވާނެއެވެ. އަދި ކޮންމެ ބައިތެއްގެވެސް ޞަދުރާއި ޢަޖުޒުގެ ފިލީގެ ޢަދަދު ހަމަވާން ޖެހެއެވެ. ކާފިޔާ އާއި ބަނޑުވައްއަކުރު އެއްގޮތްވެ ފިލިކޯޅި އެއްގޮތް ކޮށްފައި ހުއްޓަސް ޅެމެކޭ ނުބުނެވޭނެއެވެ. ކޮންމެ ލަވައެއް ޅެމަކަށް ނުވި ނަމަވެސް އެ ލަވަޔަކީ ވަކި ރާގަކަށް ވަކި ބީޓްތަކަކަށް އެމުނިފައިވާ އެއްޗަކަށް ވާންޖެހެއެވެ. ލަވަޔަކުންވެސް މާނައެއް ދޭހަވާން ޖެހެއެވެ. ލަވައިގެ މައިގަަނޑު ބައިތުގައި ބުނާ ވާހަކައަކާއި ގުޅެން ޖެހެއެވެ. މި ލަވައިގެ ކޮންމެ ބައިތެއްގެ އަޖުޒު ނިންމާފައި ވަނީ ލައިގެ މައިގަނޑު ޞުރުހީ އާއި ގުޅުވައިގެން ” ޗާނދަނީ” މިހެންނެވެ. ވީމާ، މިއީ ފުރިހަމަ ލަވައެއްކަމަށް ބެލެވިދާނެއެވެ.
2- ރައިވަރުގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތައް
ރައިވަރަކީ އިހުޒަމާނުއްސުރެ ދިވެހީންގެ މީހުން، އެމީހުންގެ ހިތަށް އަންނަ ޚިޔާލުތަކާއި އެގޮތްގޮތުން ފާހަގަކުރަންޖެހޭ މަޤްޞަދުތަކާއި ހިތުގެ ޝުޢޫރުތައް، ކޮންމެވެސް ރާގެއްގައި، ހަރުއަޑުން ކިޔައި ފައުޅުކުރުމަށް ގެންގުޅެމުން އައި، ވަކި ޚާއްޞަ ވަޒަނެއްގެ ޅެންބަހުރުވަޔަކަށް ކިޔާ ނަމެއްކަމަށް މުހައްމަދު ޖަމީލު (1986) ހާމަކުރައްވައެވެ.
ރައިވަރުގައި ޖުމުލަ ހަމަޖައްސާއިރު، ތިންބަސް ނުވަތަ ހަބަސް ގުޅިގެން އެއްޖުމުލަ ބުނެފައި ހުރެއެވެ. ނުވަތަ އެއް ޖުމުލައަށް ވުރެ ގިނަ ޖުމުލަ ހިމަނާފައި ހުރެއެވެ. މިސާލަކަށް،
ވަހަކުންދު ހިފަންޏާ ( ދުވަހަކުން ހިފަންޏާ)
އަހަރެންގެ ބޭނުމެއްވާ ( އަހަރެންގެ ބޭނުމެއްވާ)
ބަހަކަށްމެ މީހަކުބުނާ ( މީހަކު ބުނާ ބަހަކަށްމެ)
ނަހަދާށެ ތިޔަހެންރަނާ ( ރަނާ ތިޔަހެން ނަހަދާށެ)
ސަހަލުނުވެ އެއްކަމެއްގާމި ( އެއްކަމެއްގައި ސަހަލުނުވެ)
ކަހަލަމަކާކަ މެދުގާމި ( މިކަހަލަ ކަމަކާމެދުގާ)
މި ރައިވަރުގެ ހަބަސް ގުޅިގެން ހެދިފައިވަނީ އެއް ޖުމުލައެވެ. ” ދުވަހަކު ކޮޅުންވެސް އަހަރެންގެ ބޭނުމެއް ހިފަންޏާ، މިކަހަލަ ކަމަކާމެދު މީހަކު ބުނާހާ އެއްޗަކާމެދު އެއްކަމެއްގައިވެސް ތިޔަހެން ނަހަދާށެވެ.” މިހެންނެވެ. ތިންބަސް ރައިވަރުގައި މިސާލަކަށް،
ފާޅުވާހެން މިފޮތް ލިޔެ ( ފާޅުވާހެން މިފޮތް ލިޔެ)
ފާޅުވާބަސްފުޅަށްމަތުން (ފާޅުވާ ބަސްފުޅަށް މަތުން)
ފާޅުނުވާނެ ތަންމަތުން (ތަންމަތުން ފާޅުނުވާނެ )
މި ތިން ބަސް މިވަނީ އެއް ޖުމުލައަކުން ބުނެފައެވެ. ” ފާޅުވާނޭހެން މިފޮތް ލިއެ މަގޭ ދުލުން ފާޅުކުރާ ބަސް މިރައިވަރު ނިންމުމަކުން ފާޅެއް ނުވާނެއެވެ.” މިހެންނެވެ. ނަމަވެސް ތިރީގައި މިވާ ރައިވަރުގެ ހަބަސް މިވަނީ އެއް ޖުމުލައަށްވުރެ ގިނަ ޖުމުލައިން ބުނެފައެވެ.
ހިތުގަރު ބައެއްނުލާ ( ހިތު ގަރުބައެއް ނުލާ )
މިތުރަށްމަދޭ ނަމޭކިޔާ ( މިތުރަށް ކިޔާދޭނަމޭ)
ވިތުރީގެ ފަހުގާ އަނާ ( ވިތުރީގެ ފަހުގާ އަނާ)
އިތުރުގިނަ ކުރަމޭދުޢާ ( އިތުރު ގިނަ ދުޢާ ކުރަމޭ)
ހިތުނޫރު ލެެއްވުމަށްބީގެ (ހިތު ނޫރު ލެއްވުމަށް ބީގެ)
އިތުރުއެމާތް ރައްބީގެ ( ރައްބީގެ އިތުރު މާތް)
މިރައިވަރުގެ ފުރަތަމަ ދެބަހުގައި ބުނެފައިމިވަނީ، ” ހިތުގައި ގަރުބައެއް ނުލާ މިތުރަށް ކިޔާދޭ ނަމެކެވެ. ތިންވަނަ ބަހުން ފެށިގެން ފަހުބަހާއި ހަމައަށް ބުނެފައި މިވަނީ އެއް ޖުމުލައިންނެވެ. ” ވިތުރީގެ ފަހުން އަހަރެންގެ ހިތުގާ ނޫރު ލެއްވުމަށް އެދި އިތުރު ވެގެންވާ ދުއާތައް ގިނަގިނައިން ކުރަމެވެ.” މިހެންނެވެ.
ރައިވަރުގައި ޖުމުލަ ހަމަޖެއްސުމުގައި ބައެއްފަހަރު ހަތަރުވަނަ ބަހުން ، ގަތްބަހައި ފަހުބަހާއި ކުރީ ތިން ބަހަށް މަޅި އެއްލައި ބަނދެގެންވެސް ޖުމުލަ ހަމަޖައްސާފައި ހުރެއެވެ. މިސާލަކަށް،
މާލެ ދަތުރު
ރާފުގެން ކުންއެމުލަ (މުލަކުން ފުރައިގެން)
އާފަހުން މަސަވެގެންހުލަ (މަސަލަހުވެގެން އާފަހުން)
ވާމައުދަ ކުންހިތަށްގުލަ (ހިތަށް މަވާ އުދަގުލަކުން)
ދާނަކުޅަކަށް ނޫނެދުލަ (ދުލަކަށް ކުޅަދާނައެއް ނޫނެ)
ފާތެއްތަނެއްނު ވާރަށްބު ( ތަފާތެއްނުވާ ރަށް)
ނާށަމުޅިން މިތުރަށްބު ( ބުނާށަ މިތުރަށް މުޅިން )
-އަލްފާޟިލް ކަރައްޔެ ކަޅުތުއްތުދީދީ-
މި ހަ ބަސް ރައިވަރުގެ ޖުމުލަ މާނައަކީ، ”މުލަކުން ފުރައިގެން މަސަލަހުވެގެން އައިފަހުން، މަގޭ ހިތަށްވާ އުދަގުލަކުން ތީ ތަފާތެއް ނުވާ ރަށެއްކަން މިތުރުގާތު ބުނާކަށް މަގޭ ދުލަކަށް ކުޅަދާނައެއް ނޫނެވެ.” މިރައިވަރުގައި މިވަނީ ހަބަސް ގުޅުވައިގެން އެއް ޖުމުލަ ބުނެފައެެވެ. މުޅި ރައިވަރުގައި މިވަނީ މުސްތަޤިއްލު އެއް މާނައެވެ. މި ރައިވަރުގައި ޖުމުލަ ހަމަޖައްސާފައި މިވަނީ ހަތަރުވަނަ ބަހުން ، ގަތްބަހާއި ފަހުބަހާއި ކުރީ ތިން ބަހަށް މަޅި އެއްލައިގެންނެވެ. ޖުމުލަ ހަމަޖައްސަން ބުނެފައިވަނީ ހަތަރުވަނަ ބަހެވެ. ”ދުލަކަށްް ކުޅަދާނައެއް ނޫނެވެ.” މިހެންނެވެ. ތިންބަސް ރައިވަރުގައި މިސާލަކަށް؛
އަދަ ބުވެތި މާދާއި އަރު (އަދަބުވެތި އަރުމާދާއި)
ގަދަ ލިބުނުމެއް ދިޔޯމާކަ (މާ ގަދަ ކަމެއް ނުލިބުނު ދިޔޯ)
ރަދަ ށުންދޭ ބަރުމާކަ (ބަރު މާކަރަ ދަށުންދޭ)
-ޝައިހު ޒުބައިރު ފޮތުން-
މާނައަކީ ”އަރުމާދު އަދަބުވެތިވެގެން ބަރު މާކަރަ ދަށުން ދިޔައީ ދިޔޯއަށް ގަދަކަމެއް ނުލިބުނީމައެވެ.” މިއެވެ. މިއީ ތިންބަސް ގުޅުވައިގެން ހަދާފައިވާ އެއް ޖުމުލައެވެ. ފެށޭ ބަހާއި ފަހު ބަހަށް މިވަނީ ގަތް ބަހުން ( ތިން ބަސް ރައިވަރުގެ މެދަށްވާ ބަހުން) މަޅި އެއްލައިގެން ޖުމުލަ ހަދާފައެވެ. އަދި މިރައިވަރުވެސް ހަދާފައި މިވަނީ އެހެން ރައިވަރުތަކެކޭ އެއްފަދައިން ބަސް ފުރޮޅައިގެންނެވެ. މިސާލަކަށް، ” އަރުމާދާއި” މިބަސް ” މާދާއި އަރު” މިގޮތަށް ގެނެސްގެންނެވެ.
3- ރައިވަރުގެ ވަޒަނުގެ ތާލުތަކާއި ތާލުތައް އެތުރޭ ގޮތް
ރައިވަރުގެ ވަޒަނުގެ ތާލުތައް އެތުރުމުގައި ލަފުޒު ތަކާއި ބަސްތަކުގެ ތަރުތީބު އޮޅުވާލާފައި ހުރެއެވެ. އަދި ރައިވަރުގެ ކޮންމެ ކޮންމެ ބަހެއްގައިވެސް ދެ ތާލު ވެއެވެ. އެތާލުތައް ވަޒަނަށް ފެއްތުމުގައި ފިލީގެ އަދަދު ހަމަވާން ޖެހެއެވެ. މިސާލަކަށް؛
ވާށަ އަރު / ނަގިލި ބަޑި (5*5= 10 ފިލި)
ޔާއި ދުނި ސަފު / ސާންދަޑި (7*5 = 12 ފިލި)
ކާއި ތަވިވަރު / ލޮންސިތަޑި (7*5= 12 ފިލި)
ފާހި އައްޑަނަ / ނުމަދުކަޑި (7*5= 12 ފިލި)
ސާރި އަށްއެނގި / ހުއްޓަތީފި (7*6= 13 ފިލި)
ޔާބު ނެބުނު / ކިސްތީފި (6*5= 11 ފިލި)
މިރައިވަރުގެ ކޮންމެ ބަހެއްގައިވެސް މިވަނީ ދެތާލެވެ. ފުރަތަމަ ބަހުގެ ވަޒަނުގައި މިވަނީ 5 ފިލި ހިމެނޭ ދެތާލެވެ. ޖުމުލަ 10 ފިއްޔެވެ. ދެވަނަ ބަހުގެ ވަޒަނުގައި މިވަނީ 7 ފިލީގެ ތާލަކާއި 5 ފިލީގެ ތާލެކެވެ. ޖުމުލަ 12 ފިއްޔެވެ. ތިންވަނަ ބަހުގެ ވަޒަނުގައި މިވަނީވެސް 7 ފިލީގެ ތާލަކާއި 5 ފިލީގެ ތާލަކާއެކު ޖުމުލަ 12 ފިލީގެ ބަހެކެވެ. ހަތަރުވަނަ ބަހުގެ ވަޒަނުގައި މިވަނީ 7 ފިލީގެ ތާލަކާއި 5 ފިލީގެ ތާލަކާއެކު ޖުމުލަ 12 ފިލީގެ ބަހެކެވެ. ގަތް ބަހުގައި ވަޒަނުގައި މިވަނީ 7 ފިލީގެ ތާލަކާއި 6 ފިލީގެ ތާލަކާއެކު ޖުމުލަ 13 ފިލީގެ ތާލެކެވެ. އަދި ފަހު ބަހުގެ ވަޒަނުގައި މިވަނީ 6 ފިލީގެ ތާލަކާއި 5 ފިލީގެ ތާލަކާއެކު ޖުމުލަ 11 ފިލީގެ ބަހެކެވެ. މުޅި ރައިވަރުުގައި މިވަނީ 70 ފިއްޔެވެ. އެހެންކަމުން މި ރައިވަރަކީ ރައިވަރު ހެދުމުގައި އަމަލުކުރަން އޮންނަ ގޮތަށް ވަޒަނުގެ ތާލަށް ހެދިފައިވާ ރައިވަރެކެވެ.
ނަމަވެސް ރައިވަރުގައި ދެލާލު ގުޅުވުމުގައި ފުރަތަމަ ތާލުގެ ނިމޭ ފިއްޔާއި ދެވަނަ ތާލުގެ ފެށޭފިލި އެއް އަކުރު އަނެއް އަކުރުގެ ފިއްޔެއްގައި ޖެހިގެން އޮތްނަމަ އެއީ އެންމެ ފުރިހަމަ ރައިވަރެކޭ ނުބުނެވޭނެއެވެ. މިސާލަކަށް؛
ގުންމަފެށި / ދުރުއިނަސް (5*5=10)
ލުންދުއަދުބުނެ/ ނުލާބަސް (7*5=12)
ތުންއަރައަރާ / އަބަދުވެސް (7*5=12)
ހުންނަފިނިފެން / މަލަކުވެސް (7*5=12)
ފުންސަޅަމަގޭ / ސާހިބާދަ (7*6=13)
މުށްގެހިލާ / އެފަސްބައިދަ (6*5=11)
މިރައިވަރުގައި ދަށު ރޮނގުން ފާހަގަ ކުރެވިފައި މިވަނީ އެއް ބަހެއްގައި ފެށޭތާލުގެ ފަހު އެއް އަކުރުގައި ދެފިލި ބޭނުންކޮށްފައިވާ ގޮތާއި، ފަހުތާލުގެ ފެށޭ އަކުރުގައި ދެ ފިލި ބޭނުންކޮށްފައިވާ ގޮތުގެ މިސާލެކެވެ. މިގޮތުން މި ރައިވަރުގެ ތިންވަނަ ބަހުގެ 5، 6 މިދެ ފިލި މިވަނީ ތާލުގެ ނިމޭ އަކުރު ( ރާ ) ގައެވެ. ގަތްބަހުގައި ފެށޭ ތާލުގެ ފަހު އަކުރުގައި 6 އދަި 7 ވަނަ ފިލި (ގޭ) މިއަކުރުގައި، އަދި ފަހު ތާލުގެ ފެށޭ އަކުރު (ސާ) ގައި 8،9 ވަނަ ފިލި ޖެހިފައި އެވަނީ އެވެ. އަދި ފަހު ބަހުގެ ފެށޭ ތާލުގެ ފަހު ދެ ފިލި އެވަނީ (ލާ) މިއަކުގައި ޖެހިފައެވެ. މިހެން ވުމުން މިއީ ފުރިހަމަ ޅެމެކޭ ނުދެންނެވޭނެއެވެ. ނަމަވެސް މިއީ އުޞޫލުތަކާއި ހަމަތަކަށް ފެތޭ ނަމަވެސް ރައިވަރުގެ ވަޒަނުގެ ތާލުތައް އެތުރުމުގައި ރަނގަޅުގޮތެކޭ ނުދެންނެވޭނެއެވެ. މިގޮތަށް ދެ ތާލު އެއްކޮށް ޖެހުމަކީ އިހުތިޔާރީ ކަމެކެވެ.
4- ކާފިޔާ
ޅެންވެރިކަމުގެ ވާހަކަ ދައްކާއިރު، ކާފިޔާއަކީ ޅެންބައިތުގެ އެންމެފަހަށް އޮތް އަކުރާއި ފިލިކަމަށް މުޙައްމަދު ޖަމީލު (1986) ވިދާޅުވެއެވެ. ކާފިޔާ ހަމަކުރުމަކީ، ވަރަށްގިނަ ބަސްބަހުގެ ޅެމުގައި ހުންނަ ގޮތެކެވެ. ޢަރަބި، ފާރިސީ، ހިންދީ،އުރުދޫ، މިބަސްބަހުން ހުންނަ ޅެމުގައި ކާފިޔާ ހަމަކޮށްފައި ހުރެއެވެ. ބައެއް އެހެން ބަސްބަހުގެ ޅެމުގެ ކާފިޔާ ހަމަނުކޮށްވެސް ހުރެއެވެ.
މިސާލަކަށް:-
ޢިޝްޤު ނުވިނަމަ ދޭހުގައި މިހިތާމައެއް ނުޖެހޭނެޔޭ
ގިސްލަ ގިސްލާފައި ކަރުނަ އޮހޮރާކަށެއް ނުޖެހޭނެޔޭ
ވާނުވާއެއް ނޭނގިފާ، ޙައިރާންވެފާ، ހިތްދަތިވެފާ
ދާނުގާ މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔޭ
މިޅެމުގައި ދަށު ރޮނގުބުރިން ފާހަގަކޮށްފައިވާ ފަދައިން ޅެމުގެ ފެށޭ ބައިތު ޞަދުރާއި އަޖުޒުގެ ނިންމާ އަކުރާއި ފިލި އެއްގޮތްކޮށްފައި ޅެމުގެ އެހެން ބައިތުތަކުގެ އަޖުޒު ފެށޭ ބައިތުގެ ނިންމާ އަކުރާއި ފިލި އެއްގޮތް ކުރުމެވެ. މިގޮތުން މިޅެމުގެ ކާފިޔާ އަކީ ”ޔޭ” މިއެވެ. މިއީ ޅެންބައިތެެއްގެ ކާފިޔާ އެއްގޮތް ކުރުމުގެ އެންމެ ކުޑަ މިންވަރެވެ.
އަނެއްގޮތަކީ، ކޮންމެ ބައިތެއްގައިވެސް އޮންނަ ދެބުރީގެ ނިމުންތައް އެއްގޮތް ކުރަމުން ގެންދިޔުމެވެ. ބައިތުތަކުގެ ނިމުންތައް އެއްގޮތްކުރުމުން ދޫކޮށްލުމާ އެކުގައެވެ. މިސާލަކަށް،
ދުއްތުރާލެއް އެއްވިޔަސް ފުށަކަށްވެދާ
ކުށްތަކީ ބޮޑުފާފައޭ ހަމަ ފުހިނުދާ
ތެދުހިތުން ތައުބާނުވާ ހިނފުގައި އަޅޭ
ދެދުނިޔޭގައި، އޭގެ ސުންޕާކަން ލިބޭ
– ޙުސައިން ޞަލާހުއްދީނުގެ އަލްއަދަބު ފޮތުން-
މިޅެމުގައި މިވަނީ ކޮންމެ ބައިތެއްގެ ޞަދުރައި އަޖުޒުގެ ކާފިޔާ އެއްގޮތް ކޮށްފައެވެ. މިގޮތުން ފުރަތަމަ ބައިތުގައި މިއޮތީ ” ވެދާ، ނުދާ މިގޮތަށެވެ. ދެވަނަ ބައިތުގެ ކާފިޔާ އެއްގޮތްކޮށްފައި މިއޮތީ ” އަޅޭ، ލިބޭ” މިގޮތަށެވެ. މިއީ ޅެންބައިތެއްގައި ނަމަ މުސްތަޤިއްލު ކާފިޔާއެއް އޮންނަން ޖެހެއޭ ބުނާ ބަހުގެ ގަވާއިދެވެ. ބައެއް ލަވައިގައި ދައުރުތަކުގެ ކާފިޔާ ނުވަތަ ތާލުތަކުގެ ކާފިޔާ އެއްގޮތްކޮށްފައި ހުރެއެވެ. މިސާލަކަށް؛
ގޮހޯ މިހުރީ މިތާ ދުރުގައި / ފޮހޯކޮށެނީ ޅިހަށް ކަމުގައި
އޮހޯ އަހުނޭ މަށަށް އަދުގައި / ޅޮހޯ ރަނގަޅީ ޅޮހޯ ރަނގަޅީ
-ބޮޑުފެންވަޅުގޭ ސީދީ-
މިއީ ތިންދައުރުގެ ކާފިޔާގެ ޅެންބައިތެކެވެ. މި ބައިތުގެ ޢަޖުޒުގެ ފަހު ތާލު ފިޔަވައި އެހެން ހުރިހައި ތާލެއްގައި ކާފިޔާ ހަމަކޮށްފައި ހުރީ ”ގައި” މިހެނެވެ. ހަމަމިގޮތަށް ބައެއް ޅެމުގައި ހަތަރު ތާލުގެ ކާފިޔާވެސް އެއްގޮތް ކޮށްފައި ހުރެއެވެ. މިސާލަކަށް؛
ގަސްތުކުރި މާ އެ ގަހުގާ ފޮޅިއްޖޭ
ގަސްދޮށަށް ދާށަ އޮތް މަގު ބެދިއްޖޭ
ވަސް ވަޔާއެކުވެގެން އައިސް ލިބިއްޖޭ
އަސްތަ އަސްތާ މެޔާ ހިތް ފުރިއްޖޭ
-އާދަމް ނަސީރު އިބްރާހިމް-
މިއީ ހަތަރު ދަޢުރުގެ ކާފިޔާ އެކެވެ. މިބައިތުގެ ހަތަރު ތާލުގެ ކާފިޔާ އެއްގޮތްކޮށްފައި މިއޮތީ” ފޮޅިއްޖޭ، ބެދިއްޖޭ، ލިބިއްޖޭ، ފުރިއްޖޭ” މިގޮތަށް ކާފިޔާގެ ފަހު އަކުރާއި ފިލި އެއްގޮތްކޮށްފައި އަދި ކާފިޔާގެ ބަނޑުވައްއަކުުރު އެއްގޮތްކޮށް އަދި ބަނޑަށްވަތް އަކުރުގެ ފިލި އެއްގޮތްކޮށްފައެވެ.
މީގެއިތުރުން ކާފިޔާ އެއްގޮތް ކުރުމުގައި ޅެންވެރިޔާ އިޚުތިޔާރަށް ދޫކޮށްލެވެއެވެ. މިގޮތުން ބައެއް ފަހަރު ޅެމުގައި ކާފިޔާ އެއްގޮތް ކުރުމުގައި ޅެމެއްގެ ޅެންބައިތުގެ ފަހަތުކޮޅު ބަނޑުވައް އަކުރާއި އޭގެ ފިލި އެއްގޮތް ކޮށްފައިވެސް ހުރެއެވެ. މިސާލަކަށް،
ކަނޑުން ފެންނަ އާތިޝް މިބާޒީ ފެނޭތޯ
ތަނޑުން ވަކިވެދާހާ ވަރަށް އިތިވެފާހޭ
ގިލާބާޒު ޣިޔަރަތު ރަޢުދު ދެކިއުދަރެހުން
ހިލާލުގެ ނަޔާ މަންޒަރެއް ދެން ކޮބާހޭ
-ދަމިލަ އާދަމް ފުޅު-
މިޅެމުގެ ބައިތުތަކުގައި މިވަނީ ” ކޮންމެ ބައިތެއްގެއަޖުޒުގެ ފަހަތުކޮޅު ބަނޑުވައް އަކުރާއި އޭގެ ފިލި އެއްގޮތް ކޮށްފައެވެ. ” ފާހޭ، ބާހޭ” މިގޮތަށެވެ. ނަމަވެސް ލަވައިގައި ކޮންމެހެން ކާފިޔާ އެއްގޮތް ކުރާކަށް ނުޖެހެއެވެ. އެއީ ވަކި ހަމަތަކެއްގެ މަތިން ރާގަކަށް ކިޔޭ އެއްޗެކެވެ. ނަމަވެސް ބައެއް ލަވަތަކުގައި ކާފިޔާ އެއްގޮތްކޮށްފައި ހުރެއެވެ. މިސާލަކަށް؛
އެންމެ ތުއްޕުޅު އިލޮޅި / ފުށްކޮޅެއްފަދަ ފަދަ ކިރޮޅި
ދެންމެ ހީނލީގޮތުން / ވެއްޖެޔޭ ހިތް ކުރޮޅި
-އާދަމް ނަސީރު އިބްރާހިމް-
މި ލަވައިގައި ތިން ތާލުގެ ކާފިޔާ އެއްގޮތް ކޮށްފައި މިވަނީ އިލޮޅި ، ކިރޮޅި، ކުރޮޅި ” މިގޮތަށެވެ. މުޅި ލަވައިގެ ކާފިޔާ ހަމަކޮށްފަިއ ވަނީވެސް ” ޅި” މިއަކުރުގެ ފިއްޔަށެވެ. މައިނޑާއި ކޮންމެ ކޑިއެއްގެ ޢަޖުޒުގެ ފުރަތަމަ ތާލު ފިޔަވައި ކޮންމެ ތާލެއްގައިވެސް ކާފިޔާ އޮތީ އެއް ގޮތަކަށެވެ. އެހެންކަމުން ޅެމެކޭ އެއްފަދައިން ލަވައިގައިވެސް ކާފިޔާ އެއްގޮތް ކުރުމުގައި އިހްތިޔާރީ ގޮތްތަކެއް ވާކަން މި ޅެންތަކާއި ލަވަތަކުން ހާމަވެއެވެ.
މީގެއިތުރުން ޅެމުގެ ފަހަތު ބަނޑުވައް އަކުރާއި އޭގެ ފިލީގެ އިތުރުން އިތުރު އަކުރު ނުވަތަ ފަހަތުން ތިންވަނަ އަކުރާއި އޭގެ ފިލިވެސް އެއްގޮތްކޮށްފައި ހުރެއެވެ. މިސާލެއްގެ ގޮތުން ބެއްޔަތުއްތު ހައްދަވާފައިވާ ” ހިތުގެ ޤަދަރެއްނުވާ ލޯބި” މިޅެމުގެ ތޭރަވަނަ ބައިތާއި ސާދަވަނަ ބައިތަށް ބަލައިލާނަމެވެ.
ދެންހެވޭ ހައްދަވާނޭގޮތެއް ހައްދަވާ
އެންމެ އެދެވޭ ޖަވާބުގެ މިއީ މާނައޭ
މާކުރިންވެސް ވިދާޅުވި ހަނދާނެއްވެޔޭ
ކާކުމިތުރަކު ކަމަށް ދުނިޔެވީ ބާވައޭ
-ބެއްޔަތުއްތު-
މި ޅެމަށް ބަލާއިރު ދެބައިތުގައިވެސް މިވަނީ ކޮންމެ ބައިތެެއްގެވެސް ފަހަތުކޮޅު ބަނޑުވައް އަކުރުގެ ތިން އަކުރާއި ފިލި އެއްގޮތް ކޮށްފައެވެ. ” މާނައޭ، ބާވައޭ” މިގޮތަށެވެ. އަދި މިގޮތަށް ޞަދުރާއި އަޖުޒުގެ ކާފިޔާގައި ” އޭ ” މި ގޮތަށް އެއްގޮތް ކުރުމަކީ އަކުރު އެއްގޮތްކުރުމުގެ އެންމެ ކުޑަ މިންވަރެވެ. ގެއިތުރުން ވަކި ޅެންބައިތެއްގައި ނަމަ ޞަދުރާއި ޢަޖުޒުގެ ކާފިޔާ އެއްގޮތްކުރުމަކީ ޅެންބައިތަށް ވަރަށް ރީތި ކުލައެއް ގެނެސްދޭ ކަމެކެވެ. އެންމެ ބައިތެއް އޮތްނަމަ އެއީ ޅެން ބައިތެކެވެ. އެއަށްވުރެ ގިނަ ވެއްޖެނަމަ ޅެމެކޭ ކިޔެއެވެ. ވަކިން އޮންނަ ޅެންބައިތުތަކަކީ މޮޅު ބައިތުތަކެކޭ ދެންނެވިދާނެއެވެ. މިސާލަކަށް،
ދަރީނޭ ލޯބިވާ އަސްތާ، ހިފާށޭ ދިރިއުޅުން ސާދާ،
ޙާރީމަށް ހެޔޮއެދޭނަމައީ، ހިފާށޭ ދިރިއުޅުން ސާދާ.
މިއީ ފުރިހަމަ ޅެންބައިތެކެވެ. މިޅެންބައިތުގެ ޞަދުރާއި ޢަޖުޒުވެސް އެކުލެވިގެންވަނީ ހަމައަށް ބައިކުރެވިފައިވާ ބައިތަކަކުންނެވެ. ބައިތުގައި ދަށުރޮނގުން ފާހަގަކުރެވިފައިވާ ފަދައިން ނިމިފައިވަނީ ހަމަވެ އެއްގޮތްވެފައިވާ ކާފިޔާ އަކަށެވެ. މިގޮތަށް ހަދާނަމަ ހުރިހާ ބައިތެއްގައި ކާފިޔާ އެއްގޮތަކަށް ހުންނާކަށް ނުޖެހެއެވެ. ޅެމުގައި ކާފިޔާ އެއްގޮތް ކުރުމުގައި ފަހަތުކޮޅު ދެވަނަ ބަނޑުވައް އަކުރު އެއްގޮތް ކުރުމަށް މަޖުބޫރެެއް ނޫނެވެ. މިސާލަކަށް، ފުރަތަމަ ބައިތުގެ ޞަދުރާއި ޢަޖުޒުގެ މިއިން ކޮންމެ ބައެއްގެ ފަހު ތާލުގައި އެއްގޮތަކަށް ”ސާދާ” މިހެން ކާފިޔާ ގެނެސްފައި ދެވަނަ ބައިތުގައި ޞަދުރާއި ޢަޖުޒުގެ ކާފިޔާ އެއްގޮތް ކުރުމަށް ކޮންމެ ބައެއްގެ ފަހު ތާލުގައި ” ޖެހޭ” މިގޮތަށް ޞަދުރާއި ޢަޖުޒުގައި އެއް ލަފުޒެއް ބޭނުންކޮށްގެންވެސް ޅެމުގައި ކާފިޔާ ހަމަކުރެވިދާނެއެެވެ. މިއީވެސް އިހުތިޔާރީ ކަމެކެވެ.
ޅެމާއި ޚިލާފަށް ރައިވަރުގެ ފަހު ދެބަހުގެ ފަހަތުކޮޅު ބަނޑުވައް އަކުރު ހުރިހައި ބަހެއްގައި އެއްގޮތް ކުރުމަށް މަޖުބޫރުކަމެއް އޮވެއެވެ. އެހެނީ ހުސްބަހެއް ލައިގެން ނަމަވެސް ރައިވަރުގެ ގަތްބަހާއި ފަހުބަހުގެ ފަހަތުކޮޅު ބަނޑުވައް އަކުރާއި ފިލިވެސް އޮންނަން ޖެހޭނީ އެއްގޮތަށެވެ. މިސާލަކަށް،
ޅާށޭ އައިން ސީނުފަށު
ދާޅު ވިތަވީ ދިޔޯރަ ފުމަ
ހާސަގަލާ ޓަފަރު ފުމަ
މިރައިވަރުގައި ގަތްބަހާއި ފަހުބަހުގައި ” ފުމަ ” މިގޮތަށް ” ފ” މިއަކުރުން ފަހަތުކޮޅު ބަނޑުވައް އަކުރު އެއްގޮތްކޮށްފައި ވެއެވެ. މިއީ ރައިވަރުގެ ފަހުކޮޅު ބަނޑުވައް އަކުރު އެއްގޮތްކުރުމުގެ އެންމެ ކުޑަ މިންވަރެވެ. ނަމަވެސް ގަތްބަހުގައި ފަހަތުކޮޅު ބަނޑުވައް އަކުރު އެއްގޮތްކުރުމަށް ބޭނުންކޮށްފައިވާ ” ފުމަ” މިއީ ހުސް ބަހެކެވެ. ގަތްބަހުގައި ” ފުމަ” މާނަކޮށްފައި އެވަނީ ފުމުމަށެވެ. އެހެންކަމުން ޅެމާއި ޚިލާފަށް ރައިވަރުގައި ދެފިލިން ކާފިޔާ އެއްގޮތް ކުރުމުގައި މަޖުބޫރުކަމެއް ވެއެވެ. އަދި ” މާ ” މިގޮތަށް ގަތްބަހާއި ފަހުބަހުގައި ދެމޭފިލިން ކާފިޔާ އެއްގޮތް ކުރުމަކީ އިހުތިޔާރީ ކަމެކެވެ.
5- ބަނޑުވައް އަކުރު
ޅެމެއްގެ އުންސުރުތަކަށްބަލާއިރު ބަނޑުވައް އަކުރަކީ ބަސްފެށޭ ދެވަނަ އަކުރެވެ. ފުރަތަމަ އަކުރަކީ ބަސްފެށޭ މުލަ އަކުރެވެ. ބަނޑުވައް އަކުރު އެއްގޮތްކުރުމަކީ ، ކޮންމެބައިތެއްގަިއމެ ޞަދުރުގެ ދެވަނަ އަކުރު، އެބައިތުގެ ޢަޖުޒުގެ ދެވަނަ އަކުރާއި އެއްގޮތް ކުރުމެވެ. އޭރުން ޞަދުރުގައިވެސް އަޖުޒުގަިއވެސް އޮންނާނީ އެއް އަކުރެކެވެ. މިސާލަކަށް؛
ވާނުވާއެއް ނޭނގިފާ، ޙައިރާންވެފާ، ހިތްދަތިވެފާ
ދާނުގާ މި ޢަޛާބުގާ އޮންނާކަށެއް ނުޖެހޭނެޔޭ
ނިދިފިލާ ރޭގަނޑު ހަތަރުދަމުހެން ނުލިބިހަމަ ރާޙަތެއް
ވިދި ދެކަޅި ލޯބޮޑުވެފައި، އޮންނާކަށެއް ނުޖެހޭނެޔޭ
މިދެބައިތައް ބަލާއިރު މިދެ ބައިތުގެ ޞަދުރާ ޢަޖުޒުގެ ބަނޑުވައް އަކުރު މިވަނީ އެއްގޮތް ކޮށްފައެވެ. ފުރަތަމަ ބައިތުގައި އެއްގޮތްކޮށްފައި މިވަނީ ” ވާނު، ދާނު” މިގޮތަށެވެ. ދެވަނަ ބައިތުގައި ”ނިދި ، ވިދި” މިގޮތަށެވެ. ނަމަވެސް ބައެއް ބައިތުތަކުގައި ބަނޑަށްވަން އަކުރުވެސް އެއްގޮތް ކޮށްފައި ހުރެއެވެ. މިސާލަކަށް މަތީގައިވާ ފުރަތަމަ ބައިތުގައި ” ވާނުވާ ، ދާނުގާ” މި ތިންއަކުރުގެ ފިލި އެއްގޮތެވެ. މިއީ ޅެމެއްގެ ރީތި ކަމުގެ މިސާލެކެވެ. އެހެންނަމަވެސް ބަނޑަށްވަން އަކުރު އެއްގޮތް ކުރުމަކީ ޅެންވެރިޔާގެ އިޚްތިޔާރީ ކަމެކެވެ. މިއާ ޚިލާފަށް ބައެއް ޅެންތަކުގައި ބަނޑުވައް އަކުރާއި ބަނޑަށްވަން އަކުރު އެއްގޮތް ނުކޮށް ހަމައެކަނި ތިންވަނަ އަކުރު އެއްގޮތް ކޮށްފައިވެސް ހުރެއެވެ. މިސާލަކަށް؛
ވަޒަނަށް ގެންނާނީ ފޯރާނޭ ބާރުތާ،
ކުރިއަށް ގެންދާނީ ޤައުމީ ޅެންރާގުތާ
މިބައިތުގައި ޞަދުރާއި ޢަޖުޒުގެ ބަނޑުވައް އަކުރާއި ބަނޑައްވަން އަކުރު އެއްގޮތް ނުވި ނަމަވެސް ތިންވަނަ އަކުރު އެއްގޮތެވެ. އެއްގޮތްކޮށްފައި މިވަނީ ” ށް” ށަވިޔަނި ސުކުނަށެވެ. މަޝްހޫރު އަދީބް ބޮޑުފެންވަޅުގޭ ސީދީގެ ބައެއް ޅެންތަކުންވެސް މިފަދަ ބައިތުތައް ފެނިފައިވެއެވެ. އެހެންކަމުން މިއީ ޅެންވެރިންގެ އިޚްތިޔާރީކަމެއްކަން މިކަމުންވެސް ދޭހަވެއެވެ. ޅެމާއި ޚިލާފަށް ރައިވަރުގެ ބަނޑުވައް އަކުރުވެސް އެއްގޮތް ކުރަން ޖެހެއެވެ. މިސާލަކަށް؛
ފުން ސައުޅަދަށް ގަތާވޮޑި
ހުން ކުރެންނަށް އެންމެވާރަ
ދުން ތަޚުތުއިން ނަވާރަ
މިރައިވަރުގެ ކޮންމެ ބަހެއްގެވެސް ބަނޑުވައް އަކުރު އެއްގޮތްކޮށްފައި މިހުރީ ”ން” އަށެވެ. ނަމަވެސް ދެމޭފިލިން ފެށޭ ރައިވަރުތަކުގެ ބަނޑުވަތް އަކުރާމެދު އަމަލުކުރެވޭ ގޮތް ތަފާތެވެ. ބައެއް ފަހަރު ޅެންވެރިޔާގެ އިޙުތިޔާރަށް ދޫކޮށްލައެވެ. މިސާލަކަށް؛
ނާސަބު ނެރަދުން ނަށް
ލާށައެކު ޅެމަހަދައި ކަން
މާދުނަށްވާ ގޮތުން ރަށް
ދާހެން ހަމަވެ ޢިއްޒަތަށް
ވާވަރަށް ބެއްތަނަކު އައިނު
ތާކުޅަދާނަ ދުލަ އައިނު
މި ރައިވަރުގައި ބަނޑުވައްއަކުރު އެއްގޮތެއް ނޫނެވެ. ނަމަވެސް ރައިވަރުގައި ބަނޑުވައްއަކުރާއި މެދު އަމަލު ކުރެވޭގޮތުން ދޭހަ ވަނީ ދެމޭފިލިން ފެށޭ ރައިވަރުތަކުގައި އެއްގޮތްކޮށްފައި އޮންނަނީ ބަސްފެށޭ މުލަ އަކުރު ކަމެވެ. މުލައަކުގައި ދެމޭފިލި އޮންނަ ނަމަ ދެމޭފިލީގެ ނުފޫޒުގައި ބަނޑުވަކާއި ކާފިޔާ މިނިވަންވެއެވެ. އެހެންކަމުން ކާފިޔާ އާއި ބަނޑުވައް ހަމަޖެއްސުމުގައި ދެމޭ ފިއްޔަކީ ޚާއްސަކޮށްލެވޭ ފިލިތަކެކެވެ. ބައެއް ޝާޢިރުން ޅެން ހައްދަވާ އިރު ކާފިޔާ އެއްގޮތްކުރަންޖެހޭ ތަންތަނުގައި ދެމޭފިލި (އާ،އީ،އޫ،އޭ،އޯ) ހުރިނަމަ އަކުރު އެއްގޮތް ނުކޮށްވެސް ހުރެއެވެ. އެއީ ކިޔުމުގައި އަޑުން އެއްގޮތް ވާތީކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ބަނޑުވައްއަކުރު އެއްގޮތްކުރުމުގައިވެސް މުލައަކުރުގައި (މުލައަކުރަކީ ކޮންމެ ފެށުމެއްގެ ފުރަތަމަ އަކުރު) ދެމޭފިލި އޮތްނަމަ މި ފިކުރު ބޭނުންކުރެއެވެ. މިއީ ޢަރަބި އުސޫލުގައި މި ފިލިތައް އެމަގަށް ލިޔާނަމަ އެކުރުވެސް ފެންނާނީ އެއް ގޮތަކަށްކަމުގައެވެ. މިއީ އެ ބަހުގެ ނުފޫޒެއްކަމުގައި ވުމީ ގާތްކަމެކެވެ. މީގެއިތުރުން ފިލިކޯޅި ނުވަތަ ދެމޭފިލީގެ ގޮތުގައި ބެލެވޭ “އާ، އީ، އޫ، އޭ، އޯ” ގެ ފިއްޔެއް މުލައަކުރުގައި އޮތުމުން އަޑު ފާޅުކުރާއިރު ދެވަނަ ޙާލަތުގައި ނުކުންނާނި އެއްއަޑެއްކަމުގައި ބަހަވީގޮތުން ބެލެވެއެވެ. ނަމަވެސް ދެމޭފިލިން ފެށޭ ބައެއް ރައިވަރުތަކުގައި ބަނޑުވައްއަކުރު އެއްގޮތްކޮށްފައި ހުރުމުން މިއީ އިހުތިޔާރީ ކަމެއްކަމަށް ބެލެވެއެވެ.
6. ފިލިކޯޅި
ފިލިކޯޅި އެއްގޮތްކުރުމަކީ، ޞަަދުރުގެ ފުރަތަމަ އަކުރާއި ދެވަނަ އަކުރުގައި އޮތްފިއްޔާއި ދެފިލި، ޞަދުރުގައި އޮތްފަދައިން ޢަޖުޒުގެ ފުރަތަމަ އަކުރަށާއި ދެވަނަ އަކުރަށް ގެނައުމެވެ. އޭރުން ޢަޖުޒުގެ ފެށޭއަކުރުގައި އޮންނާނީ ޞަދުރުގެ ފެށޭ އަކުރުގައި އޮތްކަހަލަ ފިއްޔެކެވެ. އަބަފިއްޔެއްނަމަ އަބަފިއްޔެކެވެ. އާބާފިއްޔެއްނަމަ އާބާފިއްޔެކެކެވެ. (މިގޮތަށް އެއްގޮތަކަށް ހުންނަ ދެމޭފިއްޔާއި ކުރުފިއްޔެެވެ. ނުވަތަ ސުކުނެއްނަމަ ސުކުނެކެވެ.) ފިލިކޯޅިއޭ މިކިޔަނީ މިގޮތަށް ޖެހިޖެހިގެން އޮންނަ ދެއަކުރުގެ ދެފިއްޔަށެވެ.
އަދި ހަމަ މިފަދައިން ޞަދުރާއި އަޖުޒުހެން ބައިތެއްގައި ވަޒަން ބައިކުރެވިފައިވާ ކޮންމެ ބައެއްގެ ފުރަތަމަ ދެއަކުރުގެ ފިލި އެއްގޮތްކުރުމަކީވެސް ފިލިކޯޅި އެއްގޮތް ކުރުމެވެ.
މިސާލަކަށް؛
ގިލާބާޒު ޣިޔަރަތު ރަޢުދު ދެކިއުދަރެހުން
ހިލާލުގެ ނަޔާ މަންޒަރެއް ދެން ކޮބާހޭ
މި ބައިތުގައި ” ގިލާ، ހިލާ” މިގޮތަށެވެ. ނަމަވެސް ބަނޑުވައް އަކުރު އެއްގޮތްކުރުމުގައި އިޚުތިޔާރު ކުރާ އުސްލޫބެއްގެ ސަބަބުން ފިލިކޯޅިއަށް ބަދަލު އާދެއެވެ. މިސާލަކަށް؛
އުފެދިގެން އައި އެވަރުގަދަ އަޞްލަކާމެދު ޝަރަފު ލިބިގެންވާ،
ނުފުދި މިގޮތަށް ތިބޭއިރު ދޯހަޅިވެ ހަސްފަސް މުޅިން ނެތިގެން
މިބައިތުގައި މިވަނީ ބަނޑަށްވަން އަކުރު (ތިންވަނަ އަކުރު) އެއްގޮތް ކޮށްފައެވެ. މިބައިތުގެ ފިލިކޯޅިއަށް ބަލާއިރު ”އުފެ، ނުފު ” މިއޮތީ ދެވަނަ އަކުރުގެ ފިލިކޯޅިއަށް ބަދަލު އައިސްފައެވެ. އެހެންކަމުން މިބައިތަށް ބަލައިލުމުންވެެސް ބަނޑުވައްއަކުރު އިޚުތިޔާރުކުރާ އުސްލޫބެއްގެ ސަބަބުން ފިލިކޯޅިއަށް އަސަރުކުރާކަން ނުވަތަ ބަދަލު އަންނަކަން ހާމަވެގެން ދެއެވެ.
އިސްވެދެންނެވުނު މިސާލުތަކުން އެނގޭފަދައިން ޅެމާއި، ލަވަޔާއި ރައިވަރުގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ގޮތްތަކެއްވެއެވެ. ބައެއް ޅެންތަކުގައި ކޮންމެ ބައިތެއްގައި މުސްތަޤިއްލު މާނައެއްވާ ފަދައިން ކޮންމެ ބައިތެއް ސުރުޚީއާއި ގުޅުވައިގެން ހަދާފައި ހުންނައިރު ބައެއް ލަވަތަކުގައި ކޮންމެ ކަޑިއެއް މައިގަނޑާ ގުޅުވައިގެން ހަދާފައި ހުރެއެވެ. މިގޮތުން ޅެމަކީ ފުނަށް އަސަރު ފޯރުވާފަދަ ގޮތަކަށް ރީތި ޚިޔާލުތަކެއް ފާޅުކުރުމަށް ވަޒަނަކަށް ފެތޭގޮތަށް ކާފިޔާ ހަމަކޮށް އުތުރާލެވޭ ބަސްތަކެއްކަމާއި، ޅެމާއި ހިލާފަށް ލަވަޔަކީ އަޑުގެ, އެއް ގޮތްކަން ހިމެނޭ، އަޑުގެ ބައިތަކެއް (ރާގެއް) ގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ. އަދި ރައިވަރުގައި ގަތްބަހާއި ފަހު ބަހުގެ ފަހު ބަނޑުވަތްއަކުރު އެއްގޮތް ކުރުމަކީ މަޖުބޫރުކަމެއްކަމަށާއި، ނަމަވެސް ޅެމާއި ލަވައިގައި ފަހު ބަނޑުވައްއަކުރު އެއްގޮތްކުރުމުގައި އިހުތިޔާރީ ކަމެއްކަން ހާމަވެއެވެ.
މީގެއިތުން ކާފިޔާ އާއި ބަނޑުވައްއަކުރާއި، ފިލިކޯޅި ބޭނުންކުރުމުގެ އުސޫލުތައް ޅެމާއި ރައިވަރުގައި ތަފާތު ގޮތްތައް ހުރިކަމާއި، އިޚުތިޔާރީ ގޮތްތަކެއްވެސް ހުންނަކަން ފާހަގަކުރެވުނެވެ. އަދި ޅެމުގައި ޖުމުލަ ހަމަޖައްސަން ބޭނުންކޮށްފައި ވަނީ ޅެމުގެ ފުރަތަމަ ބައިތާއި އަދި ޅެމުގެ ޞުރުޙީއާއި މައިގަނޑާއި ގުޅުވައިގެންނާއި ވަކިވަކި ބައިތުތަކުން މުސްތަގިއްލު މާނައެއް ދޭހަވަނީ ޅެމުގެ ޞުރުހީއާއި ގުޅުމުންކަން ހާމަވެއެވެ. ހަމައެހެންމެ ތިންބަސް ނުވަތަ ހަބަސް ރައިވަރުގައި އެއްޖުމުލައެއްގެ ގޮތުގައި ގެނެވޭކަމާއި، މިގޮތަށް ގެނެވެނީ ހަތަރުވަނަ ބަހުން ނުވަތަ ބައެއް ފަހަރަށް ގަތް ބަހުން މަޅި އެއްލައިގެން ޖުމުލަ ފުރިހަމަކޮށްގެނެވެ.
ވީމާ، ޅެންވެރިކަމުގައި ބޭނުންކުރެވޭ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ޅެމާއި ލަވަ، އަދި ރައިވަރުގައި ޖުމުލަ ހަމަޖައްސަން ބޭނުންކުރާ ތަފާތު ގޮތްތައް ހުންނަކަން ސާބިތުވެއެވެ. އަދި ޅެމުގައި ކާފިޔާ އެއްގޮތް ކުރުމުގައި ތަފާތު ދެ ގޮތެއް ބޭނުންކުރާކަމާއި، ރައިވަރުގައި ކާފިޔާ އެއްގޮތެއްގައި ބެހެއްޓުން ލާޒިމްކުރާކަން އެނގި ހާމަވެއެވެ. އަދި ޅެމުގައި ބަނޑުވައްއަކުރު އެއްގޮތް ކުރުމުގެ ބަދަލުގައި ބަނޑައްވަން އަކުރު ނުވަތަ ބަސްފެށޭ ހަތަރުވަނަ އަކުރު އެއްގޮތްކޮށްފައި ހުންނަކަމާއި، ރައިވަރުގައި ބަސްފެށޭ ފުރަތަމަ އަކުރުގައި ދެމޭފިލި އޮތުމުން ބަނޑުވައްއަކުރު އެއްގޮތްކުރަން އިހުތިޔާރީކަމެއްގެ ގޮތުގައި ދޫކޮށްލެވޭއިރު، ބަނޑުވައްއަކުރު އިޚުތިޔާރު ކުރާ އުސްލޫބެއްގެ ސަބަބުން ފިލިކޯޅިއަށް ބަދަލު އަންނަކަން އެނގެއެވެ. މިއީ ޅެމާއި ، ލަވަޔާއި ރައިވަރުގައި ޖުމުލަ ހަމަޖައްސަން ގެންގުޅޭ އުޞޫލުތަކެވެ.
ރިފަރެންސް
ބޮޑުފެންވަޅުގޭ ސީދީ .(2002). ކަން އޮތްގޮތް. ރީތި ޅެން،3 ،ޞ. 12. ނޮވެލްޓީ ޕްރެސް.
އަބޫބަކުރު އާދަމް.( 2013، ޖޫން). ދިވެހި ފަސްގަނޑުގެ އިޙުސާސް. ފަތްތޫރަ،399،ޞ.37. ދިވެހިބަހުގެ އެކަޑަމީ، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ.
ޢަބަދުއްރަހީމް .(2002). ހިތުގެ ޤަދަރެއްނުވާ ލޯބި. ރީތި ޅެން،3 ،ޞ. 39. ނޮވެލްޓީ ޕްރެސް.
އާދަމް ނަސީރު އިބްރާހިމް.(2011). ގެއްލި ތެޔޮނާށި ކާޅަށް ލިބިއްޖެ. ނަސީރުގެ ވިންދު،1،ޞ.45. ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް،ޕވޓ.ލޓޑ.
އާދަމް ފުޅު.(2002). ލިލީ އޮފް ދަ ދިވެލީ. ރީތި ޅެން،3 ،ޞ. 42. ނޮވެލްޓީ ޕްރެސް.
އާދަމް ސަލީމް .(2002). އިޝްޤު ނުވިނަމަ. ރީތި ޅެން،3 ،ޞ. 25. ނޮވެލްޓީ ޕްރެސް.
މުހައްމަދު ރަފީޢު .(2002). ފަޤީރުވުމުން. ރީތި ޅެން،3 ،ޞ. 27. ނޮވެލްޓީ ޕްރެސް.
މުޙައްމަދު ޖަމީލު.(1986، މާރިޗް 1). ޅެމާއި ޅެންވެރިކަން. މަލަސް-11، ޞ.15،17، 22، 28، 30، 35 ،34، 46، 83. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން.(1999، ޖެނުއަރީ 15). ޝައިޚްޒުބައިރު. މަލަސް-63، ޞ.24، 40، 123، 128. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(2003، ޖުލައި 8). އަލްފާޟިލް ކަރައްޔެ ކަޅުތުއްތު ދީދީ. ދިވެހި އަދީބުން 4. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަޖްލިސް. (1998، ޖެނުއަރީ 15).ދިވެހި ލަވަ، ޞ.100.ސަރުކާރުގެ ޗާޕްހާނާ.
ސަޢީދު އަލިފުޅު .(2002). ޖަވާބު ސުމެއް. ރީތި ޅެން،3 ،ޞ. 33. ނޮވެލްޓީ ޕްރެސް.
ޔޫސުފު އަލިފުޅު.( 2001، ޖެނުއަރީ 15). ޅެމުގެ ވަނަވަރު. މަލަސް، 69، ޞ. 9-25. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤަުމީ މަރުކަޒު.
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު