ކޮންމެވެސް ސަބަބަކާއި ހުރެ އެއީ ތެދެއް ކަމުގައި އަހަރެންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް އަހަރެން ޖަވާބު ބޭނުންވާ ވަރަށް ބައިވަރު ސުވާލު އެބަ ހުއްޓެވެ. އެ ދުވަހުގެ އަޑުއެހުން ނިމުނީ ވަކި ގޮތެއް ނުނިމިއެވެ.

“ހަޔާ އާއި މެރީ ކުރާނަމޭ ބުނެފައި އަހަރެން މާލެ ދިޔައީ ހަމަ ހަގީގަތުގައިވެސް ހަޔާ އާއި އަހަރެންގެ ކައިވެނި ހަމަޖައްސަން. ނަމަވެސް ތަގުދީރު އެކަމަކަށް ތަނެއް ނުދިން. މާލެ ދިޔަތަނުން އަހަރެން އެކްސިޑެންޓު ވީ. އެ އެކްސިޑެންޓުގެ ސަބަބުން އަހަރެންގެ ހަދާންތައް ފުހެވުނީ، މިހުރީ ރިޕޯޓުތައް ވެސް.” ހައިކަލް ކޯޓުގައި ބުނި ބަސްތައް އަހަރެންގެ ކަންފަތުގައި ދިޔައީ ގުގުމަމުންނެވެ. މުޅި ރޭ ހޭދަވީ އެކަމާއި ވިސްނައި ފިކުރު ކުރުމުގައެވެ.

އޭގެ އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ ދަރިފުޅު ގޮވާ އަޑަށެވެ. ހުޔޫން ސުކޫލަށް ލުމަށްފަހު އަހަރެންގެ މިސްރާބު ހުރީ ގެއަކަށް ނޫނެވެ. އަހަރެންގެ މިސްރާބު ހުރީ ހައިކަލް މެން ގެއަށެވެ. ހައިކަލް މެންގެ ގެއަށް ދިޔަ މަގުމަތީގައި ހައިކަލް އާއި ކުރާނެ ސުވާލުތައް ހިތުގައި ރާވާލީމެވެ. ހައިކަލް މެންގެ ގެއާއި އަރާ ހަމަވިއިރު އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ފާޑެއްގެ ރުޅިއެކެވެ. ނަފްސު ހަމައަކަށް އަޅުވާލާފައި ދޮރުގައި ހުރި ބެލްއަށް ފިތާލީމެވެ. ކުޑައިރުކޮޅެއް ފަހުން ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރި ހައިކަލްގެ މަންމަ ފެނިފައި އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ.

“ކޮބާ ހައިކަލް؟” އެއްވެސް އަސަރެއް ދައްކައި ނުލައި ބުނީމެވެ.

ހައިކަލް އަށް އަހަރެން ފެނުމުން ވަރަށް ހައިރާން ވިއެވެ. އިތުރަށް ވަގުތުތަކެއް ބޭކާރުނުކޮށް އަހަރެން ކުރަން އައި ސުވާލުތަކައިގެން އަވަސް ވެގަތީމެވެ.

“ހައިކަލް އެކްސިޑެންޓް ވި ވާހަކަ ގަބޫލުކޮށްފިން. އެކަމަކު އަހަރެން ހައިކަލްގެ މަންމަ ކައިރީވެސް ބައްޕަ ކައިރީވެސް އަހަރެން ބަނޑުބޮޑުވި ވާހަކަ ބުނިން. ދެން ދަރިއަކު ހުރިކަން އެނގޭނެ. ކީއްވެ އެކަން އެނގި ހުރެ ކުރިން ނައީ؟ އަހަރެން ހާދަ ހާލެއްގަ އުޅެގެންނޭ ހުޔޫން އެ ވަރުކޮށްފަ އެހުރީ. ދެން މިހާރު ހުޔޫން އަށް ބައްޕައެއްގެ ލޯބި ދޭން ތި އުޅެނީ އަނެއްކާ މިހާރު ހައިކަލް އަށް ދަރިން ނުލިބެނީދޯ؟ އެކަމް ބުނަން ވާހަކައެއް! އަހަރެންގެ ދަރިފުޅު އަތެއް ނުލެވޭނެ!” އަހަރެން ބުނަން ބޭނުންވި ހުރިހާ ވާހަކަތަކެއް ބުނެ ނިމުމަށްފަހު އަހަރެން ދުވެފައި އައީ ގެއަށެވެ.

ހުޔޫން ބަލާ ސުކޫލު ދޮށަށް ދިޔުމުގެ ކުރިން ހުޔޫންއަށް އަބަދުވެސް އެންމެ މީރުވެގެން ކާންބޭނުންވާ ނޫޑުލިސް އާއި އިތުރު ދެތިން ވައްތަރެއްގެ ކާއެއްޗެހި ތައްޔާރުކޮށްލީމެވެ. ހުޔޫން ބަލާ ސުކޫލު ދޮށަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. އަހަރެންނަށް ވުރެ ކުރިން ހައިކަލް ހުރީ ސުކޫލު ދޮށަށް ގޮހެވެ. ހައިކަލް ގެ އަތުގައި ޕާރުސަލެއް އޮތެވެ. އަހަރެން ހައިކަލް ފެންނަ ކަމަށްވެސް ނަހަދާ ހުޔޫން ގޮވައިގެން ގެއަށްދާން ނުކުތީމެވެ.

ނަމަވެސް ހައިކަލް އެއަށްވުރެ މާ ހުޝިޔާރެވެ. ހުޔޫންގެ އަތުގައި ހައިކަލް ހިފެހެއްޓިއެވެ.

“ދަރިފުޅާ މީ ދަރިފުޅުގެ ބައްޕިއޭ. ދެން ނުދާނަމޭ ދަރިފުޅު ދޫކޮށްފައެއް.” ހުޔޫން ހައިކަލްގެ އަތް ފޮޅުވާލާފައި ދާން ހިނގައިގަތެވެ. މާޔޫސް ކަމާއެކު ހައިކަލް އިސް އޮބާލިތަން އަހަރެން ދުށީމެވެ. އެކަމުން އަހަރެންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.

ގެއަށް ގޮސް ދަރިފުޅާއި އެކު އުފާވެރި މަޖާ ވަގިތުކޮޅެއް ހޭދަކުރީމެވެ. އެ މަޖާ ވަގުތުކޮޅު ތެރޭގައި ތާ އަބަދު އުޅުމަށް ހިތް އެދުނެވެ. ނަމަވެސް އެ ވަގުތުކޮޅު ނިމޭކަށް މާ ގިނައިރެއް ނުނެގިއެވެ. ހުޔޫންގެ ހެޔަށް ގޮތެއް ވެގެން ވެއްޓުނީ ކުއްލިއަކަށެވެ. ހުޔޫން ނަގައި ކޮނޑަށް ލައިގެން ހޮސްޕިޓަލަށް ދިޔައީމެވެ. ނަސީބަކުން ގެޔާއި ހޮސްޕިޓަލް ވަރަށް ކައިރިއެވެ. އަވަސް ފަރުވާދޭ ކޮޓަރިއާއި ހަމައަށް ދެވުނުއިރު އަހަރެންނަށް މާނޭވާލެވެއެވެ. ޑަކުޓަރުންނާއި ނަރުހުން ހުޔޫންއަށް ފަރުވާ ދިނުމައިގެން އަވަސްވެގަތެވެ. ޑަކުޓަރުން ބަލާފައި ބުނި އެއްޗަކުން އަހަރެންނަށް ހީވީ އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނުހެންނެވެ.

ހުޔޫން ގެ ލޭ މާބޮޑަށް މަދުވެ ލޭގެ ޕްރެޝަރު ދަށްވީއެވެ. އަދި ވީހާވެސް އަވަހަކަށް ހުޔޫން ގަޔަށް ލޭ އަޅަންޖެހޭކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އަހަރެންގެ ގައިގައި ހުންނަނީ އޭ ނެގެޓިވް އެވެ. ހުޔޫންގެ ގައިގައި ހުންނަނީ އޭބީ ނެގެޓިވްއެވެ. ހުޔޫންގެ ގައިގައި އެ ހުންނަނީ ހައިކަލްގެ ގައިގައި ހުންނަ ވައްތަރުގެ ލޭ ވާރުތަކޮށްފައެވެ. ހަދާނެ ގޮތެއް ނޭނގި ހޮސްޕިޓަލު ތެރޭގައި ހިނގަމުން ދަނިކޮށް ހަދާންވީ އަދުހަމް މަތިންނެވެ. ވަގުތުން އަދުހަމް އަށް ގުޅީމެވެ. ގުޅިތާ މާ ގިނައިރު ތަކެއް ނުވަނީސް އަދުހަމް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އަދުހަމް ވެސް ލޭފޮދެއް ލިބޭތޯ އެކި މީހުންނަށް ގުޅަން ފެށިއެވެ. ދެންވީ އަދި މާ ހައިރާން ކުރުވަނިވި ކަމެކެވެ. ކޮންމެ ވެސް މީހަކު ހުޔޫންއަށް ލޭ ހަދިޔާކުރި ވާހަކަ ޑަކުޓަރު އައިސް ބުނީއެވެ. ލޭ ހަދިޔާ ކުރީ ކާކުކަން އެނގުމުން އަހަރެން ގަތީ ލަދެވެ.

ވާނީވެސް އެހެންތާއެވެ. ލޭ ހަދިޔާ ކުރީ ހައިކަލް އެވެ. ހައިކަލް ހަމަ ހަގީގަތުގައިވެސް ހުޔޫންއަށް ބައްޕައެއްގެ ލޯބި ދޭން ބޭނުން ވަނީބާއެވެ. ނޫނީ އަހަރެންގެ ލޮލުގައި އަދުން އަޅުވަނީބާއެވެ. މިކަހަލަ އެތަކެއް މަސްހުނި ވިސްނުންތަކެއްގައި އަހަރެން ޣަރަގުވަމުން ދަނިކޮށް އަހަރެން ސިހުނީ މީހަކު އަހަރެންގެ ނަމުން ގޮވާލި އަޑަށެވެ. ގޮވި މީހާ އަކީ ކާކުކަން އެނގުމުން އަހަރެންނަށް ލަދުން އިސްޖަހާލެވުނެވެ.

“ހަޔާ.. އަހަރެންނަށް އަހަރެންގެ ދަރިފުޅަށް ކިތަންމެ ކުޑަ ކަމެއް ވިޔަސް އެކަމެއް އެނގޭނެއޭ. ހަޔާ އަހަރެން އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ބޭނުން. ހަޔާ އަހަރެންނަށް އެ ފުރުސަތު ދީބަ.. އަހަރެންގެ އެ ދަރިފުޅުގެ ނަމުގެ ފަހަތަށް އަހަރެންގެ ނަން ލައިދީ.. އަހަރެން ބޭނުން އެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން.. ދެން ނޭނގެ ދެން ހަޔާ އަށް ވިސްނައި ދޭނެ ގޮތެއް..” މިހެން ބުނުމަށްފަހު ހައިކަލް ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް ރޮވުނެވެ. އަހަރެންނަށް ކުށްވެރިއެއް ކަމުގެ އިހުސާސް ކުރެވުނެވެ.

ހުޔޫން ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ދެދުވަސް ފަހުންނެވެ. އެ ދެދުވަހުގައި ހައިކަލް ހުޔޫން ކައިރިން ދުރަށް ނުދެއެވެ. ހުޔޫން ވެސް މަދުމަދުން ހައިކަލް އާއި ވާހަކަ ދައްކަން ފެށިއެވެ. އެ ދެބަފައިން ހީސަމާސާކޮށް ހެދިއިރު އަހަރެންނަކީ އެތާ ހުއްޓަސް ނެތް މީހެއް ފަދައެވެ. ހުޔޫން ހައިކަލް އަށް ބައްޕާއޭ ކިޔާފައި ގޮވާލި އަޑު އިވުމުން ހައިކަލް އަށް އުފަލުންގޮސް ރޮވުނުތަން އަހަރެން ދުށީމެވެ. މިހުރިހާ ވަގުތެއް ހުޔޫންއާއި އެކު ހައިކަލް ހޭދަކުރި އިރު އަހަރެންނާއި ދިމާއަށް އެންމެފަހަރަކުވެސް އިސް އުފުލާ ބަލާވެސް ނުލައެވެ. ކޮންމެ އަކަސް އަހަރެން ހިތުގެ އަޑިން ވަރަށް މުހިންމު ނިންމުމެއް ނިންމައިފީމެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ މިއީ އަދި މައްސަލަތަކެއްގެ ފެށުންކަމެވެ.

ކޯޓުގެ ދެވަނަ އަޑުއެހުން އޮތް ދުވަހެވެ. އަހަރެންނާއި އަދުހަމް ކޯޓު ދޮރުމަތީގައި މަޑުކޮށްގެން ތިބީ ހައިކަލް އަންނަން ދެނެވެ. އަޑުއެހުން ފެށުނު އިރުވެސް ހައިކަލް ނައުމުން އަހަރެންގެ ހިތުގައި ގޮތްނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ހައިކަލް ނައުމުން އަޑުއެހުން ޖެހިގެން އަންނަ ހަފްތާއަށް ލަސްކުރެވުނެވެ. ހައިކަލް އަށް ވީކިހެއްނެއްތޯ ބަލާލަން ދިޔުމަށް އަހަރެންގެ ހިތް ދިޔައީ އެދެމުންނެވެ. ނަމަވެސް އަހަރެންގެ ހިތަށް ދެން އައީ މާ ބިރުވެރި ހިޔާލެކެވެ. ހައިކަލް އަނެއްކާވެސް އަހަންނަށް ކެހި ދިނީބާއެވެ. ހަމަ ގައިމުވެސް ހައިކަލް އެގޮތަށް ކަންތައް ކޮށްފިނަމަ އަސަރު ކުރާނީ ހުޔޫން އަށެވެ. ހުޔޫން މިހާރު އެވަނީ ހައިކަލް އާއި ވަކި ނުކުރެވޭވަރަށް ގާތް ވެފައެވެ.

އެހެންޏާ ސުކޫލަށް ދާހިތުން އުޅޭ ހުޔޫން މިއަދު ސުކޫލަށް ނުދާން ގަދަ ހަދަނީއެވެ. ހުޔޫން ބޭނުންވަނީ ހުޔޫންގެ ބައްޕަ އާއި އެކު ސުކޫލަށް ދާށެވެ. އެންމެ ފަހުން އަދުހަމް އަށް ގުޅައިގެން ހުޔޫން ސުކޫލަށް ފޮނުވުނީ ގަދަކަމުންނެވެ. އަހަރެންނަށް ރޮވުނެވެ. ހުޔޫން އަހަރެން ބޭނުން ނުވަނީ ބާއެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލީއްސުރެ ހުޔޫން އަހަރެން ކައިރީ އެދެމުން ދިޔައީ ހައިކަލް ގެނެސް ދިނުމަށެވެ. އެގޮތަށް އެދޭ ކޮންމެ ފަހަރަކު ކޮންމެވެސް ވާހަކައެއް ދައްކައިގެން ހަމަޖައްސާލަނީއެވެ. އަހަރެންނަށް ގޮތް ހުސްވި ކަހަލަ އެވެ. އަހަރެން ހައިކަލް އަށް ގުޅީމެވެ. ފޯނު ނެގީ އަންހެނެކެވެ. ހަމަގައިމުވެސް އެއީ އަންހެނެކެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ފޯނު ކަނޑައިލީމެވެ.

ހުޔޫން ބަލާ ސުކޫލު ދޮށަށް ދިޔައީ ދެ ޚިޔާލެއްގައި ހުރެގެންނެވެ. އަދުހަމް ފޮނުވަންވީބާއޭ ވެސް ހިތަށް އެރިއެވެ. ކޮންމެ އަކަސް ހުޔޫން ބަލާ ސުކޫލު ދޮށަށް ދިޔައީމެވެ. ނަސީބަކުން ބޮޑާނުހާކާ ހުޔޫން އަހަރެންނާއި އެކީ ގެޔަށް ދާން ނުކުތެވެ. އަހަރުމެން ދެމައިން ސިހުނީ ނުވެސް ދަންނަ އަންހެނެއް އޭތް ކިޔާފައި ބާރަކަށް އަހަރެންނަށް ގޮވުމުންނެވެ. އޭރުވެސް ބެލެނިވެރިންތައް ކުދިން ގޮވައިގެން ނުކުންނަނީއެވެ.

“ކަލޭ ތީ ހަޔާ ދޯ؟” ވަރަށް ރުޅިއައިސްފައި ހުރެގެން އަހަރެންނާއި އަރާ ހަމަކުރަމުން އެހިއެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.

“ކަލޭ ކިހިނެއް ވެގެން އަހަރެންގެ ފިރިމީހާ ފަހަތުން ނުނެއްޓިގެން ތިއުޅެނީ؟ ބަލަ އަހަރެންގެ ފިރިމީހާ ނޫޅެޔޭ ކަލޭއާ ކަލޭގެ ނަހަލާލު ދަރި ބޭނުންވެގެންނެއް!” އެ މީހާ ވަރަށް ބާރަށް އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެންނަކީ މާ ޒުވާބުކުރާހިތްވާ މީހެއް ނޫންކަމުން އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. އެވަރުންވެސް އޭނާ ހުއްޓާލާކަށް ނޫޅެއެވެ. އެއްޗެހި ކިޔަމުން ފަހަތުން އަންނަނީއެވެ. ހުޔޫން ހުރީ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. ހުޔޫން ބިރުން ހުރި ވަރު އަހަރެންނަށް އިހުސާސް ކުރެވުމުން ހުޔޫން އުރާލާފައި އިހުނަށްވުރެ ބާރަށް ހިނގައިގަތީމެވެ.

ނަސީބުވެސް ރަނގަޅެވެ. ގެއަށް ދިޔަ އިރު އަދުހަމް ބޭރުގައި ހުއްޓެވެ. އެއަންހެންމީހާ ހުއްޓާލީ އެހިސާބުންނެވެ. ހުޔޫން ޔުނީފޯމު ބަދަލު ކުރުވާފައި އަހަރެން އަތިރިއަށް ދިޔައީމެވެ. މިއީ ހުޔޫން ނުލާ އަތިރިއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އަންހެން މީހާ ކީ އެއްޗިއްސާމެދު ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. އަހަރެން މީހެއްގެ ފިރިއެއްގެ ފަހަތަކުން ނޫޅެމެވެ. ނުވެސް އުޅޭނަމެވެ. މިކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި އިންދާ ކުޑަކުޑަ އަތަކުން އަހަރެންގެ ލޯމަތީގައި އަތް އެޅިއެވެ. އަތް ނައްޓުވާލާފައި ބަލާލިއިރު އެއީ ހުޔޫންއެވެ. އަދުހަމް ހުޔޫން ގޮވައިގެން އައީއެވެ.

“މަންމީ އަޅުގަނޑު ދަންތަ ބޮލި ހޮވަން؟” ހުޔޫން ކެތްމަދުވެފައިވާ މީހެއް ފަދައިން އަހާލިއެވެ. އަހަރެން އާނއެކޭ ބުނެ ނުނިމެނީސް ހުޔޫން ބޮލި ހޮވަން ގޮސްފި އެވެ. އިރު އޮއްސުމުން އަހަރެމެން ތިން މީހުން ދިޔައީ ގެއަށެވެ. ގެއަށް ދިޔައިރު އަނެއްކާވެސް އެއަންހެން މީހާ ހުއްޓެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.