‘އަޅެ ޕްލީޒް ތީތި ނަގައިދީބަލަ؟’ މިއީ އަޅުގަނޑުމެންނަށް ޢާއްމުކޮށް ލިބޭ ރިކްއެސްޓެކެވެ. ވަރަށް ރީތިކޮށް އެދެނީ ‘އޭތި’ ނަގައިދިނުމަށެވެ. ނަމަވެސް ހަމަ އެހެން އެދޭއިރަށް ‘އޭތި ‘ނެގޭހެއްޔެވެ؟ ‘އޭތި’ ނަގަން އެއީ އެހާ ފަސޭހަ ކަމެއް ހެއްޔެވެ؟ އެބުނާ ‘އޭތި’ ވަނީ އެތައް ހާސް ބަޔަކު ބަލާފައެވެ. ކިޔާފަ އެވެ. ލައިކް ވެސް ދީފަ އެވެ.
މިއީ ނޫސްވެރިންނަށް އަލަށް ދިމާވާ ކަމެއް ނޫނެވެ. ނޫސްވެރިން ލިޔެފައި ޝާއިޢުކޮށްލާ ލިޔުންތައް ނަގައިދިނުމަށް ރީތިކޮށް އެދެ އެވެ. ނުވަތަ ލިޔުން ނެގުމަށް ހަރުކަށިކޮށްވެސް އެދެ އެވެ. ބޮޑެތި އިންޒާރުތަކާއި އެކުވެސް އެދެއެވެ. އެކަމަކު ނޫސްވެރިއަކު ލިޔުމެއް ޝާއިޢު ކުރަނީ ވަގުތުތަކެއް ހޭދަކޮށްގެން މަސައްކަތްތަކެއް ކޮށްގެންނެވެ. ކަން މިހެން އޮތްއިރު، ޝާއިޢުކޮށްލާ ލިޔުމަކާއި މެދު އެ ލިޔުމެއްގައި ހިމެނޭ ބޭފުޅެއްގެ ހިތްހަމަ ނުޖެހުމެއް އޮވެގެން ނުވަތަ އެބޭފުޅަކު ބޭނުންނުވާ ފޮޓޯއެއް ހުރެގެން އެ ލިޔުމެއް ނަގަން ވެއްޖެެއްޔާ ސަލާމަތެއް އެބައޮތްތޯ މިއީ އުފެދޭ ސުވާލެކެވެ.
ނޫސްވެރިންގެ ކަޅިއަކީ އަބަދުވެސް އެހެން މީހުންގެ ހަރަކާތްތަކަށް ނަޒަރު ސީދާ ކޮށްފައިވާ ކަޅިތަކެކެވެ. އެހެންކަމުން ފާހަގަކޮށްލެވޭ ފަދަ ކަމެއް ފެނުމުން އެކަމަށް ޚަބަރެއް ހަދައިލުމަކީ ނޫސްވެރިންގެ ނުވަތަ ލިޔާމީހުންގެ އާދައެކެވެ. ވަކިން ޚާއްޞަކޮށް ސެލެބްރިޓީން ނުވަތަ ފަންނާނުންގެ ޢަމަލުތަކާއި، އެމީހުން މީސްމީޑިއާއަށް ތިލަކޮށްލާ ހަމަ ކޮންމެ ޕޯސްޓަކީ، ހަމަ ކޮންމެ އަދާހަމައަކީ އެއަށް ނޫސްވެރިންގެ ސަމާލުކަން އަބަދުވެސް ހުއްޓިފައި ހުންނާނެ ކަންކަމެވެ.
ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދަކީ މީސްމީޑިއާ އާއި ނިކަން ރައްޓެހި ފަންނާނެކެވެ. މަހްދީ ގެ ޒާތީ ދިރިއުޅުމާއި ގުޅޭ ޕޯސްޓްތަކާއި ފަންނީ މަސައްކަތްތަކާއި ބޭހޭ ޕޯސްޓްތައް ވަރަށް ގިނައިން ޕޯސްޓް ކޮށްފައި ހުންނަތަން އާއްމުކޮށް ފެނެއެވެ. މިހެން ކޮށްފައި ހުންނަ ޕޯސްޓް ތަކުން މިސާލަކަށް އަހަރެންގެ ލޮލުގައި މި އަޅައިގަންނަނީ މަހްދީ އަހްމަދު ބޭރު ގައުމެއްގައި އޮތް މެރަތަން އެއްގައި ދުވުނުއިރު ނަގާފައިވަ ފޮޓޯތަކެކެވެ. އަދި ދުވުން ނިންމުމަށްފަހު މަހްދީގެ އާއިލީ މެންބަރުންނާއި، މަހްދީގެ ދަރިފުޅާއި އަނބިމީހާ އާއި އެކުގައި ނަގާފައިވާ ފޮޓޯ ތަކެއްވެސް އޭގައި ހުއްޓެވެ. މުނިފޫހި ފިލުވުމުގެ ދާއިރާ އާއި ގުޅުންހުންނަ ޚަބަރާއި މަޢުލޫމާތު ގެނެސްދެމުން އަންނަ މުނިއަވަސް ގައި މިކަމަށް ޚަބަރެއް ހަދާފައި ޖެހުން މިއީ މައްސަލައެއް ކަމަކަށް އަހަންނަކަށް ނުފެނެއެވެ. އަދި އެ ޚަބަރުގައި މަހްދީ ގެ އާއިލީ މެންބަރުން ހިމެނޭ ފޮޓޯތައް ޖެހުން އެއީކީވެސް މައްސަލައެއް ކަމަކަށް ނުފެނެއެވެ. އާނއެކެވެ. އަހަރެންވެސް ގަބޫލުކުރަމެވެ. މިފަދަ ޚަބަރެއް ހަދާއިރު އެ ޕޯސްޓް ކޮށްފައިވާ ފަރާތުގެ ބަހެއް ހޯދުން ނުވަތަ ރުހުން ހޯދުން އެއީ އެންމެ ރީތިގޮތެވެ.
އެހެން މިސާލެކެވެ. ރާއްޖޭގެ ފަންނުވެރިއެއް ބޭރުގެ ފަންނުވެރިއެއްގެ ދައުވަތަކަށް ބޭރު ގައުމަކަށް ފުރަން އުޅޭ ޚަބަރު ލިބުމުން އެއަށް ޚަބަރެއް ހަދާފައި ޖެހުމާއިއެކު އެ ފަންނުވެރިއާ މި އެދެނީ އެ ޕޯސްޓް ނަގައިދިނުމަށެވެ. ރިވެތި ގޮތުގައި ‘އަޅެ ޕްލީޒް ތީތި ނަގައިދީބަލަ!’ މިހެން ބުނަމުންނެވެ. އެކަމަކު އެހެން އެދޭއިރަށް ޕަބްލިޝްކޮށްފައިވާ ޕޯސްޓެއް ނެގުން އެއީ ކުރިންވެސް އިޝާރާތްކުރި ގޮތަށް އެހައި ފަސޭހަ ކަމެއް ނޫނެވެ. އަދި އަމުދުން މިހާލަތުގަ އެވެ. އެ ފަންނުވެރިޔާ މީޑިއާއަށް ސިއްރުން ކުރަން އުޅުނު ކަމަކީ މުނިއަވަސް އަށް ވަރަށް ބޮޑު ޚަބަރެކެވެ. އެހެންކަމުން މުނިއަވަސް އިން ބޭނުންވީ އެންމެ ފުރަތަމަ އެ ޚަބަރު ބްރޭކް ކޮށްލާށެވެ. އެންމެ އަވަހަށް އެ ޚަބަރު ގެންނާށެވެ. ނޫސްވެރިން އެންމެ ކުރާހިތްވާ އެއްކަމަކީ ނިއުސް ބްރޭކް ކުރުން ކަމަށްވާއިރު މިފަދަ ބޮޑު ޚަބަރެއް ޖަހާފައި ނެގުން އެއީ ކުރަން އެހައި ފަސޭހަކަމެއްތޯ އެވެ.
ދެން އޮތީ މީސްމީޑިއާއަށް ފަންނުވެރިން ކުރަމުން އަންނަ ޕޯސްޓްތަކުގެ އެހެން ވާހަކައެކެވެ. ފަންނާނުން މީސްމީޑިއާ މެދުވެރިކޮށް އާއްމުކޮށްލާ ފޮޓޯއާއި އެ ފޮޓޯގައި ލިޔެފައިވާ ލިޔުންކޮޅުން އެ ލިބޭ މަޢުލޫމާތެއް ބޭނުންކުރުމުގެ ކުރިން ފަންނާނުންގެ ހުއްދަ ނަގައިގެން މެނުވީ ބޭނުން ނުކުރުން އެއީ މިޒަމާނަށް ބަލާއިރު، ހިފެހެއްޓޭނެ ކަމެއްތޯ އެވެ. ފަންނާނުން ކުރާ ޕޯސްޓްތަކުން އެ ފަންނާނުންގެ ޒާތީ (ޕާސަނަލް) ފޮޓޯތަކާއި ޒާތީ ނޫން ފޮޓޯތައް ވަކިކުރަން ތައްގަނޑެއް ޖަހާފައި ހުރޭތޯ އެވެ. މިސާލަކަށް ކުރިން މި އިޝާރާތްކުރި ކަންތައްތަކުން މަހްދީ އަހްމަދު މެރަތަންގައި ދުވަނިކޮށް ނަގާފައިވާ ފޮޓޯ އާއްމުކޮށްލާ ހިސާބުން އެއީ ދެން މަހްދީގެ ވަރަށް ޕާސަނަލް ފޮޓޯއެއް ކަމަށް ބެލެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. ނަމަވެސް ކުރިން މިބުނި ފަދަ ފޮޓޯ އާއި ޚިލާފަށް، މަހްދީ އަޙްމަދުގެ ދަރިފުޅާއި އަންހެނުންނާއި އެކުގައި ނަގާފައި ހުންނަ އެމީހުންގެ ދިރިއުޅުމުގެ ޕާސަނަލް ހިނދުކޮޅުތަކުގެ ފޮޓޯތައް ނަގައިގެން އެއަށް ޚަބަރުލިޔެ ފޮޓޯ ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެއެވެ.
އަނެއްކާވެސް އެހެން މިސާލެކެވެ. ރާއްޖޭގެ ފިލްމީ ތަރިންގެ ތެރެއިން ރިޝްމީ ރަމީޒަކީ ހަމަ ގައިމުވެސް ނޫސްވެރިންނާއި ސަޕޯޓަރުންގެ ކަޅިތައް އަބަދުވެސް ހުއްޓިފައި ވާނެ ފަންނާނެކެވެ. ރިޝްމީ ރަމީޒް ޝާހްރުކްޚާން ގެ ބުދަކާއި އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައި ވަނިކޮށް އެ ފޮޓޯއަށް ކުޑަވަރެއްގެ ލިޔުމެއް ހަދާފައި ޝާއިޢު ކޮށްލުމީ މާބޮޑު މައްސަލައެއް ހެއްޔެވެ؟ އެފަދަ ފޮޓޯ އަކީ މީހުންގެ ލޮލުގައި އަޅައިގަންނަ ފޮޓޯއަކަށް ވުމުން ނޫސްވެރިން ބޭނުންވާނީ އެއަށް ޚަބަރެއް ނުވަތަ ލިޔުމެއް ހަދާފައި އަވަހަށް އާއްމުކޮށްލާށެވެ. ލިޔުމުގައި އެ ފޮޓޯ ގެ ކްރެޑިޓް ލިބެންޖެހޭ ފަރާތް އޮޅުވާލާފައި ނުވާނަމަ އެފަދަ ފޮޓޯއެއް ބޭނުންކޮށްލުން އެއީ މާބޮޑު ކަމެއް ކަމަކަށް އަހަންނަކަށް ނުފެނެއެވެ. ޚިޔާލަކީވެސް ފިސާރި ތަފާތު އެއްޗެއްކަން ހަމަ އެންމެންނަށްވެސް އެނގޭނެއެވެ.
ނަމަވެސް އުފެދޭ ސުވާލަކީ ސެލެބްރިޓީން އެގޮތަށް ކޮށްލާ ކޮންމެ ޕޯސްޓަކީ މުޅިއަކުން އެމީހުންގެ ޒާތީ (ޕާސަނަލް) ޕޯސްޓެއް ކަމަށް ބެލޭނެހެއްޔެވެ؟ އެހެންކަމުން ”އަޅެ ޕްލީޒް ތީތި ނަގައިދީބަލަ؟’ އޭ ހަމަ ބުނެލާއިރަށް އޭތި ނަގައިދިނުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއްހެއްޔެވެ؟ އަހަރުމެން ލިޔާމީހުންގެ ބޫޓަށް އަރައިގެން ހިނގާލަނިކޮށް މި ބުނާ އެއްޗެއް ފަންނާނުންނަށް ތަންކޮޅެއް ފަސޭހައިން އެނގޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!