އިންސާނުންނަކީ މާތްﷲ މިބިމުގައި ލައްވާފައިވާ އެހެން ހުރިހާ މަހުލޫޤުންނަށްވުރެ މާތްކުރައްވާފައިވާ ބައެކެވެ. ޖަނަވާރުންނަކީ ހަތަރެސްފައި ޖެހި ސޫއްޕެވެ. ނުވަތަ ދިރޭއެއްޗެހީގެ ތެރެއިން އިންސާނުންނާއި ގަސްގަހާގެހި ނޫން ތަކެއްޗެވެ. އިންސާނުން އެކަކު އަނެކަކާއި މުޢާމަލާތްކުރުމުގައި ބަސް ބޭނުންކުރެވެއެވެ. ބަހަކީ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެވެ. ނުވަތަ ޢިޝާރާތް ބޭނުންކޮށްގެން ވަކި ހަމަތަކެއްގެ މަތިން ފާޅުކުރާ ފާޅުކުރުންތަކެއްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (2011) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ލިޓްރެޗަރ ރިވިއުގައި އިންސާނުންނާއި ޖަނަވާރުން މުއާޞަލާތުކުރުން، އަދި އިންސާނުންނާއި ޖަނަވާރުން މުޢާޞަލާތުކުރުމުގައި ހުރި އެއްގޮތް ސިފަތަކާއި ތަފާތުތަކުގެ މައްޗަށް ބަލައިލާނަމެވެ. އަދި ޖަނަވާރުން ބޭނުންކުރަނީ ބަހެއް ބަހެއްކަމަށް ނުވަތަ ނޫންކަމަށް ބުނެ ލިންގުއިސްޓިކް ޢިލްމުވެރިންނާއި، ފޮތްފޮތުންނާއި އެހެނިހެން އާޓިކަލްތަކުން ލިބެންހުރި މައުލޫމުތާއި ހެކިތަކުގެ މައްޗަށް ބަލައި ބޮޑަށް ހެކި ލިބޭ ކޮޅެއް ވެސް ކަނޑައަޅައި ލިޓްރެޗާގެ ނިންމުން ހުށަހަޅާފައިވާނެއެވެ.

އިންސާނުންނާއި ޖަނަވާރުން މުއާޞަލާތުކުރުން
ބަހަކީ އެއް އިންސާނެއްގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރު އަނެއް އިންސާނަކަށް ހާމަކޮށްދޭ ވަޞީލަތެކެއްކަމަށާއި، އެއީ ތިމާގެ ބޭނުންތައް އަނެކުންނަށް އަންގައިދޭ އެއްޗެއްކަމަށް މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ވިދާޅުވެފައިވެއެވެ. އެހެނީ އެކެއްގެ ވިސްނުމާއި ފިކުރާއި ހިޔާލާއި ޝުއޫރު އަނެކުންނަ އަންގައިދެވެނީ ބަސް މެދުވެރިކޮށެވެ. މީގެ އިތުރުން ބަހަކީ ކަލިމަތައް އެއިން އުފެދޭ (SYLLABLES) ނުވަތަ އަޑުވަޅު ތަކެއްގެ ސިފައިގައި އެކުލެވިފައިވާ ގުޅުވި އަޑުތަކެއްކަމަށް ޖޯޖު ޔޫލް (2010) ވިދާޅުވެފައިވާއިރު، ބަހަކީ ކޯޑެއްކަމަށް އެޑްވަރަޑް ފިނެގަން (2008) ހާމަކުރައްވައެވެ. އެހެންކަމުން ކުރުގޮތަކަށް ދަންނަވާނަމަ، ޖޯޖު ޔޫލް (2010) ވިދާޅުވާފަދައިން ބަހަކީ އިންސާނީ ބުއްދީން އަނެއް އިންސާނީ ބުއްދިއަކަށް މާނަ ފޮނުވައިދޭ ކޮންމެ އެއްޗެކެވެ. އަދި ބަސް ބޭނުންކޮށްގެން އިންސާނުން މުއާޞަލާތު ކުރާކަމެވެ.

އިންސާނުން މުއާޞަލާތުކުރަނީ ބަހަކުން ކަމަށް ބުނާއިރު ޖަނަވާރުންގެ މުއާޞަލާތުކުރާ ބަހަކީ ކޮބައިތޯއެވެ. ބަހުގެ ޢިލްމުވެރިންގެ ރަޢުޔުތައް ހެކިދޭ ގޮތުންނަމަ ބަހަކީ އިންސާނުންގެ އެއްޗެކެވެ. އެއީ އިންސާނުން މުވާޞަލާތުކުރުމަށް ވަކި ހަމަތަކެއްގެމަތީން އަނގައިން ބޭރުކުރާ، މާނަ ދޭހަވާ ގުޅިފައިވާ އަޑުތަކެއްކަމަށް ޖޯޖު ޔޫލް (2010) ވިދާޅުވެއެވެ. އަދި އެއީ އިންސާނާގެ ކިބައިގައި ނޫނީ ބަހައްޓަކައި ޚާއްޞަ މަރުކަޒުތަކެއް (އޭނާގެ ސިކުނޑީގައި) ހެދިފައި ނުވާތީކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެފައިވެއެވެ. އަދި މިކަމާ ބެހޭގޮތުން ނޯމް ޗޮމްސްކީ (2006) އާއި ޑޭވިޑް ކްރިސްޓަލް (1997) ވެސް މިކަމާ އެއްބަސްވެލައްވައެވެ. ނަމަވެސް ޖަނަވާރުން މުވާޞަލާތު ކުރަނީ ބަސް ބޭނުންކޮށްގެންނޭ ބުނެވޭކަށް ނެތް ކަމަށާއި، އެހެން ނަމަވެސް ޖަނަވާރުން މުވާޞަލާތުކުރުމަށްޓަކައި ބަހުރުވައެއް ބޭނުންކުރެއޭ ބުނެވިދާނެކަމަށް ޖޯޖު ޔޫލް (2010) އާއި ޙަވާލާދީ ޙުސައިން ޙަބީބް (2010) ވިދާޅުވެފައިވެއެވެ. އެހެންކަމުން ބަހަކީ ހަމައެކަނި އިންސާނާގެ އެއްޗެކޭ ބުނެވިދާނެކަމަށް މުޙައްމަދު ވަޙީދު ނަދުވީ (2001) ވިދާޅުވެފައިވެއެވެ.

އިންސާނުންނާއި ޖަނަވާރުން މުޢާޞަލާތުކުރުމުގައި ހުރި އެއްގޮތް ސިފަތައް
ބަހަކީ ހަމައެކަނި މުޢާޞަލާތުކުރާ އެއްޗެއްނަމަ ބަސް ޚާއްސަ ވަނީ ހަމައެކަނި އިންސާނުންނަކަށް ނޫންކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެފައިވެއެވެ. ނަމަވެސް އެހެން ހުރިހާ ޖަނަވާރުން މުޢާޞަލާތުކުރުމުގައި ބޭނުންނުކުރާ އެތައް ސިފަތަކެއް އިންސާނުންގެ ބަހުގައި ވެއެވެ. މިގޮތުން ޖީން އެއިޗިސަން (2003) ބަޔާންކޮށްފައިވަނީ ޖަނަވާރުންވެސް އަޑު ލައްވާ ކަމަށާއި، އެހެންނަމަވެސް ގުޅުވި އަޑުތަކެއް އުފައްދާކަށް ނޭނގޭކަމަށެވެ. ނަމަވެސް އިންސާނުން މަދު އަޑުތަކެއް ބޭނުންކޮށްގެން އެއިން މާނަދޭހަވާ ގިނަ ލަފުޒުތަކެއް އުފައްދާ ކަމަށެވެ.

ޔުމްނާ މަޢުމޫން (1997) ބަޔާންކުރައްވާފައިވާގޮތުގައި ”ބަސް ބޭނުންކޮށްގެން ވާހަކަ ދައްކައިގެން ނޫން ގޮތްގޮތަށްވެސް އެއް އިންސާނަކު އަނެއް އިންސާނަކަށް އެއްޗެއް އަންގައިދެވިދާނެކަމަށެވެ. މިސާލަކަށް މީހަކު ރޯންފެށުމުން ނުވަތަ ހީނލުމުން އޭނާގެ ހިތުގެ ޝުޢޫރުތައް ކޮންމެވެސް ވަރަކަށް އެހެންމީހުންނަށް ފައުޅުވުމެވެ” (ޞ. 24).

ހަމައެގޮތަށް ޖަނަވާރުވެސް އިންސާނާފަދައިން ތަފާތު އަޑުތައް ބޭނުންކުރާކަމަށާއި އެކަމަކު އެއީ، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެތަކެތި ކުރާ މުވާޞަލާތުކަމަށް ޙުސައިން ޙަބީބް (2010) ވިދާޅުވެއެވެ. މިކަމާއިގުޅިގެން ޔުުމްނާ މަޢުމޫން (1997) ވިދާޅުވެފައިވަނީ ކަމާބެހޭ ދިރާސާތަކުން އެނގޭގޮތުގައި ގެރިއަށް ގޮއްވެނީ ގާތްގަނޑަކަށް ތަފާތު ދިހަ އަޑެވެ. ކުކުޅު ހާލަށް ވިހި އަޑެވެ. ހިޔަޅަށް އަދި ގޮރިއްލާއަށް ތިރީސް އަޑުކަމަށްވެސް ގިނަ ޢިލްމުވެރިން ވިދާޅުވެފައިވާކަމަށެވެ. އަދި ޖީން އެއިޗިސަން (2003) ވިދާޅުވާގޮތުގައި ސިންގާ ޢުޅޭ ސަރަހައްދަށް އެހެން ސިންގާއެއް އަތުވެއްޖެނަމަ ވަރަށް ބާރަށް ގޮވާލައެވެ. ނުވަތަ އަޑެއް ލައްވައެވެ. މިއިން ދޭހަވަނީ އިންސާނުން ފަދައިން ޖަނަވާރަށްވެސް އަޑުލެއްވުމުގެ ޤާބިލްކަން ލިބިފައިވާކަމެވެ. އެއަޑުން ބޭނުންވާ މަޤުޞަދުވެސް ޙާޞިލުކުރާކަމެވެ. ހަމައެކަނި ތަފާތަކީ އަޑު ތަރައްޤީކުރުމުގައި އިންސާނާއަށް ކާމިޔާބު ލިބިފައިވުންކަމަށް ނޯމް ޗޮމްސްކީ (2006) ވިދާޅުވެއެވެ.

މީގެއިތުރުން ވިކްޓޯރިއާ ފްރޮމްކިން ، ޑޭވިޑް މްލެއަރ ، ޕީޓަރ ކޮލިންސް (2007) ވިދާޅުވަނީ ޖަނަވާރުން މުވާޞަލާތުކުރުމުގައި އިންސާނުންގެ މުވާޞަލާތުކުރުމާ އެއްގޮތްވާ މައިގަނޑު ސަބަބަކީ އިންސާނުން ޖަނަވާރުންނަށް ދަސްކޮށްދޭ ހުނަރުކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށެވެ. އެއީ، ގުރާ، މައިނާ ފަދަ ތަކެއްޗަށް އިންސާނުން ބުނެއުޅޭ ކުރު ލަފުޒު ބުނުމުގެ ޤާބިލުކަން ލިބިފައިވާތީ ހީވާ ހީވުމެއް ކަމަށް ވެދާނެއެވެ. މިކަމާއި ގުޅިގެން ޔުމްނާ މަޢުމޫން (1997) ވިދާޅުވަނީ ”މިސާލަކަށް: މާމުއިކުޅަނދުރަކަށް ފޮނިހުރި މާތަކެއް ފެނިއްޖެނަމަ، އެނބުރި ހަތައަށްގޮސް އެހެން ކުޅަނދުރުތަކަށް އެކަމުގެ މެސެޖު ރައްދުކޮށްދިނުމުގައި ބޭނުންކުރަނީ ފަރި ނެށުމެކެވެ. މިނެށުމުން ކާނާގެ ފެންވަރާއި ހުރި ދުރުމިން އެހެން ކުޅަނދުރުތަކަށް ބުނެދެއެވެ. ވުމާއެކު މިއިން ދޭހަވަނީ އިންސާނުންފަދައިން ޖަނަވާރުވެސް ޙަރަކާތާއި އިޝާރާތް ބޭނުންކޮށްގެން މުވާޞަލާތު ކުރާކަމަށެވެ”(ޞ. 25). އެހެންކަމުން މިކަންކަމުންވެސް އެނގެނީ އިންސާނުންނާއި ޖަނަވާރުންވެސް މުއާޞަލާތު ކުރުމުގައި އެއްގޮތް ސިފަތަކެއް ހުރިކަމެވެ.

އިންސާނުންނާއި ޖަނަވާރުން މުޢާޞަލާތުކުރުމުގައި ހުރި ތަފާތުތައް
އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި އެއްގޮތް ސިފަތަކެއް ހުރި ފަދައިން ތަފާތުތަކެއް ހުރިކަންވެސް ޤަބޫލުކުރަންޖެހޭކަމަށް ޙުސައިން ޙަބީބް (2010) ވިދާޅުވެފައިވެއެވެ. އަޑުލެއްވުމާއި ޙަރަކާތްކުރުމުގައެވެ. މިގޮތުން ވިކްޓޯރިއާ ފުރޮމްކިންގް އާއި ޑޭވިޑް ބްލެޔަރ އާއި ޕީޓަރ ކޮލިންސް (2007) ކަށަވަރުކޮށް ބަޔާންކޮށްދީފައިވަނީ ބަހަކީ އިންސާނުންނާއި ޙައިވާނުން ވަކިކޮށްދޭ ޚާއްޞަ ސިފައެއްކަމުގައެވެ. ނަމަވެސް މިސިފަތަށް ހުންނަނީ އިންސާނުން ވާހަކަ ދައްކާ ބަސްބަހުގައެވެ. ޖީން އެއިޗިސަން (2003) ހާމަކުރައްވާގޮތުގައި އިންސާނުން ވާހަކަދައްކާ އަޑުތަކަށް ބަހެކޭ ކިޔެނީ ކުރިން ދެންނެވުނު ސިފަތައް އިންސާނުން މޮށެ އުޅޭ ބަސްބަހުގައި ހުންނާތީއެވެ. ނަމަވެސް ޖަނަވާރުން ލައްވާ އަޑަށް ބަހެކޭ ކިޔޭ ހެއްޔެވެ. މިކަމާއި ގުޅިގެން އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެފައިވަނީ ޖަނަަވާރު ފަދަ ތަކެތި އަޑުލައްވައިގެންނާއި ޙަރަކާތުން އިންސާނުންފަދައިން މުވާޞަލާތު ކުރިނަމަވެސް ލިންގުއިސްޓުގެ ހަމަތަކަށް ބަލާއިރު އެއަށް ބަހޭ ނުކިޔޭކަމަށް ޤަބޫލުކުރަންހެޖޭ ކަމަށެވެ. ސަބަބަކީ ޖަނަވާރުންނަށް އަޑުތަރައްޤީކުރުމުގައި އިންސާނުންނާ ފައިތިލަ ހަމަނުކުރެވުންކަމަށް ޑޭވިޑް ކްރިސްޓަލް (2007) ވިދާޅުވެފައިވެއެވެ. އަދި މިކަމަށް ވިކްޓޯރިއާ ފުރޮމްކިންގް ، ޑޭވިޑް ބްލެޔަރ ، ޕީޓަރ ކޮލިންސް (2007) ވެސް އެއްބަސްވެލައްވައެވެ.

ޖަނަރުވާރުންނާއި ހިލާފަށް ހަމައެކަނި ބަސް އުފެދުމުގެ އަޞްލުކަމުގައި ބެލެވޭ އަޑުފަތި ބަދަލުކުރުމުގެ ހުރިހާ ކާމިޔާބީއެއް ލިބިފައިވަނީ އިންސާނާއަށްކަމަށާއި، އެއަޑުފަތި އަޑުފައްޗެއްގެ ގޮތުގައި އޭގެތެރެއަށް މޯފޮލޮޖީ، ސެމެންޓިކްސް އަދި ސިންޓެކްސް ސިފަތަކާއެކު އަނެކާއަށް ފަހުމްވާގޮތަށް ބަދަލުކޮށްލައިގެން މުއާޞަލާތުކުރުމުގެ ޤާބިލްކަން ލިބިފައިވަނީ ހަމައެކަނި އިންސާނާއަށްކަމަށް ވިކްޓޯރިއާ ފްރޮމްކިން ، ޑޭވިޑް މްލެއަރ ، ޕީޓަރ ކޮލިންސް (2007) ފަދަ ބަހަވީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި ހަމަމިގޮތަށް އިންސާނުން އަޑު ބައިކުރާ ފަދައިން އަޑު ބައިކޮށްގެން ދެއްކޭކަމަށް ބުނާ ޖަނަވާރު ފަދަ ތަކެއްޗަށް އަޑުތައް އެކިއެކި ބައިތަކަށް ވަކިކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވުމަކީވެސް ޖަނަވާރު މުޢާޞަލާތުކުރުމަށް ބަސް ބޭނުން ކުރާކަމަށް ޤަބޫލުނުކުރެވޭ ސަބަބެއްކަމަށް އެޑްވަރަޑް ފިނެގަން (2008) ވިދާޅުވެއެވެ. މިގޮތުން ޑޭވިޑް ގްރެޑޮލް، ޖެނީ ކެޝިއަރ، ޖޯން ސްވޭން (1998) އާއި ހަވާލާދެއްވައި މުޙައްމަދު ވަޙީދު ނަދުވީ (2001) ބަޔާންކޮށްފައިވަނީ މިސާލަކަށް: ކުކުޅަށް މިކުރެވޭހާވެސް ކަމަކީ އަޑުލައްވައިގެ އޭތި ބިސްއަޅައިފިކަން ބުނެދިނުމެވެ. ބިސްއެޅީ ކޮންއިރަކު ކޮންތާކަށް ކިހިނެތްކަން ބުނެދޭކަށް ނޭނގެއެވެ. އަދި ލައްވާ އަޑުތަކުން ކުޑަނަމަވެސް ލަފުޒެއް ނުބުނެވޭކަމަށެވެ.

މީގެއިތުރުން އެޑްވަރަޑް ފިނެގަން (2008) ވިދާޅުވަނީ ޢާއްމުގޮތެއްގައި ބަހެކޭ ކިޔުނަސް، ޖަނަވާރުންގެ ބަހުގައި އިންސާނުންގެ ބަހުގައި އެކުލެވިގެންވާ ގިނަ ބައިތައް ނުވަތަ ޝުޢޫރުތައް ބަޔާންކޮށްދޭ ބައިތައް ނުހިމެނޭކަމަށް ބައެއް ލިންގުއިސްޓުން އިއްތިފާގުވެފައިވާކަމަށެވެ. މިދެންނެވި އުސޫލަށް ޖަނަވާރު ބަލާއިރު އިންސާނާއަށް ލިބިފައިވާ އެއްވެސް މަރުހަލާއެއް ނުވަތަ އިނާޔަތެއްވިޔަސް ޖަނަވާރަށް ނުލިބެއެވެ. ހަމައެކަނި ލިބިފައި އޮންނަހާވެސް އެއްޗަކީ އުފަންވުމުގައި ލިބޭ މަދުއަޑުފައްޗެއްކަމަށް ޙުސައިން ރަޝީދު އަޙުމަދު (1995) ވިދާޅުވެއެވެ. އަދި މިއަޑުފަތި އިންސާނުންފަދައިން ތަރައްޤީކުރުމުގެ ބާރު ޖަނަވާރުންނަކަށް ނުލިބޭކަމަށާއި، ކަންމިހެން އޮތުމުން ލިބިފައިވާ އަޑުގެ މިންވަރާއި، ބަސް ބޭނުންކުރުމުގައިވެސް ތަފާތުކަމަށް ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު (2007) ވިދާޅުވެއެވެ.

އިސްވެދެންނެވުނު ފަދައިން ބަހަކީ އިންސާނެއްގެ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމެކެވެ. މިއީ ދިރާސާތަކުގެ ނަތީޖާތަކަށްވާއިރު، ލިބިފައިވާ މަދު އަޑުތައް ބައިބަޔަށް ބައިކޮށް އައުގޮތްގޮތަށް ރާވަން ޖަނަވާރަށް ނޭންގޭކަންވެސް ފާހަގަކުރަން ޖެހޭކަމަށް ވިކްޓޯރިޔާ ފުރޮމްކިންގް ، ޑޭވިޑް ބްލެޔަރ ، ޕީޓަރ ކޮލިންސް (2007) އާއި ޖީން އެއިޗިސަން (2003) އާއި އެޑްވަރަޑް ފިނެގަން (2008) ފަދަ ލިންގުއިސްޓިކްސް ގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވާކަން އިސްވެ ބަޔާންކުރެވުނު ކަންކަމުންވެސް ދޭހަވެއެވެ. ނަމަވެސް އިންސާނާއަށް ލިބިފައިވާ ގިނައަޑުތައް އެތައް ގޮތަކަށް ބައިކުރެއެވެ. ގިނައަޑުތަކުން ކޮޅެއްނެތްހާ ގިނަލަފުޒު އުފައްދައެވެ. އެހެންކަމުން އެޑްވަރަޑް ފިނެގަން (2008) އާއި ޖޯޖު ޔޫލް (2010) ފަދަ ބަހަވީ ޢިލްމުވެރިންގެ ބުނުންތަކަށް ބަލާއިރު އިންސާނުން މުވާޞަލާތު ކުރަނީ ބަސް ބޭނުންކޮށްގެން ކަމުގައިވިޔަސް ޖަނަވާރުން މުވާޞަލާތު ކުރުމަށްޓަކާ ބޭނުން ކުރަނީ ބަހެކޭ ނުބުނެވޭނެއެވެ. އަދި އިސްވެ ބަޔާންކުރެވުނުފަދައިން ޙުސައިން ރަޝީދު އަޙުމަދު (1995) އާއި ޔުމްނާ މަޢުމޫން (1997) އަދި މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ފަދަ ބޭފުޅުން ދެކިލައްވާފައިވާ ގޮތުގައި ބަހަކީ ވަކިހަމަތަކެއްގެ މަތިން އަތުރާލެވިފައިވާ ގުޅުވި އަޑުތަކެއްކަމަށް އެއްބަސްވެލައްވައެވެ. ނަމަވެސް ޖަނަވާރުންގެ ބޭނުންތަކަށާއި ވޭނާއި ބިރުވެރިކަން ފަދަ ކަމެއް ކުރިމަތިވާ ހިނދުވެސް އެސޮރުމެން ލައްވާ އަޑުތަކުން ރާގުގެ ތަރުޖަމާ ފިޔަވައި އެއްވެސް މާނައެއް ނުނެރެވޭނެކަމަށް އެޑްވަރަޑް ފިނެގަން (2008) އާއި ޖޯޖު ޔޫލް (2010) ވިދާޅުވެފައިވެއެވެ. ވުމާއެކު ޖަނަވާރުން ނެރޭ އަޑުތަކަކީ ބަހެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް އެޑްވަރަޑް ފިނެގަން (2008) ބަޔާންކޮށްފައިވާ ފަދައިން ގިނަ ޢިލްމުވެރިންވެސް މިކަމަށް އެއްބަސްވެލައްވައެވެ. އެހެނީ އިންސާނުން މުޢާޞަލާތުކުރަނީ ބަހަކުން ކަމަށްވާއިރު ޖަނަވާރުން މުއާޞަލާތު ކުރަނީ ބަހަކުން ނޫންކަމަށް ވިކްޓޯރިއާ ފްރޮމްކިން ، ޑޭވިޑް މްލެއަރ ، ޕީޓަރ ކޮލިންސް (2007) ، ޖީން އެއިޗިސަން (2003) އާއި އެޑްވަރަޑް ފިނެގަން (2008) އަދި ޖޯޖު ޔޫލް (2010) ފަދަ ގިނަ ޢިލްމުވެރިންގެ ބުނުންތަކުން ދޭހަވެއެވެ.
………………………………

ހަވާލާ ލިސްޓް

ޙުސައިން ޙަބީބް ( 2012 ، ޖޫން 1). އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ހުރި ތަފާތުތައް. ނެގީ: http://www.kavaasaa.com/adhab/mazmoon/insaanun-janavaarun-muvaasalath-kurumuga-huri-thafaathu.html ން

ޙުސައިން ޙަބީބް ( 2014 ، މެއި 14). އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ހުރި ބައެއް އެއްގޮތް ކަންތައްތައް. ނެގީ: http://www.kavaasaa.com/adhab/mazmoon/insaanunnai-janavaru-muvaasalathu-kurumugao.html ން.

ޙުސައިން ރަޝީދު އަޙުމަދު. (1995). ބަހުގެ އަޑުތައް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ނޯމް ޗޮމްސްކީ. (2006). ލޭންގުއޭޖް އެންޑް މައިންޑް. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ.

ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (2007). ބަހާއި ބަހުރުވައިގެ ތަފާތު. ޖަމާޢަތުގެ ޚަބަރު. މާލެ: ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން.

އެޑްވަރަޑް ފިނެގަން. (2008). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް (ފަސްވަނަ އެޑިޝަން). ކެލެފޯނިއަރ: ޔުނިވަރސިޓީ އޮފް ސަދަން ކެލެފޯނިއަރ.

ވިކްޓޯރިއާ ފްރޮމްކިން ، ޑޭވިޑް މްލެއަރ ، ޕީޓަރ ކޮލިންސް. (2007). އެން އިންޓްރޮޑަކްޝަން ޓް ލޭންގުއޭޖު. (8ވަނަ އިސްދާރު).
މައުމޫން ޢަބްދުލް ޤައްޔޫމް. (1998). ފަހުބަސް. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު ވަޙީދު ނަދުވީ. (2001). ބަހަކީ ކޮބައިތޯއެވެ؟ (އަތްމަތީކަރުދާ). މާލެ: ފެކެލްޓީ އޮފް މެނޭޖުމަންޓް.
ދިވެހިބަހާއި ތާރީޚާއި ބެހޭ މަރުކަޒު، 2011. ދިވެހި ބަސް ފޮތް (ޞ.219). މާލެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ޑޭވިޑް ގްރެޑޮލް، ޖެނީ ކެޝިއަރ، ޖޯން ސްވޭން.(1998). ޑިސްކްރައިބިން ލޭންގުއޭޖް. (ދެވަނަ އެޑިޝަން).ޔޫ އެސް އޭ. އޯޕަން ޔުނިވަރސިޓީ ޕްރެސް.

ޑޭވިޑް ކްރިސްޓަލް. (1997). ދަ ކެމްބްރިޖް އެންސައިކްލޮޕީޑިޔާ އޮފް ލޭންގުއޭޖު. ކެމްބްރިޖް:ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޔުމްނާ މައުމޫން. (1997). ބަހަކީ ކޮން އެއްޗެއްތޯ؟.ފަތްތޫރަ، 220،19 (4)،24-27.
ޖީން އެއިޗިސަން. (2003). ޓީޗް ޔޯރ ސެލްފް ލިންގުއިސްޓިކް، ޞ.13-24.
ޖޯޖު ޔޫލް. (2010). ދަ ސްޓަޑީ އޮފް ލޭންޖްއޭޖް (ހަތަރުވަނަ އެޑިޝަން). ނިވްޔޯކް: ހޮޑަރއެންޑް ސްޓަފްޓަން. ކެމްބްރިޖް ޔުނވަރސިޓީ ޕްރެސް.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.