ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސް ގެ ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) އަލުން ލަވަކިޔަން ފަށައިފި ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ލިބިއްޖެ އެވެ. މިކަން ޔަޤީންކުރުމަށް ޕެސްޓަށް ގުޅާލުމުން އޭނާ ބުނީ ތިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއުޒިކީ ދާއިރާ އަށް އަލުން އައި ޚަބަރު އެއީ ދެތެއްތޯ އެހުމުން އެކަން އޭނާ ދޮގެއްވެސް ނުކުރެއެވެ.

ސިމްބޮލިކް ރެކޯރޑްސް ގެ ލީޑިންގް ހިޕްހޮޕް އާރޓިސްޓެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވި ޕެސްޓް މިއުޒިކް ކުޅުން ހުއްޓާލާފައި ވަނީ 10 އޮކްޓޯބަރ 2013 ގައި ސިމްބޮލިކް ގެ ‘މަގުމަތި’ އަލްބަމް ނެރުނު ފަހުންނެވެ. ‘މަގުމަތި’ އަލްބަމަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް/ރެޕް މިއުޒިކް އަލްބަމެވެ.

ސިމްބޮލިކުން މިދިޔަ އަހަރު ޑިސެމްބަރު 28 ގައި ކޮށްފައިވާ ޕޯސްޓަކާއިއެކު ހިމެނޭ ލަވަ ކިޔާފައިވަނީ ޕެސްޓް ކަމަށް ޤަބޫލުކުރެވެއެވެ. އަދި ފުރަގަސްދީގެން ހުރި މީހެއް ވީޑިއޯ އިން ދައްކާފައިވާއިރު އެއީ ވެސް ޕެސްޓް ކަން މުނިއަވަސް އަށް ވަނީ އެނގިފަ އެވެ.

ސިމްބޮލިކް ގެ ޕޯސްޓްގައި ބުނެފައިވަނީ ‘ދަތިތަކަކާއި އެކު 2017 ވަނަ އަހަރު ކަޑައްތުކުރުމަށްފަހު 2018 އާއި އެމީހުން ކުރިމަތިލާއިރު ސަޕޯޓަރުންނަށް ‘ބޮޑު ސަޕްރައިޒް އެއް’ އެބަ އޮތް ކަމަށާއި އެކަމާއި ގުޅޭ ‘ކްލޫ’ އެއް ހިއްސާކޮށްލާ ކަމަށެވެ.’

ޕެސްޓް އެނބުރި މިއުޒިކަށް އައުން ވެގެންދާނީ ހިޕްހޮޕް/ރެޕް މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި ވަކިން ޚާއްޞަކޮށް ޕެސްޓަށް ތާއިދުކުރާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށެވެ. 

އިސްމާއިލް އިފްހާމް (ޕެސްޓް) ލަވަކިޔުން ހުއްޓާލުމަށްފަހު ފެނުނީ އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްގެން އުޅެންފެށި ތަނެވެ. އަދި އޭނާގެ އަންހެނުން ވެސް މޫނުބުރުގާ އެޅިކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.