ކޮވިޑް-19 ވެކްސިން އާއި ބެހޭގޮތުން ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކާއި މީސްމީޑިއާގެ ބައެއް މަންސަތަކުގައި މި ވެކްސިން ޖެހުމާއި މެދު ބިރުވެރިކަން އުފެދޭ ގޮތަށް ގިނަގުނަ ވާހަކަތައް ދެކެވެމުން ދެއެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ ކޮވިޑް-19 ވެކްސިންއާއި މެދު އާއްމުކޮށް އުފެދޭ ސުވާލުތަކަށް ކަމާގުޅޭ މާހިރުން ދެއްވާފައިވާ ޖަވާބުތަކެވެ.

މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކެކެވެ.

1. ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހެނީ ކީއްވެ؟

ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (2-CoV-SARS (އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމަކީ، ޞިއްޙީ، އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާ އެކެވެ. ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ. މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ.

2. ކޯވިޑް-19 ވެކްސިން އުފެއްދުމުގެ މަރުޙަލާގައި އޭގެ ރައްކާތެރިކަން ކަށަވަރުކުރަނީ ކިހިނެއް؟

އެހެނިހެން ވެކްސިންތަކެކޭ ވެސް އެއްފަދައިން މި ވެކްސިންގެ ރައްކާތެރިކަން ވަނީ ވެކްސިން އުފެއްދުމުގެ މަރުޙަލާގައި ކަށަވަރުކޮށްފައެވެ. ޒަމާނުއްސުރެ ވެކްސިން އުފެދުމުގައި އަމަލުކުރާ އުސޫލުގެ ދަށުން، މިވެކްސިންވެސް 3 މަރުހަލާއެއްގައި ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި މި ވެކްސިން ޖެހި މީހުންގެ އަދަދު އެހެން ވެކްސިންތަކެކޭ އެއްފަދައިން ހަމަހަމައެވެ.

3. ކޯވިޑް-19 އަށް ކިތައް ވައްތަރުގެ ވެކްސިން މިވަގުތު ލިބެން އެބަހުރިތަ؟

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން، 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުންނަށް ޖަހައިގެން ޓެސްޓްކުރުމުގެ މަރުޙަލާގައިވާއިރު، 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީގައި ޓެސްޓްކުރަމުންނެވެ. އަދި ވެކްސިން ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގެ ތެރޭގައި 15 ވެކްސިނެއް ފުޅާ ދާއިރާއެއްގައި ޓެސްޓްކުރެވެމުން އެބަދެއެވެ.

4. ދިވެހިރާއްޖޭގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19ގެ ކޮން ވެކްސިންތަކެއް؟

ކޯވިޑް-19 ވެކްސިން ހޯދުމަށްޓަކައި ދިވެހިރާއްޖެއިން ވަނީ ހަމަހަމަ ކަމާއެކު ރައްކާތެރި ވެކްސިން ޤައުމުތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޯވެކްސް ފެސިލިޓީގެ ތެރެއިން ދިވެހިރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ 2021 ގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން ދަނީ އެސްޓްރާޒެނެކާ (AstraZeneca (ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިގޮތުން, ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. 2021 ޖަނަވަރީ 20 ވަނަ ބުދަ ދުވަހު, އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ, SII އިން ތައްޔާރުކުރަމުންދާ ‘ކޮވިޝީލްޑް’ ވެކްސިންގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

5. “ކޮވިޝީލްޑް” ވެކްސިނަކީ ކޮބާ؟

“ކޮވިޑްޝީލްޑް” އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca (ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕވޓ ލޓޑ އިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

6. ކީއްވެ ކޮވިޝީލްޑް؟

“ކޮވިޝީލްޑް” އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން، ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ.

7. “ކޮވިޝީލްޑް” އަކީ ރައްކާތެރި ވެކްސިނެއްތަ؟

މި ވެކްސިން މިހާރުވަނީ ކްލިނިކަލް ޓްރަޔަލް ގެ އެންމެ ފަހު މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައެވެ. ދިވެހިރާއްޖޭގައި ދޭ ހުރިހާ ވެކްސިންތަކަކީ ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން ބޭނުންކުރެވޭ ވެކްސިންތަކެވެ. އެމް.އެފް.ޑީ.އޭ އިން ހުއްދަދެވޭއިރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލޭނެއެވެ.

8. “ކޮވިޝީލްޑް” ގެ ސައިޑް އިފެކްޓްސްއަކީ ކޮބާ؟

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެއެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެއެވެ.

މިވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި:

• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންކަން

• ހުންއައުން

• ވަރުބަލިވުން

• ބޮލުގައި ރިއްސުން

• މޭ ނުބައިކުރުން

• ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން

9. ކޯވިޑް-19 ވެކްސިންގެ ކިތައް ޑޯޒް ޖަހަންޖެހޭތަ؟

ވެކްސިންގެ ޑޯޒް ދޭންޖެހޭ އަދަދު ބިނާވަނީ ވެކްސިންގެ ބާވަތަށެވެ. އެގޮތުން ‘ކޮވިޝީލްޑް’ (Covishield ،(ފައިޒަރ-ބަޔޯއެންޓެކް’ (BioNTech-Pfizer’ ،(މޮޑަރނާ ކޯވިޑް-19 ވެކްސިން’ (Vaccine 19-COVID Moderna (މިއިން ކޮންމެ ވެކްސިނެއްގެވެސް 2 ޑޯޒް ޖަހަންޖެހެއެވެ.

10. މި ވެކްސިން ޖެހުމުގައި އިސްކަންދޭނީ ކޮންބަޔަކަށް؟

ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު ކަނޑައަޅަނީ ވެކްސިން ލިބޭ އަދަދަށް ބަލާފައެވެ. ވެކްސިންދިނުމުގައި އިސްކަންދޭތަރުތީބު ބަހާލައިފައިވަނީ ތިރީގައިވާ ތިންބަޔަށެވެ.

ހ. ސިއްޙީ ޚިދުމަތުގައި އަދި އިޖްތިމާއީ ޚިދުމަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުން:

މީގެ ތެރޭގައި ހިމެނެނީ ޞިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން، ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ފަރާތްތަކާއި، ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ކުނި ނުވަތަ ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔައަކަށް ނުވަތަ ނަޖިހަކަށް ހުށަހެޅޭފަދަ މަސައްކަތްތައް ކުރާ މީހުންނާއި އުމުރުން ދުވަސްވީމީހުންނާއި އެހެނިހެން އިޖްތިމާއީ ޙާލަތްތަކުގައި ހިމެނޭ މީހުންނަށް ހިދުމަތްދޭ މީހުންނެވެ.

ށ. މި ބައްޔަށް ހުށަހެޅިއްޖެނަމަ، އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުން މީގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުން، އަދި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން:

• ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން

• ހަކުރު ބަލި ހުންނަ މީހުން

• ހިތުގެ ބަލިތައް ހުންނަ މީހުން

• ސްޓްރޯކެއް ޖެހިފައިވާ މީހުން

• އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން)

• ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން

• ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން

• ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން

• ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން

ނ. އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން

• ޓީޗަރުން

• ފުލުހުން

• ސިފައިން

• ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ޚިދުމަތްދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުން:

o އެއާރޕޯޓުގެ އިސްސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)

o ޓްރެވަލް އެޖެންސީތަކުގެ ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން

o މަތިންދާބޯޓުގެ ފަޅުވެރިން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ)

o ފަތުރުވެރިކަމުގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުން.

o ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން.އެއްގަމާއި ކަނޑުގެ ޕަބްލިކް ޓްރާންސްޕޯރޓްގައި މަސައްކަތްކުރާ މީހުން ހިމެނުންވެސް މުހިންމު

11. ކުޑަކުދިންނަށް ކޯވިޑް-19 ވެކްސިން ޖަހާނެތަ؟

ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި ނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިނެއް ނުޖަހާނެއެވެ.

12. ކޯވިޑް-19 ވެކްސިން ގަތުމަށް ޚަރަދުކުރާނީ ކޮންފަރާތަކުން؟

ދިވެހި ރާއްޖެއަށް ގެންނަ ވެކްސިން ދިވެހި ރައްޔިތުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާނުލައެވެ.

13. ދިވެހިރާއްޖެއަށް ވެކްސިން ލިބެންވާ އިރަށް ވަމުންދާ ތައްޔާރީ ތަކަކީ ކޮބާ؟

• ވެކްސިން ދިނުމަށް ނިންމާފައިވާ ޚާއްސަ ގުރޫޕްތަކަށް ވެކްސިން ދޭނެ ތަރުތީބު ވަނީ އެކަމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައި

• ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާ ކުރުން.

• ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުން.

• ވެކްސިން ދޭނެ ގޮތާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ސިއްހީ ޚިދުމަތްތެރިންނަށް އުނގަންނައިދީ ތަމްރީނުކުރުން.

• ވެކްސިންގެ މުހިންމުކަން އާންމުންނަށް އަންގައިދީ ވެކްސިނާ ބެހޭ ރަގަޅު މައުލޫމާތު ފޯރުކޮށްދިނުން

14. ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަޅާ ފިޔަވަޅުތަކަކީ ކޮބާ؟

ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ދީފައިވާ ވެކްސިންތައް. ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން (ކޯލްޑް ޗެއިން) ބެލެހެއްޓޭނެއެވެ. މީގެ އިތުރުން ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ޞިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ އެހީގައި ދަނީ ކުރަމުންނެވެ. އޭ.އީ.އެފް.އައި މޮނިޓަރިންގ: ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓަރ ކުރަމުންގެންދާނެއެވެ. އަދި މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

15. ކޯވިޑް-19 އަކީ ބަލިމަޑުކަމެއްކަމަށް ކަނޑައެޅުނު ފަހުން ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިފައިވަނީ ކީއްވެ؟

ވެކްސިނެއް ތައްޔާރުކުރެވޭނީ، ބަލި ޖެހުމަށް މެދުވެރިކުރުވާ އެއްޗަކީ ކޮބައިކަން ދެނެގަނެވުމުންނެވެ. 2-CoV-SARS އަކީ މީގެ ކުރިން ފެނިފައި ނުވާ އައު ވައިރަހެއްކަމުން، ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށޭނީ، މި ވައިރަސް (SARS-CoV-2 (ދެނެގަނެ އޭގެ ޖެނެޓިކް ހަގީގަތް ބަލާ ދިރާސާކުރުމަށް ފަހު އެވެ. އެހެންނަމަވެސް،މި ވެކްސިންތައް އުފެއްދުމުގައިވެސް ވެކްސިން ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ.

16. މި ވެކްސިން ޖަހަން މަޖުބޫރުތަ؟

މި ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. ވެކްސިންޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެއެވެ. ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ، އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެއެވެ. ވަކި ފަރުދަކަށް ބަލައިފިކަމުގައިވާނަމަވެސް، މި ވެކްސިންޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

17. ކޯވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތަ؟

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރެއް ކޮށްފާނެއެވެ. މިގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި:

• ހުންއައުން

• ވަރުބަލިވުން

• ބޮލުގައި ރިއްސުން

• އިންޖެކްޝަން ޖަހާ ތަނަށް ތަދުވުން ނުވަތަ ދުޅަވުން

މިފަދަ އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދަން ވާނެއެވެ. ނުވަތަ 1676 އަށް ގުޅާ ރިޕޯޓްކުރަންވާނެއެވެ.

18. ވެކްސިންގެ އަސަރު ހަށިގަނޑުގައި ހުންނާނީ ކިހާ މުއްދަތަކަށް؟

ކޯވިޑް-19 ގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު މި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައެއް ނުވެއެވެ. ސަބަބަކީ މިކަމަކީ އަދިވެސް ދިރާސާ ކުރަމުން އަންނަކަމަކަށް ވެފައި، ޔަޤީން ކުރެވޭނީމިކަން ގިނަ ހޯދުންތައް ހޯދާ މިކަމުގެ މަޢުލޫމާތުތައް އެއްކުރެވިގެން ކަމަށްވާތީއެވެ. މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު 1 އަހަރު ދުވަހަށް ދެމިހުންނާނެއެވެ.

19. ވައިރަސް މިއުޓޭޓް (އޭގެ އަސްލަށް ބަދަލުއައުން) ވެއްޖެނަމަ، ވެކްސިނުން ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރި ކޮށްދޭނެތަ؟

ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުންދާ (މިއުޓޭޓްވަމުންދާ) އެއްޗެކެވެ. ވައިރަސް މިއުޓޭޓްވުމަކީ އޭގެ ޖެނެޓިކް މެޓީރިއަލް އަށް ބަދަލުއައުމެވެ. އެކި ވައިރަސް މިއުޓޭޓްވާން ނަގާ މުއްދަތު ތަފާތެވެ. މިގޮތުން ވައިރަހަށް އަންނަ ބަދަލަކީ އޭގެ ސަބަބުން ވެކްސިނުން ލިބޭ ފައިދާއަށް އަސަރުކުރާ ކަމަކަށް ނުވެދާނެއެވެ. ކޯވިޑް-19 ޖައްސާ ވައިރަސް (2-CoV-SARS (އަށް އަންނަ ބަދަލުތަކާއި، މިވައިރަސްގެ އަލަށް ފެންނަ ބާވަތްތަކުން ނުވަތަ ވޭރިއަންޓްތަކުން ކޯވިޑް-19ގެ ވެކްސިންދީގެން ހަށިގަނޑު ރައްކާތެރިކުރުވާ މިންވަރު ސައިންސްވެރިންނާއި ރެގިއުލޭޓަރީ އިދާރާތަކުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ވައިރަހުގެ ޒަރީއާއިން ޖެހޭ ހިމަބިހި، ރުބެއްލާ ފަދަ ބަލިތަކާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އަސަރު ހަށިގަނޑުގައި ގިނަ އަހަރުތަކަކަށް ދެމިހުރެއެވެ. ނަމަވެސް އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާގެ ބަލިތައް ޖައްސާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާ ވެކްސިނަކީ ކޮންމެ އަހަރަކު ބަދަލު ގެންނަންޖެހޭ ވެކްސިނެކެވެ. ސަބަބަކީ ރޯގާ ޖައްސާ ވައިރަހަކީ އޭގެ އަސްލަށް ވަރަށް އަވަސްއަވަހަށް ބަދަލުއަންނަ އެއްޗަކަށް ވުމެވެ. ރޯގާ ޖައްސާ ވައިރަހުގެ އެކި ބާވަތްތައް މޫސުމީ ރޯގާގެ ގޮތުގައި ފެނެއެވެ.

20. “ހަރޑް އިމިއުނިޓީ” ހާސިލުކުރުމަށް އާބާދީގެ ކިތައް އިންސައްތައަށް ވެކްސިން ޖަހަންޖެހޭތަ؟

ކޯވިޑް-19 އާ ދެކޮޅަށް ‘ހަރޑް އިމުއިނިޓީ’ ހާސިލުކުރުމަށް ވެކްސިން ދޭންޖެހޭ އާބާދީގެ އިންސައްތަ ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެފައެއް ނުވެއެވެ. ‘ހަރޑް އިމިއުނިޓީ’ އަކީ ވެކްސިންޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު އިންސައްތައެއް ހޭނި އެބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ. މިހެންވުމުން، މުޖުތަމައެއްގައި ދިރިއުޅޭ ޚާއްޞަ ހާލަތްތަކުގައި ބައެއް މީހުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، އެ މުޖްތަމައުގައި ދިރިއުޅޭ އެންމެން ތިބޭނީ މި ބަލިން ރައްކާތެރިކުރެވިފައެވެ. ‘ހަރޑް އިމުއިނީޓީ’ ހާސިލުކުރުމަށް ބަލިން ރައްކާތެރިވެފައިވާ އާބާދީގެ އިންސައްތަ ހުންނަންޖެހޭ މިންވަރު އެކި ބަލި ބަލީގައި ތަފާތެވެ.

21. ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހެއްނަމަވެސް މި ވެކްސިން ޖަހަންޖެހޭނެތަ؟

ކޯވިޑް-19 އަށް ހުށަހެޅުމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމިހުންނަ މުއްދަތު މި ބައްޔާބެހޭ ގޮތުން އަދި ރަގަޅަށް ހޯދިފައި ނެތުމުން މި ބަލި ޖެހި ރަނގަޅު ވެފައިވާ މީހާއަށްވެސް ކޯވިޑް-19 ގެ ވެކްސިން ޖެހޭނެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ.

22. ކޯވިޑް-19 ގެ އަލާމާތްތައް ހުރިނަމަ ނުވަތަ ބަލިޖެހި ރަނގަޅުނުވާނަމަވެސް މި ވެކްސިން ޖެހޭނެތަ؟

ކޯވިޑް-19 ތަހައްމަލު ކުރަމުންދާ މީހުން، ބަލިން ރަނގަޅުވެ ބަލީގެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ނުޖަހާ މަޑުކުރަންވާނެއެވެ.

23. ވެކްސިން ޖެހުމަށް ރަޖިސްޓަރީ ކުރަންޖެހެނީ ކީއްވެ؟

ވެކްސިންޖެހުމަށް ރަޖިސްޓަރީކުރުމުން މިހާރު ދިރިއުޅޭ ތަނާއި ޞިއްޙީ ހާލަތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެޗް.ޕީ.އޭ އަށް ހުށަހެޅޭނެއެވެ. އަދި މި މަޢުލޫމާތު ބޭނުންކޮށްގެން ވެކްސިންދިނުމަށް އިސްކަންދޭ ތަރުތީބަށް ބަލައި، ވެކްސިންޖަހަން ދާންޖެހޭ ތަން ކަނޑައެޅޭނެއެވެ. ‘ހާލުބެލުން’ ފަދަ ޕޯޓަލްއެއް މެދުވެރިކޮށް މި މަޢުލޫމާތުތައް ކުރިން ހުށަހަޅާފައި ވީނަމަވެސް، އެ މަޢުލޫމާތައް އެއްވެސް ބަދަލެއް އައިސްފައިވޭތޯ މި ރެޖިސްޓްރޭޝަންގެ ތެރެއިން ދެނެގަނެވޭނެއެވެ.

24. ވެކްސިންޖެހުމަށް ދެކޮޅުހަދާމީހުންނާ މެދު ޢަމަލުކުރާނީ ކިހިނެއް؟

ވެކްސިންޖެހުމަށް ދެކޮޅު ހެދުމަކީ މުޅި ދުނިޔޭގައިވެސް ހިނގާކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭއިންވެސް ފާހަގަވަމުން އަންނަ މައްސަލައެކެވެ. ވެކްސިން ޖެހުމާއި ދެކޮޅުހަދާ މީހުންނާ މުޢާމަލާތްކުރުމަށް ބައިނަލްއަޤްވާމީގޮތުން ބަލައިގަނެފައިވާ އެކި ގޮތްތައް މައުލޫމާތުގެ އެހީގައި ވެކްސިން އަދި ކޯވިޑް-19 އާއި ބެހޭ ތެދު މަޢުލޫމާތު ގިނަގިނައިން އާންމުންނަށް ފޯރޮކޮށްދިނުން. އަދި އެޗް.ޕީ.އޭ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ އަދި ޔުނިސެފް ފަދަ އިތުރުބާރު ހުރި ފަރާތްތަކުން ތެދު މައުލޫމާތު ހޯދުމަށް ބާރު އެޅުމާއި އެ މަޢުލޫމާތު ހޯދާނެގޮތް އާންމުންނާއި ކަމާބެހޭ މީހުންނަށް އުގަންނައިދިނުން.

25. މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ހުއްޓާލެވޭނީ ވެކްސިން ޖަހާތާ ކިހާ މުއްދަތެއް ފާއިތުވުމުންތޯ؟

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ހުއްޓާލާނެ މުއްދަތެއް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އަދި ކަނޑައެޅޭކަށް ނެތެވެ. މިކަމަށް ގޮތެއް ނިންމުމަށްޓަކައި، ވެކްސިންގެ ސަބަބުން މިބަލިން މީހާ ރައްކާތެރިކޮށްދޭ މުއްދަތު ކަމާބެހޭ މާހިރުން ދެނެގަންނަންޖެހެއެވެ. އަދި މިކަން ކަނޑައެޅުމަށް ކޯވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ އަދަދާއި، މުޖުތަމައުގައި މިބަލި ފެތުރޭ މިންވަރަށް ބަލަންޖެހެއެވެ.

26. ޖީ.ސިކްސް.ޕީ.ޑީ (G6PD (ހުންނަ މީހުންނަށް ވެކްސިން ޖެހޭނެތަ؟

އާނއެކެވެ.

27. ތެލަސީމިއާ ބަލިޖެހިފައިވާ މީހުންނަށް ވެކްސިން ޖެހޭނެތަ؟

އާނއެކެވެ.

28. ސްޓެރޮއިޑްގެ ދަށްމިންވަރެއް ބޭނުންކުރާ މީހުންނަށް ވެކްސިން ޖެހޭނެތަ؟

މިފަދަ މީހުންނަށް ވެކްސިން ޖެހޭނެކަން ނުވަތަ ނޫންކަން ޔަގީންކުރެވޭނީ ވެކްސިންގެ ބާވަތަށާއި، ސްޓެރޮއިޑް ބޭނުންކުރާ މުއްދަތު އަދި އެ މީހެއްގެ ހުރި ޞިއްޙީ މައްސަލަތަކަށް ބިނާކޮށެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ.

29. ވެކްސިން ޖެހުމަށްފަހު ލޭ ހަދިޔާކުރެވިދާނެތަ ނުވަތަ ލޭ އެޅިދާނެތަ؟

ވެކްސިންޖަހާތާ 4 ހަފުތާފަހުން ލޭ ހަދިޔާކުރެވޭނެއެވެ.

30. ހަކުރުބަލި ހުންނަ (ބޭސް ބޭނުންކުރާ އަދި ބޭސް ބޭނުންނުކުރާ) މީހުންނަށް ވެކްސިން ޖެހޭނެތަ؟

އާނއެކެވެ.

31. ކޯވިޑް-19 ވެކްސިން ޖެހުމަށްފަހު ސްޓެރޮއިޑް ބޭނުންކުރުން ކުރިއަށްގެންދެވިދާނެތަ؟

ސްޓެރޮއިޑް ބޭނުންކުރުން ކުރިއަށްގެންދެވިދާނެކަން ޔަގީންކުރެވޭނީ ޖަހާ ވެކްސިންގެ ބާވަތަށާއި ބޭނުންކުރާ ސްޓެރޮއިޑްގެ މިންވަރަށް ބިނާކޮށެވެ.

32. ލޭދިޔާކުރާ ބޭސް ބޭނުންކުރަމުންދާ މީހުންނަށް ވެކްސިން ޖެހޭނެތަ؟

ލޭދިޔާކުރާ ބޭސް ބޭނުންކުރާނަމަ، ވެކްސިންޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ. އަދި ލޭގެ ޓެސްޓުގެ ނަތީޖާ ގެންދަންވާނެއެވެ.

33. އެންޓިބަޔޮޓިކް ނުވަތަ އިމިއުނޯސަޕްރެސެންޓް ބޭނުންކުރަމުންދާ މީހުންނަށް ވެކްސިން ޖެހޭނެތަ؟

އެންޓިބަޔޮޓިކް ނުވަތަ އިމިއުނޯސަޕްރެސެންޓް (ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް) ބޭނުންކުރަމުންދާނަމަ، ވެކްސިންޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ.

34. ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުގައި ޖެހުމަށްފަހު ދެވަނަ ޑޯޒް ދިވެހިރާއްޖޭގައި ޖެހިދާނެތަ؟

މިކަން ބިނާވަނީ ވެކްސިންގެ ބާވަތަށާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ފާއިތުވެފައިވާ މުއްދަތު އަދި ވެކްސިންދިނުމުގައި އިސްކަންދޭ ތަރުތީބަށް ބަލައި ވެކްސިންލިބެންހުރި މިންވަރަށެވެ.

35. ކާއެއްޗެއް ނުވަތަ ބޭހަކުން ހަށިގަނޑަށް ނުގުޅޭ އަސަރު (އެލަރޖީ) ކުރާ މީހުންނަށް ވެކްސިން ޖެހޭނެތަ؟

އާނއެކެވެ. ނަމަވެސް މިފަދަ މީހުން ވެކްސިން ޖެހުމުގެ ކުރިން މި މަޢުލޫމާތު ހިއްސާކުރަންވާނެއެވެ. އަދި ވެކްސިންޖެހުމަށްފަހު މިފަދަ މީހުން މޮނިޓަރކުރުމަށް ސެންޓަރުގައި ބައިތިއްބޭނެއެވެ.

36. ވެކްސިންޖަހާފައިވާ ވިއަސް ކަރަންޓީންވާން ޖެހޭނެތަ؟

ވެކްސިންގެ އަސަރުކުރާނީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމުންނެވެ. އަދި ވެކްސިންގެ ސަބަބުން ބަލިންދިފާއުކޮށްދޭ މުއްދަތު ބިނާވާނީ ވެކްސިންގެ ބާވަތަށެވެ. މިހެންކަމުން ކަރަންޓީން ވާންޖެހޭނެކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ޖަހާ ވެކްސިންގެ ބާވަތަކުންނެވެ. ތަފާތު ވައްތަރުތަކުގެ ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތު ލިބުނުވަރަކުން ކަރަންޓީނުވުމުގެ އުސޫލުތައް ހިއްސާކުރެވޭނެއެވެ.

37. ވެކްސިންގެ ޑޯޒް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވީނަމަވެސް އަލުން ވެކްސިން ޖަހަންޖެހޭނެތަ؟

ނޫނެކެވެ. ނަމަވެސް ކޯވިޑް-19ގެ ތަފާތު އެކި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނީ ކިހާ މުއްދަތަކަށްތޯ އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.