ނަފީކުރުމަކީ ނުވާކަން، ނުވަތަ ނެތްކަން އަންގައިދިނުމަށް ބުނާބުނުމެވެ. މިގޮތުން ނަފީއަކީ ނަފީގެ އަކުރެއް ބޭނުންކޮށްގެން ބުނެވޭ ޖުމުލައެކެވެ. ހަމަ މިފަދައިން ނަފީކުރުމަކީ ނުވާކަމުގެ ނުވަތަ ނެތްކަމުގެ ނުވަތަ ނޫންކަމުގެ މާނަ ދޭހަވާގޮތަށް ބުނުމެވެ. އެހެންކަމުން ނަފީކުރުމަކީ ނެތްކަން ނުވަތަ ނޫންކަން އަދި ނުވާކަމުގެ ސިފަ އަންގައި ދިނުމަށްޓަކައި ބޭނުންކުރެވޭ ލަފުޒުތަކާއި އަކުރުތަކާއި ޖުމުލަތަކެވެ.
ވީމާ، މިމަޒުމޫނުގައި ދިވެހިބަހުގެ އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީ ކުރެވިފައިވޭތޯ ބަލައި، ތަކުރާރުކޮށް ނަފީ ކުރެވޭ ނަމަ ނަފީކުރެވޭ އުޞޫލުތަކާއި، ނަފީގެ ޖުމުލަތަކުން ދޭހަވާ މާނައަށް ބަލައިލާނަމެވެ. އަދި ތަކުރާރުކޮށް ނަފީ ކުރެވޭނަމަ ނަފީ ކުރެވޭ ލަފުޒަށް އަންނަ ބަދަލަކީ ކޮބައިކަމާއި، މި ބަދަލުތަކަށް ބަލައި ނަފީ ނުކުރެވޭނަމަ ނުވާކަން ހެއްކާ އެކު އޮޅުންފިލުވައިދޭނަމެވެ.
ދިވެހި ބަހުގައި ނަފީ ކުރުމުގެ އުޞޫލުތައް
ނަފީގެއަކުރު ބޭނުންކޮށްގެން ނަފީގެމާނަ ދޭހަވާގޮތަށް ބުނެފިފައިވާ ޖުމުލައަކީ ނަފީގެ ޖުމުލަކަމަށާއި، އެނޫން ޖުމުލައަކީ، ސާބިތު ޖުމުލަކަމަށް މުޙައްމަދު ޖަމީލު (1970) ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ތިރީގައިވާ ތާވަލްތަކުގައި މިވަނީ ދިވެހި ނޫސްތަކާއި ވެބްސައިޓްތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުން ނަގާފައިވާ ދިވެހިބަހުގައި ނަފީކުރެވިފައިވާ ޖުމުލަތަކެކެވެ. މި ޖުމުލަތައް ނެގިފައިވާގޮތް އަންގައިދިނުމަށް ކޮންމެ ޖުމުލައެއްގެ ރިފަރެންސް ލިޔުންގަނޑުތެރޭގައި ހިމަނާފައި ނުވި ނަމަވެސް ކޮންމެ ޖުމުލައެއްވެސް ނަގާފައިވާ ވެބްސައިޓް އެގޭނޭހެން ރިފަރެންސް ލިޔެ އެޕެންޑިކްސްގައި ހިމަނާލާފައިވާނެއެވެ. މިގޮތުން ބަލާއިރު ތިރީގައިވާ ތާވަލް 1 ގައި މިވަނީ ތަކުރާރުކޮށް އެއް ޖުމުލައެއްގައި ދެ ފަހަރު ނަފީގެ އަކުރު ބޭނުންކޮށްފައިވަ ޖުމުލަތަކެވެ.
ތާވަލް 1: ތަކުރާރުކޮށް އެއް ޖުމުލައެއްގައި ދެ ފަހަރު ނަފީގެ އަކުރު ބޭނުންކޮށްފައިވާ ޖުމުލަތައް
މަތީގައިވާ ތާވަލް 1 ގެ ޖުމުލަތަކުން ދޭހަވާ މާނައަށް ބަލާއިރު، 1 ވަނަ ޖުމުލައިން ދޭހަވާ މާނައަކީ ”އެއީ ސިހުރުކަމަށް ގަބޫލްކުރެވޭ ނަމަ އެކަމަށް ފަރުވާ ހޯދުމަކީ ބުއްދިވެރިގޮތެވެ.” 2 ވަނަ ޖުމުލައިން ދޭހަވާ މާނައަކީ ”ކާނީ ލޮނު އަޅައިގެންނެވެ.” 3 ވަނަ ޖުމުލައިން ދޭހަވާ މާނައަކީ ” ދަރިފުޅަށް އެފަދަ ގޯނާއެއް އޭނާ ކޮށްފައި ވާތީ މިނިވަންކަން އޭނާ އިހްތިޔާރު ކުރީ އެވެ.” 4 ވަނަ ޖުމުލައިގެ މާނައަކީ ” ގަޑިޖެހިގެން އަހަރެން ދިއުމުން ރަނގަޅެވެ.” 5 ވަނަ ޖުމުލައިން ” ރީމާ ބޭނުންވާ ކަމެއް އަމިއްލައަށް އޭނާއަށް ކުރެވޭނެކަން އެނގެއެވެ.” އަދި 6 ވަނަ ޖުމުލައިން ” ބައްޕަ ހުރުމުން އަހަރެން ދެރަވާކަން އެނގެއެވެ.” އެހެންކަމުން ތާވަލް 1 ގައިވާ 6 ޖުމުލައިގެ މާނައަށް ބަލާއިރު މި ޖުމުލަތަކަކީ ނަފީގެ ޖުމުލަތަކެއް ނޫނެވެ. ސަބަބަކީ މިއިން ކޮންމެ ޖުމުލައެއްގައިވެސް ނަފީގެ އުޞޫލު ދެ ފަހަރަށް އައުމުން ނަފީގެ މާނަ ކެނޑިގެން ދާކަން މި ޖުމުލަތަކުގެ މާނައަށް ބެލުމުން ފެންނަން އޮތުމެވެ. އެހެންކަމުން މި ޖުމުލަތަކުގައި ނަފީގެ އަކުރު ތަކުރާރުކޮށް ބޭނުންކޮށްފައިވީ ނަމަވެސް މިއީ ނަފީގެ ޖުމުލަތަކެއް ކަމަށް ނުބެލެވެއެވެ. ވީމާ، މިއީ ސާބިތު ޖުމުލަތަކެކެވެ. ނަމަވެސް އެއް ޖުމުލައެއްގައި 2 ނަފީއަށްވުރެ ގިނައިން ނަފީގެ ލަފުޒުތައް އިތުރަށް ތަކުރާރުކޮށްފިނަމަ ނަފީގެ ޖުމުލައަކަށް ވޭތޯއެވެ. މިގޮތުން ތިރީގައިމިވާ ތާވަލް 2 ގައިވާ ޖުމުލަތަކަށް ބަލާށެވެ.
ތާވަލް 2: ތަކުރާރުކޮށް އެއް ޖުމުލައެއްގައި 3 ފަހަރު ނަފީގެ އަކުރު ބޭނުންކޮށްފައިވާ ޖުމުލަތައް
ތާވަލް 2 ގައި ވާ ޖުމުލަތަކަށް ބަލައިލާއިރު، 7 ވަނަ ޖުމުލައިން ދޭހަވާ މާނައަކީ ”ބޭނުންވިޔަސް ވާކަމަކަށް ނުހެދޭނެއެވެ.” އަދި 8 ވަނަ ޖުމުލައިން ދޭހަވަނީ ”ނުރުހުން ވެގެން ވާހަކަ ދައްކާނީ ރުޅިއައިސްގެންނެވެ.” މި ދެ ޖުމުލައަށް ބަލާއިރު މިއިން ކޮންމެ ޖުމުލައެއްގައި ތަކުރާރުކޮށް ތިން ފަހަރު ނަފީ ކުރެވިފައިވެއެވެ. އެހެންކަމުން މި ދެ ޖުމުލައަކީ ނަފީގެ އަކުރު ތަކުރާރުކޮށް ތިން ފަހަރު ބޭނުން ކުރުމުން ނަފީގެ މާނަ ދޭހަވާ ޖުމުލަތަކެވެ.
ދިވެހިބަހުގައި ނަފީކުރުމުގެ އުޞޫލުތަކާ ބެހޭގޮތުން ޢަބުދުﷲ ޞާދިޤު (1993) ހާމަކުރައްވާފައިވަނީ ނަފީކުރުމަކީ ނުވާކަން، ނުވަތަ، ނެތްކަން އަންގައިދިނުމަށް ބުނާބުނުންކަމަށެވެ. މިބުނުންތަކުގެ އިތުރުން “ނޫންކަން” އަންގައިދިނުމަށް ބުނާބުނުމަކީވެސް ނަފީކުރުންކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުު (2004) ހާމަކުރައްވާފައިވެއެވެ. އަދި ނަމެއް ނަފީކުރާންވެއްޖެނަމަ، އެނަމަކީ، ޚާއްޞަ ނަމެއް ކަމުގައިވިޔަސް، ނަމުގެ ފަހަތަށް ޢާއްމު ކުރުމުގެ އަކުރު އިތުރުކުރުމާއެކު، ނޫން” ގެނެވޭކަމަށް މުހައްމަދު ޖަމީލު (1970) ހާމަކުރައްވާފައިވެއެވެ. މިގޮތުން ތާވަލް 3 ގައި މިވާ ޖުމުލަތަކަށް ބަލަމާ ހިނގާށެވެ.
ތާވަލް 3: ނަފީގެ ޖުމުލަތައް
ތާވަލް 3 ގައިވާ ޖުމުލަތަކަށްބަލާއިރު، 9 ވަނަ ޖުމުލައިގައި ”ކާފަ” މީ ޚާއްޞަ ނަމެކެވެ. އަދި ”ކާފައެއް ނޫން” މިހެން ބުނުމުން މިނަން ނަފީ ކުރެވެއެވެ. 10 ވަނަ ޖުމުލައިގައިވާ ”ގަސް” މިއީ ޢާއްމު ނަމެކެވެ. މި ޖުމުލައިގައި ޢާއްމު ނަމުގެ ފަހަތަށް ” ގަހެެއް ނޫން” މި ”ނޫން” ލަފުޒު އައުމުން ނަފީ ކުރެވެއެވެ. 11 ވަނަ ޖުމުލައިގައިވާ ”ފަރިކަން” މިއީ ނަންއިތުރުގެ ނަމެކެވެ. މިނަމުގެ ފަހަތަށް ” ނޫން” މި އަކުރު އައުމުން ” ފަރިކަމެއް ނޫން” މި ޖުމުލަ ނަފީ ކުރެވެއެވެ. އަދި 11 ވަނަ ޖުމުލައިގައި ”ހަމީދު” މިނަމުގެ ފަހަތަށް އަކުރެއް އަައުމުން ” ހަމީދަކަށް ” ނަފީގެ ”ނޫން” ފަހަތަށް އާދެއެވެ. އެހެންކަމުން ދިވެހިބަހުގައި ނަފީ ކުރުމުގެ އުޞޫލުތަކާއި ބެހޭގޮތުން ޢަބުދުﷲ ޞާދިޤު (1993)، އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުު (2004) ، އާއި މުހައްމަދު ޖަމީލު (1970) ހާމަކުރައްވާފައިވާ ފަދައިން މި ޖުމުލަތަކުގައި ނަފީގެ އަކުރު ބޭނުންކޮށްގެން ނަފީގެ މާނަ ދޭހަވާގޮތަށް ބުނެފައިވާތީ މި ޖުމުލަތަކަކީ ނަފީގެ ޖުމުލަތަކެކެވެ.
މީގެއިތުރުން ދިވެހިބަހުގެ އެކަޑަމީ (2013) ބަޔާންކުރައްވާފައިވާގޮތުގައި ނަފީގެ އަކުރުތައް ނަފީ ކުރެވޭ ލަފުޒާ ވަކި ނުކޮށް ލިޔެވެއެވެ. ނަމަވެސް ދިވެހިބަހުގައިވާ އަޞްލުނަފީގެ އަކުރުތައް ކަމަށް ޙުސައިން ރަޝީދު އަޙުމަދު (1999) ބަޔާންކުރައްވާފައިވާ އަކުރުތަކަކީ، ނު (ނުހަފާނެ)، ނޫން، ނާ (ނާފަހެ)، ނެތް، ނެ (ނެހެދުނު)، މަރު (މަރުނިދި)، އަ (އަބާއްޖަވެރި)، ބީ (ބީރައްޓެހި) މިއެވެ. އަދި ދިވެހިބަހަށް ބޭރުބަސްބަހުން ވަދެފައިވާ ނަފީގެ އަކުރުތައްކަމަށް ޙުސައިން ރަޝީދު އަޙުމަދު (1999) ލިޔުއްވާފައިވާ އަކުރުތަކަކީ، ބޭ (ބޭއިންސާފާ)، ބަދު (ބަދުދުޢާ)، ނާ (ނާކާމިޔާބު)، ލާ (ލާއިންސާނިއްޔަތު)، ޣައިރު (ޣައިރުދީން)، މި އަކުރުތަކެވެ. މިގޮތުން ތާވަލް 3 ގެ 9 ވަނަ ޖުމުލައިގައި ” އޭނާއަކީ ބޭވަފާތެރިއެކެވެ.” މި ޖުމުލައިގައި މިއޮތީ ”ވަފާތެރި” މިލަފުޒުގެ އިދިކޮޅު މާނަ ” ބޭވަފާތެރި” އެވެ. އެހެންކަމަށްވާނަމަ ”ވަފާތެރި” މިލަފުޒު މިއޮތީ ނަފީކުރެވޭ އަކުރު ”ބޭ” ލަފުޒާ ވަކި ނުކޮށް ލިޔެފައެވެ. ވީމާ، ދިވެހިބަހުގެ އެކަޑަމީ (2013)، އާއި ޙުސައިން ރަޝީދު އަޙުމަދު (1999) ބަޔާންކުރައްވާފައިވާފައިވާ ފަދައިން މި ޖުމުލައަކީ ނަފީގެ ޖުމުލައަކަށް ބެލެވެއެވެ.
ކަން ނަފީކުރުމުގައި ނަފީގެނޫނު އިތުރުކުރާނީ، ކުރިޔަށް އޮތް ބަހުގެ ފަހަތަށް، އެއް” އިތުރުކުރުމާއެކު، ފަހަތަށް އޮންނަ ބަހުގެ ކުރިއަށްކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)، އާއި ޢަބުދުﷲ ޞާދިޤު (1993) ބަޔާންކުރައްވާފައިވެއެވެ. މިގޮތުން 14 ވަނަ ޖުމުލައިގައި ” ދުވަހަކުވެސް ދޮގެއް ނުހަދައެވެ. މި ޖުމުލައިގައި ”ދޮގު” މި ބަހުގެ ފަހަތަށް ” ދޮގު – އެއް” މިގޮތަށް ” އެއް” އިތުރު ކުރުމުން މި ބަހުގެ ފަހަތަށް ނަފީގެ ” ނޫނު” އާދެއެވެ. ” ދޮގެއް ނުހަދާ” މިގޮތަށެވެ. އެހެންކަމުން މި ޖުމުލައަކީވެސް ޖުމުލައިގައި އެއް ނަފީ އޮތުމުން މިޖުމުލަތަކުން ނަފީގެ މާނަ ދޭހަވާ ޖުމުލަތަކެވެ. ނަމަވެސް 15 ވަނަ ޖުމުލައިގައި ތަކުރާރުކޮށް ދެ ނަފީ އައުމުން ނަފީގެ މާނައެއް ދޭހަވެއެވެ. އެހެންކަމުން މި ޖުމުލައި ނަފީގެ އަކުރުތައް ބޭނުންކޮށްފައިވީ ނަމަވެސް ޖުމުލައިން ނަފީގެ މާނައެއް ދޭހައެއް ނުވެއެވެ. އެހެންވީމާ، އަދިވެސް ނަފީގެ ތަފާތު އިތުރު ޖުމުލަތަކަށް ބަލައިލާން ޖެހެއެވެ. މިގޮތުން ތާވަލް 4 ގައިވާ ޖުމުލަތަކުން ނަފީގެ މާނަ ދޭހަވޭތޯ ބަލައިލާނަމެވެ.
ތާވަލް 4: ނަފީގެ ޖުމުލަތައް
ދިވެހިބަހުގެ ނަފީގެ ޢުޞޫލުތަކަށް ބަލާއިރު، ނަފީކުރުމަށާއި، ނަހީކުރުމަށް، ” ނު” ނޫން” މިދެއަކުރު ބޭނުންކުރެވޭކަމަށް މުހައްމަދު ޖަމީލު (1970) ހާމަކުރައްވާފައިވެއެވެ. މިގޮތުން މަތީގައިވާ ތާވަލް 4 ގެ 16،19،20 މި 3 ޖުމުލައި ލަފުޒުގެ ކުރިއަށް މިވަނީ ނަފީގެ ”ނު” މިއަކުރު ބޭނުންކޮށްފައެެވެ. ނުދެވޭނެ، ނުދާނެ، ނުކުރެވޭނެ، މިގޮތަށެވެ. އެހެންކަމުން މިޖުމުލަތަކުގެ މާނައަށް ބަލާއިރު ނަފީގެ މާނަ ދޭހަވެއެވެ. މީގެއިތުރުން ދިވެހިބަހުން، ކަން ނަފީކުރުމުގައި އަނެކަކު ކުރާކަމެއް ހުއްޓުވުމުގެ ގޮތުން ބޭނުންކުރެވޭ، ކަން ނަފީކުރެވޭގޮތުންވެސް ހިމެނޭކަމަށް ޢަބުދުﷲ ޞާދިޤު (1993) ހާމަކުރައްވާފައިވެއެވެ. މިގޮތުން 17، 18 މި ދެ ޖުމުލައިގައި ” މޮޔަވިޔަ ނުދީ ، ދީގެން ނުވާނެ” މިއޮތީ މި ދެ ޖުމުލައިގެ ކަން ނަފީ ކުރެވިފައެވެ. އެހެންކަމުން މި ދެ ޖުމުލައިން ނަފީގެ މާނަ ދޭހަވެއެވެ. ވީމާ، ތާވަލް 4 ގައި މިވާ ހުރިހާ ޖުމުލަތަކަކީވެސް ނަފީގެ ޖުމުލަތަކެވެ.
މީގެއިތުރުން ކޮންމެ ދެމޭ ފިއްޔަކާ ގުޅިގެން އެބަހުގައި އޮންނަ އަލިފު ކެނޑޭކަމަށް ޢަބުދުﷲ ޞާދިޤު (1993) ހާމަކުރައްވާފައިވެއެވެ. މިގޮތުން ތިރީގައިމިވާ ތާވަލް 5 ގެ ޖުމުލަތަކަށް ނަޒަރު ހިންގާލާނަމެވެ.
ތާވަލް 5: ނަފީގެ ޖުމުލަތައް
މަތީގައިވާ ތާވަލް 5 ގެ 21، 22، 23، 24 އަދި 25 ވަނަ ޖުމުލައަށް ބަލާއިރު، ”ވެވިދާނޭ، ނޭނގެ، ނޭހުނޭ، ނާދެވުނީ، ނޭދެ. މި ލަފުޒުތަކުގައި މިވަނީ ނަފީގެ ” ނ” ގެ ދެމޭ ފިލިތަކެވެ. އަދި މިލަފުޒުތަކުގައި ނަފީގެ ދެމޭ ފިއްޔަކާ ގުޅިގެން އެބަހުގައި އޮންނަ ”އަލިފު” އެވަނީ ކެނޑިފައެވެ. މިސާލަކަށް: ވެވިދާނޭ– ވެވިދާނެއޭ، ނޭނގެ- ނެއެނގެ، ނޭހުން– ނެއެހުން، ނާދެވުން- ނައަދެވުން، ނޭދެ- ނެއެދެ” އެވެ. އެހެންކަމުން ޢަބުދުﷲ ޞާދިޤު (1993) ހާމަކުރައްވާފައިވާ ފަދައިން ނަފީކުރުމުގެ އުޞޫލުތަކަށް ބަލާއިރު މިޖުމުލަތަކުގެ ބަސްބަހުގައި ނަފީގެ ދެމޭފިލި އައުމުން މިބަސްބަހުގެ އަލިފު މިވަނީ ކެނޑިފައެވެ. އަދި މިޖުމުލަތަކުގައި މިވަނީ އެންމެ ނަފީއެއް ކަމުން މިޖުމުލަތަކުން ނަފީގެ މާނަ ދޭހަވެއެވެ.
މަސްދަރާއި ކަން ނަފީކުރުމަށް ”ނު” ބޭނުން ކުރެވޭކަމަށާއި، މިއަކުރު ގެނެވިފައި ހުންނަނީ، ބަހުގެ ކުރިއަށްކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް ކަމެއް ނަފީ ކުރާއިރު ނަފީގެ ނޫނު ވަންނާނީ ކަމުގެ ކުރިއަށްކަމަށާއި، ނަމެއް ނަފީ ކުރާނަމަ އެ ނޫނު ވަންނާނީ ނަމުގެ ފަހަތަށްކަމަށް އިބްރާހިމް ރުޝްދީ (1934) ހާމަކުރައްވައެވެ. މިގޮތުން ތާވަލް 6 ގައިވާ ޖުމުލަތަކަށް ބަލައި މިކަން ސާބިތުކޮށްދެވޭތޯ ބަލާނަމެވެ.
ތާވަލް 6: ނަފީގެ ޖުމުލަތައް
މަތީގައިވާ ތާވަލް 6 ގެ 26 އަދި 27 ވަނަ ޖުމުލައަށް ބަލާއިރު ، މި ދެ ޖުމުލައިގައި ކަމުގެ ކުރިއަށް ނަފީގެ ”ނު” މިއަކުރުމިވަނީ ގެނެވިފައެވެ. މިސާލަކަށް؛ ” ކުޅެދޭ – ނުކުޅެދޭ، ކުރާނެ- ނުކުރާނެ” މިގޮތަށެވެ. ނަމަވެސް އިބްރާހިމް ރުޝްދީ (1934) ހާމަކުރައްވާގޮތުގައި ކަމެއް ނަފީ ކުރާއިރު ކޮންމެ ފަހަރަކު ނޫނުގައި އޮންނާނީ އެއްފިއްޔެއް ނޫނެވެ. ”ހ” އަކުން ނުވަތަ ”ށ” އަކުން ފެށޭ ފިޢުލަށް ވަންނައިރުގައި އެ ނޫނުގައި އޮންނާނީ އެކި ވައްތަރުގެ ފިއްޔެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ބަޔާންކުރައްވާފައިވާ ގޮތުގައި ”ހ” އާއި “އ” ނޫން އަކުރުތަކުން ފެށޭ، ކަމާއި މަސްދަރުގެ ކުރިޔަށް އޮންނަ ނަފީގެ ނޫނުގައި ޖެހޭނީ އުބުފިއްޔެވެ. އެހެންނަމަވެސް، ޙުސައިން ރަޝީދު އަޙުމަދު (1999) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިބަހުގައިވާ ނަފީގެ އަކުރުތައް ވަރަށް ގިނަ ކަމަށެވެ. މިގޮތުން އެއަކުރުތައް ދެބަޔަކަށް ބެހިގެންވާކަމަށާއި، އެ ދެބަޔަކީ، ދިވެހިބަހުގައިވާ އަޞްލު ނަފީގެ އަކުރުތަކާއި، ދިވެހިބަހަށް ބޭރުބަސްބަހުން ވަދެފައިވާ ނަފީގެ އަކުރުތައް، ކަމަށްވެސް ޙުސައިން ރަޝީދު އަޙުމަދު (1999) ހާމަކުރައްވާފައިވެެއެވެ. އަދި ތާނަލިޔުމުގައި ”ހާ” ،”އަލިފު” މިދެއަކުރުންކުރެ އަކުރަކުން ފެށޭ، ކަމާއި މަސްދަރުގެކުރިޔަށް، ނަފީގެ ނޫނު އަންނައިރު، އެނޫނުގެ ފިލި، ”ނުހަފާނެ، ނަހަފާނެ، ނުހުރުން، ނުހުންނާނެ، ނުހޮވުން، ނޮހޮވާނެ، ނުއިނުން، ނުއިންނާން ” މިގޮތަށް އޮންނަ ކަމަށްވެސް މިސާލު ދައްކަވާފައިވެއެވެ. މިގޮތުން ތާވަލު 6 ގެެ 28 ވަނަ ޖުމުލައިގައި މިވަނީ ”ހ” އިން ފެށޭ ކަމެއްގެ ކުރިއަށް ނަފީގެ ”ނު” މިއަކުރު އައިސްފައެވެ. ”ހޭލުން – ނުހޭލުން” މިގޮތަށެވެ. އެހެންކަމުން މި ޖުމުލައިގައި މިވަނީ ކަން ނަފީ ކުރެވިފައެވެ.
މީގެއިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ބަޔާންކުރައްވާފައިވާ ގޮތުގައި ދެބަސް އެކުވެގެން ހެދިފައި ހުންނަ ، މަސްދަރު ނަފީ ކުރުމުގައި، ނަފީގެ އަކުރު ގެނެވިފައި ހުންނަނީ ، އެދެބަހުގެ ދެމެދަށެވެ. މިގޮތުން ތާވަލް 6 ގެ 30 ވަނަ މުލައިގައި ނަފީ އަކުރު ގެނެވިފައި މިވަނީ ”ގަބޫލު+ކުރުން، ގަބޫލުނުކުރުން” މިގޮތަށް ދެ ބަހުގެ މެދަށެވެ. އެހެންކަމުން މި ޖުމުލައިންވެސް ނަފީގެ މާނަ ދޭހަވެއެވެ. ވީމާ، ތާވަލް 6 ގައި މިވާ ޖުމުލަތަކަކީ ނަފީގެ ޖުމުލަތަކެވެ.
ތަކުރާރުކޮށް ނަފީ ކުރެވޭ ލަފުޒަށް އަންނަ ބަދަލު
މަތީގައިވާ ތާވަލް ތަކުގައިވާ ޖުމުލަތަކަށް ބަލާއިރު އެއް ޖުމުލައެއްގައި ނަފީގެ އަކުރު ތަކުރާރު ކުރުމުން ބައެއް ފަހަރު ނަފީގެ ލަފުޒަށް ބަދަލު އާދޭ ހެއްޔެވެ؟ ނުވަތަ ބައެއް ފަހަރު ލަފުޒު ފުރޮޅާލުމުން ނަފީގެ މާނަ ކެނޑިގެން ދޭހެއްޔެވެ؟ އެހެންކަމުން މަތީގައިވާ ތާވަލް ޖުމުލަތަކުގެ ތެރެއިން ބައެއް ޖުމުލަތަކުގެ ނަފީގެ އަކުރު އިތުރުކޮށް ނުވަތަ ލަފުޒެއް ފުރޮޅާލުމުން ލަފުޒަށް އަންނަ ބަދަލުތަކަކީ ކޮބައިތޯ ބަލަން ޖެހެއެވެ. އަދި މިގޮތަށް ލަފުޒު ބަދަލުވުމުން ޖުމުލައިގެ މާނައަށް ބަދަލެއް އަތުވެދާނެތޯވެސް ބަލަން ޖެހެއެވެ. މިގޮތުން ތާވަލް 2 ގައިވާ 7 ވަނަ ޖުމުލައަށް ބަލައިލާނަމެވެ.
7- ކަލޭ ބޭނުންނުވިޔަސް އެކަން ނުވާކަމަކަށް ނުހެދޭނެއެވެ.
މި ޖުމުލައަށް ބަލާއިރު މި ޖުމުލައިގައި ބުނާ ބުނުމުން މިވަނީ ނަފީ ވެފައެވެ. ނަމަވެސް މިއިން ޖުމުލައެއްގައި ތަކުރާރުކޮށް ހަތަރު ފަހަރު ނަފީ ކުރެވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ. އެހެންކަމުން މި ޖުމުލައަށް ލަފުޒެއް އިތުރުކޮށްލާނަމެވެ.
”ކަލޭ ބޭނުންނުވިޔަސް އެކަން ނުވާކަމަކަށް ނުހެދޭނެކަން ކަލެއަކަށް ނޭނގޭ ހެއްޔެވެ.” މި ޖުމުލަ މިހާރު އޮތްގޮތުން މާނައަށް ބަދަލެއް އާދޭތޯ ބެލިދާނެއެވެ. މިގޮތުން މިޖުމުލައިގެ މާނައަށްބަލާއިރު ” ކަލޭ ބޭނުންވީމަ އެކަން ވީކަމަކަށް ހެދޭނެކަން ކަލެއަށް އެނގޭ ނޫން ހެއްޔެވެ.” މިހެން ބުނުމުން މި ޖުމުލަ ނަފީގެ މާނައެއް ދޭހައެއް ނުވެއެވެ. އެހެންކަމުން ދެން ބަލައިލާނީ ތާވަލް 4 ގެ 16 ވަނައިގައިވާ ޖުމުލައަށެވެ.
16- އަހަރެމެން ދޫކޮށްފައި ތިޔަހެން ނުދެވޭނެއެވެ.
އިސްވެ ބަޔާންކުރެވުނު ފަދައިން މި ޖުމުލައަކީ ނަފީގެ މާނަ ދޭހަވާ ނަފީގެ ޖުމުލައެކެވެ. ނަމަވެސް މި ޖުމުލައިގައި މިވާ ” ނުދެވޭނެ” މި ލަފުޒު ފުރޮޅާލާނަމެވެ.” އަހަރެމެން ދޫކޮށްނުލައި ތިޔަހެން ނުދާށެވެ.” މިޖުމުލައިގެ ލަފުޒަށް ބަދަލު ގެނެވުމުން ޖުމުލައިން ދޭހަވަނީ ” އަހަރެމެން ދޫކޮށްލަފައި ދާށެވެ” މިހެން ބުމުން ޖުމުލައިން ނަފީގެ މާނައެއް ދޭހައެއް ނުވެއެވެ. ވީމާ، ތަކުރާރުކޮށް ނަފީގެ އުޞޫލު އަތުވެއްޖެނަމަ ބައެއް ފަހަރު ނަފީގެ މާނަ އައިސް އަނެއްބައި ފަހަރު ނަފީގެ މާނައެއް ނާންނަކަން މި ޖުމުލަތަކުން ދޭހަވެއެވެ. އަދި ތަކުރާރުކޮށް އެއް ޖުމުލައެއްގައި ނަފީ ކުރެވިއްޖެނަމަ ލަފުޒަށް ބަދަލު އަންނަކަންވެސް މި ޖުމުލަތަކަށް ބަލައިލުމުންވެސް ސާބިތުވެއެވެ.
ދިވެހިބަހުގެ އުޞޫލުތަކަށްބަލާއިރު ނަފީކުރުމަކީ ނުވާކަމުގެ ނުވަތަ ނެތްކަމުގެ ނުވަތަ ނޫންކަމުގެ މާނަ ދޭހަވާގޮތަށް ބުނުމެވެ. މިގޮތުން ދިވެހިބަހުގައި ނަފީގެ އަކުރު ބޭނުންކޮށްގެން ނަފީގެމާނަ ދޭހަވާގޮތަށް ބުނެފިފައިވާ ޖުމުލައަކީ ނަފީގެ ޖުމުލައެވެ. އެނޫން ޖުމުލައަކީ، ސާބިތު ޖުމުލަކަމަށްވާއިރު މި މަޒުމޫނުލިޔުމަށް އެކިއެކި ވެބްސައިޓުތަކުގައި ޝާއިއުކޮށްފައިވާ ޖުމުލަތައް ނަގައި ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި ދިވެހި ބަހުގައި އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީ ކުރެވޭކަން ސާބިތުވެއެވެ. ނަމަވެސް އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީގެ އުޞޫލު އަތުވެއްޖެނަމަ ބައެއް ފަހަރު ނަފީގެ މާނަ ދޭހަވެއެވެ. އަނެއްބައި ފަހަރު ނަފީގެ މާނައެއް ދޭހައް ނުވެއެވެ. މިގޮތުން އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީ ކުރެވިފައިވާނަމަ ނަފީގެ މާނަ ދޭހަވަނީ އޮނަހިރި އަދަދަކުން ނަފީ އައިސްފައި ވާނަމައެވެ.
ޖުމުލައެއްގައި ނަފީގެ މާނަ ގެއްލިގެން ދަނީ ހިރި ޢަދަދަކުން ނަފީ އައިސްފައި ވާނަމައެވެ. މާނައަކީ އެއް ޖުމުލައެއްގައި 1 ފަހަރު، 3 ފަހަރު އަދި 5 ފަހަރު، މިގޮތަށް ނަފީގެ އަކުރުތައް ތަކުރާރުކޮށް އަތުވެއްޖެނަމަ ޖުމުލައިން ނަފީގެ މާނަ ދޭހަވެއެވެ. ނަމަވެސް އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީގެ އަކުރު 2 ފަހަރު ، 4 ފަހަރު އަދި 6 ފަހަރު، މިގޮތަށް އަތުވެއްޖެނަމަ ނަފީގެ މާނަ ކެނޑިގެން ދާކަން ސާބިތުވެއެވެ. އަދި ތަކުރާރުކޮށް ނަފީ ކުރެވޭ ލަފުޒުތަކަށް ބަދަލު އަންނަނަމަ ޖުމުލައިން ދޭހަވާ މާނައަށްވެސް ބަދަލު އަންނަކަން ސާބިތުވެއެވެ.
ވީމާ، އިސްވެދެންނެވުނު ހެކިތަކަށް ބަލާއިރު އެއް ޖުމުލައެއްގައި ތަކުރާރުކޮށް ނަފީ ކުރެވިފައިވާނަމަ ބައެއް ފަހަރު އެޖުމުލައަކީ ސާބިތު ޖުމުލައަކަށް ވެއެވެ. އަނެއް ބައި ފަހަރު ސާބިތު ނޫން ޖުމުލައަކަށް ވެއެވެ. ސާބިތު ޖުމުލައަކަށް ވެއްޖެނަމަ ނަފީގެ މާނަ ދޭހަ ނުވާކަން އެނގެއެވެ. އަދި ސާބިތު ނޫން ޖުމުލަތަކެއްނަމަ ނަފީގެ މާނަ ދޭހަވާކަން އެނގެއެވެ.
ރިފަރެންސް ލިސްޓް
ހަސަން އާމިރު.(2014، އޮގަސްޓް 31). ލެސްޓާ ސިޓީން އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި. ނެގީ: http://www.haveeru.com.mv/dhivehi/world_sports/160197 ން.
ޚާލިދާ މުހައްމަދު.( 2015، ޖުލައި 04).ކެހި. ނެގީ: http://sun.mv/57601 ން.
ޙުސައިން ރަޝީދު އަޙުމަދު.(1999). ދިވެހިބަހުގެ ބަސްމަގު: ތަޤްވީމުއްލިސާނުގެ ޝަރަހަ”. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީ.(2015، މެއި 14). ހަޤީޤީ ހާދިސާ: ވަފާޔާ ލޯބި އަހަންނަށް ކަލާ ދޭހިތް ނުވީ ނޫންހޭ؟. ނެގީ: http://naalaafushi.com/%DE%80%DE%A6%DE ން.
އައިޝަތު މާހާ. ( 2016، ފެބުރުއަރީ 21). ނޭވާލާން އަވަސް މާލެއިން ބޭރަށް. ނެގީ: http://avas.mv/13223 ން.
އައިޝާ.(2016، މާރިޗު 04).ގެނބިގެން ނުދަނީސް.ނެގީ: http://sun.mv/70394 ން.
އައިޝަ.(2014، އޮކްޓޯބަރ 29). ގޯނާ. ނެގީ: http://sun.mv/47627 ން.
އައިމިނަތު ފަޒުނާ ރަޝީދު.( 2015، ޖުލައި 18). އިހްޞާސް. ނެގީ: http://www.haveeru.com.mv/dhivehi/story/174400 ން.
އަޒުލިފާ އަބްދުﷲ.(2015، އެޕްރީލް 20). ވިލުފުށީގައި ރައީސް ނަޝީދު އިންދެވި ގަހެއް އުފުރާލައި އަންދާލައިފި. ނެގީ: https://raajje.mv/37771 ން.
ޢަބްދުﷲ ޞާދިޤް. (1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް. (ތިންވަނަ ޗާޕް 2012).މާލެ: ދިވެހިބަހުގެ އެކެޑެމީ.
ޢަބްދުﷲ ޞާދިގު. (2013، ޖޫން 02). ވަގު ހިފިލެއް ހުޝިޔާރުކަން. ނެގީ: http://www.haveeru.com.mv/dhivehi/opinion/139012 ން.
ޢަބްދުﷲ ނަޢީމް އިބްރާހިމް.(2012، ސެޕްޓެމްބަރ 18).ދޮގެއް ހަދައިފިތަ؟ ގަބޫލެއް ނުކުރާނަން. ނެގީ:http://sun.mv/22250 ން.
އަހުމަދު ދާވޫދު.(2014، އޮކްޓޯބަރ 02). ފާހާނާ ފްލަޝްކޮށްލާ ކޮންމެ ފަހަރަކު ދަތްއުނގުޅާ ބުރުހަށް ޖަރާސީމުގެ އަސަރު ކުރޭ. ނެގީ: http://kulhudhuffushi.com/reloaded/~40991 ން.
އަހުމަދު ހަމީދު އާދަމް.(2014، ޑިސެެމްބަރ 11). ސުޕްރީމް ކޯޓުގެ ބެންޗް ކޮށާލަައިގެން ކުރެވޭނެ ކަމަކީ ކޮބާ؟ ނެގީ: http://www.vnews.mv/31975 ން.
އާދަމް ނަވާޒު.(2016، މާރިޗު 05). އިޙްތިރާމް ކުރުމުގެ ސިފަ ނެތް އައްމަޑޭ އަށް ގައުމީ ޓީވީ އިން ފުރުސަތު ދޭން ޖެހޭތަ؟. ނެގީ: http://www.vaguthu.mv/evaguthu/music-evaguthu/maldives-music-industry/391797/ ން.
އާއިޝަތު ނާޖީ.(2015، ޖޫން 24). މަސްދެކެ ލޯބިވި ދޮންރަހާ. ނެގީ: http://www.haveeru.com.mv/dhivehi/story/173292 ން.
އިބްރާހިމް ނަޢީމް. (2010، ސެޕްޓެމްބަރ 10). އަސްލާ އެއްގޮތް ހުވަފެނެކެވެ. ނެގީ: dharynet.ipage.com/fanvai-updated…/1637-2010-09-09-16-11-03.html ން.
އިބްރާހިމް ރުޝްދީ.(1934). ސުއްލަމުލް އަރީބު ފީޤަވާޢިދި ލަގަތިލް މަހަލްދީބް. (ދެވަނަ ޗާޕް 2004). މާލެ: ރިސާލާޕްރެސް.
އެޑުމިން.(2016، މާރިޗު 06). ހީވަނީ ޖިންނި އަވަލުމެކޭ، ނަމަވެސް ހަގީގަތަކީ މިއީ. ނެގީ: http://sun.mv/70463 ން.
އެޑުމިން.(2016، މާރިޗް 06). ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރާނެ ތިން ގޮތެއް. ނެގީ:http://sun.mv/70443 ން.
މުޙައްމަދު ޖަމީލް.(1970).ފިޔަވަޅު2: ”ދިވެހިބަހުގެ ޤަވާޢިދު”. މާލެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ.ލޓޑ.
މުޙައްމަދު އަޒުހީމް.(2016، މާރިޗް 04). ދަރިފުޅަށް ޖިންސީ ގޯނާ ނުކުރާކަން ސާބިތުވީ ޖަލުގައި އޮންނަތާ 23 އަހަރު ފަހުން. ނެގީ: http://www.vaguthu.mv/world-news/391559/ ން.
މުހައްމަދު ފަޒީން. (2015 އެޕްރީލް 23). މޫސަގެ “ފަތިސްހަނދުވަރު” އަށް ފަހު ސިޔާސީ ސިލްސިލާ “އަވާމެންދުރު”. ނެގީ: https://raajje.mv/37950 ން.
ފަތުޙު.(2015، ސެޕްޓެމްބަރ 2).އަސިސަ. ނެގީ: http://www.vaguthu.mv/evaguthu/story/322064/ ން.
ފަރެސް އީމާން.( 2014، ފެބުރުއަރީ 20). މިލަހަނދުވަރު 2. ނެގީ: https://www.araamagu.com/2014/02/20/%DE%89%DE%A8%DE%8D%DE%A6%DE%80%DE%A6%DE%82%DE%8B%DE%AA%DE%88%DE%A6%DE%83%DE%AA-2/ ން.
ފަތުޙު.(2015، ސެޕްޓެމްބަރ 2).އަސިސަ. ނެގީ: http://www.vaguthu.mv/evaguthu/story/322064/ ން.
ފާތިމަތު ނީނާ.(2015، މެއި 21). ހުރީމޭ ތިހިތުން ޖާގަ ދޭތޯ… ނެގީ: http://www.vnews.mv/44604 ން.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(2004). ދިވެހިބަހުގެ ޤަވާއިދު 1،2،3،4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހުގެ އެކެޑަމީ. (2013). ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު.މާލެ: ދިވެހިބަހުގެ އެކެޑަމީ
ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ.( 4 ވަނަ ބައި). ނެގީ:http://www.alifushionline.com/15102/comment-page-1 ން.
އެޕެންޑިކްސް
ދިވެހިބަހުގައި ނަފީގެ ޖުމުލަތަކުގެ ގޮތުގައި ދިވެހި ވެބްސައިޓްތަކުގައި ޝާއިއުކޮށްފައިވާ ބައެއް ޖުމުލަތަކުގެ ތެރެއިން މި މަޒުމޫނުގައި ދިރާސާ ކުރުމަށް ވެބްސައިޓުތަކުން ނަގާފައިވާ 30 ޖުމުލަ ނަގާފައިވާގޮތް މިވަނީ އެވެ.
ތާވަލް 1: ތަކުރާރުކޮށް އެއް ޖުމުލައެއްގައި ދެ ފަހަރު ނަފީގެ އަކުރު ބޭނުންކޮށްފައިވާ ޖުމުލަތައް
ނަފީގެ ޖުމުލަ ރިފަރެންސް
1 އެއީ ސިހުރުކަމަށް ގަބޫލްނުކުރެވޭ ނަމަ އެކަމަށް ފަރުވާ ހޯދުމަކީ ބުއްދިވެރިގޮތެއް ނޫނެވެ. އެޑުމިން.(2016، މާރިޗު 06). ހީވަނީ ޖިންނި އަވަލުމެކޭ، ނަމަވެސް ހަގީގަތަކީ މިއީ. ނެގީ: http://sun.mv ން.
2 ލޮނު ނާޅައެއް ނުކާނެ އެވެ. އެޑްމިން.(2016، މާރިޗް 06). ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރާނެ ތިން ގޮތެއް. ނެގީ:http://sun.mv ން.
3
ދަރިފުޅަށް އެފަދަ ގޯނާއެއް އޭނާ ކޮށްފައި ނުވާތީ މިނިވަންކަން އޭނާ އިހްތިޔާރު ނުކުރީ ކަމަށެވެ. މުޙައްމަދު އަޒުހީމް.(2016، މާރިޗް 04). ދަރިފުޅަށް ޖިންސީ ގޯނާ ނުކުރާކަން ސާބިތުވީ ޖަލުގައި އޮންނަތާ 23 އަހަރު ފަހުން. ނެގީ: http://www.vaguthu.mv ން.
4
ގަޑިނުޖެހި އަހަރެން ދިއުމުން ވެސް ރަނގަޅެއް ނުވިއެވެ. އައިޝަތު މާހާ. ( 2016، ފެބުރުއަރީ 21). ނޭވާލާން އަވަސް މާލެއިން ބޭރަށް. ނެގީ: http://avas.mv3 ން.
5 ރީމާ ބޭނުންނުވާ ކަމެއް ގަދަކަމުން އޭނާ ލައްވާ ކުރުވަން ނޫޅޭށެވެ. ފަތުޙު.(2015، ސެޕްޓެމްބަރ 2).އަސިސަ. ނެގީ: http://www.vaguthu.mv ން.
6 ބައްޕަ ނެތުމުން އަހަރެން ދެރައެއް ނުވަމެވެ. ނަސީ.(2015، މެއި 14). ހަޤީޤީ ހާދިސާ: ވަފާޔާ ލޯބި އަހަންނަށް ކަލާ ދޭހިތް ނުވީ ނޫންހޭ؟. ނެގީ: http://naalaafushi.com ން.
ތާވަލް 2: ތަކުރާރުކޮށް އެއް ޖުމުލައެއްގައި 3 ފަހަރު ނަފީގެ އަކުރު ބޭނުންކޮށްފައިވާ ޖުމުލަތައް
ނަފީގެ ޖުމުލަ ރިފަރެންސް
7 ކަލޭ ބޭނުންނުވިޔަސް އެކަން ނުވާކަމަކަށް ނުހެދޭނެއެވެ. ފަތުޙު.(2015، ސެޕްޓެމްބަރ 2).އަސިސަ. ނެގީ: http://www.vaguthu.mv/evaguthu/story/322064/ ން.
8 ރުޅިނަޔަސް ވާހަކަ ނުދެއްކީ ނުރުހުން ވެގެންނެވެ. އައިމިނަތު ފަޒުނާ ރަޝީދު.( 2015، ޖުލައި 18). އިހްޞާސް. ނެގީ: http://www.haveeru.com.mv/dhivehi/story/174400 ން.
ތާވަލް 3: ނަފީގެ ޖުމުލަތައް
ނަފީގެ ޖުމުލަ ރިފަރެންސް
9 މިއީ ތި މީހުންގެ ކާފައެއް ނޫން! އާއިޝަތު ނާޖީ.(2015، ޖޫން 24). މަސްދެކެ ލޯބިވި ދޮންރަހާ. ނެގީ: http://www.haveeru.com.mv ން.
10 އެގަހަކީ އުފުރަންޖެހޭ ގަހެއް ނޫން! އަޒުލިފާ އަބްދުﷲ.(2015، އެޕްރީލް 20). ވިލުފުށީގައި ރައީސް ނަޝީދު އިންދެވި ގަހެއް އުފުރާލައި އަންދާލައިފި. ނެގީ: https://raajje.mv ން.
11 ދޮންހިޔަލަހާ ފަރިކަމެއް ނޫން. ފާތިމަތު ނީނާ.(2015، މެއި 21). ހުރީމޭ ތިހިތުން ޖާގަ ދޭތޯ… ނެގީ: http://www.vnews.mv ން.
12 ކަލޯ މޫސާ ހަމީދަކަށް ނޫން އެ އުޅެނީ އޮޅިގެން. އަހުމަދު ހަމީދު އާދަމް.(2014، ޑިސެެމްބަރ 11). ސުޕްރީމް ކޯޓުގެ ބެންޗް ކޮށާލަައިގެން ކުރެވޭނެ ކަމަކީ ކޮބާ؟ ނެގީ: http://www.vnews.mv ން.
13 އޭނާ އަކީ ބޭވަފާތެރިއެކެވެ. ޚާލިދާ މުހައްމަދު.( 2015، ޖުލައި 04).ކެހި. ނެގީ: http://sun.mv ން.
14 ދުވަހަކުވެސް ދޮގެއް ނުހަދައެވެ. ޢަބްދުﷲ ނަޢީމް އިބްރާހިމް.(2012، ސެޕްޓެމްބަރ 18).ދޮގެއް ހަދައިފިތަ؟ ގަބޫލެއް ނުކުރާނަން. ނެގީ: http://sun.mv ން.
15 ބުރުސް ނުހިއްކާ ކަވަރެއް އެޅުވުމަކީ ނުރަނގަޅު އާދައެކެވެ. އަހުމަދު ދާވޫދު.(2014، އޮކްޓޯބަރ 02). ފާހާނާ ފްލަޝްކޮށްލާ ކޮންމެ ފަހަރަކު ދަތްއުނގުޅާ ބުރުހަށް ޖަރާސީމުގެ އަސަރު ކުރޭ. ނެގީ: http://kulhudhuffushi.com ން.
ތާވަލް 4: ނަފީގެ ޖުމުލަތައް
ނަފީގެ ޖުމުލަ ރިފަރެންސް
16 އަހަރެމެން ދޫކޮށްފައި ތިޔަހެން ނުދެވޭނެއެވެ. ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ.( 4 ވަނަ ބައި). ނެގީ:http://www.alifushionline.com ން.
17 ލެސްޓާ ސިޓީން އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި. ހަސަން އާމިރު.(2014، އޮގަސްޓް 31). ލެސްޓާ ސިޓީން އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި. ނެގީ: http://www.haveeru.com.mv ން.
18 ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ފޯރުވާން ފުރުސަތު ދީގެން ނުވާނެ. ނާޒިމް ހަސަން.(2016، މާރިޗު 1). “ގާނޫނުގެ ބޭރުން ހައްޔަރުކުރި މީހުންގެ ލިސްޓް މަޝްވަރާއަށް ގެންނަންވާނެ”. ނެގީ: http://www.avas.mv ން.
19 ކުޑަ ކުނިކޮޅެއް އޮތަސް އާވާއަށް ކަމަކު ނުދާނެއެވެ. އައިޝަ.(2014، އޮކްޓޯބަރ 29). ގޯނާ. ނެގީ: http://sun.mv ން.
20 މިނިވަން ކަމެއް ލިބުނަސް ނޫވެރިކަމެއް ނުކުރެވޭނެއޭ. މުހައްމަދު ފަޒީން. (2015 އެޕްރީލް 23). މޫސަގެ “ފަތިސްހަނދުވަރު” އަށް ފަހު ސިޔާސީ ސިލްސިލާ “އަވާމެންދުރު”. ނެގީ: https://raajje.mv ން.
ތާވަލް 5: ނަފީގެ ޖުމުލަތައް
ނަފީގެ ޖުމުލަ ރިފަރެންސް
21 އެދަރިފުޅަށް އިހުމާލެއް ވެވިދާނޭ. ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ.( 4 ވަނަ ބައި). ނެގީ:http://www.alifushionline.com ން.
22 އަހަންނަށް އިނދެވުނީ ގަނޑުވެފަ ކަމެއް ހޭބުއްދި ފިލާފަކަމެއް ނޭނގެއެވެ. ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ.( 4 ވަނަ ބައި). ނެގީ:http://www.alifushionline.com ން.
23 ތިޔަ ވާހަކަ ވާހަކައެއް އަޅުގަނޑަކަށް ނޭހުނެވެ. އަބްދުﷲ ސޯދިގު. (2013، ޖޫން 02). ވަގު ހިފިލެއް ހުޝިޔާރުކަން. ނެގީ: http://www.haveeru.com.mv ން.
24 ބައްޕީ ބިޒީވީ ދޯ ނާދެވުނީ. ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ. (4 ވަނަ ބައި). ނެގީ:http://www.alifushionline.com ން.
25 އެއްވެސް މީހަކު ހުންނާކަށް ޝަމްއާނެއް ނޭދެއެވެ. ފަރެސް އީމާން.( 2014، ފެބުރުއަރީ 20). މިލަހަނދުވަރު 2. ނެގީ: https://www.araamagu.com ން.
ތާވަލް 6: ނަފީގެ ޖުމުލަތައް
ޖުމުލަ ރިފަރެންސް
26 އަހަރެންނަކީ ނުކުޅެދޭ ކުއްޖެއްގެ ބައްޕައެކެވެ. އައިޝާ.(2016، މާރިޗު 04).ގެނބިގެން ނުދަނީސް.ނެގީ: http://sun.mv ން.
27 އަހަރެން އެކަނި ނުކުރާށެވެ. ޔޫސުފް ސުހައިލް. (2014، އެޕްރީލް 27). ދަރިފުޅާއެވެ.ބައްޕަ ހަމަ ބިޒީއެވެ.( 4 ވަނަ ބައި). ނެގީ:http://www.alifushionline.com ން.
28 ހަވަނަރޭ ހާރުކާކަށް ނުހޭލެވުނެވެ. އިބްރާހިމް ނަޢީމް. (2010، ސެޕްޓެމްބަރ 10). އަސްލާ އެއްގޮތް ހުވަފެނެކެވެ. ނެގީ: dharynet.ipage.com/fanvai- ން.
29 އެމީހުން ޝޯތަކުގެ ފަނޑިޔާރުކަން ކުރަން ނޫޅުނިއްޔާ ރަނގަޅު ވާނެއެވެ. އާދަމް ނަވާޒު.(2016، މާރިޗު 05). އިޙްތިރާމް ކުރުމުގެ ސިފަ ނެތް އައްމަޑޭ އަށް ގައުމީ ޓީވީ އިން ފުރުސަތު ދޭން ޖެހޭތަ؟. ނެގީ: http://www.vaguthu.mv ން.
30 މިވަރަށް ސާރާގެ ހިތްހަމަޖައްސާދީ ވެވުނުހާ ލޯތްބެއް ދޭން މަސައްކަތްކުރާއިރުވެސް ގަބޫލުނުކުރެއެވެ. އައިޝާ.(2016، މާރިޗު 04).ގެނބިގެން ނުދަނީސް.ނެގީ: http://sun.mv ން.
…………………..
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު