ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ، މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕުން ގެނެސްދެމުން އަންނަ މީޑިއާ ނެޓް އޮރިޖިނަލްސް ސިޓް ކޮމް “ރޫމީ އާ ޖަންނަތުު” ފަސް އެޕިސޯޑް މިހާތަނަށް ވަނީ ދައްކާފައެވެ. މި ފަސް އެޕިސޯޑްވެސް މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްގައި ރެޖިސްޓްރީވެގެން ހިލޭ ބަލައިލެވޭނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ރޫމީ އާ ޖަންނަތުު”ގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރިންތަކެއް ފެނިގެންދާއިރު، މި ސީރީޒްގައި ‘ޑާކް ސްޓެއިންް’ގެ ނަމުގައި މަސައްކަތްކުރާ ފިލްމު ޕްރޮޑަކްޝަން ހައުސްއެއްގެ ވާހަކަ ދެކެވޭކަން ފާހަގަކޮށްލެވޭނެއެވެ. އެގޮތުން ‘ޑާކް ސްޓެއިން’ގެ އެންމެ އިސް ދެ ތަނބުތަކަށްވާ ޕްރޮޑިއުސަރ މޮގާބޭ (އަޙްމަދު ޝާކިރު) އާއި ޑައިރެކްޓަރ ޗިންޓޫ (ޢަލީ ސަޒްލީމް) މިހާރު މަސައްކަތް ކުރަމުން ދަނީ ‘ފާސްޓެސްޓް ޝެފް’ގެ ނަމުގައި ރިއަލިޓީ ޝޯއެއް އުފެއްދުމަށެވެ. އަދި މި ޝޯ ހުށައަޅައިދިނުމަށް ރޫމީ (ޢަބްދުﷲ ޝާފިޢު ނުވަތަ ފުބޫ) އަށް ވަނީ ހުށައަޅާފައެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ ކޮމެޑީ ފިލްމު “މާމުއި”ގައި ‘ހުދުމުހުތާރު’ގެ ވަރުގަދަ ކެރެކްޓަރ އިން ފެނިގެންދިޔަ އަޙްމަދު ޝާކިރު ނުވަތަ ޝާއްކޮ އައްމަޑޭ އަކީ “ރޫމީ އާ ޖަންނަތުު”ގައި ‘ޑާކް ސްޓެއިންް’ގެ ވެރިޔާ އަދި ޕްރޮޑިއުސަރ މޮގާބޭ އެވެ.

މޮގާބޭ އާއި ޗިންޓޫ އާ ދެމީހުން ވެގެން ރޫމީ އާއި ބައްދަލުކުރެއެވެ. ރޫމީ މަސައްކަތްކުރާ ރެސްޓޯރެންޓްގައެވެ. ބައްދަލުކުރަނީ ރިއަލިޓީ ޝޯ ‘ފާސްޓެސްޓް ޝެފް’ އުފެއްދުމާ ބެހޭގޮތުން މަޝްވަރާ ކުރާށެވެ. އެ ބައްދަލުވުމުގައި ރެސްޓޯރެންޓްގެ ވެރިމީހާ ނެސްޓަމް (އަޙްމަދު ސުނީ) ވެސް ބައިވެރިއެވެ. މި ބައްދަލުވުމުގައި ޕްރޮޑިއުސަރ މޮގާބޭގެ ފޮނި އަނގަތެޅުމާއި ކެއުމަށް އޭނާގެ ހުންނަ ފޯރި ފެނިގެންދެއެވެ.

ރޫމީ އާ ޖަންނަތުު”ގެ އެޕާޓްމެންޓްގައި ރޫމީ އާއި ވިސްނާ ހަސަނު (ރިޒްވީ ނުވަތަ ރެކްސް) ފުޓްބޯޅަ މެޗެއް ބަލަން ތިއްބާ އެތަނަށް އައިސް ވަންނަނީ މި ސީރީޒްގައި މަޝްހޫރު ކަމަށް އަމިއްލައަށް ދެކިގެން އުޅޭ ނޫސްވެރިޔާ ނެޑީ (މުޙައްމަދު ފައިސަލް) އެވެ. ނެޑީ އެތަނަށް ވަދެ ލައްކަ ގިނަ އާޓް ދައްކައެވެ. ރޫމީ އާއި ވިސްނާ ހަސަނުގެ ސަމާލުކަން ހޯދުމަށެވެ. ނަމަވެސް އެމީހުންގެ ސަމާލުކަން ނުލިބުމުން އެންމެ ފަހުން ތިމަންނަ ދެރަވެފަ މިހިރީ ކީއްވެގެންތޯ ނާހާނަންހޭ ބުނެ ސުވާލުކުރެއެވެ. ވީ ކީއްތޯ އަހައިލުމުން ބުނީ ތިމަންނަގެ އެންމެ ބޮޑު ހަތުރު ‘ޑާކް ސްޓެއިންް’ އާއެކުގައި ރިއަލިޓީ ޝޯއެއް ގެނެސްދިނުމަށް ރޫމީ އުޅޭތީ ކަމަށެވެ. އެހެން ބުނެ އަނެއްކާވެސް ފިލްމީ އެކްޓެއް ޖައްސައެވެ. ނަމަވެސް އެ ޝޯ ހޯސްޓްކުރުމުގައި ރޫމީ އާއެކު ނެޑީ ވެސް އުޅޭކަމަށް ހަމަ ބުނާ އިރަށް ‘ޑާކް ސްޓެއިން’ގެ މޮޅު ވާހަކަތައް ދައްކާ ހެސްކިޔާފައި ވައިޖަހަން ފަށައެވެ. އެއަށްފަހު ނެޑީ ފަލީހަތްވެގެން ދާގޮތް ފެނިގެންދެއެވެ.

ހެއްވާ މަޖާ އެތަކެއް ކަންތައްތަކެއް ފެނިގެންދާ މި ސިޓް ކޮމްގައި ‘ޑާކް ސްޓެއިން’ އާއި ނޫސްވެރިޔާ ނެޑީގެ ކުރިމަތިލުންތައް ކުރިއަށް ހުރި އެޕިސޯޑުތަކުން ބަލައިލަން ތިބެމާ ދޯ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.