މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ހިންގާ ކޮމިޓީގެ ރައީސް އަލްފާޟިލް އިބްރާހީމް ވަޙީދު، 2021 ޖެނުއަރީ 23ގައި އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އިސްތިޢުފާ ދެއްވި ސަބަބު ބަޔާން ކުރައްވަމުން އިބްރާހީމް ވަޙީދު ވިދާޅުވީ، އޭނާޔަކީ “ކޯވިޑް19” ގެ ޙާލަތާއި ގުޅިގެން ރަސްމީ ފަރާތްތަކުން ކަނޑައަޅުއްވައިފައިވާ “ހައި ރިސްކް” ބޭފުޅެއްކަމުން، ޖަމިއްޔާގެ ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި ޖިސްމާނީގޮތުން ބައިވެރިވެވަޑައިގަތުމަކީ ދަތިފުޅުކަމަކަށް ވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވީ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވި ކަމުގައި ވީނަމަވެސް، އައުރޫޙަކާއި އެކު ޙަރަކާތްތެރި ވެވޭނޭ ޒުވާން މެމްބަރަކު ރައީސްކަމުގެ މަގާމަށް އައްޔަނު ކުރަން އޭނާ ލަފާ ދެއްވާ ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް ޖަމިއްޔާއަށް ބޭނުންވެއްޖެ ހިނދެއްގައި ލަފާދެއްވާ ފަރާތެއްގެ ގޮތުގައި ހުންނަވާނެ ކަމަށެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އަށް ވަހީދު ކޮށްދެއްވި ޚިދުމަތްތަކަށް އެ ޔޫނިއަން އިން ޝުކުރުއަދާކުރަމުން ބުނެފައިވަނީ ވަހީދަށް އުޖާލާ ކުރިމަގަކަށް އެދޭ ކަމަށެވެ.

ޖަމިއްޔާގެ ރަޢީސްގެ މަގާމު ހުސްވުމާއި ގުޅިގެން އެ މަގާމުގެ ޒިންމާތައް ވަގުތީގޮތުން ފުރިހަމަ ކޮށްދެއްވާނީ ޖަމިއްޔާގެ މިހާރުގެ ނައިބު ރަޢީސް މަޙްރާން މުހައްމަދު މާޖިދު ކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.

ޖަމިއްޔާގެ “އެކްސްކޯ” ގެ މެމްބަރުން މިވަގުތު މަސައްކަތް ކުރަމުންދަނީ “އެސް.އޯ.ޕީ” ނުވަތަ ކަންކަން ހިންގާ އަމަލުކުރާނޭ ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުމުގެ މަސައްކަތާއި، ފަންނުވެރިން “ކޯވިޑް-19″ގެ  ހާލަތުގައިވެސް ދަތުރުފަތުރުކުރުމަށް ލުއިގޮތެއް ހޯދި، އާއްމުދަނީ ލިބޭނޭ މަގުތަކެއް ފަހިކޮށްދިނުމަށެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމު ހުސްވުމާާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ މެމްބަރުން [email protected] އަށް އީމެއިލް މެދުވެރިކޮށް ނަން ހުށައެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ރައީސް ކަމަށް މެންބަރެއް އިންތިޚާބުކުރުން އޮންނާނީ ޖަމިއްޔާގެ އަހަރީ ޖަލްސާގައި ކަމަށް އެ ޔޫނިއަން އިން ހާމަކުރެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގައި ހިމެނެނީ:-

1. ރައީސް

2. ނައިބު ރައީސް – މަހްރާން މާޖިދު
3. ޚަޒާންދާރު – އަޙްމަދު އައިމަން ލަތީފް
4. ޖެނެރަލް ސެކްރެޓަރީ – ހަމްޒާ ޚަލީލް
5. އިވެންޓް ކޯޑިނޭޓަރ – މިފްރާހް ޢަބްދުލް (މިފޫ)
6. ސްޕޯކްސްޕާރސަން – އާމިނަތު ޝުއާ ޝުޖާޢު ޢަބްދުލް ހަންނާން (އައިނާ)
7. އެސޯސިއޭޓް އޮފިސަރ – އަފާނީން ނާފިލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.