އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ކުޑައިރުއްސުރެ ކުދިންނަށް ގޭތެރޭގެ ޒިންމާތައް ހަވާލުނުކޮށް ހަމައެކަނި ކިޔެވުމާއި ކުޅިވަރު ކުޅެން ދޫކޮށްލާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މައިންބަފައިން ދަރިންދެކެ ވާލޯބިންނެވެ. ނަމަވެސް މިއީ ކުދިންނަށް އެންމެ ހެޔޮ، ރަނގަޅު ގޮތްތޯ މިއީ މިއަދު ވިސްނާލަންޖެހޭ ކަމެކެވެ.

 

* ޒިންމާތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވޭ!

އެހެން މީހަކަށް ބަރޯސާނުވެ އެކުއްޖެއްގެ އަމިއްލަ ކަންތައްތައް އެކަނި ކުރަން އެނގުމަކީ ކުއްޖާއަށް ނުހަނު ބޭނުންތެރި ކަމެކެވެ. ބައެއްފަހަރު ސްކޫލުތަކުން ބާއްވާ ހަރަކާތްތަކުގައި ރަށުން ބޭރަށް ފުރައިގެން ދާންޖެހޭ ފަހަރުވެސް އެބަ އާދެއެވެ. އެފަދަ ދަތުރުތަކުގައި ކުދިންގެ އަމިއްލަ ކަންތައްތައް ކުރަން ނޭނގުމުގެ ސަބަބުން ދެވަނަ ފަހަރަށް ދާން ފަސްޖެހެއެެވެ.

“އަޅުގަނޑު ގްރޭޑް 10 ގައި އުޅުނުއިރު ޖެހުނީ ސްކޫލް ދަތުރެއް ދާން އެހެން ރަށަކަށް. އެއީ ކިޔަވަން ދިޔަ ދަތުރަކަށްވީމަ ޔުނީފޯމުވެސް ގެންދަން ޖެހުނު.. އަޅުގަނޑު ދުވަހަކުވެސް އަމިއްލައަށް ޔުނީފޯމް އިސްތިރިއެއް ނުކުރަން.. އެހެންވެ ވަރަށް ޖެހިލުންވި.. ނުދާންވެސް އުޅުނިން. އެދުވަހު ހިތަށް އެރި ދަސްކުރެވުނުނަމައޭ އިސްތިރިކުރަން..”

މިއީ އެންމެ ކުއްޖަކަށް ދިމާވި އެންމެ ހާދިސާއެކެވެ. މިފަދަ ކިތައް ކުދިން މުޖުތަމަޢުގައި އުޅޭނެތޯއެވެ. ސްކޫލަށްދާ ޔުނީފޯމް އިސްތިރިކުރުމާއި، ނިދާ ހޭލުމަށްފަހު ތަންމަތި ރީތިކުރުމާއި، އަމިއްލަ ފާޚާނާ ދޮވެ ސާފުކުރުން ފަދަ ކަންތައްތަކަކީ އެކުދިންގެ އުމުރާއި ގުޅޭ މިންވަަރަކަށް ހަވާލުކުރެވިދާނެ ކަންތައްތަކެވެ.

 

* އުފާވެރިކަމާއި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވޭ!

2002 ވަނަ އަހަރު ޔުނިވަރސިޓީ އޮފް މައިނަސޯޓާގެ މާރޓީ ރޯސްމަން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން ތިން އަހަރާއި ހަތަރު އަހަރުން ފެށިގެން ގޭތެރޭގެ މަސައްކަތުގައި ކުދިން ބައިވެރިކުރާނަމަ އާއިލާއާއި ރައްޓެހިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެގެންދެއެވެ. ހަމައެހެންމެ ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގައިވެސް ގޭތެރޭގެ މަސައްކަތް ނުކުރާ ކުދިންނަށްވުރެ ރަނގަޅުކަމަށް އެ ދިރާސާއިން ދައްކައެވެ. ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ގޭތެރޭގައި ކުރާ ކުދިކުދި މަސައްކަތްތަކުގައި އެކުދިންގެ އެހީއާއި ބައިވެރިވުން އިތުރުކުރުމުން ކަމުގެ މުހިންމުކަމާއި އެހެންމީހުންނަށް އަޅާލުމާއި އޯގާތެރިވާން ދަސްވެއެވެ.

 

* ޒިންމާ ނެގުމަށް އާދަވޭ!

ގޭތެރޭގައި ކޮންމެ ކަމެއް ކޮންމެ ގޮތަަކަށް ހުއްޓަސް އެކަމާ އަޅާނުލާތަން އެބަފެނެއެވެ. ކޮންމެ ކަމަކީ މަންމަ ނުވަތަ ކުއްޖެއްގެ ބެލެނިވެރިއަކަށް ހުންނަ މީހާގެ ޒިންމާއެއްކަމުގައި ދެކެއެވެ. އޭގެ ބަދަލުގައި ކުޑައިރުއްސުރެ ކުދިން ލައްވާ ކަންތައްތައް ކުރުވަން އެބަޖެހެއެވެ. ކުދިންގެ ސްކޫލް ފިލާވަޅުތައް އެކުދިން އަމިއްލައަށް ހެދުުމުގެ ފުރިހަމަ ބާރު އެކުދިންނަށް ދޭންޖެހެއެވެ. އެކުދިންގެ މަސައްކަތްތައް އަމިއްލައަށް ކުރަން ދޫކޮށްލުމަކީ އެކުދިންނަށް އިތުބާރުކުރުމެވެ. ބަސްނޭހުމުން ދޭ އަދަބެއްގެ ގޮތުގައި ކޮންމެވެސް މަސައްކަތެއް ހަވާލުކުރުމާއި އަދި އެ މަސައްކަތެއް ކުރުމުން އިނާމު ދިނުމަކީ އެންމެ އެދެވޭގޮތެއް ނޫނެވެ. އޭގެ ސަބަބުން ކުދިން އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެއްވެސް ކަމެއް ނުކުރާނެއެެވެ. ގޭތެރެ ސާފުކޮށް ބޭއްވުމާއި، ހުސްވެފައި ހުންނަ ފުޅިތަކަށް ފެންއެޅުން ފަދަ ކަަންތައްތަކަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން އެކުދިންނަށް އަންގައިދޭން ޖެހެއެވެ. އެކަމުގެ ސަބަބުން ބޮޑުވަމުން އަންނައިރު އެފަދަ އާދަތައް ކުދިން ގައިގައި ހަރުލާފައި ހުންނާނެއެވެ.

 

ކުޑައިރުއްސުރެ ހުރިހާ ކަމެއްގައި ބައިވެރިކުރުވުމުގެ ސަބަބުން ކުއްޖާ ބޮޑުވެގެން މުޖުތަމަޢަށް ނުވަތަ މަސައްކަތު މާޙައުލަށް ނުކުންނައިރު ޒިންމާ ނެގުމަށް އާދަވެއެވެ. އަދި ރިވެތި އަޚުލާގާއި އެހެން މީހުންނަށް އިޙުތިރާމުުކުރުމާއި އެހެން މީހުންނަށް އެހީތެރިވެދެއެވެ. ކޮންމެ މަޔަކާއި ބަފައެއްވެސް އެމީހެއްގެ ދަރިންދެކެ ލޯބިވާނެއެވެ. އެހެންނަމަވެސް ކުދިންގެ މުސްތަޤުބަލާއި ޤައުމުގެ މުސްތަޤުބަލަށްވެސް ބޭނުންވަނީ ހީވާގި، ޒިންމާ އުފުލާ ޒިންމާ ނަގަން ކެރޭ ހެޔޮލަފާ ނަމޫނާ ދައްކާނެ ޖީލެކެވެ. އެ ފުރުޞަތު އޮތީ ތިޔަ މައިންބަފައިންނާއި ބެލެނިވެރިންގެ އަތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.