މަޑު ފިނި ވައިރޯޅީގެ ބީހިލުމާއެކު ޝާލިނީ ލޯމަރާލިއެވެ. ޝާލިނީ އޮށޯވެލައިގެން އޮތީ ގޭގެ ކުރިމަތީ ހުރި ޖޯއްޔެއްގައެވެ. ދުރުގައި ހުރި ގަހެއްގައި ރީނދޫ ކުލައިގެ ކޮކާލެއް ޖައްސައިފިއެވެ. އެ ކޮކާ ފަހަރަކު މަލެއްގައި އިށީނަމުން، މަލުގެ ފޮނިބޮމުންދާ މަންޒަރު ދެކެން ޝާލިނީ އިންއިރު ޝާލިނީގެ ހިޔާލުތަކުގެ މިސްރާބު ހުރީ މީގެ އެއް އަހަރު ކުރިއަށެވެ.

ދުވަހަކީ ހޮނިހިރުު ދުވަސްކަމުން ޝާލިނީ އާއި އޭނާގެ ރައްޓެހިން ދިޔައީ މޫދަށް އެރޭށެވެ. މޫދަށް އެރިފައި ގެއަށް ދިޔައިރު ގޭގެ ކުރިމަތީ ހުރި ޖޯލިފަތީގައި އިށީންދެލައިގެން ނާއިލް އިނެވެ. ނާއިލަށް ޝާލިނީ ފެނުމާއެކު ހިނިތުންވެލިއެވެ. އެއީ ސްކޫލު ދައުރުން ފެށިގެންވެސް ނާއިލް އިންތިހާއަށް ޝާޒިލީ ދެކެ ލޯބިވާތީއެވެ. ނަމަވެސް އެކަން ޝާލިނީ ގާތު ބުނާކަށް ނުކެރެއެވެ. ލިބިދާނެ ޖަވާބަކަށްޓަކައެވެ. އަދި އެފަދަ ފުރުޞަތެއް ވެސް ނާއިލަށް ނުލިބޭތީވެސް މެއެވެ. ނާއިލް ފެނުމާއެކު ނާއިލްގެ ކައިރިއަށް ޝާލިނީ މަޑުކޮށްލިއެވެ. އަދި ރަކި ހިނިތުންވުމަކާއެކު ނާއިލްއާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. ނާއިލް ވަރަށް އުފަލުން އިނދެ ޝާލިނީއާއި ވާހަކަ ދައްކަމުން ދިޔައެވެ. މޫދަށް އެރިގެން ފެންވަރަން ގެއަށްދަމުން ނާއިލް ފެނުމުން މަޑުކޮށްލީކަމަށް ޝާލިނީ ބުންޏެވެ.

ޝާލިނީއަކީ ރަށުގެ ނިކަމެތި އާއިލާއަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ ރަށުގެ އެންމެ ނަން ހިނގާ ރަށުގައި އެފަދަ ދެވަނައެއް ނުވާހާ ރީތިކަން ލިބިފައިވާ ޒުވާން އަންހެން ކުއްޖެކެވެ. ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންގެ ލޯތައް އެންމެ ބޮޑަށް ކަޅި އަޅަމުން ދަނީ ޝާލިނީ ގެ ފަރި ހަރަކާތްތަކަށެވެ. އެ ލޯތްބަށް ފެންބޮވައިގަންފައިވާ އެތައް ކުދިންނެއް ރަށުގައި އުޅެއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް ޝާލިނީގެ ހިތެއް ނުދެއެވެ.

ނާއިލަކީ ރަށުގެ ޤަދަރުވެރި އާއިލާއެއްގެ ދެމަފިރިއަކަށް ލިބިފައިވާ ދަރިއެކެވެ. ސާދާ މިޒާޖެއްގެ އެންމެނާ ގުޅޭ ހިތްހެޔޮ ނާއިލްއަކީ އަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ޒުވާނެކެވެ. ރަށުގެ އެތައް އަންހެން ކުދިންނެއް ނާއިލްއަށް ލޯބި ހުށަހެޅި ނަމަވެސް ނާއިލް އެކަމަށް ދެނީ ބީރު ކަންފަތެކެވެ. އެއީ ނާއިލްގެ ހިތުން ހަމައެކަނި ޖާގަ ދޭން ބޭނުންވަނީ ޝާލިނީއަށް ކަމަށް ވާތީއެވެ. ޝާލިނީ ފެންނަ ދުވަހެއްނަމަ އެރޭގެ ހުވަފެނުން ޝާލިނީގެ ފޮނި ހުވަފެންތައް ނާއިލް ބަލަމުން ދެއެވެ. އެ ރީތިކަމާއި މޫރިތިކަމުގެ ޖަޒުބާތުގައި ޖެހި ނާއިލް ބެހިގެންދާ ކަހަލައެވެ. މިގޮތުން ކޮންމެ ދުވަހަކު ހެން ޝާލިނީ އާއި ވާހަކަ ދެއްކޭތޯ ނާއިލް މަސައްކަތް ކުރަމުންދެއެވެ. ޝާލިނީގެ ވާހަކަތަކުން އޭނާވެސް ނާއިލް އާއި ގަޔާވާކަން އެނގެއެވެ. އެހެންކަމުން ޝާލިނީ އާއި ބައްދަލުކޮށް ނާއިލް ލޯބި ހުށަހެޅިއެވެ. ނަމަވެސް ނާއިލްގެ ފަރާތުން ކުރިން އެފަދަ ވާހަކައެއް އިވިފައި ނުވާތީ ޝާލިނީއަށް އެ ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. އަދި އުފަލުންގޮސް ނާއިލްގެ ގާތަށް ހުއްޓިފައި ބުނެ ވުނެވެ.

”ހަމަ ހުވާތަ؟” ނާއިލް ބޯ ޖަހާލިއެވެ. އަދި ބުނަމުން ދިޔައެވެ. މުޅި އުމުރަށްވެސް ޝާލިނީދެކެ ލޯބިވާނަމެވެ. އެވަގުތު ޝާލިނީ ވަރަށް އުފަލުން އެ ލޯބި ޤަބޫލުކުރިއެވެ. މުޅި އުމުރަށް އެކީގައި ވުމަށެވެ.

ދުވަސްތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށް ބަދަލުވެގެން ގޮސް ޝާލިނީ އާއި ނާއިލްގެ ގުޅުމަށް ހަތަރު އަހަރު ފާއިތުވެގެން ހިގައްޖެއެވެ. މިއަދަކީ ނާއިލް ޝާލިނީ އާއި އިންނަން އަހާ ދުވަހެވެ. ނާއިލް އުޅުނީ ޝާލިނީ އާއި އިންނަން އެހުމުގެ ކުރިން ޝާލިނީއަށް ދޭނެ ހަދިޔާއެއް ގަންނަން ދާށެވެ. ނާއިލް ހަދިޔާ ގަނެގެން އައިސް ކޮޓަރީގައި އަޅުވާފައި އޮތް އޭނާގެ ތުވާލި ނަގައި ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުތެވެ. ނިކުމެ ރީތިވެގެން ނާއިލް އެ ހަދިޔާ އޭނާގެ ޖީބަށް ލިއެވެ.

ނާއިލްގެ މިސްރާބުހުރީ ޝާލިނީގެ ގެއާ ދިމާލަށެވެ. އެހެންކަމުން ގެއިން ނިކުމެގެން ޝާލިނީގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އޭރު ޝާލިނީ އިނީ ނާއިލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޝާލިނީގެ ގެއާ އަރާ ހަމަވިތަނުން ނާއިލްއަށް ޝާޒްލީ ގޭ ދޮރުމަތީގައި ނާއިލްގެ އިންތިޒާރުގައި ހުރިތަން ފެނުނެވެ. ޝާލިނީ ފެނުމާއެކު ނާއިލް ޝާލިނީ ކައިރިއަށްގޮސް ކުރިމަތީ ހުއްޓުނެވެ. ވަރަށް ރޮމޭންޓިކް ގޮތަކަށް ތިރިވެލާފައި ޖީބުން އަނގޮޓިއެއް ނެގިއެވެ. ޝާލިނީ އާއި ދިމާއަށް އަގޮނޑި ދިއްކޮށްގެން ހުރެ ޝާލިނީ ގާތު އިންނަން އެހިއެވެ. އެވަގުތު ޝާލިނީއަށް އުފަލުންގޮސް ރޮވުނެވެ. ވަގުތުން އިންނަން އެއްބަސް ވިއެވެ. އެހެންކަމުން ދެ ފަރާތުގެ އާއިލާއާއި ވާހަކަ ދައްކައިގެން ހަމަ އެރޭ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިއެވެ. ދެފަރާތުގެ އާއިލާވެސް މި ކައިވެންޏަށް ރުހި ޤަބޫލުވިއެވެ.

އޭގެ ހަފުތާއެއް ފަހެވެ. މިރެޔަކީ ދެމީހުންގެ ކައިވެނި ކުރެވޭރެއެވެ. ކައިވެނި ހަފުލާއަށް ތައްޔާރުވެގެން ނާއިލް މަގުމައްޗަަށް ނިކުތެވެ. ޝާލިނީގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ކުއްލިއަކަށް ބާރުސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއްްގައި ޖެހި ނާއިލް އެކްސިޑެންޑްވިއެވެ. އެކްސިޑެންޓް ވުމާއެކު ސައިކަލްގައި އިންމީހާ ފިލަން ދުއްވައިގަތެވެ. މިހާތަނަށް ވެސް ނޭނގިފައިވާ ކަމަކީ ނާއިލްގެ ފުރާނަ ދުއްވާލަން އުޅުނީ ކާކުކަމެވެ. މިކަމުގެ ހަޤީޤަތެވެ. ނާއިލްގެ ކޮއްކޮ ފިރާޒުއަށް މިމަންޒަރު ފެނުމާއެކު ނާއިލް ގޮވައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ މާކަގިނަ ވަގުތެއްނުވަނީސް ނާއިލް މަރުގެ ޚަބަރު ލިބުނެވެ.

ސައިކަލް ދުއްވި މީހާ ލައިގެން ހުރީ ކަޅު ހެދުމެކެވެ. މޫނެއް ނުފެނެއެވެ. މި މަންޒަރު ދުށް ނާއިލްގެ ކޮއްކޮ ފިރާޒު ކިޔައިދިނެވެ.

ފުން ޚިޔާލުތަކުގެތެރޭގައި އޮއްްވާ ކުއްލިއަކަށް ގޭތެރެއިން މީހަކު ގޮވާލި އަޑު އިވުނެވެ.

”ދަރިފުޅާ! ޝާލިނީ! ބައްޕަ އެބަ ގޮވާ!” ޝާލިނީގެ މަންމަ މިހެން ބުނުމާ އެކު ޖޯލިން ތެދުވެގެން ގޭތެރެއަށް ވަނެވެ.

ޝާލިނީގެ މަންމައާއި ބައްޕަ އަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިން ނަމަވެސް ރަށުގެ އެންމެނަށްވެސް ވަރަށް ގަދަރު ކުރާ އަޚުލާގު ރަނގަޅު ދެމަފިރިންނެވެ. މި ދެމަފިރިން ޝާލިނީ ދެކެ އިންތިހާ ލޯބިވެއެވެ. ނާއިލް ނިޔާވިފަހުން ޝާލިނީގެ މޫނު މައްޗަށް ވެރިވެފައި ހުންނަ މާޔޫސްކަން ފެނި އެމީހުން ހަމްދަރުދީވެއެވެ. ޝާލިނީއަށް ރަނގަޅު ދިރިއުޅުމެއް ލިބޭތޯ ޝާލިނީގެ މައިންބަފައިން އަބަދުވެސް ދުޢާކުރެއެވެ.

ޝާލިނީގެ ބައްޕަ އިބްރާހިމް ފުޅަކީ ރަށުގެ ނަންހިނގާ ވިޔަފާރިވެރިއެއްކަމަށްވާ ނިޒާމުގެ ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. ނިޒާމަކީ ރަށުގެ ޒުވާނުންގެ މެދުގައި ބަސްކިޔާ މީހެކެވެ. ނަމަވެސް އެންމެނަށް އެނގޭ ހަޤީޤަތަކީ ކުރިން ނިޒާމަކީ އެހާ މުއްސަނދި މީހެއް ނޫންކަމެވެ. އޭނާ ކިޔަވައިގެން ރަށަށް އައިސް ކުއްލިއަކަށް ފެނުނީ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. މީހުން ބުނާ ގޮތުގައި ނިޒާމް މާލެ ދިޔައީ ކިޔަވާކަށް ނޫނެވެ. ރަނގަޅު ވަޒީފާއަކަށެވެ. މީހުންގެ ލޯމައްޗަށް ހަޤީޤަތް ނޭގުނު ނަމަވެސް ނިޒާމަކީ އެންމެ ކުޑަ ދުވަހުއްސުރެވެސް ޝާލިނީ ދެކެ ލޯބިވާ މީހެކެވެ. އެތައް ފަހަރަކު މަގުމަތިން ޝާލިނީ ހިފަހައްޓައި ލޯތްބަށް އެދި ސަލާންޖަހާފައިވާ ކަމެވެ. ނަމަވެސް ޝާލިނީ އެކަމަށް އިންކާރުކޮށްފައިވާކަމެވެ. ނިޒާމްގެ ދިރިއުޅުން ހުންނަ ގޮތުން މީހުންގެ ކުރިމަތީ އޭނާގެ ޤަދަރު އުފުލެއެވެ. ނަމަވެސް އަޑީގައި ފޮރުވިފައިވާ ކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އޭނާ އަކީ ރަށުގައި މަސްތުވާތަކެތި ޑީލްކުރާ މީހެއްކަމެއް އެކަކަށްވެސް ނޭގެއެވެ. އޭނާ އެކަން ކުރަނީ ވަރަށް ސިއްރުންނެވެ. އޭނާ ޑިލް ކުރުމުގައި ގެންގުޅޭ އުކުޅުތަކާއި، އޭނާއަށް އެކަމުގައި ވާގިދޭ ރަހުމަތްތެރިންނަކީ ޚުދު ކޮބައިކަމެއް އެކަކަށްވެސް ނޭގެއެވެ.

ޝާލިނީގެ ބައްޕަ އިބްރާހިމް ފުޅަކީ ނިޒާމްއަށް ވަރަށް ސަޕޯޓްކުރާ މީހެކެވެ. އެހާ ޒުވާންއިރު ރަށުގެ ޤަދަރުވެރި ވިޔަފާރިވެރިއަކަށް ވުމުންނެވެ. މީގެ އިތުރުން އޭނާގެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާތީއެވެ. އިބްރާހިމް ފުޅަކީ ސަކަ މިޒާޖެއްގެ މީހަކަށްވުމުން ޒުވާން ބައެއް ފިރިހެން ކުދިން ޝާލިނީ އާއި ކައިވެނިކުރަން ބޭނުންކަމަށް އިބްރާހިމްފުޅު ގާތު ބުނެއެވެ. ނަމަވެސް އެއީ އެ ކުދިން މަޖަލަކަށް ދައްކާ ވާހަކަ ކަމަށް ހީކޮށްލައިގެން އިބްރާހިމްފުޅު އުޅެނީއެެވެ.

މިގޮތުން އެއްދުވަހަކު ރަށުގެ ބަނދަރު ފަރާތުގައި ހުރި ޖޯއްޔެއްގައި އިބްރާހިމްފުޅު އޮށޯވެލައިގެން އޮއްވާ ނިޒާމް އެތަނަށް އައެވެ. ޖެހިގެން ހުރި ޖޯލީގައި ޖައްސާލުމުން އިބްރާހިމްފުޅު ވާހަކަ ދައްކަން ފެށިއެވެ.

“ނިޒާމަށް އެނގޭތަ. މިހާރު މިރަށުގައި ޑްރަގު ބޯ ކުދިން ވަރަށް ގިނަ. ކުރިން ދުވަހަކުވެސް އެހެރަ އާދަނުގެ ދަރި ފައިޒާން ބޮއެގެން ހުއްޓާ ފުލުހުންނަށް ފެނިގެން ގެންގޮއްސި.”

މިހެން ބުނުމުން ނިޒާމުގެ މޫނުން ކޮންމެވެސް ވަރަކަށް ހާސްކަން ފެނުނެވެ. ނަމަވެސް ކީއްކުރާނީ ހޭ ބުނެލިއެވެ. މިހެން ބުނުމާއެކު އެ ކުދިންނަށް ހެޔޮމަގެއް ދައްކަން މިއަދު މި ރަށުގައި ހުރި ޒުވާނަކީ ތީ ނޫންހޭ ބުންޏެވެ. އަދި ނިޒާމްގެ ވަޒީފާއެއްގައި ބޭބެ މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅުން ބޭބެގެ ދިރިއުޅުންވެސް މަޑުމަޑުން ރަނގަޅުވަމުން ދާކަމަށް އިބްރާހިމްފުޅު ބުންޏެވެ. މިހެން ބުނުމުން ބޯ ޖަހާލުމަށްފަހު ނިޒާމް ވާހަކަ ފެށިއެވެ.

”އިބްރާހިމްފުޅުބެ ގާތު ކަމަކު ކިޔަންވެގެން މިއައީ.” ނިޒާާމު ސީދާ ޕޮއިންޓަށް ދިޔައެވެ.

“އެއީ އަނެއްކާ ކޮންކަމެއް. ނިޒާމް ފަދަ މާތް މީހަކު ބުނުމުން އިބްރާހިމްފުޅުބެއަށް ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން. އަވަހަށް ބުނޭ.”

މިހެން ބުނުމުން އިބްރާހިމް ފުޅުގެ ދަރި ޝާލިނީ ދެކެ ވަރަށް ކުރީއްސުރެ ލޯބިވާ ކަމަށާއި، އޭނާއާއި އިންނަން ބޭނުންވާކަމަށް ބުންޏެވެ. އެކަން ވެއްޖެނަމަ އިބްރާހިމްފުޅުބެގެ ދެކަނބަލުން ހައްޖަށް ފޮނުވާނެކަމަށްވެސް ބުންޏެވެ. މިހެން ބުނުމާއެކު ވަރަށް އުފަލުން ހުރެ އިރާދަކުރެއްވިއްޔާ ތިކަން ވާނެޔޭ، އަހަރެމެން ކަހަލަ ނިކަމެތި އާއިލާއަކަށް ތިޔަފަދަ ފުރިހަމަ ދަނބިދަރިއެއް ލިބުމުން ވަރަށް އުފާވާކަމަށް ބުންޏެވެ. މިހެން ބުނެ އިބްރާހިމްފުޅު ގެއަށް ދިޔައެވެ. އިބްރާހިމް ފުޅު ދާތަން ފެނުމުން މަކަރުވެރި ގޮތަކަށް ނިޒާމް ބަލާލަމުން ހީލުމަށްފަހު އެނބުރި ދިޔައެވެ.

އިބްރާހިމްފުޅު ގެއަށްގޮސް އޭނާގެ އަންހެނުން ވަހީދާ އަށް ގޮވާލިއެވެ. ވަހީދާ ބަދިގެތެރޭގައި ހުރެފައި އިބްރާހިމްފުޅު ގޮވާއަޑުު އިވިގެން އޭނާގެ ގާތަށް ދިޔައެވެ. އިބްރާހިމްފުޅު އުފާވެފައި ހުރިތަން ފެނުމުން އަނެއްކާ ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އެވަގުތު އިބްރާހިމް ފުޅު ބުންޏެވެ.

“އަހަރެން މަސައްކަތްކުރާ ފިހާރައިގެ ވެރިޔާ ނިޒާމް އަހަރެމެންގެ ދަރިފުޅު ޝާލިނީ އާއި ކައިވެނިކުރަން އެދެފި.” މިހެން ބުނުމާއެކު ވަހީދާވެސް ތީ ރަނގަޅު ކަމެއްކަމަށާއި، ޝާލިނީގާތު އެ ވާހަކަ ދައްކާނެކަމަށް ބުންޏެވެ.

ޖެހިގެން އައި ދުވަހެވެ. ޝާލިނީ ކޮޓަރީގައި އޮއްވާ ވަހީދާ ކޮޓަރިއަށް ވަނެވެ. ބައްޕައާއި މަންމަވެސް ބޭނުންވަނީ ޝާލިނީއަށް އުފާވެރި ދިރިއުޅުމެއް ހޯދާދޭން ކަމަށާއި، ނިޒާމް ޝާލިނީގެ ކައިވެންޏަށް އެދޭ ވާހަކަ ބުންޏެވެ. އަދި މިކަމަކީ ބައްޕަވެސް ވަރަށް ރުހޭ ކަމެއްކަމަށް ބުންޏެވެ. މިހެން ބުނުމާއެކު ޝާލިނީގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރުނެވެ. ނުރުހުމުގެ ނަޒަރަކުން ބޯ ހޫރާލިއެވެ. ނާއިލް ދުނިޔޭގައި ނެތަސް އެ ނޫން އެހެން މީހަކު ދެކެ ލޯބިވާނެ ހިތްވަރެއް ނެތްކަމަށް ޝާލިނީ ބުނަމުން ދިޔައެވެ. މިހެން ބުނުމާއެކު ޝާލިނީގެ މަންމަ ވަރަށް އަސަރާއި އެކު ބައްޕައަށްޓަކައި ނަމަވެސް މި ފަހަރު މިކަމަށް ރުހެން އެދުމުން، މަންމައާއި ބައްޕަގެ އެދުމުގެ މަތިން އެ ކައިވެނި ކުރާނަމޭ ޝާލިނީ ބުންޏެވެ. ޝާލިނީގެ މަންމަ ދިއުމުން އެކަނި ކޮޓަރިތެރޭގައި އޮވެ، ގިސްލާފައި ރޯން ފެށިއެވެ.

ހަފުތާއެއް ފަހެވެ. ނިޒާމް އާއި ޝާލިނީގެ ކައިވެނި ކުރެވިއްޖެއެވެ. އިވެނިކޮށްގެން ނިޒާމްގެ ގެއަށް ޝާލިނީ ބަދަލުވިއެވެ. އެ ގެއަކީ ނިޒާމް ގަނެފައިވާ ގެއެކެވެ. އެގޭގައި އެ ދެމަފިރިން ނޫން އިތުރު ބަޔަކު ނޫޅެއެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ނިޒާމް ވަރަށް ރަނގަޅެވެ. ނަމަވެސް ފަހުން ފަހުން އައިސް ރޭގަނޑު ނިދަން އަންނަނީ އެހާ ލަހުންނެވެ. ނިޒާމް ގެއަށް އަންނައިރު ޝާލިނީ ހޭލާ އޮތަސް އެއްޗެހި ކިޔައެވެ. ލަހުން އަންނަ ސަބަބެއް އަހާލިޔަސް ރުޅި އާދެއެވެ. ފިރިމީހާ ކިތައްމެ ލަހުން ގެޔަށް އައިސް އަނބިމީހާ ބަލާކަށް ނުޖެހޭނެޔޭ ނިޒާމް ބުންޏެވެ. ލަހުން ގެއަށް އާދެވެނީ އޮފީހުގެ މަސައްކަތްތައް ބުރަ ކަމުން ކަމަށްވެސް ބުންޏެވެ.

މިގޮތުގައި ދުވަސްތައް މާޒީވެ ދެއެވެ. ބައެއް ރޭރޭ ޝާލިނީ ނިދާފައި އޮންނައިރު ބަޔަކު މީހުން ގޭގައި އުޅޭހެން ހީވެގެން ބަލާވެސް ލެވެއެެވެ. ނަމަވެސް ކޮޓަރިން ނިކުތަސް އެކަމާ ނިޒާމް ރުޅި އަންނާނެއެވެ. ފަހުން ފަހުން ކަމަކާ ނުލާ އަނިޔާވެސް ކޮށް ހަދައެވެ. އެހެންވެ ބިރުން އޮއެވެނީއެވެ.

މިގޮތުން އެއްދުވަހު ހަވީރު ޝާލިނީ އެކަނިމާއެކަނި އަތިރިމަތީގައި ހުރި ޖޯއްޔެއަށްގައި ފިކުރު ބޮޑުވެފައި އޮއްވާ ނާއިލްގެ ކޮއްކޮ ފިރާޒު އެތަނަށް އައެވެ. ފިރާޒުއަށް ޝާލިނީ ފެނުމުން ޝާލިނީގެ މޫނަށް ވެރިވެފައިވާ ހިތާމަވެރިކަން ފެނި ސުވާލު އުފެދުނެވެ.

“ޝާލިނީ އަދިވެސް ހިތާމަ ކުރަނީތަ؟ ދިރިއުޅުން ކިހިނެއް؟” މިހެން ބުނުމުން ޝާލިނީއަށް ރޮވިއްޖެއެވެ. ކަމެއްގޯސްވެގެން އުޅޭހެން ފިރާޒަށް ހީވާން ފެށިއެވެ. އެހެންކަމުން ޝާލިނީގާތު ވެގެން އުޅޭގޮތެއް ސާފުކުރެވޭތޯ މަސައްކަތް ކުރިއެވެ. ފިރާޒަކީ ޝާލިނީއަށް ހަމްދަރުދީވާނެ މީހެއްކަމަށް ބަލައި ޝާލިނީ އެ ވާހަކަތައް ފިރާޒަށް ކިޔައިދޭން މަސައްކަތް ކުރިއެވެ.

ރޭގަނޑު ދަންވަރު ގޭގައި ބަޔަކު ސިއްރުން ވާހަކަ ދައްކާ އަޑުތައް އިވޭކަމަށާއި، ނިޒާމް އަކީ ރުޅިގަދަ މީހެއްކަމާއި، އޭނާ ނުހުރޭ ކަމެއް ކުރިޔަސް އަނިޔާކުރާ ކަމަށް ޝާލިނީ ބުންޏެވެ. ނިޒާމް އުޅޭ ގޮތެއް ބަލައި ދިނުމަށް ފިރާޒުގެ ކިބައިން އެދުނެވެ. ފިރާޒު މިކަމަށް އެއްބަސް ވިއެވެ. އެއީ ބޭބެގެ ހައްޤުގައެވެ. ބޭބެ މަރާލީ ކާކުކަން ވެސް އަދިވެސް ޔަޤީން ނުވާތީއާއި އެކުގައެވެ. ދެ މީހުން އޮލަ ވާހަކައިގައި ތިއްބާ އެ މަންޒަރު ނިޒާމަށް ފެނުނެވެ. ވަގުތުން އެތަނަށް ގޮސް ޝާލިނީގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ގޮސް ގެއަށް ވަނެވެ. އެ މަންޒަރު ބަލަން ފިރާޒު ހުއްޓެވެ. އަދި އިރުކޮޅަކުން އެނބުރި ހިނގައްޖެއެވެ.

ޖެހިގެން އައި ރެއެވެ. ނިޒާމު ގޭގައި ނޫޅޭ ވަގުތު ބަލާފައި ޝާލިނީ އޭނާގެ މަންމަގެ ކައިރިއަށް ދިޔައެވެ. އަދި މަންމަ ފެނުމުން ދެރަވެގެން މަންމަގެ ގައިގައި ބައްދާލިއެވެ. ޝާލިނީ ދެރަވެފައި، މީހާ މިލާ މޯޅިވެފައި ހުރިތަން ފެނުމުން ޝާލިނީ މަންމަ ދެރަވިއެވެ. ވަގުތުން ވީގޮތެއް އޮޅުން ފިލުވިއެވެ. ޝާލިނީ މި ވާހަކަތައް އޭނާގެ މަންމައަށް ކިޔައިދެމުން ދިޔައެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް އެއްވެސް މީހެއްގާތު އެ ވާހަކަތައް ނުބުނުމަށް އެދުނެވެ. ޝާލިނީގެ އެދުމުގެ މަތިން އޭނާގެ މަންމަ ވަހީދާ އެކަން ސިއްރު ކުރިއެވެ. ޝާލިނީގެ ބައްޕައަކަށްވެސް އެކަމެއް ނާންގައެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނިޒާމްއާއި އިތުރު ދެ މީހަކު ސައިކަލެއްގައި ނިޒާމް ދިރިއުޅޭ ގެއާއި ދިމާލަށް ދާތަން ފިރާޒަށް ފެނުނެވެ. ވަގުތުން އެ މީހުންގެ ފަސްފަހަތް ބަލަމުން ފިރާޒު ދިޔައެވެ. ނިޒާމުމެން ގޮސް ވަނީ އެ މީހުން ގެއަށެވެ. އެހެންކަމުން ފިރާޒު ސިއްރުސިއްރުން އެމީހުން ކުރާކަމެއް ބަލަން އެ ގޭ ފާތުމަތިން ބޯ ދިއްކޮށްލިއެވެ. ކަމަކު ދާކަށް ނެތެވެ. ނިޒާމް އަކީ މަސްތުވާތަކެތީގެ ބޮޑެކެވެ. ނިޒާމް އެ މީހުން ލައްވާ އެތަކެތި ވިއްކަނީއެވެ. އެހެންކަމުން މިމަންޒަރު ފެނުމާއެކު ފިރާޒު ވަގުތުން ފުލުހުންނަށް ގުޅިއެވެ. ވަގުތުން ފުލުހުން އެގެއަށް ގޮސް ނިޒާމްގެ ބަލާ ފާސްކުރިއެވެ. އެގެއިން ގިނަޢަދަދެއްގެ މަސްތުވާތަކެތި ފެނުމާއެކު ނިޒާމް އާއި ޑީލް ކުރުމުގައި ހަރަކާތްތެރިވާ އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދިޔައެވެ. މިމަންޒަރު ބަލަން ފެންކަޅިވެފައި ޝާލިނީ ހުއްޓެވެ.

ފުލުހުންގެ ތަޚްޤީޤު ކުރިއަށް ގެންދިޔައެވެ. މަސްތުވާތަކެތީގެ ނެޓްވޯކެއް އަތުލައިގަތްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ވަނަވަރުތައް ހާމަކުރިއެވެ. އެވަގުތު ޓީވީ ބަލަން އިން ފިރާޒަށް އެތަނުން އެކެއްގެ ފޮޓޯ ފެނުނެވެ. ސައިކަލުން ޖައްސާ އޭނާގެ ބޭބެ ނާއިލް މަރާލުމަށްފަހު ފިލި މީހާގެ ފޮޓޯއާއި ޓީވީން ފެންނަ މީހާގެ ފޮޓޯ އާއި ވައްތަރުކަމުން ޝައްކު އުފެދުނުނެެވެ. ލަހެއް ނުކޮށް ޝާލިނީއަށް ގުޅައި ބައްދަލުކުރިއެވެ. އަދި މިވާހަކަ ހިއްސާކުރުމަށްފަހު ވަގުތުން ފުލުހުންނަށް އެކަން ރިޕޯޓްކުރިއެވެ. ފުލުހުން އެއީމާ އާއި ސުވާލުކުރުމުން ސައިކަލުން ޖައްސާ ނާއިލް މަރާލީ ނިޒާމް ބުނެގެން ކަމަށާއި އެއީ ވަރަށް ބޮޑަށް ރޭވިގެން ކުރިކަމެއް ކަމަށް ބުންޏެވެ. އަދި އެމީހަކީ ނިޒާމްގެ މުވައްޒަފެއް ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް އެ މައްސަލަ ތަޙްޤީޤްކުރިއެވެ. ނިޒާމް އާއި ސުވާލުކުރުން ކުރިއަށް ގެންދިޔައެވެ. ނާއިލް މަރާލަން ޖެހުނު ސަބަބު އޮޅުން ފިލުވިއެވެ. އެ ވާހަކަތައް ނިޒާމް ކިޔާދެމުން ދިޔައެވެ. އޭނާއަކީ މަސްތުވާތަކެތި ރަަށަށް ގެނެސް އޭގެ ވިޔަފާރި ކުރާ މީހެއްކަމަށާއި، އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ޝާލިނީގެ ލޯބި ހާޞިލް ކުރުމަށް މަސައްކަތް ކުރާ މީހެއްކަމަށް ބުންޏެވެ. ޝާލިނީއަށް ލޯބި ހުށަހެޅުމުން އޭނާ އެކަން ޤަބޫލު ނުކުރިކަމަށާއި، ދެން ފެނުނީ ނާއިލްއާއެކު ކަމަށް ބުންޏެވެ. ނާއިލްއާއި ޝާލިނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނާއިލްއަށް އޭނާ ފާރަލަމުން ގެންދިޔަކަމަށާއި، ކައިވެނި ކުރުމުގެ ކުރިން ނާއިލްގެ ދުވަސް ދުއްވާލަން ނިންމީ ކަމަށެވެ. ނާއިލް މަރުވުމުން ޝާލިނީއާއި ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރި ކަމަށާއި، ޝާލިނީގެ އައިލާއަކީ ނިކަމެތި އާއިލާއެއްކަމުން ޝާލިނީގެ ބައްޕައަށް ނިޒާމްގެ ފިހާރައަކުން ވަޒީފާ ހޯދައި ދިނުމަށްފަހު ޝާލިނީ ބައްޕަގެ ހިތުން ނިޒާމް އިތުބާރު ހޯދަމުން ދިޔަކަމަށް ބުންޏެވެ. ޝާލިނީގެ ބައްޕަގެ ބޮލަށް އޭނާ އެރިގެން ޝާލިނީއާއި ކައިވެނި ކުރީ އެކަމުގެ ބަދަލު ހިފުމަށްކަމަށްވެސް ނިޒާމް ކިޔައިދިނެވެ.

ފުލުހުންގެ ފަރާތުން ޝާލިނީއަށް މި ޚަބަރު ލިބުނެވެ. އޭރު ޝަލިނީ ހުރީ ފިރާޒު އާއި އެކު އަތިރިމަތީގައެވެ. މިކަން އެނގުމާއެކު ޝާލިނީ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ފިރާޒު ޝާލިނީ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ޚަބަރު ލިބުމުން ޝާލިނީގެ މަންމައާއި ބައްޕަވެސް ހޮސްޕިޓަލަށް ދިޔައެވެ.

ޝާލިނީއަށް ހޭވެރިކަން ވީއިރު ޝާލިނީގެ މަންމައާއި ބައްޕަ އެތަނުގައި ތިބުމުން ރޮވެން ފެށުނެވެ. އެ ވަގުތު ޝާލިނީގެ ބައްޕަ ބުންޏެވެ.

”ދަރިފުޅާ! ބައްޕައަށް މާފްކުރޭ. ކުރިއަކުން ބައްޕައަކަށް ވެސް ނޭނގޭ ނިޒާމަކީ އެކަހަލަ މީހެއްކަމެއް. ދަރިފުޅުގެ މުޅި ދިރިއުޅުން ތި ވޭނުގައި ބަރުދާސް ކުރަމުން ދާތަން ބަލާކަށް ބައްޕައާއި މަންމައަކަށް މިއަދު ކުޅަދާނައެއް ނޫން. ދަރިފުޅާ! ހިތްވަރުކުރޭ! ވަގަކަށް ހާސްދުވަސް ލިބިދާނެ. އެކަމަކު ވެރިއަކަށް ލިބޭނީ އެއް ދުވަސް. ކުށްކުރި މީހުންނަނަށް ދެދުނިޔެމަތީ އަދަބު ލިބޭނެ. މި ދުނިޔެއަކީ އިމްތިހާނެއް.” މިހެން ބުނުމާއެކު ޝާލިނީއަށް ގިސްލެވެން ފެށިއެވެ.

“ބައްޕާ! އަހަރަން މިއަދު ހިތްވަރު ކުރާނަން. ނަމަވެސް…” ޝާލިނީގެ ޖުމުލަ މެދުކަނޑާލީ ފިރާޒެވެ.

”ޝާލިނީ ހަމަ ހުވާކޮށްފަ މި ބުނީ… ދެރަނުވޭ ޝާލިނީ.. އިރާދަކުރެއްވިއްޔާ ބޭބެގެ ހައްޤުގައިވެސް އަހަރެން މިއަދު ޝާލިނީއާއެކުގައި ވާނަން. ޝާލިނީ. އަހަރެންނާއި އިންނަން ކެރޭނެތަ؟” މިހެން ބުނުމުން އާއެކޭ ބުނެ ބޯޖަހާލަމުން ޝާލިނީއަށް ބުނާނެ އެއްޗެއް ނޭނގި ހުރެ ފިރާޒުގެ ބޭބެ ނާއިލް ޝާލިނީއަށް ލޯބި ހުުށަހެޅިގޮތް ހަނދާނަށް އައެވެ.

“ހަމަ ހުވާތަ؟” އުފަލުންގޮސް ދެރަވެލާފައި ޝާލިނީ އަށް އަހައިލެވުނެވެ.

”ﷲ ގަންދީ ހުވާ ކޮށްފަ ބުނަން.. އަހަރެން ޝާލިނީ ދެކެ އިންތިހާއަށް ލޯބިވަން.” ފިރާޒު ބުނެލިއެވެ. ޝާލިނީ އޮތް އެނދުގެ ކައިރިއަށް ފިރާޒު ތިރިވެލާފައި ޖީބުން އަނގޮޓިއެއް ނެގިއެވެ. ޝާލިނީގެ އިނގިލީގައި އެ އަނގޮޓި އެޅުވިއެވެ. އެވަގުތު ޝާލިނީގެ ލޮލުން ހޯސްލާފައި ކަރުނަ އައެވެ. އުފާވެރިކަމުގެ ކަރުނައިން ފުރިފައިވާ ދެލޮލުން ފިރާޒު އާއި ދިމާލަށް ބަލާލިއެވެ. ފިރާޒުވެސް ޝާލިނީ އާއި ދިމާލަށް ބަލާލަމުން ހިނިތުން ވެލިއެވެ. ޝާލިނީގެ ބަރުބާދުވި ދިރިއުޅުން އަލުން އާރާސްތުކޮށް ދިރި ހުރުމުގެ ފޮނި އުންމީދުގައެވެ. ޝާލިނީ ދެކެ ނާއިލް ވީ ލޯބި ފަދައިން އެކަކު އަނެކަކަށް ހަމްދަރުދީވެ މުޅި އުމުރުގައިވެސް އެކު އުޅުމަށް ހުވާކޮށް އަތާއި އަތްޖޯޑު ކުރަމުންނެވެ.

=ނިމުނީ=

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.