ފޮނޮލޮޖީއަކީ ބަހެއްގައި ހިމެނޭ އަޑުތަކާއި އެއަޑުތައް މަސައްކަތް ކުރާގޮތް ބަލާހޯދުންކަމަށް ޖޯޖު ޔޫލް (2010) ހާމަކުރައްވައެވެ. ފޮނެޓިކްސްގެ ޢިލްމު ބަހާލެވިފައި ވަނީ މައިގަނޑު ތިން ގޮތްޕަށް ކަމަށް އެޑްވަރަޑް ފިނެގަން (2008) ހާމަކުރައްވައެެވެ. އެއީ، އާޓިކިއުލޭޓަރީ ފޮނެޓިކްސް އާއި އެކޫސްޓިކްސް ފޮނެޓިކްސް އަދި އޮޑިޓަރީ ފޮނެޓިކްސް އެވެ.

އާޓިކިއުލޭޓަރީ ފޮނެޓިކްސް
އާޓިކިއުލޭޓަރީ ފޮނެޓިކްސް ދިރާސާކުރަނީ އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ އަޑުތައް އުފައްދާ ނިޒާމް އާއި ބެހޭ ގޮތުންކަމަށް އެޑްވަރަޑް ފިނެގަން (2008) ހާމަކުރައްވައެވެ. މިގޮތުން އިންސާނުން ވާހަކަދައްކާ ހުރިހާ އަޑެއް ނުވަތަ ސްޕީޑް ސައުންޑްސް އުފެއްދުމަށް ހަކަތަ ނުވަތަ ސޯސް އޮފް ޕަވަރ އެއްގެ ގޮތުގައިު ބޭނުންކުރަނީ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވަދެ ނިކުމެވާ ވައި ނުވަތަ އެއަރސްޓްރީމް ކަމަށް މައިކު ޑެވަންޕޮޓް އާއި އެސް ޖޭ ހަނާސް (2005) ހާމަކުރައްވައެވެ. މީގެއިތުރުން އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ގުނަވަންތައް ނުވަތަ ވޯކަލް އޯގަންޒް (އާޓިކިއުލޭޓަރޒް) ގެ ތެރެއިން އެންމެ ގިނަ ގުނަވަންތައް ހިމެނެނީ އަނގައިގެތެރޭގައިކަމަށް ޕީޓަރ ލެޑަފޯގެޑް (1993) ހާމަކުރައްވައެވެ. މިގޮތުން އަޑު އަދާކުރާ ރޯލަށްބަލައި މިގުނަވަންތައް ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ އެކްޓިވް އާޓިކއުލޭޓަރޒް އާއި ޕެސިވް އާޓިކިއުލޭޓަރޒް އެވެ. އެކްޓިވް އާޓިކިއުލޭޓާރޒް އަކީ އަޑު އުފެއްދުމަށް ބޮޑަށް ހަރަކާތްކުރާ ގުނަވަނެވެ. މިއީ ތިރީތުންފަތް ނުވަތަ ލޮވަރ ލިޕް އާއި ދޫ ނުވަތަ ޓަންގް އެވެ. ޕެސިވް އާޓިކިއުލޭޓަރޒް އަކީ އޯރަލް ޓްރެކްޓް ގެ ނުވަތަ އަނގައިގެތެރޭގައި އެހާބޮޑަށް ހަރަކާތް ނުކުރާ ، ނަމަވެސް އަޑުތައް އުފެއްދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެއްކަމަށް ޕީޓަރ ލެޑަފޯގެޑް (1993) ހާމަކުރައްވައެވެ.

އެކޫސްޓިކް ފޮނެޓިކްސް
އެކޫސްޓިކް ފޮނެޓިކްސް ގެ ރޮނގުން ދިރާސާ ކުރެވެނީ ވާހަކަދައްކާ މީހާގެ އަޑުވައިގެ ޒަރީއާއިން އަޑުއަހާމިހާގެ ކަންފަތާއި ހަމައަށް ދާއިރު އެއަޑުތަކުގައި ހުންނަ ސިފަތަކާއި ނުވަތަ ފިޒިކަލް ޕްރޮޕަރޓީޒް އާއި ބެހޭގޮތުންކަމަށް އެޑްވަރަޑް ފިނެގަން (2008) ހާމަކުރައްވައެވެ. މިގޮތުން އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ އެއް އުންސުރަކީ އަޑެވެ. އިންސާނުންނަށް އަޑެއް އިވެނީ އެއްޗެއް ތުރުތުރު އެޅުމުން އުފެދޭ ހަކަތަ، އޭގައި އެކުލެވޭ މާއްދީ ސިފަތަކާއެކު ވައިގެ ތެރޭގައި ދަތުރުކުރުމަށްފަހު، އިންސާނާގެ ކަންފަތާ ހަމައަށް ފޯރުމުން ސިކުނޑި އެއަޑު ދެނެގަތުމުންނެވެ. ކުލިއަރެންސް ސްޓޯލް، ޝެރޯން ހެންޑަރސަން ޓޭލަރ، ޖޭމްސް އީ ހޯޑް، (1991) ހާމަކުރައްވަނީ އަޑެއް އަޑަކަށްވަނީ އަޑުގައި އެކުލެވޭ މާއްދީ ސިފަތަކުގެ ސަބަބުންނެވެ. އަޑުގެ މާއްދީ ސިފަތަކަކީ އެއް އަޑު އަނެއް އަޑާ ތަފާތު ކުރުވާ އަދި އަޑު މުޅިން އެހެން އަޑަކަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަންވެސް ލިބިގެންވާ އެއްޗެކެވެ. މިގޮތުން އަޑުގައިވާ ތަބީޢީ ސިފަތައް ދެނެގަތުމަށް އެކޫސްޓިކް ފޮނެޓިކްސް އެހީވެދެއެވެ. ޑޭވިޑް އޮޑަން (2005) ބަޔާންކުރައްވަނީ އެކޫސްޓިކް ސިފަތައް ދަނެގަނެވޭނީ އަޑުގެ ތަބީޢީ ސިފަތަކުގެ މައްޗަށާއި، އަޑުދަތުރުކުރުމުގަ އި އަޑުބާނިތަކުގެ ސިފަތަކާއި، ސްޕެކްޓޯގްރާފުގައި ކުރަހާފައިވާ ސްޕެކްޓޯގްރާމްތަކުން ނެރެވޭ ކުރެހުންތަކުގެ އަލީގައެވެ. މައިކް ޑެވަންޕޮޓް އާއި އެސް ޖޭ ހަނާސް (2010) ހާމަކުރައްވަނީ އަޑުގެ ތަބީޢީ ސިފަތަކަކީ އަޑު ތަހުލީލު ކުރުމުގައި މުހިއްމު އާލާތެކެވެ. އަޑުގެ ތަބީޢީ ސިފައިގެ(ވޭވްފޯމް) އެހީގައި ވޯކަލްކޯޑް ތުރުތުރުއަޅާ ކޮންމެ ފަހަރަކު ވިންދު ހުންނަ މިންވަރު ދެނެގަނެވެއެވެ. ވާހަކަ ދައްކާއިރު ވައިގެ ޕްރެޝަރ ހުންނަ ތަފާތުތައް ވެސް ވޭވްފޯމްސްގެ އެހީގައި ވަޒަންކުރެވެއެވެ. އަޑުދަތުރުކުރުމުގައި އަޑުބާނިތަކުގެ ސިފަތައް ދެނެގަތުމުގައި އަޑުގެ ފްރިކުއެންސީ މިނަނީ ހާރޓްސްއިންނެވެ. ފްރިކުއެންސީއަކީ ސިކުންތެއްގެ ތެރޭގައި އަޑު ތުރުތުރުއަޅާ މިންވަރެވެ. އެމްޕްލިޓިއުޑް މިނަނީ ޑެސިބަލްސްއިންނެވެ. އަދި ފޭސް މިނަނީ ރޭޑިއަނުންނެވެ.

އަޑުބާނިތައް އުފެދެނީ ވައިގެ ތެރޭގައި އަޑު ދަތުރުކުރާއިރު އަޅާ ތުރުތުރުގެ ސަބަބުންނެވެ. މައިކް ޑެވަންޕޮޓް އާއި އެސް.ޖޭ ހަނަރސް (2005) ބަޔާންކުރައްވާގޮތުގައި އަޑުގެ ބާނިތައް ދެނެގަތުމުގައި އެންމެ މުހިއްމީ ފްރިކުއެންސީ އާއި އެމްޕްލިޓިއުޑްއެވެ. ފްރިކުއެންސީއަކީ އެއްބާނީ އަނެއްބާންޏާ ދެމެދުގެ ދުރުމިނެވެ. އަދި އެމްޕްލިޓިއުޑަކީ އަޑުބާނިތަކުގެ އުސްމިނެވެ. ކުލިއަރެންސް ސްލޯޓް އ.އ.ފ. ( 1978) ހާމަކުރައްވަނީ އަޑުގެ ބާނި )ވޭވްލެންތު) ބޮޑުވި ވަރަކަށް އަޑުގެ ބަރުމިން އިތުރުވާކަމަށެވެ. އެހެންކަމުން އަޑުގެ ބާނި ކުޑަކުރި ވަރަކަށް އަޑު ތޫލިކަން އިތުރުވަމުން ދާނެއެވެ.

އޮޑިޓަރީ ފޮނެޓިކްސް
އޮޑިޓަރީ ފޮނެޓިކްސް އަކީ އަޑު އަހާމީހާ އަޑުތައް ފާހަގަކުރާ ގޮތްތަކާއި އަދި ވަކިވަކި އަޑުތައް ދެނެގަންނަ ނުވަތަ ޕަރސިވް ކުރާ ގޮތްތަކާއި ބެހޭގޮތުން ދިރަސާކުރާ ޢިލްމުކަމަށް މައިކް ޑެވަންޕޮޓް އާއި އެސް.ޖޭ ހަނަރސް (2005) ހާމަކުރައްވާފައިވާއިރު، ޕީޓަރ ލެޑަފޯގެޑް (1993) ބަޔާންކޮށްފައިވަނީ އެއީ، ހަމައެހެންމެ އަޑުއަހާމީހާއަށް އަޑުތައް އިވޭ އަދި މޭރުންވާ ގޮތްތައް ކަމަށެވެ. އެހެންކަމުން ގިނަ ބަސްވާރުން އެއްބަސްވެ ލައްވާފަދައިން އޮޑިޓަރީ ފޮނެޓިކްސް ނުވަތަ ޕަރސެޕްޗުއަލް ފޮނެޓިކްސް އަކީ ފޮނެޓިކްސްގެ ޢިލްމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

އަޑު އުފެއްދުމަށް ބޭނުންކުރާ ހަކަތައާއި ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމް
އަޑު އުފެއްދުމަށް ބޭނުންކުރާ ހަކަތަ އަކީ އިންސާނުން ވާހަކަދައްކާ ބަސްތަކުގެ ހުރިހާ އަޑެއް ނުވަތަ ސްޕީޗް ސައުންޑްސް އުފެއްދުމަށް ހަކަތަ ނުވަތަ ސޯސް އޮފް ޕަވަރ އެއްގެ ގޮތުގައި ބޭނުންކުރަނީ ނޭވާލުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވަދެ ނިކުމެވާ ވައި ނުވަތަ އެއަރސްޓްރިމް ކަމަށް ލެޑްރޯގެޑް،ޕީ (1993) ހާމަކުރައްވައެވެ. މިގޮތުން ހަށިގަނޑަށް ވަދެ ނިކުމެވާ ވައި ނުވަތަ އެއަރސްޓްރީމަށް ކިޔަނީ ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމް އެވެ. މި މެކެނިޒަމް އަކީ ފުއްޕާމެއިން ބޭރަށް ދަތުރުކުރާ ވައިގެ ނިޒާމެވެ. އަދި މި މެކެނިޒަމް މިހާތަނަށް ދިރާސާކުރެވުނު ހުރިހާ ބަހެއްގައިވެސް ބޭނުންކުރާކަމަށް މައިކް ޑެވަންޕޮޓް އާއި އެސް.ޖޭ ހަނަރސް (2005) ހާމަކުރައްވައެވެ.

ފުއްޕާމެއިން ބޭރަށް ދަތުރުކުރާ ވައިގެ ނިޒާމުގައި އަޑުއުފެއްދުމަށް ބޭނުންކުރާ ހަކަތަ ނުވަތަ ވައިފަށް ހަށިގަނޑުގެ ބޭރަށް ނިކުތުމަށްޓަކައި ދަތުރު ކުރަން ފަށާ ހިސާބަކީ ނުވަތަ ފަށާ ގުނަވަނަކީ ފުއްޕާމެއި ނުވަތަ ލަންގްސް ކަމަށް ލެޑަފޯގެޑް،ފީ (1993) އާއި ހަވާލާދެއްވައި ޒާހިޔާ ޒަރީރު (2011) ވިދާޅުވެއެވެ. ފުއްޕާމެއަކީ ނުވަތަ ލަންގްސް އަކީ މޭކަށިގަނޑާއި ޑައިފްރަމް ގެ އެހީގައި ރައްކާތެރިކުރެވިފައިވާ ގުނަވަނެކެވެ. އެތެރެއަށް ނޭވާލާއިރު ފުއްޕާމެއަށް ވައި ވެއްދުމަށްޓަކައި ފުއްޕާމޭގެ ދަށުގައި އޮންނަ ތުނި މަސްގަނޑެއް ކަމަށްވާ ޑައިފްރަމް ތިރިކޮށްލައެވެ. އަދި ފުއްޕާމެއިން ވައި ބޭރުކުރުމަށްޓަކައި މޭކަށިގަނޑު ނުވަތަ ރިބްކޭޖް ތިރިކޮށްލުމަށްފަހު ބަނޑުގެ މަސްތަކުގެ އެހީގައި ޑައިފްރަމް އުފުލާލައެވެ. މިގޮތަށް ފުއްޕާމެއިން ބޭރުކުރެވޭ ވައި ހަށިގަނޑުން ބޭރުވުމަށްޓަކައި ދަތުރުކުރަންޖެހެނީ އިންސާނާ ވާހަކަދެއްކުމަށް ބޭނުންކުރާ ގުނަވަންތައް ހުރަސްކޮށްގެންނެވެ. އެހެންކަމުން މިނިޒާމުގައި އަޑުތައް އުފައްދަނީ ބޭރަށް ނޭވާލާއިރު، ފުއްޕާމެއިން ފެށިގެން ވައިނޮޅީގެ ތެރެއިން ލަގޮނޑި ހުރަސްކޮށް ކަރުތެރެއިން ލާފައި އަނގައިންނާއި ނޭފަތުން ހަށިގަނޑުގެ ބޭރަށް ދަތުރުކުރާ ވައި ބޭނުންކޮށްގެންކަމަށް ޒާހިޔާ ޒަރީރު (2011) ވިދާޅުވެއެވެ.

އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތަކުގެތެރެއިން މިހާތަނަށް ދިރާސާކުރެވުނު ހުރިހާ ބަހެއްގައިވެސް ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް ނުވަތަ ފުއްޕާމެއިން ބޭރަށް ދަތުރުކުރާ ވައިގެ ނިޒާމް ބޭނުންކުރާކަމަށް މައިކް ޑެވަންޕޮޓް އާއި އެސް.ޖޭ ހަނަރސް ހާމަކުރައްވައެވެ. މިކަމަށްބާރުދެއްވަމުން ލެޑަފޯގެޑް،ފީ (1993) އާއި ހަވާލާދެއްވައި ޒާހިޔާ ޒަރީރު (2011) ވިދާޅުވެފައިވަނީ ވާހަކަދެއްކުމަށް އިންސާނާ ބޭނުންކުރާ އަޑުތަކުގެ ތެރެއިން މިހާތަނަށް ދިރާސާތަކުން ހޯދިފައިވާ ގާތްގަނޑަކަށް ހުރިހާ އަޑެއް ނުވަތަ ވަރަށްގިނަ އަޑު އުފައްދަނީ ހަމަ ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމް ބޭނުންކޮށްގެންނެވެ. އިނގިރޭސި ބަހުން ބޭނުންކުރާ ހަމައެކަނި ވައިގެ ނިޒާމަކީ ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމް ނަމަވެސް ދިވެހި ބަހުގައި މަދުންނަމަވެސް މިފަދަ އަޑުތައް ފާހަގަކުރެވޭކަމަށާއި އެއީ، ” ޗޮއް” ކަނޑާ އަޑާއި ”ނޫނެކޭ” ބުނުމަށް ދިވެހިބަހުން ބޭނުންކުރާ ”ޕުޗުސް” އަޑު ފަދަ އަޑުތައް ފިޔަވާ އެހެން ހުރިހާ އަޑެއްވެސް އުފައްދާ ފުއްޕާމެއިން ބޭރަށްދަތުރުކުރާ ވައިގެ ނިޒާމް ބޭނުންކޮށްގެންކަމަށް ޒާހިޔާ ޒަރީރު (2011) ވިދާޅުވެފައިވެއެވެ. މިގޮތުން ނޭވާލުމުގެ ނިޒާމުގެ ތެރެއިން ދަތުރުކުރާ ވައި އެކި ގުނަވަންތަކާއި ހިސާބުން ބަންދުކޮށްލުމުން އެ ބަންދުކުރި ހިސާބެއްގައިވާ ގުނަވަނަކުން ފެށިގެން އަނގައާއި ދޭތެރޭ ޕްރެޝަރ އުފެއްދެއެވެ. މިގޮތަށް ވައި ބަންދުކޮށްލުމަށްފަހު ، ވައި’ ބަންދުވާ ހިސާބުގައި ވާ ގުނަވަނެއް އުފުލައި ނުވަތަ ތިރިކޮށްގެން އެ އުފެދޭ ވައިގަނޑު އެތެރެއަށް ނުވަތަ ބޭރަށް ފޮނުވާލައެވެ.

މިގޮތުން ބައެއް ހިސާބުތަކުގައި ބޭނުންކުރާ އަޑުތައް އުފެއްދުމަށްޓަކައި ވޯކަލް ކޯޑްސް ނުވަތަ އަޑުރާރާ ބެދޭތަން ނުވަތަ ގްލޮޓިސް އެއްކޮށް ބަންދުކޮށްލާކަމަށް ލެޑަފޯގެޑް،ފީ (1993) ހާމަކުރައްވައެވެ. މިހެން ވުމުން ގްލޮޓިސް ގެ ތިރިން ގްލޮޓިސް އާއި ފުއްޕާމެއާއި ދޭތެރޭވެސް ވައިގަނޑެއް އުފެއްދެއެވެ. ހަމައެގޮތަށް ބަންދުކުރެވިފައިވާ ގްލޮޓިސްގެ މަތިން ގްލޮޓިސް އާއި އަނގަ އާއި ދެމެދު ވެސް އެތެރެއަށް ނުވަތަ ބޭރަށް ފޮނުވާލެވޭނެ ވައިގަނޑެއް އުފެއްދޭކަމަށް މައިކް ޑެވަންޕޮޓް އާއި އެސް.ޖޭ ހަނަރސް (2010) ހާމަކުރައްވައެވެ. އަދި މިގޮތަށް ވައި ބަންދުކޮށްފައި ބަހައްޓައިގެން ގްލޮޓިސް މައްޗަށް އުފުލާލުމުން އެ ވައިގަނޑު ބޭރުކޮށްލެވޭކަމަށާއި، އަނެއްކޮޅުން ގްލޮޓިސް ތިރިކޮށްލައިފިނަމަ ވައިގަނޑު އެތެރެއަށް ވައްދާލާކަމަށް ލެޑަފޯގެޑް،ފީ (1993) ހާމަކުރައްވައެެވެ. މިދެގޮތުންކުރެ ގޮތެއް ބޭނުންކޮށްގެން އުފައްދާ އަޑުތައް ވެސް އެ ބޭނުންކުރާ ނިޒާމަކީ ގްލޮޓިކް އެއަރސްޓރީމް މެކެނިޒަމް ކަމަށް އެޑްވަރަޑް ފިނެގަން (2008) ހާމަކުރައްވައެވެ. އެހެންކަމުން ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމް ގެ ތެރެިއން ގްލޮޓިކްސް އެއަރސްޓްރީމް މެކެނިޒަމް އެއް އުފައްދާގޮތް އެގިގެންދެއެވެ. އަދި އަޑު އުފެއްދުމަށް ބޭނުންކުރާ ހަކަތައާއި ޕަލްމޯނިކް އީގްރެސިވް އެއަރސްޓްރީމް މެކެނިޒަމަކީ ކޮބައިކަން ވެސް އެގިގެން ދެއެވެ.

ރިފަރެންސް
ނޯމް ޗޮމްސްކީ. (2006). ލޭންގުއޭޖް އެންޑް މައިންޑް. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ.
ކްލޭރެންސް ސޮލޮޓް، ޝޭރޮން ހެންޑަރސަން ޓެއިލަރ، ޖޭމްސް އީ.ހޯރޑް.(1978).އިިންޓްރޮޑަކްޝަން ޓު ފޮނޮލޮޖީ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ: ޕްރިންޓިސް ހޯލް އިންކް.
އެޑްވަރަޑް ފިނެގަން. (2008). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް (ފަސްވަނަ އެޑިޝަން).ކެލެފޯނިއަރ: ޔުނިވަރސިޓީ އޮފް ސަދަން ކެލެފޯނިއަރ.
މައިކް ޑެވަންޓޮޕް. އެސް.ޖޭ ހަނަރސް.(2005).އިންޓްރޮޑިއުސިންގ ފޮނެޓިކްސް އެންޑް ފޮނޮލޮޖީ. ގްރޭޓް ވްރިޓްން. ހޮޑަރ އެޑިޔުކޭޝަން.
މައިކް ޑެވަންޓޮޕް. އެސް.ޖޭ ހަނަރސް.(2010).އިންޓްރޮޑިއުސިންގ ފޮނެޓިކްސް އެންޑް ފޮނޮލޮޖީ. ލަންޑަން. ހޮޑަރ އެޑިޔުކޭޝަން.
ޝެއިހު އަލީ ހާން. ( އަހަރު ނެތް). ދަ ފޮނެޓިކް ޑިސްކްރިޕްޝަން އޮފް ހަލީލް ބިން އަހްމަދު އިން ހިސް ބުކް ހިތާބް އަލް އައިން އެންޑް ދަ ކޭސް އޮފް އިންޑިއަން ފޮނެޓިކްސް އެފެކްޓް. އަ ޑިސްކްރިޕްޓިވް ރިވިއު. ނެގީ؛ http://www.britannica.com/biography/al-Khalil-ibn-Ahmad ން.
ޒާހިޔާ ޒަރީރު.(2011). ލެޗަރ ނޯޓް. ފުރަތަމަ ސެމިސްޓަރ 2011. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. މާލެ.
ޖޯޖު ޔޫލް. (2010). ދަ ސްޓަޑީ އޮފް ލޭންޖްއޭޖް (ހަތަރުވަނަ އެޑިޝަން). ނިވްޔޯކް: ހޮޑަރއެންޑް ސްޓަފްޓަން. ކެމްބްރިޖް ޔުނވަރސިޓީ ޕްރެސް.
ޕީޓަރ ލެޑަފޯގެޑް.(1993). އަ ކޯސް އިން ފޮނެޓިކްސް. ނެގީ: http://www.ling.upenn.edu/~gene/courses/530/readings/Ladefoged1993.pdf ން.
ޑޭވިޑް އޮޑެން.(2005). އިންޓްރޮޑިއުސިންގް ފޮނޮލޮޖީ.ލަންޑަން: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.