ދިވެހިރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ “ނޯ-ޕްލާސްޓިކް މޯލްޑިވްސް” ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފިއެވެ.

‎ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން، ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން މި ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފައިވަނީ ރޭ ބޭއްވި އިންތިހާބީ ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ވާޗުއަލްކޮށެވެ.

ޖަލްސާގެ ކުރިން ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތުގައި ސެކްރެޓަރީގެ މަގާމު ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލާފައިވަނީ އެންމެ މީހެއްކަމުން، ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ ދަށުން މި ޖަލްސާގައި ވޯޓު ނަގާފައިވަނީ ހަމައެކަނި ސެކްރެޓަރީގެ މަގާމަށެވެ.

‎ތިރީގައި މިވަނީ ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ކޮމެޓީގައި ތިއްބަވާނެ ފަރާތްތަކެވެ. މިފަރާތްތައް މި މަގާމުތަކަށް އިންތިހާބު ކޮށްފައިވަނީ ދެއަހަރުގެ މުއްދަތަކަށެވެ.

‎ރައީސް: އަހުމަދު ނުއުމާން

‎ނައިބު ރައީސް: ޝަމްޢާން ޝާކިރު

‎ސެކްރެޓަރީ: ހަނާން ސައީދު

‎ޚަޒާންދާރު: ނުޒްހާ ނާޝިދު

‎ބޯޑް މެންބަރުން: އެޒްގީ ކްރިސްޓެލް މެންޓޭސް، މުހައްމަދު އަދުނާން

‎ނޯ ޕްލާސްޓިކް މޯލްޑިވްސްއިން މިދިޔަ އަހަރުގައި ވަނީ ޕްލާސްޓިކާ ދެކޮޅަށް، ވީއޭއެމްކޯ ކުންފުންޏާއި ގުޅިގެން “ކާކު ނޫނެކޭ ބުނާނީ”ގެ ނަމުގައި ފޮޓޯ ކެމްޕެއިނެއް ބާއްވާފައެވެ. އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު، ކާކު ނޫނެކޭ ބުނާނީ ކެމްޕެއިންގެ އަމާޒަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރުގޮތެއް އިހުތިޔާރުކުރުމުގެ އާދަ އަށަގެންނެވުމާއި އަދި ޕްލާސްޓިކާއި ނުލާވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވޭނެކަން އަންގައިދިނުމެވެ.

މީގެ އިތުރުންވެސް ޕްލާސްޓިކާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެެއް ވާނީ ހިންގާފައެވެ. މި ޖަމްއިއްޔާގެ އުންމީދަކީ މިރޭ އިންތިހާބުވި އާ ބޯޑާއި އެކު، ޖަމްއިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުމެވެ. އެގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ ޕްލާސްޓިކް ފޭސްއައުޓް ކެމްޕެއިންނާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމާއި އަދި އެދާއިރާގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

މިޖަމުއިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކާއި އަދި މަޝްރޫއުތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުނަށް ވަނީ ހުޅުވާލާފައެވެ. ޖަމުއިއްޔާގެ މީސްމީޑިއާގެ މަންސަތަކުގައި ހަރަކާތްތަކާއި އަދި އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.