ބިޝާރާ ވިހަނީ ކޮންއެއްޗެއްބާ؟

“އަހަރެން – އެކަމަކު – އަހަންނަށް މާފްކުރޭ ޔަރަސް، ޕްލީޒް އަންޑަސްޓޭންޓް ވެބަލަ.” މިހެން ބުނުމާއިއެކު ބިޝާރާ ކުރުގެޅިލިއެވެ. ބާރަށް ދެއަތުން އޭނާގެ ބަނޑުގައި ހިފަހައްޓަމުން ފުންކޮށް ނޭވާލާން ފެށި އެވެ.

“ކިހިނެތްވީ؟” ޔަރަސް ގެ ރުޅިގަނޑު ހަމްދަރުދީ އަށް ބަދަލުވެއްޖެ އެވެ.

“ދަރިފުޅު…. މަށަށް ހީވަނީ ވަގުތު ޖެހުނީހެން.”

“އޯހް، ޝިޓް، އައިއޭމް ސޮރީ.”

“ބިޝް. އޯހް ގޯޑް، އަހަންނަށް މިވަނީ ކިހިނެތްތަ؟ އަހަރެންގެ މަންމަ ކައިރިއަށް އަވަހަށް ދެވޭތޯ ބަލަން ހިނގާ!” މާބުރަކަމެއް ނެތި ވަރަށް ފަސޭހަކަމާއެކު ބިޝާރާ އުފުލާލަމުން ބާރު ވައިރޯޅިއެއް ފަދައިން ކިއްލާ އާއި ދިމާއަށް ޔަރަސް ދުއްވައިގަތެވެ.”

 

ބިޝާރާ ހަޅޭއްލަވަމުން ރޮނީ އެވެ. ބިޝާރާ ގެ ކައިރީގައި ހުރި ޑޮކްޓަރަކީ ވިއްސުމަށް ތަޖުރިބާކާރު ޑޮކްޓެކެވެ. ނަމަވެސް އެއީ އިންސާނުން ވިއްސުމަށެވެ. ބިޝާރާ ގެ ރަހިމުން ނިކުންނަން މަސައްކަތް ކުރަމުން ދަނީ ވޭމްޕަޔަރެކެވެ. ޑޮކްޓަރެއް ނަމަވެސް މިފަދަ ކަމެއް ވެދާނެކަން މީގެ ކުރިން ޚުދު އޭނާއަށްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ޔަރަސް އާއި ބިޝާރާ ކައިވެނި ކުރިފަހުން އެތަކެއް އާދަޔާޚިލާފް ކަންތައް ތަކެއް ހިނގަމުން އަންނަކަން ޑޮކްޓަރަށް ވެސް ވަނީ އެނގިފައެވެ.

ޔަރަސް ހުރީ ބިޝާރާ ގެ އަތުގައި ހިފަހައްޓައިގެންވެ. ބިޝާރާގެ އިނގިިލިތަކުން ޔަރަސް ގެ އަތުގައި ވަނީ ބާރަށް ހިފަހައްޓާލާފައެވެ. ބިޝާރާ ބާއްވާފައިވާ އޮތް އެނދުގެ އަނެއްފަރާތުގައި ޔަރަސް ގެ މަންމަ ޔާސްމީން ހުއްޓެވެ. ބިޝާރާ ފުންކޮށް ނޭވާލުމަށް ތަކުރާރުކޮށް ހަނދާންކޮށްދެމުން އޭނާ ގެންދިޔައެވެ. މާނޭވާ ލަމުން ބިޝާރާ ހަޅޭއްލަވަމުންދިޔައިރު އޭނާގެ އަނގައިން ކުޅުވެސް ބުރަމުން ދިޔައެވެ. ކިތަންމެ މަޑުމައިތިރި މިޒާޖެއްގެ މީހެއް ނަމަވެސް މިއަދު ބިޝާރާ ގެ އަނގައިން އަވަގުރާނަ ގޮވަމުން ހަޅޭއްލަވަމުން ދާތަން ޔަރަސް ބަލަން ހުރީ ހާސްކަމެއްެ ތެރޭގައެވެ. އިރުއިރުކޮޅުން ބިޝާރާ އަށް ހޮޑުވެސް ލެވެއެވެ. ބިޝާރާ އަށް ހޮޑުލެވޭ ކޮންމެ ފަހަރަކު މަޔޫރިކާ އާއި ދިމާއަށް ޔަރަސް ހަޅޭއްލަވައިގަނެ އެވެ. މަޔޫރިކާ އަށް ބިރުދައްކައިގެން ހޮޑުތައް ސާފުކުރުވުމަށެވެ. ބަގީޗާ ތެރެއިން މަޔޫރިކާ އަށް ޔަރަސް އިންޒާރުދިން ނަމަވެސް ބިޝާރާ ވިހެއުމަށް ތައްޔާރުވީ ވަގުތުން ފެށިގެން މަޔޫރިކާ އެ ހުންނަނީ ބިޝާރާ ގެ ކައިރީގައެވެ. ބިޝާރާ އަށް ޚިދުމަތް ކޮށްދިނުމަށެވެ. މަޔޫރިކާ އުއްމީދު ކުރަމުން ދަނީ ޔަރަސް އަށް ދަރިއަކު ލިބުމުން އެކަމުގެ އުފަލުގައި ނަމަވެސް މަޔޫރިކާ އަށް ޔަރަސް މާފްކުރާނެ ކަމަށެވެ.

ބިޝާރާ ގެ ބަނޑަށް އަރަމުންދާ ކޮންމެ ވޭންވަރަކާއި އެކުގައި އޭނާގެ ހަޅޭކުގެ އަޑު ގަދަވެގެން ދެއެވެ. ހީވާކަހަލަ އެވެ. ބިޝާރާ ގެ ރަހިމު ތެރޭގައި ވަކިއަޅުވާލައިގެން ނުނިކުތުމަށް ކޮންމެވެސް މަޚްލޫގެއް އޮތީ އެވެ. ބިޝާރާ ގެ ހަށިގަނޑުގައި ވޭން ނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ. ގައިގެ ކަށިތައްވެސް ހީވަނީ މުގުރެމުން އަންނަހެންނެވެ. މަސްތައް އިރެމުން، ވީދެމުން ދާހެންނެވެ.

“ކިހާބޮޑު ބަލާޔެއް! ތި އެއްޗެއް އަދިވެސް މަގޭ ހަށިގަނޑުން ނިކުންނާކަށް ނޫޅެންތަ!؟؟” އެއްވެސް އިޚްތިޔާރަކާއި ނުލައި މިފަހަރު ބިޝާރާ ގެ އަނގައިން ބޭރުވީ ޚުދު އޭނާ ގެ ހިތަށްވެސް ނާރާ ބަސްތަކެކެވެ. ބިޝާރާ ގެ އެ ބަސްތައް އަޑުއިވިފައި ޔަރަސް ގެ ލޭ ކެކިގެން ދިޔައެވެ. އެހެންނަމަވެސް އަމިއްލަ ނަފުސު ހަމަޖެއްސުން ނޫންގޮތެއް ޔަރަސް އަށް ނެތްކަން އެނގޭތީ ހަމަޖެހިލި އެވެ.

“ތި އެއްޗެއް ދަމާ ނެރެބަ! ހާދަ ތަދެކޭ މިވަނީ!!” އަނެއްކާވެސް ބިޝާރާ އަށް ހަޅޭއްލަވައިގަނެވުނެވެ.

ބިޝާރާގެ ނިތްކުރިމަތީގައި ހުރި ދާތިކިތައް ޔަރަސް ގެ އަތުން ފޮހެލި އެވެ.

“ވަރަށް އަވަހަށް ނިމިދާނޭ ބިޝް. ޑޮކްޓަރު ބުނާގޮތް ހަދައިގެން ކެތްކޮށްލާ. ޑޮކްޓަރު ބުނާނެ ޕުޝް ކޮށްލަން ވީމަ އޯކޭ.” ޔަރަސް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

“ކަލެއަށްތަ އެނގެނީ! މީ ކަލޭގެ ކަންތަކޭ!! އަހަރެން ހަމަ މިހާރު މިވަގުތުވެސް ބޭނުންވަނީ އެއެއްޗެއް ބޭރުކޮށްލަން!!” އެއްވެސް ޖެހިލުންވުމެއް ނެތި ޔަރަސް އާއި ދިމާއަށް ބިޝާރާ ހިތުހުރި އެއްޗެއް ގޮވައިގަތެވެ.

“ބޭނުންވިޔަސް ވަގުތު ނުޖެހެން ދެން ނުވާނެ!” މިފަހަރު ވާހަކަދެއްކީ ޑޮކްޓަރެވެ. ޑޮކްޓަރު މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހޭގޮތް ދެއްކުމަށެވެ. ނަމަވެސް އޭނާ ހުރީ ހާސްވެ، ބިރުގެންފަ އެވެ. އިންސާނެއްގެ ބަނޑުން ވޭމްޕަޔަރެއް ވިއްސުމަކީ އެ ޑޮކްޓަރު މީގެ ކުރިން ކުރިކަމެއް ނޫނެވެ. ވޭމްޕަޔަރުންނަކީ ބާރުގަދަ މަޚްލޫޤަކަށް ވާއިރު، ބިޝާރާ އެއްކޮށް ނޮޅައިލާފާނެ ކަމުގެ ބިރު ޑޮކްޓަރުގެ ހިތުތެރޭގައި ހިނގަމުން ދެއެވެ. މިހާރުވެސް ބިޝާރާ އަށް ވާވަރު ފެނިފައި ބިރުނުގަންނާނެ މީހަކު ނުހުންނާނެ އެވެ.

“ކޮންމެވެސް ކަމެއް ކޮށްބަލަ!!” ޑޮކްޓަރާއި ދިމާއަށް ޔަރަސް ފިލިގަތެވެ. “ކަލޭތީ ކަމެއް ނުކޮށް މިތާ ހުންނަ ގެނައި މީހެއްތަ؟ މަގޭ ބިޝް އެއުޅެނީ މަރުވެޔޭ!

“އަޅު…އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް. ބޭނުންވާ ވަރަށް މެޑަމް އަށް ޑައިލޭޓް ނުވެވެނީ. ޕްލީޒް ކެތްތެރިވެލައްވާ.” ބިރުން ހުރެ ނަމަވެސް ޑޮކްޓަރު ހާމަކުރީ ޙަޤީގަތެވެ.

“ތިހެން ކަލޭ ބުންޏަސް އަހަރެން ކިހިނެތްތަ މަޑުން ހުންނާނީ! މަގޭ ވައިފް ކިހާ ހާލެއްގަ ތެޅިފޮޅެމުން އެދަނީ؟!!”

“ޔަރަސް، ޕްލީޒް ހަމަޖެހިބަލަ.” ޔަރަސް ރުޅިގަދަވާން ފެށުމުން މިފަހަރު ވާހަކަދެއްކީ ބިޝާރާ އެވެ.”ކުދިން ވިހެއުމަކީ ޕާކެއްގަ ހިނގާލުންހާ ފަސޭހަ ކަމެއް ނޫނޭ.” ވަރަށް މަސައްކަތުން މިހެން ބުނުމާއި އެކު ބިޝާރާ ހެއިނެތިއްޖެ އެވެ. މޫނު އެއްކޮށް ދުޅަވެ، ނޭވާ ހިނގުން އަވަސް ވެއްޖެ އެވެ. ޔަރަސް ގެ ކަންބޮޑުވުން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. އެއްފަހަރު އޭނާގެ މަންމަ އަށް، އަނެއްފަހަރު ބިޝާރާ އަށް ބަލަބަލައި ހުރެވުނީ ހަދާނެ އެހެން ގޮތެއް ނެތީމަ އެވެ. އެ ކޮޓަރިން ބޭރުގައި ޔަރަސް ގެ ބައްޕަވެސް ކޮޅުކޮޅަށް ހިނގަހިނގައި ހުއްޓެވެ. ބިޝާރާ އެންމެ ފަހުން ލީ ހޮޑުތައް ސާފުކުރުމަށްފަހު ކޮޓަރީގެ ބިތެއްގައި ލެނގިލައިގެން ހުރީ އޭނާގެ ބޭނުން ހަމަ ކޮންމެ ވަގުތެއްގައިވެސް ޖެހިދާނެކަމަށް ތައްޔާރުވެގެން ނެވެ.

 

ހޭއެރިފަހުން ބިޝާރާ ގެ ބަނޑަށް އަރަމުންދިޔަ ގަދަފަދަ ވޭންވަރު އެތައް އިރަކަށް ދެމިގެން ހިނގައްޖެ އެވެ. އެތައް ގަޑިއިރެއް ފަހެވެ. އެންމެ ފަހުން  ވަގުތު އައިސް ޖެހިއްޖެ އެވެ. ފުން ނޭވާއެއް އެތެރެއަށް ލުމަށްފަހު ބޭރަށް ފިލިގަންނަން ޖެހޭ ވަގުތެވެ.

“އެތެރެއަށް ނޭވައެއް ލަމުން މަޑުމަޑުން ޕުޝް ކޮށްލާ. މަޑުމަޑުން ޕުޝް، ޕުސް އިނގޭ.” ވިހެއުމަށް ފިލެން ޖެހޭގޮތް ޑޮކްޓަރު ބުނެދެމުންދިޔައިރު ޑޮކްޓަރު އެ ބުނާގޮތް ހެދޭތޯ ބިޝާރާ މަސައްކަތް ކުރަމުންދިޔައެވެ. އެކަމަކު އިރުކޮޅެއް ފަހުން ބިޝާރާ ބާރަށް ހަޅޭއްލަވައިގަތެވެ.

“ތިބުނާ ކޮންޓްރެކްޝަން އަކާއި އެކީގަ މަށަކަށް ޕުޝް އެއް ނުކުރެވޭ!! ހާދަ ތަދެކޭ މިވަނީ! ހީވަނީ މަގޭ ކަށިތައް ކުދިކުދިވަމުންދާހެންނޭ ޑޮކްޓަރ.”

“ޑޮކްޓަރު ބުނާގޮތް ހަދަން ޖެހޭނޭ ބިޝް.” ބިޝާރާ އާއި ދިމާއަށް ގުދުވަމުން، ދަލުން ތެމިފައިވަ ބިޝާރާގެ ނިތްކުރީގައި ޔަރަސް ގެ ތުންފަތް ޖައްސައިލި އެވެ. އެވަގުތު ޔަރަސް ވަރަށް ދެރަވިއެވެ. އޭނާގެ ސަބަބުން ބިޝާރާ އަށް ލިބެމުންދާ ވޭން އިހްސާސް ކުރެވުނީމައެވެ. ކުއްލިއަކަށް ރުޅިއައިސް ރަތްވެފައިހުރެ ޔަރަސް އެނބުރުނީ ޑޮކްޓަރާއި ދިމާއަށެވެ.

“ކީއްވެތަ އޭތި އެތާ ތެރޭގައި މާބޮޑަށް ގަދަކޮށްލައިގެން އެ އުޅެނީ؟ އެވަރަށް ގަދަ ދައްކާއިރު ކިހިނެތް އޭތި ނެރޭނީ؟” މިފަހަރު ޔަރަސް ގެ ބަސްމަގު ހުރީ އިންސާނެއްގެ ބަސްމަގުވެސް ހުންނާނެ ގޮތަށެވެ. ބިޝާރާގެ ބަނޑުތެރޭގައި އޮތް ޔަރަސް ގެ ދަރިފުޅަށް ނިސްބަތް އެކުރީވެސް ‘އޭތި’ ގެ ނަމުންނެވެ.

ލިބުނު ހައިރާން ކަމާއެކު ޑޮކްޓަރު ޖަވާބު ދިނީ ކުރުކޮށެވެ. “އަޅުގަނޑަކަށް ނޭނގޭ.”

“ކީކޭ؟ ކަލެޔަކަށް ނޭނގޭ!!؟؟”

ޔަރަސް ގެ ރުޅި އިންތިހާއަށް ދިޔައީ ޑޮކްޓަރުގެ ކުރު ޖަވާބު އަޑުއިވުމުންނެވެ. ޔަރަސް ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފައިވާކަން އެނގުމުން ޑޮކްޓަރު ހުރީ ބިރުން ވިރިވިރި އެވެ. ކިރިޔާވެސް ކަމެއް ގޯސް ވެއްޖެއްޔާ އޭނާގެ ދުވަސް ދާނެކަން އެނގޭތީ އެވެ.

“އަޅު- އަޅުގަނޑު – އަޅުގަނޑު ނުވިއްސަން – ވޭމްޕަޔަރެއް – މީގެކުރިއަކުން. މިފެންނަ ކަންތައްތަކަކީ އާއްމުކޮށް ހިނގާ ކަމެއް ނޫން. ވޭމްޕަޔަރުންނަކީ އުފައްދަން ޖެހޭ އެއްޗެއް، އުފަންވާ އެއްޗެއް ނޫން.”

“ކަލޭ މޮޔަވީތަ؟ ބަލަ ކަލެޔަށް ނުފެންނަނީތަ އިންސާނެއްގެ ބަނޑުން ވޭމްޕަޔަރެއް އުފަންވާން އުޅޭތަން. ޚަބަރުދާރު! ނަމަނަމަ މަގޭ އަންހެނުންނާ ދަރިފުޅަށް ކަމެއްވިޔަ ނުދޭތި!!:

ބިރުން ފުކަކަށް ވެފައިހުރެ ޑޮކްޓަރު އެނބުރުނީ ބިޝާރާ އާއި ދިމާއަށެވެ.

“ކޮންޓްރެކްޝަން އާ އެކު ޕުޝް ކޮށްލާ. މަސައްކަތް ކުރޭ. އޭރުން މިކަން އަވަހަށް ނިމޭނީ.” އަނެއްކާވެސް ބިޝާރާ ކަންކުރަންވީގޮތް ޑޮކްޓަރު ކިޔައިދޭންފެށި އެވެ.

އިރުކޮޅެއް ފަހުން ބިޝާރާ ގެ ބަނޑަށް އައި ގަދަ ވޭންވަރުގައި ޑޮކްޓަރު ބުނިގޮތަށް ބިޝާރާ ފިލެން ފެށިއެވެ. ކިތަންމެ ތަދުވިޔަސް ފަރުވާލެއް ނުބެހެއްޓުމަށް ނިންމަމުންނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ބިޝާރާ އަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ޔަރަސް މަސައްކަތް ކުރަމުން ގެންދިޔައީ ބިޝާރާ ހަމަޖެއްސުމަށެވެ. ބިޝާރާގެ ކަންފަތްދޮށުގައި މަޑުމަޑުން ވާހަކަ ދައްކަމުން ހިތްވަރުގެ ބަސްތައް ބުނަމުންނެވެ. އިސްއުފުލައިލަމުން ޔަރަސް ގެ މޫނަށް ބިޝާރާ ބަލައިލި އެވެ. އެވަގުތު އައި ތޫނު ތަދާއިއެކުވެސް ގަދަކަމުން ހިނިތުންވަމުންނެވެ.

“ޔަރަސް؟” ޔަރަސް ގެ ކަންބޮޑުވުން ފެނިފައި ބިޝާރާ ވެސް އިތުރަށް ކަންބޮޑުވި އެވެ. “ޔަރަސް، ކިހިނެތްވީ؟”

“ކަމެއް ނުވޭ.” އޯގާތެރިކަމާއިއެކު ބިޝާރަ ގެ މޫނަށް ބަލައިލަމުން ޔަރަސް ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފޮރުވަމުންނެވެ.

އޭރުވެސް ފަހަރެއް ފަހަރަކަށް ވުރެން ގަދަ ވޭންވަރެއް އަޅަމުންދިޔައެވެ. ކޮންމެ ވޭންވަރަކާއި އެކު ޑޮކްޓަރު ބުނިގޮތަށް ފިލެމުން، ބާރުލަމުން ދިޔައެވެ. ކުއްލިއަކަށް ބިޝާރާ ގެ ރަހިމުގެ ދޮރަށް މާގަދަފަދަ ޕްރެޝަރެއް އިހްސާސް ކުރެވިއްޖެ އެވެ. ހަމަ އެވަގުތު ކުޑަކުޑަ ބޮލެއް ބޭރުވާން ފަށައިފި އެވެ. ހިތްވަރުކޮށްފައި ކުރިއަށްވުރެން ބާރަށް ފިލެން ފެށިއެވެ. އެވަގުތު ތުއްތު ކުއްޖާގެ ހަށިގަނޑުވެސް ބޭރަށް ނިކުމެއްޖެ އެވެ. އެކުއްޖާ ވެއްޓުނީ ހުޝިޔާރުވެ ހުރި ޑޮކްޓަރުގެ ދެއަތްތިލަ ތެރެއަށެވެ.

“އަސްތާ، މިއީ…..” ލެއިން ކަޅިވެފައި އޮތް އެ ތުއްތު ކުއްޖާ އަށް ބަލައިލަމުން ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.