ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު ބަޖެޓްގެ ފިލްމު “ނޮވެމްބަރ“ގެ ވަރަށް ތަފާތު، އަދި އެހާމެ ހިތްގައިމު ޕޯސްޓަރެއް އާއްމުކޮށްފިއެވެ. ސިންގަޕޫރުގެ ‘ޗަންގީ އެއަރޕޯޓް’ގެ ހިތްގައިމު މަންޒަރެއް މި ޕޯސްޓަރުން ފެނިގެންދެއެވެ.

މި ދިޔަ އަހަރުގެ ޖުލައި މަހު ފިލްމު “ނޮވެމްބަރ” ރިލީޒްކުރަން ނިންމާފައިވީ ނަމަވެސް އެ ތާރީޚު ވަނީ 2021 ވަނަ އަހަރަށް ފަސްކޮށްފައެވެ. މި ފިލްމް ރިލީޒް ކުރުން ލަސްކޮށްފައި ވަނީ ގިނަ ފަރާތްތަކަކަށް ކޮވިޑްގެ ބިރުވެރިކަމެއް ނެތި ފިލްމު ބެލުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ. ނަމަވެސް، ކޮވިޑް-19 ތިންވަނަ ރާޅުގެ ބިރުވެރިކަމާ ރާއްޖެ ކުރިމަތިލާފައިވާ މި އަހަރުގައި ވެސް މި ފިލްމު ރިލީޒްކޮށްފާނެ ކަމާމެދު ސުވާލު އުފެދެއެވެ.

އެހެން ނަމަވެސް ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްކާމެދު ވާހަކަދައްކަމުން އެ ޕްރޮޑަކްޝަންގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) ބުނީ ކޮވިޑްގެ ކަންކަން ހަމައަކަށް އެޅި ބެލުންތެރިންނަށް ސިނަމާތަކަށް ދެވެން ފަށާވަރު ވާއިރު، ސިނަމާގައި އަޅުވާނެ ގިނަ ފިލްމުތަކެއް ޑާކް ރެއިން އިން އުފައްދާފައި ހުންނާނެ ކަމަށެވެ. އެހެންކަމުން، ފިލްމު “ނޮވެމްބަރ” ވެގެންދާނީ ހަމަ ގައިމުވެސް އެ ލިސްޓުގެ ކުރީގައި ހިމެނޭނެ ފިލްމަކަށް ކަމަށް ބެލެވެއެވެ.

ފިލްމު “ނޮވެމްބަރ” އަކީ އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. މަރްޔަމް މަޖުދާ، ޖުމައްޔިލް ނިމާލް ލީޑުން ފެނިގެންދާ މި ފިލްމުގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤް (ސޯދުބޭ) ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.

ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްގެ ހިތްގައިމު މަންޒަރެއް- ފޮޓޯ: ސީއެންއެން

ފިލްމު “ނޮވެމްބަރ“ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ އަޙްމަދު ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

މި ފިލްމުގެ މުހިންމު މަންޒަރުތައް، ސިންގަޕޫރުގެ ހިތްގައިމު މާހައުލުތަކުގެ އިތުރުން ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށްކަމަށްވާ ފޮނަދޫ، ކައްދޫ އަދި މާންދު އާއި އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު “މާމުއި” އެވެ. މި ވަގުތު އެ ޕްރޮޑަކްޝަންގެ ފުރަތަމަ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްގައި ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ސީރީޒްގެ ހަތްވަނަ އެޕިސޯޑް މިރޭ ސުންގަޑި ސުންމިނެޓްގެ ފަހުން މަލްޓި ސްކްރީން އެޕުން ބަލައިލެވޭނެއެވެ.

ފިލްމު “ނޮވެމްބަރ“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.