އަނީތާ ހަސަނަންދަނީ އާއި ރޯހިތު ރެޑީއަށް އަލަތު ދަރިއެއް ލިބުނީ މިމަހު 09 ވަނަ ދުވަހުއެވެ. އެމީހުންގެ މި އުފަލުގައި އާއިލާ އާއި ރަހުމަތްތެރިން ބައިވެރިވަމުން އަންނަ އިރު، ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ މުސްތާޤް ޝެއިޚް އާއި އެކްތާ ކަޕޫރު އަންނަނީ އަނީތާގެ ފޭނުންނަށް ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްދީ އަދާހަމަކޮށްދެމުންނެވެ. ނުވީތާކަށް އެކްތާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަނެއްކާވެސް ބެލެނިވެރިއަކަށް ވެއްޖެ ކަމަށެވެ. އަނީތާއަށް ލިބުނު ދަރިފުޅުގެ ބޮޑުދައިތައެއްގެ ރޯލު އެކްތާ އަންނަނީ ކިތަންމެހާވެސް ރަނގަޅަށް އަދާކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު އަނީތާއަށް ލިބުނު ފިރިހެން ދަރިފުޅު ކައިރިއަށް އެކްތާ ޒިޔާރަތްކުރެއެވެ.

އަނީތާގެ ދަރިފުޅަށް ނަމެއް ދޭނީ އެކްތާ ކަމަށްވެސް އޭނާ މިވަނީ ބުނެފައެވެ. އެގޮތުން ކުއްޖާއަށް ކިޔާނެ ނަންތަކެއް އެއްކޮށް، އަނީތާ އާއި އެކްތާ އާ ދެމީހުންވެގެން ނަމެއް ފާސްކުރުމަށްވެސް މަސައްކަތް ފަށާފައިވެއެވެ.

އެކްތާ ކަޕޫރުގެ ގިނަ ސީރީޒްތަކެއްގައި އަނީތާ ހަސަނަންދަނީ މަސައްކަތްކޮށްފައިވެއެވެ. އެގޮތުން “ކަބީ ސައުތަން ކަބީ ސަހޭލީ”، “ކިޔާ ހާދިސާ ކިޔާ ހަޤީޤަތު”، “ކޯހީ އަޕްނާ ސާ”، “ލަވަނިޔާ”، “ނާގިން” އަދި “ޔޭ ހޭ މޮހައްބަތޭން” ހިމެނެއެވެ. އެހެންކަމުން އަނީތާއަށް ލިބުނު ދަރިއަށް ނަމެއް ކިޔުމުގައި އެކްތާގެ ބަސް ހޯދާނެކަން އެއީ ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.