ކާމިޔާބު ދިރިއުޅުމަކަށް – 01 އާއި ގުޅޭ………
އަޤީދާ ވަރުގަދަ ކުރުން

ނަފުސާނީ މާހިރުން ދިގުމުއްދަތެއްގައި ކުރި ދިރާސާއަކުން މުދައްރިސުންގެ ފަރާތުން އެނގުނީ، ތޫނުފިލި ދަރިވަރުންގެ ކިބައިގާ އަމިއްލަނަފުސަށް އޮންނަ އިތުބާރު ބޮޑުވެފައި އިސްނެގުމާއި ކަންކަމުގެ ޙައްލު ހޯދުމުގައި ތޫނުކަމެވެ. އަދި ކުޑައިރާއި ބޮޑުވެ ތަސައްރަފު ފުދޭ އިރުވެސް އެ ތަފާތު ހުންނަކަމެވެ. އަމިއްލަ ނަފުސުގެ ކަސްތޮޅުން އެކުދިން މިންޖުވެފައި އެވަނީ މިދެންނެވި ގޮތަށް މުދައްރިސުންނާއި ބެލެނިވެރިންގެވެސް އެއްބާރުލުން ލިބުމުންކަމުގައި ދިރާސާއިން ދައްކައެވެ.

ވީމާ ކުރިން ދެންނެވުނު ކަންކަމީ ނަފުސެއްގެ މުޅި ޙަޔާތަށް އޭގެ އަސަރު ފޯރަމުންދާ ކަންކަމެވެ. އަދި އެ ސިފަތައް ތިބާއަށްވެސް ތަރައްޤީކުރެވޭނެއެވެ.

ލަސްވެލާފާނެއެވެ. އެހެނަސް ކަންކަން ބަދަލުވެ މާޙައުލު ފަހިވެ، ތިބާގެ ބުރަމަސައްކަތުގެ އަގު ލިބޭދުވަހު ތިބާއަށް ކުރެވުނު ބުރަ މަސައްކަތުގެ އަގުވެސް ވަޒަންވާނެއެވެ.

* ފޯކަސް ގެއްލި ސަމާލު ނުވެނުން.: މިސާލަކަށް، ތިބާ ހަށިގަނޑު ލުއިކޮށް، ހިކެން ބޭނުންވިއަސް ތިބާގެ އާންމު ކާބޯތަކެއްޗާ ދުރުވުން އެއީ ވަރަށް ދަތިކަމަކަށް ވެދެއެވެ. އަދި ހިކެން ބޭނުންނަމަ އިތުރު ވަގުތު ހޯދައިގެން ކަސްރަތުވެސް ކޮށްލަން ޖެހެއެވެ. ވީމާ ނަފުސުގެ ކޮންޓްރޯލްވެސް ހޯދޭނީ މިފަދަ ކުޑަ ޤުރުބާނީއަކުންނެވެ. ކުޑަ ހިތްވަރަކުންނެވެ. އެ ޤުރުބާނީއަށްވުރެ، ފަހުން ލިބޭ މިނިވަންކަމާ ހިތްހަމަޖެހުން މާ ބޮޑުވާނެއެވެ.

އަމިއްލަ އެދުމެއް ޙާޞިލް ވާހިނދު، ސިކުނޑި ތާޒާވެ ހިތްވަރު ލިބޭހެއްޔެވެ؟

އަމަލީބައި.: ޢަޤީދާއަކީ ތިމާއަށް ވަރުގަދަ ކުރެވޭނެ އެއްޗެކެވެ. އެކަމު އެކަމަށް ވަގުތާ ހިތްވަރު ބޭނުމެވެ. ފުރަތަމަ ކުދިކުދި ލަނޑުދަނޑި ޙާޞިލްކުރުމަށް ޢަޒުމްކަނޑައަޅާށެވެ. ހިކެން ގަސްތުކުރާ މީހާ ފުރަތަމަ ފޮނި ކާތަކެއްޗާ ދުރަށް ޖެހިލާ ފަދައިންނެވެ. އެހިސާބުން ތިބާއަށް އަމިއްލަ ނަފުސަށް ބާރު ފޯރުވުނު ނަމަ، ތިބާ ތިޔަހުރީ އަސްލު ރަނގަޅު ރޮނގުމަތީގައެވެ. ބޮޑެތި ލަނޑުދަނޑިތަކަށް ވެސް މިހާރު އަމާޒުހިފޭނެއެވެ.

ތިބާއަށް ހިތްވަރު ލިބެނީ ކޮންބާވަތެއްގެ ކަންކަމުން ހެއްޔެވެ؟ މިވެނި ކަމެއް މިހެން ކުރިއްޔާ އިނާމެއް ދޭނަމޭ ބުނިއްޔާ އެ އިނާމުގެ ސަބަބުން އެކަމެއް ކުރުމުގެ ޝައުޤާއި ހިތްވަރު އިތުރު ވޭހެއްޔެވެ؟ ނުވަތަ އެއަށްވުރެ ވެސް ނަފުސު ދަހިވެތިކުރުވާ ސަބަބުތައް ހުރޭ ހެއްޔެވެ؟ ފައިސާ ނުވަތަ ވަނައެއް ލިބިއްޖޭ ބުނުމުން، އަދި ނޫންނަމަ މީހުންގެ ދުލުން ތިބާގެ މޮޅު ނުވަތަ ރަނގަޅު ވާހަކަދައްކާ، ޚުޝާމަދުކުރުމުން ހިތްވަރު އިތުރު ވޭ ހެއްޔެވެ؟ ވަރަށް ގިނަ ބަޔަކަށް އަމިއްލަ ހިތްހަމަޖެހުން ލިބޭ ފަދަ ކަންކަމުން މީހާ އިތުރަށް ޙަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދެއެވެ. ތިބާ ކުރާ ކަމެއް ކުރަނީ ހިތަށް އަރާމެއް ލިބޭތީ ކަމަށް ވެފައި އެއީ ތިބާއަށް ކުރުމުގައި މާނައެއް އޮތް ކަމެއް ކަމަށް ފެނުނަސް، ނޫނީ ތިބާގެ މަސައްކަތުން ކަމެއް ޙާޞިލްވާތީ ފެނި އުފާވެ އިތުރު ހިތްވަރު ލިބޭކަމަށް ވިޔަސް، އެހެން އެ ދިމާވަނީ ވެސް އަމިއްލަ އެދުމެއްގެ ސަބަބުންނެވެ.

ދިރާސާތަކުން ދައްކާގޮތުން ހިތްވަރު އާލާކުރުވަނީ ކުރެވޭ ބައެއް ޒާތު ކަންކަމުން ކަމުގައި ވާނަމަ އެބާވަތުގެ ކަންކަން ފާހަގަކޮށް އެކަންކަމަށް ބޮޑަށް ސަމާލުކަންދޭށެވެ. އެހެނަސް ޙަޤީޤަތެއްނެތް ތަސައްލީއަކަށް އިންތިޒާރު ނުކުރާށެވެ.

ބައެއްފަހަރު ތިމާގެ ނަފުސުން އުފަންކުރާ އުއްމީދުގެ މައްޗަށް ބޭރުން ބަޔަކު ދައްކާ ކެހިވެރި ދަޅައެއްގެ ސަބަބުން ބާރުފޯރުވާ ނަފުސުގެ އުއްމީދުތަކަށް ހިޔަނި އަޅައެވެ. އެހެން ވުމަށް ދޫކޮށްނުލުން ވަރަށް މުހިންމެވެ. އެހެންނޫނީ އަލަށް ތިމާ އެތައް މަސައްކަތަކުން އުފަންކުރާ އުއްމީދުތައް މަރުވެ އަލުން އެއްކަލަ ވަޅުގަނޑަށް ވެއްޓިދާނެއެވެ.

ބޭރުގެ ޙަޤީޤަތެއްނެތް ތަސައްލީއާ ދުރަށްދާނީ ކިހިނެއް؟

* އަމިއްލަ ނަފުސާ ވާދަކުރާށެވެ.: ލަނޑުދަނޑިއެއް ޙާޞިލްކުރުމަށް ނަފުސާ ވާދަކޮށް ކުރި ހޯދުމަކީ އެންމެ ފަސޭހަކަމެއް ނޫނެއްކަމަކު، އެއީ ނަފުސު ތާޒާކުރުމުގެ މުހިންމު އުކުޅެކެވެ. އެކަން ކާމިޔާބުކުރުމަށް އެވާދަވެރިކަމަށް ސިކުނޑި ހާނާށެވެ. އަދި އެކަމުގެ ސަބަބުން ހިތަށް ލިބޭ ހަމަޖެހުންވެސް ދަސްކުރާށެވެ. ކުޑަ ވާދަވެރި ޚިޔާލަކުން ވެސް ނަފުސު ކާމިޔާބު ކޮށްފިނަމަ އެ ދަސްކުރެވުނީ ނަފުސުހޭލެއްވުމުގެ އާ އުކުޅެކެވެ.

* ޝައުޤު ދޫކޮށްނުލާށެވެ.: ތިބާގެ ސަމާލުކަން ދަމައިގަންނަ ކަންކަމަށް ފަރުވާތެރިވެ އެކަންކަމަށް ލޯބިކުރަން ދަސްކުރާށެވެ. ނަފުސު ތާޒާކުރުމުގައި އަބަދު ސިކުނޑިއަށް ހިތްވަރު ދޭން ޖެހެއެވެ.

* ކޮންޓްރޯލް ހޯދާށެވެ.: ކުރެވޭ ކަމަކުން އަންނަ ކިތަންމެ ކުޑަ އެދެވޭ ބަދަލެއް ވިއަސް ސިކުނޑިއަށް ދައްކާށެވެ. ޤަބޫލު ކުރުވާށެވެ. ކުރިއެރުމެއް ލިބޭކަން ޤަބޫލުނުކުރެވި އެކުރިއެރުން ހޯދަން މަސައްކަތެއް ނުކުރެވޭނެއެވެ. ތިމާގެ އަމަލުން ތިމާގެ ނަފުސަށް ފައިދާއެއް ކުރާކަން ދަސްކޮށްދޭން ޖެހޭނެއެވެ.

* ވާދައަށް ބިރު ނުގަންނާށެވެ.: ދާދި ގާތުގައި ވެސް ތިބާއެކޭ އެއްފަދަ މައްސަލަތަކެއް ތަހައްމަލްކުރާ، އެހެނަސް ކާމިޔަބު ނުލިބޭ ބައަކު ތިބެދާނެއެވެ. އެކަމަކު އެއީ ތިބާގެ މަސައްކަތް ހުއްޓާލަން އޮތް ހުއްޖަތެއްނޫނެވެ. ތިބާގެ ކުރިއެރުމާ ކާމިޔާބު އެހެން ބައެއްގެ ތިލަފަތުން ނުކިރާށެވެ. މިހެން ދެންނެވިއަސް އަނެކުންގެ ކާމިޔާބާއި ނާކާމިޔާބުގެ ސަބަބުތައް ހޯދުމަކީ ތިމާގެ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ތިމާގެ ނަފުސުގެ ޠަބީޢަތަކީ ޚާއްޞަ ހަދިޔާއެކެވެ.

ނަފުސާނީ ޢިލްމުވެރިން ދެކޭގޮތުގައި ކޮންމެ ނަފުސަކަށް ލިބިގެންވާ ޚާއްޞަ ޠަބީޢަތުން މެނުވީ އެނަފުސެއްގެ ދިރިއުޅުން ކާމިޔާބު ނުވެތެވެ. ވީމާ ކޮންމެ ނަފުސަކީ އެނަފުސުގެ ޠަބީޢީ އަޅެކެވެ.

ބައެއްހޯދުންތަކުން ފެނުނު އެއް ޙަޤީޤަތަކީ، އެނަފުސަކާ ގުޅި ލާމެހިފައިވާ ޠަބީޢަތަކީ އެނަފުސެއްގެ ކާމިޔާބީގެ ސިއްރުކަމެވެ. އެކި މިޒާޖުން އަސަރު ފޯރުވަނީ އެކި މިންވަރަށް ކަމުގައި ވިއަސް، މި ހުރިހާމެއް އެއްކޮށްލުމުން ލިބޭ ނަތީޖާ ބޮޑެވެ.

ތިބާ ތިޔަ ހޯދަނީ ކާމިޔާބު ދިރިއުޅުމެއްކަމަށް ވާނަމަ، ދެން މިލިޔެލާ ނުކުތާތަކަށްވެސް ސަމާލުވެލެއްވުން މިހިންމެވެ.

ޠަބީޢަތްތަކަށް އާދަވެ ދެމިހުރުން

ޠަބީޢީ އާދަތައް ހުންނަ ކޮންމެ މީހެއް އެމީހެއްގެ ނަފުސު ކޮންޓްރޯލްކުރެއެވެ. އަދި އެމީހުން އަނެކުންގެ ޙަރަކާތްތަކަށްވެސް ބަލާ އިޖާބަދީ، އެކަމުންވެސް ކުރިއެރުން ހޯދައެވެ. އެގޮތަށް ކުރިއެރުން ހޯދުމަށް ޓަކައި ހިނގާދާ ހާދިސާތަކާއި އޭގެ އަސަރު ދަސްކުރާށެވެ. އަދި އަނެކުންގެ އަމަލުތަކުން ތަޖުރިބާ ލިބިގަންނާށެވެ.

ޝައްކުނުކޮށް ހުޅުވިފައިވާ ޚިޔާލު ޙިއްޞާކުރުން

ދިރިއުޅުން އޮންނަނީ އެތައް ޙާދިސާތަކަކުން ފުރިބާރުވެފައެވެ. މިކަން ގަބޫލުކުރަަނީ ވަރަށް ކާމިޔާބު ބައެކެވެ. އެމީހުންނަކީ ހުޅުވިފައިވާ ސިނކުޑިތަކެއްގެ ވެރި ބައެކެވެ. އެފަދަ ނަފުސުތައް ޙާލާތުތަކުގެ ފައިދާ ހޯދުމުގައި އަވަސްވެފައި ސާބިތުވާނެއެވެ. އެމީހުންތިބޭނީ އަތުވެދާނެ ކޮންމެ ޙާލަތަކަށް ތައްޔާރުގައެވެ.

ސިކުނޑީގެ ކުޑަދޮރުތައް ހުޅުވުމަށް ކުރެވިދާނެ ބައެއް ކަންކަން

* ތިމާގެ އަމިއްލަ ވިސްނުމާ އިދިކޮޅަށް ބައެއްކަންކަމުގައި ހަނގުރާމަކުރުން
* ނަފުސަށް އާކަންކަމާމެދު ބިރު ނުގަތުން
* ބޭނުން ވަގުތަކު ވިސްނުން ބަދަލުކޮށްލުމުގެ ޤާބިލްކަން ހޯދުން
* ނަފުސުގެ ކޮންމެ ތަފާތަކަށް ސިކުނޑި ހޭނުން

ޙާލަތުތަކަށް ހަމަޖެހިލުމުގެ ޤާބިލްކަން

ތަފާތު ޠަބީޢަތްތަކަށް އާދަވުމުގެ އިތުރުން، ކާމިޔާބު ތިމާއަށް ޙާސިލް ވުމުގައި ތައްޔާރީ ޙާލަތަށް ސިކުނޑި ހޭނުންވެސް އެއީ ވަރަށް މުހިންމުކަމެކެވެ. މިކަން ޙާސިލްކުރުމަށް ކުރެވިދާނޭ ކަންކަމަކީ، ދަތި ޙާލަތުތަކުގައި އަލުން އެހެން ގޮތަކަށް ވިސްނުން ބައްޓަންކޮށް، އެއީ ދަސްވެ އުނގެނެން ޖެހުނު ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ، ގިރާކުރަންޖެހޭ ކުދިކުދި ހުރަސް ކަމުގައި ބަލައިގަންނާށެވެ. އަދި ހުޅުވިފައިވާ ސިކުނޑިއަކުން ރޭވުމާ ޙާލާތަށް އައި ބަދަލުތަކަށް ނަފުސު ހާނާލަން ފަރިތަކުރާށެވެ.

ނަފުސުގެ ހިތްވަރު

ދުނިޔޭގެ އެންމެ ކާމިޔާބު ސަޚުސިއްޔަތުތައް އަބަދުވެސް އެމީހުންގެ މާޒީގެ ފިލާވަލުތަކުން ނަފުސު ހޭލައްވާލާ ކަމުގައިވެއެވެ. އެބައިމީހުން ތިބޭނީ ނަކާމިޔާބުގެ ވަގުތުގައިވެސް ރިސްކު ނެގުމަށް އަބަދުވެސް ތައްޔާރުވެގެންނެވެ. އަދި ހެޔޮ ވިސްނުމަކުން ނުބައި ޚިޔާލުތަކުގެ މައްޗަށް ކުރިހޯދައެވެ. ތިބާއަށްވެސް ރިސްކުނެގުމުގެ މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ. އެގޮތުން ނުސިޔާނު ޚިޔާލުތައް ވީވަރަކުން ދޫކޮށް ދުޅަހެޔޮ ވިސްނުމަކަށް ޖާގަ އުފައްދާށެވެ. ޙާލަތާ ގުޅުވައިގެން ރިސްކުގެ ނިސްބަތް ކަނޑައަޅާ އެކަމަކާ ކުރިމަތިލާށެވެ. ފުން ވިސްނުމަކުން ވިސްނާލާއިރު ދިރިއުޅުމުގެ ކޮންމެ ފިޔަވަޅަކީވެސް ރިސްކެކެވެ. އެހެންވީމާ ރިސްކަށް ބިރުގަނެ ޖެހިލުންވާނެ ޖާގައެއްނެތެވެ.

ކަމުގެ ޝައުޤާޢި ކަންކަމާ ކުރިމަތިލުން

ކާމިޔާބު މީހުން އެމީހުންގެ ވަށައިގެންވާ ދުނިޔެއާމެދު ޝައުޤުވެރި ވެފައި އެއިން ކޮންމެ ޙާލަތަކަށް ފަޚުރުވެރި ވެއެވެ. އެމީހުންގެ އެންމެބޮޑު ޝައުޤަކީ އެއިން ކޮންމެ ބަދަލަކުން ފިލާވަޅެއް ލިބިގަތުމެވެ. އަދި އެއިން ކޮންމެ ފިލާވަޅަކުން އާ ތަޖުރިބާއެއް ޙާޞިލް ކުރުމެވެ. ތިބާއަށްވެސް ތިބާގެ ޝައުޤުގެ އޮށް އިންދާ އެއިން ގަސް ފެޅުވިދާނެއެވެ. ތިބާގެ މިޒާޖުން ތިބާގެ ޝައުޤުތައް ޚިޔާރުކުރާށެވެ. ފުރަތަމަ ކުރެވެން އޮތް ކަމެއް ފުރަތަމަ ފަށާށެވެ. ކަމަކަށްފަހު ކަމެކެވެ. ވަގުތާއި ތާވަލުތައް ތަރުތީބުކޮށްލާށެވެ. ތިބާގެ ބާރު ފޯރާހިސާބުންނެވެ. އާ ކަމެއް އަބަދުވެސް ދަސްކުރާށެވެ.

ދިރިއުޅުން ވަރަށް ވާދަވެރިވާނެއެވެ.

ކާމިޔާބު މީހާއަކީ ވާދަވެރި ދިރިއުމާ ހަނގުރާމަކޮށް ނަފުސުގެ ކުރިއެރުން ހޯދާ މީހާއެވެ. ނަމަނަމަ ހަސަދައިގެ ވާފަށުގައި ދަން ނުޖެހެއްޗެވެ. އަނެކުނަށް ނަފުރަތުކުރަން ނަފުސަށް ދަސްކޮށް ނުދެއްޗެވެ. ސާފު ހިތަކުން ވާދަކުރުމުގައި ތިބާގެ އަމިއްލަ ކުރިއެރުމަށް އަމާޒު ހިފާށެވެ. އެއްވެސް ކަމެއްގައި ތިމާ އެންމެ މޮޅުމީހާއަށް ވާން އުޅުމަކީ ބޭކާރު ވިސްނުމެކެވެ. އަބަދުވެސް ތިމާގެ ނަފުސުގެ ކުރިއެރުމަށް ސަމާލުވާށެވެ. އަދި އަނެކާގެ ކާމިޔާބުން އުފާ ހޯދާށެވެ. އޭނާއާއި ބައިވެރިވާށެވެ. މަރުހަބާ ކިޔާށެވެ.

ބައެއް ކަންކަމުގައި ވަކި ގޮތްތަކަކަށް ނިންމަން ޖެހޭ ދަނޑިވަޅުތައް އަންނާނެއެވެ. އެފަދަ ޙާލަތުގައި އެންމެ އެކަށީގެންވާ ގޮތް ވިސްނާ ޚިޔާރުކުރާށެވެ. އެއްވެސް ގޮތަކީ ސައްތައިން ސައްތަ މުޖައްރިބު ގޮތެއް ނޫނެވެ. ރިސްކް ނަގަން ޖެހޭސަބަބަކީ މިއެވެ.

ވިސްނުމަކީ ކޮންމެ ނަފުސަކަށް ތަފާތު ތަޖުރިބާއެކެވެ. އެއްކަމެއް އެތައް ގޮތަކަށް ތަފާތު ސިކުނޑިން ދެކޭނެއެވެ. އޭނާއާއި އަނެކާ އަދި ތިބާއަކީވެސް މުޅިން ތަފާތު ބައެކެވެ. ނިންމުންތައްވެސް ތަފާތުވާން ޖެހެއެވެ. ނިންމުމުގެ ނަތީޖާވެސް ތަފާތުވާނެއެވެ.

ދެއްކުނު ވާހަކައިގެ ނަތީޖާ

މިހުރިހައި ނުކުތާތަކަށް ފުންކޮށް ވިސްނާލީމާ ޔަޤީންވާ އެއްކަމަކީ، ކާމިޔާބު މިނެކިރޭ ތިލަފަތެއް ނެތްކަމެވެ. އަދި ސީދާ ކާމިޔާބު ދިރިއުޅުމަކީ މިއޭ ބުނެވޭނެ ވަކި މިންގަނޑުތަކެއްވެސް ނިންމެން ނެތްކަމެވެ. އެހެނަސް ތިބާ އެބަޔަކީ ކާމިޔާބު ބައެއްކަމަށް ދެކޭ ސަޚުސިއްޔަތުތަކެއްގެ ދިރިއުޅުމުގެ ވައްޓަފާޅިން ތަޖުރިބާ ޙާޞިލްކުރުމަކީ ކުރެވިދާނޭކަމެވެ. އަދި އެ ފިލާވަޅުތަކުން ތިބާގެ މާދަމަޔަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެއެވެ. ދުވަސްކޮޅެއް މިކަމުގައި ހޭދަކުރުމުން އާ މަންޒަރުތަކެއް، މާ ހިތްގައިމު ކުލަތަކެއް ފެންނަން ފަށާނެއެވެ. ނަފުސުގެ ހަމަޖެހުމާއެކު ކާމިޔާބު ދިރިއުޅުމަށް ދަތުރު ފަށާށެވެ.

★~★~★~~~★~★~★

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com