ޑިޕްރެޝަންގެ އަލާމާތާއި އެކި އިންޒާރު
ތިބާއަށް ހީވޭތަ، ތިބާ ޑިޕްރެސް ވެދާނެހެން؟ މިލިޔެލަނީ އޭގެ ބައެއް އަލާމާތާއި އިންޒާރެވެ. އަދި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނޭ ބައެއް ކަންކަމެވެ.

ކޮވިޑް 19ގެ ވަބާ އަދިވެސް އޮތުމާއެކު، އެކަހެރި ކުރުމާއި ގައިދުރުކަން ބެހެއްޓުމާ އަދި ކަރަންޓީންގައި އެތައް ދުވަހަކު އެކަނި ހުންނަންޖެހުމަކީ ތިބާގެ މިޒާޖާ ސިއްޙަތަށް ވެސް ނުހަނު ބޮޑު އަސަރެއް ފޯރާނޭ ކަމެއްކަން ޔަޤީނެވެ.

ކޮންމެއަކަސް އެކަމުގެ ސަބަބުން ނޫނަސް ތިބާގެ މިޒާޖާ ހަށިގަނޑުން ތިރީގައި މި ދަންނަވާ އެއްވެސް އަލާމާތެއް ފާހަގަ ވެއްޖެނަމަ، އެކަމުން އަރައިގަތުމަށް ކުރެވިދާނޭ އެތައްކަމެއް އެބަހުއްޓެވެ.

ޑިޕްރެޝަނަކީ ކޮބާ؟
ދިރިއުޅުމުގައި ދަތި އުނދަގޫ މަރުހަލާތަކާ ބައިވަރު ކުރިމަތި ވާނެއެވެ. އުފަލެކޭ އެއްފަދައިން ހާސްކަމާއި ހިތްދަތިކަމަކީ ވެސް ދިރިއުޅުމުގެ އެއްބައެވެ. އެއީ ދިރިއުޅުމުގެ ޝަރުޠެކެވެ. ދުނިޔެ ހިނގަނީ ” ތޮށަލި ދުޅައަށޭ” ބުނަނީ އެހެންވެގެންނެވެ. އެކަމަކު ހާސްވުމާއި ހިތް ނުތަނަވަސް ވުމާ އަދި މުޅިން އުއްމީދު ކެނޑި ދިއުމާ، މިކަންކަން ފިލާނުގޮސް މިޒާޖާއި ވިސްނުމުގައި ހަރުލުމަކީ ޑިޕްރެޝަން ކަމުގައި ވުން ވަރަށް ގާތެވެ.

އާންމު ދިރި އުޅުމުގައި އަންނަ ހިތްދަތި ދުވަސްތަކާއި ޙާލަތުތަކުން އަރައިގަތުމަށް ތިމާ މަސައްކަތް ކުރާކުރުމުގެ އިތުރަށް، މިއިން ކަމަކުން ސަލާމަތް ނުވެވިގެން އެތައްދުވަހަކު މަސައްކަތް ކުރަން ޖެހުމީ، އެކަމުގެ ސަބަބުން ތިމާ ހީކުރާގޮތާއި އިޙުސާސްތަށް ބަލިކަށިވެ ޑިޕްރެޝަނަށް ތިމާ ގެންދާ ކަމެކެވެ. އޭގެ ސަބަބުން ތިބާގެ އާންމު ޙާލަތުގައި ކުރާ ގިނަ މަސައްކަތް ތަކަށާއި ކިޔެވުން، ކެއުން، ނިދުން، އަދި މުނިފޫހި ފިލުވުން ފަދަ އެތައް ކަމަކަށް ނޭދެވޭ އަސަރު ފޯރާ ނަމަ އެއީ ޑިޕްރެސްވުމުގެ ނިޝާންތައް ކަމަށް ބަލާށެވެ. އެކަންކަން މާ ބޮޑުވުމުގެ ކުރިން، ހަމަ އެންމެ ފުރަތަމަ އެ ތަފާތުތައް ފާހަގަވާ ހިސާބުން މަސައްކަތް ފަށާށެވެ.

ބައެއް ބޭފުޅުން ޑިޕްރެޝަން ސިފަކުރަނީ ކަޅު އަނދިރި ހޮރެއްގައި ފިތި ބާރުވެގެން ދިރިއުޅުން ކަމުގައެވެ. އަނެއްބައި ބޭފުޅުން ޑިޕްރެޝަންގައި ދިރިއުޅުން ސިފަކުރަނީ ދިރުމެއްނެތް، ހުސް، އެއްވެސް ކުލައެއް، ވަހެއް، ރަހައެއްނެތް ދިރިއުޅުމެއްގެ ގޮތުގައެވެ. ހިތް ނުތަނަވަސް އަރާމެއް ނެތް ނަފުރަތާ ރުޅިވެރިކަމުން ވަށާ ބަނދެވިފައިވާ ޖަލެއް ކަމުގައެވެ.

ކޮންމެއަކަސް ތިބާއަށް ޑިޕްރެޝަން ކަމަށް ޝައްކުވާ ހިސާބުން އެކަމުން ސަލާމަތްވުމުގެ މަސައްކަތް ނުފެށިއްޖެއްޔާ ހީނުކުރާ ފަދަ ނާޒުކު ސިއްޙީ ނުރައްކަލެއްގެ ތެރެއަށް ތިބާ ވައްދަފާނެއެވެ. ވީމާ ކޮންމެހެން ހަނދުމަފުޅު ބަހައްޓަވަންވީކަމަކީ، ހިމާޔަތެއް ނެތޭ ހީވުމާއި އުންމީދު ގެއްލުން ފަދަ ނުފިލާ ހާސްކަމެއްގައި އުޅެން ދިމާވެއްޖެ ނަމަ އެއީ ޑިޕްރެޝަންގެ އަލާމާތެއްކަމަށް ބަލާ، އެކަމަށް އަވަހަށް ފަރުވާ ހޯއްދަވަން ފެއްޓެވުމެވެ. ސަބަބަކީ އެއީ ތިބާގެ އާންމު ދިރިއުޅުމަށް އަންނަ ނުހަނު ބޮޑެތި ނޭދެވޭ ބަދަލުތަކެކެވެ.

ތިބާ ކިތަންމެ އުންމީދު ކަނޑާލަން ޖެހުނަސް މައްސަލައިން ނުކުމެވޭނެއެވެ. އެކަމަކު މިކަންކުރުމުގެ ތަޅުދަނޑިއަކީ، އެ ޑިޕްރެޝަންގެ އަސްލު ސަބަބުތައް ތިބާ ދެނެގަތުމެވެ. ކޮން އަލާމާތެއް ފެންނަންޖެހުނީ ކޮންކަމަކާ ގުޅިގެންތޯ، އަދި އެ ހާސްކަމެއް ކުރިމަތިވީ ކޮން ހާދިސާއަކާ ހެދިތޯ ތިބާ ވިސްނާށެވެ. އެކަންކަން އެންމެ ރަނގަށް އެގޭނެ ޙަކީމަކީ ތިބާގެ އަމިއްލަ ނަފުސެވެ. އެހިސާބުން ތިބާ އެކަންކަމުން ސަލާމަތް ވުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާށެވެ.

ޑިޕްރެޝަންގެ އަސަރާއި އަލާމާތްތައް
ކޮންމެ ފަރުދަކަށްވެސް ޑިޕްރެޝަންގެ ގިނަ އަސަރުތައް ތަފާތުވާނެއެވެ. އެކަމަކު ކޮންމެ ފަރުދަކަށްމެ އާންމު ކަންތައްތަކެއް ވެސް ހުންނާނެއެވެ. ދަސްކުރަންވީ އެއްކަމަކީ މިއިންކޮންމެ ފިއްތުމަކީ ތިބާގެ އާންމު ދިރިއުޅުމުގެ ބައެއްކަމެވެ. އެކަމެއް ތިބާގެ ކޮންޓުރޯލުން ގެއްލި ނުދާހާ ހިނދަކު އެއީ ދިރިއުޅުގެ އާންމު ހިތާމަ ކަމުގައި ބެލެވިދާނެއެވެ. އެކަމަކު މާގިނަ އަލާމާތް ދިގު މުއްދަތަކަށް އެއްފަހަރާ ތަހައަމަލް ކުރަން ޖެހުމުން ތިބާގެ ނަފުސު ބަލިކަށި ކޮށްލައެވެ. އަމުދުން ދުވަސްތައް ދިގުލާ އެކަމުގެ ސަބަބުން ކަންކަން ނުބައިން ނުބަޔަށް ގެންދެއެވެ. އެއީ ޑިޕްރެޝަންގެ ސަބަބުންނެވެ.

ޑިޕްރެޝަންގެ އާންމު 10 ސިފައެއް
1. އެހީތެރިއަކު ނެތޭ ހީވުމާއި އުއްމީދު ގެއްލުން: ހަނަފަސް ސަހަރާއެއްގައި ދިރުން ނެތިފައިވާ ފަދަ އިޙުސާސެއް ވެފައި، އެއްވެސް ކަމެއް ދިރިއުޅުމުގައި ޙާޞިލް ނުވާނޭ ހީވެފައި، އެކަންކަން ބަދަލުކުރުމަކީ ތިބާއަށް ދުވަހަކުވެސް ނުވާނޭކަމެއް ކަމުގައި ހިތާ ސިކުޑިން ޤަބޫލު ކުރެވެން ފެށުން އެއީ މިކަމުގެ ފުރަތަމަ ނިޝާންތަކެވެ.

2. ރެޔާދުވާލު ތިބާ ކުރަމުންއައި ކަންތައްތައް މަތިން ވެސް ފޫހިވުން: މިހެން ދިމާވާން ފަށާ ހިނދު އެއްވެސް ކަމެއް ކުރާހިތް ނެތިފައި ކަންނެތްކަން އިޙުސާސް ވާނެއެވެ. އެހިސާބުން ތިބާގެ އާންމު އާދަތަކާމެދު އެއްވެސް ފަރުވާލެއް ނުބެހެއްޓޭނެއެވެ. ޖިސްމާނީ އަދި ނަފުސާނީ ކަންކަމާއި އިޖުތިމާއީ ކަންކަން މަތިން ފޫހިވާނެއެވެ. އޭރު ތިބާ ހުންނާނީ ދިރިއުޅުމުގެ ފޯރިއާއި ޖޯޝްނެތް ޙަރަކާތް ހުސްވެފައިވާ މަސްގަނޑެއްގެ ސިފައިގައެވެ. އެއްކަމެއް ވެސް ބަދަލުކޮށް ރަނގަޅު މިސްރާބަށް ދިރިއުޅުމުގެ ކަންކަން ގެންދިއުމުގެ ހިތްވަރެއް ނުލިބޭނެއެވެ.

3. ކެއުން ބުއިމާއި ދުރުވެ ހަށިގަނޑު ބަދަލުވުން: ކެއުމާއި އަރާމުކުރުމާއި ފެންވެރުމުގެ މަތިން ފޫހިވެ ތިބާގެ ހަށިގަނޑު ލުއި ނުވަތަ ބަރުވާން ފަށާފާނެއެވެ. މަހެއްގެ މައްޗަށް %5 ވަރުގެ ބޮޑު ބަދަލެއް އަތުވެދާނެއެވެ.

4. ނިދުން ބަދަލުވުން: މިހެން ދިމާވުމުން ނިދި ނައުމާއި ނިދިއަޔަސް ނުނިދޭގޮތް ވުމާއި މާފަތިހާ ހޭލެވުން ނުވަތަ މާގިނައިރު ނުހޭލެވި ގަދަ ނިދީގައި ނިދުން މިއީ ދިމާވެދާނެ އަލާމާތްތަކެވެ.

5. ރުޅި އިސްވުމާއި ހިތްހަމަ ނުޖެހުން: ހަމަޖެހުން ގެއްލި އަރާމެއް ނެތި، ނުވަތަ މާ ރުންކުރުވެ ރުޅިއަވަސްވުން، އަދި ކަންކަމުގައި އެއްވެސް ކެތްތެރިކަމެއް ނެތެމުން ދިއުމަކީ މިބަލީގެ ބައެއް ސިފައެވެ. ކިތަންމެ ކުޑަ ކަމަކަސް ތިމާގެ ސިކުނޑިއަށް އުނދަގޫވެ ބޮޑު ހިތް ނުތަނަވަސް ކަމެއްގެ ތެރެއަށް ތިބާ ގެންދާނެއެވެ.

6. ހަކަތަ ނެތިފައި ހުރުން: ބަލިކަށިވެ، ކަންނެތްވެ، ވަރުބަލިވެ، މުޅި ހަށިގަނޑުން ބަރުހެލިކަން އިޙުސާސް ކުރެވޭނެއެވެ. އޭގެ ސަބަބުން ކިތަންމެ ކުޑަ ކަމެއް ވެސް ކުރުންވާނީ ބޮޑު ބުރަޔަކަށެވެ.

7. ނަފުސުދެކެ ފޫހިވުން: ތިމާގެ ނަފުސުގެ އެއްވެސް އަގެއް ނެތްކަމާ ކުށްވެރި އަޅެއްކަމަށް ވަރަށް ބޮޑަށް ހިތަށް އަރާނެއެވެ. އަދި ތިބާގެ އަމިއްލަ ކަންކަމާ ނިންމުން އަމިއްލަޔަށް ކުށްވެރި ކުރެވެން ފަށާނެއެވެ.

8. ފަރުވާކުޑަވުން: ކުރާ ކޮންމެކަމެއް ކޮންމެގޮތެއް ވަރިހަމަވެ ގިނަކަންކަން ނުވެސްކޮށް ހުރިހައި ކަމެއްގައި ވެސް އާދަޔާޚިލާފަށް ފަރުވާ ކުޑަކުރެވޭނެއެވެ. އޭގެސަބަބުން ބޮޑެތި ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

9. ސަމާލުކަން ނުދެވުން: ކަންކަމުގައި ގޮތް ނިންމުމުގައި ވެސް އަދި ކަން ކުރުމުގައި ވެސް ސަމާލު ވާންވާ ވަރަށް ސަމާލު ނުވެވި ނިންމޭނެއެވެ. އަދި ހަނދާނުން ގިނަކަންކަން ކައްސާލާ، ހުރިހައި ކަމެއްގައި ދޯދިޔާ ވިސްނުމެއް ގެންގުޅެވޭނެއެވެ.

10. ބުނެދޭން ނޭނގޭ ރިހުމާ ތަދުތައް: އަނެކުންނަށް ކިޔައިދޭން އުނދަގޫ އެތަށް ރިހުމަކާ ތަދެއް ތިބާގެ ހަށިގަނޑުގެ އެތަންމިތަނުން ތިބާއަށް އިޙުސާސް ވަމުން ދާނެއެވެ. ސިއްޙީގޮތުން ޝަކުވާ ގިނަވަމުން ދާނެއެވެ. ބޮލުގައި ރިހުން، ބުރަކައްޓާ އުނަގަނޑުގައި ރިހުން، މަސްތަކަށް ތަދުވުން އަދި ބަނޑުގައި ރިހުންފަދަ އެތައްކަމެކެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com