ސަޅިބައިސާ ސީރީޒް އަކީ މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެ ޑައިރެކްޝަން ތަކުން ބެލުންތެރިނަށް ތަފާތެއް ދައްކުވައިދިން ސީރީޒް އެކެވެ. އެއަށްފަހު ޓެޑްރީ ގެ ޑައިރެކްޝަނަކަށް ފެނުނީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމެވެ. 1994 ގައި ރިލީޒް ކުރެވުނު ފިލްމު ‘ދެރިޔާ’ އެވެ. އޭގެ ފަހުން ޓެޑްރީ ޑައިރެކްޓް ކޮށްފައިވާ ފީޗާ ފިލްމެއް އަދި މިވަނީ ފެންނަވަރު ނުވެފައެވެ.
ޓެޑްރީ ގެ 30 އަހަރު ވީ ކެރިއަރުގައި ޑައިރެކްޓް ކުރާ ދެވަނަ ފީޗާ ފިލްމް “ލަސްވިޔަސް” މާބޮޑަށް ލަސްނުވެ ފެންނާނެ ކަމަށް ބެލުންތެރިން މިހާރުވެސް ތިބީ އިންތިޒާރުގަ އެވެ. އުފެދޭ ސުވާލަކީ ފިލްމު “ލަސްވިޔަސް” ކިހާހިސާބެއްގައި ރިލީޒް ވެދާނެބާވައެވެ؟ މި ސުވާލު ނުއުފެދެންވީ ސަބަބެއްވެސް ނެތެވެ. އެންމެ ފިލްމެއް ޑައިރެކްޓް ކޮށް ޑައިރެކްޓަރުންގެ އެންމެ އިސް ސަފުގައި ނަން ހިމެނުނަސް އޭގެ ފަހުން ޓެޑްރީގެ ފީޗާ ފިލްމެއް ބަލައިލުމުގެ އެދުމުގައި ތިބި އެތަކެއް ފޭނުންނަށް މިވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މީގެ ކުރިންވެސް މުހައްމަދު ނިޔާޒް (ޓެޑްރީ) ވަނީ ބައެއް ފީޗާ ފިލްމު އުފެއްދުމަށް އިޢުލާނު ކޮށްފަ އެވެ. ރާއްޖޭގައި އުފެދުނު މޮޅު ލިޔުންތެރިންގެ ތެރެއިން ސައިކުރާ ނައީމް ލިޔުއްވި އެންމެ މަޝްހޫރު އެއް ވާހަކަ ކަމަށްވާ ‘މަންމަ’ ވާހަކަ އަށް ފިލްމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް މީގެ އަހަރުތަކެއް ކުރިން ޓެޑްރީ ވަނީ އިޢުލާނު ކޮށްފަ އެވެ. އެ ވާހަކައަށް ފިލްމެއް ހެއްދެވުމުގެ އުއްމީދުގައި، 1996 ހިސާބުގައި ނައީމް އެ ވާހަކަ އަގަކާއި ނުލައި މުހައްމަދު ނިޔާޒް (ޓެޑްރީ) އަށް ވަނީ ދެއްވާފަ އެވެ. އެ ފިލްމުގެ ކަރުހާދުގެ މަސައްކަތް ޓެޑްރީ ކުރި އެވެ. އެކަމަކު ނައީމް ދުނިޔޭގައި ހުންނަވަނިކޮށް މަންމަ ވާހަކަ ފިލްމަކަށް ހެދިފައެއް ނުވެއެވެ. މިކަން ވަނީ ޚުދު ޓެޑްރީގެ އެންމެ ބޮޑު ނާކާމިޔާބީ ގެ ގޮތުގައިވެސް ޓެޑްރީ ސިފަކުރައްވާފަ އެވެ.
ޓެޑްރީ ހަދަން އިޢުލާންކޮށް މަސައްކަތްކުރިއަށް ނުދިޔަ ބައެއް ފިލްމްތަކުގެ ތެރޭގައި ‘މަންމަ’ ގެ އިތުރަށް ‘ދުންތަރި’ ވެސް އެ ލިސްޓްގައި ހިމެނެއެވެ. ޓެޑްރީ ގެ “ލަސްވިޔަސް” އަކީ މިއަހަރު ސިނަމާ އަށް އަންނާނެ ކަމަށް އިޢުލާނުކޮށްފައިވާ ފިލްމެކެވެ. ނަމަވެސް ރިލީޒް ކުރާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް މި ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ އަހަރު ވަނީީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
‘ލަސްވިޔަސް’ އަކީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން ފެނިގެންދާ ފިލްމެއްކަން ޓީޒާ އިން އެނގުނަސް ފިލްމާއި ބެހޭ މާބޮޑު މަޢުލުމާތެއް ޓީޒާ އާއިއެކު ވަނީ ތިލަނުކޮށެވެ. ނަމަވެސް “ލަސްވިޔަސް” އަކީ ޓެޑް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ބުނީ ޓީޒާ ފެށިގެން އަންނަ އިރު އެ އިވޭ ‘ކައިވެނީގެ އަމާޒު ކަމުގާ…” ލަވައިގެ ކަޑިން މުޅި ފިލްމުގެ ވާހަކަ އެއަށް ބިނާވެފައި ވާނެ ކަމަށެވެ.
“މީގެ ކާސްޓުންނާ އެއްޗެހި ފައިނަލް ކުރުމާއި ފިލްމުގެ ވަރަށް ގިނަ މަސައްކަތްތައް މިހާރު އެބަ ކުރިއަށްދޭ. ކާސްޓުންގެ ތެރޭގައި އާ މީހުންނާއި ތަޖުރިބާ ހުރި ބައެއް މީހުން ވެސް ހިމެނޭނެ،” 2017 ވަނަ އަހަރު އެޕްރީލް މަހު ރަސްމީކޮށް ލޯންޗް ކުރަން ނިންމާފައިވާ ފިލްމާ ބެހޭ ގޮތުން މީގެ ކުރިން ޓެޑް ބުނެފައި ވެއެވެ. ޓެޑް އިތުރަށް ބުނެފައިވަނީ މި ފިލްމުގެ އޮފިޝަލް ލޯންޗިން ސެރަމަނީއެއް ބާއްވައި، ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.
“އެ ފިލްމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިޔަށްދޭ. “ލަސްވިޔަސް” އިރާދަކުރެއްވިއްޔާ ހަމަ އަންނަ އަހަރު ސިނަމާ އަށް ގެންނާނަން،” މިއީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖޭގެ މީޑިއާއަކަށް ޓެޑް ދީފައިވާ ޖަވާބެކެވެ. ޓެޑް އިތުރަށް ބުނީ ފިލްމުގެ ކާސްޓުން މިހާރު ހަމަ ޖެހިފައި ވީނަމަވެސް މި ވަގުތު ކާސްޓުންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އަންނަ މަހުގެ (ޑިސެމްބަރު 2017 ގެ) ތެރޭގައި ބާއްވާ ހަފްލާ އަށް ފަހު ފިލްމުގެ ކާސްޓުން ވެސް އާންމު ވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމި އައު އަހަރެއް މިވަނި ފެށިފައެވެ. ފިލްމު ރިލީޒް ކުރާނެ ކަމަށް ބުނި އަހަރު މިވަނީ ފެށިފައެވެ.
މިއީ ފިލްމާއި މެދު ޓެޑް ދައްކަވާފައިވާ ވާހަކަތަކެވެ. ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ޓެޑް ކުރިން އިޢުލާނު ކޮށްފައިވާ ފިލްމުތަކަށް ވީގޮތް ނުވެ ޓެޑް ގެ ‘ލަސްވިޔަސް’ ލަސްނުވެ ސިނަމާއަށް އަތުވެދާނެބާ އެވެ؟؟!!
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!