ޑިޕްރެޝަނާއި ކޫސަނި ރިހުމާ، ތަދާ ހުރި ގުޅުން
ޑިޕްރެޝަނާއި ތާކުންތާކުނުޖެހޭ ރިހުމުގެ ވަހުމަކީ ގަބޫލު ކުރެވޭ ގޮތުން ނަފުސާނީ އަދި ޖިސްމާނީބައި ގުޅިގެން ސިކުޑިއަށް ބުނެދޭ ޙަޤީޤަތެއް ނެތް ފޭކު ތަދާއި ރިހުމެވެ. އެހެންވިއަސް އެއީ ވޭންތަކެއް ކަމުގައި ތަރުޖަމާކުރަމުން ޝަކުވާކުރަމުން ދެއެވެ. ކޮންމެއަކަސް އެ ވަހުމުގެ ސަބަބުން ޑިޕްރެޝަނަށް އިތުުރު ބާރު އެޅޭގޮތްވެއެވެ. އެކަމަށް ވަރަށް ބޮޑަށް ފަރުވާކުރަން ޖެހެއެވެ.

ތިޔައީ ޑިޕްރެޝަން ތޯ؟ ނޫނީ ބައިޕޯލާރ ޑިސްއޯޑަރ ތޯ؟

ބައިޕޯލާރ ޑިސްއޯޑަރ: ބައިޕޯލާރ ޑިސްއޯޑަރ އަކީ ސިކުނޑިއަށް އަންނަ ބަދަލަކުން ހިތަށް ނާރާ ގޮތްގޮތައް މިޒާޖު ފުރޮޅާ ފުރޮޅުމެވެ. ތިބާގެ ކޮންޓްރޯލު އޭގެ މައްޗަށް ނުފޯރާ ކުއްލި ބަދަލުތަކެކެވެ. މި ބަލީގައިވެސް ހަކަތައާއި ވިސްނުމާއި މިޒާޖު ހަލަބޮލިކޮށްލައެވެ. އެހެންކަމުން ބައިޕޯލާރގެ ފެށުމުގައި ވެސް ޑިޕްްރެޝަނާ ގާތް ސިފަތަކެއް ހުރެއެވެ.

މިދެކަން ބައެއް ފަހަރު ދެނެގަތުމުގައި އޮޅުންއަރައެވެ. މިކަންކަމަށް ބޭހެއް ބޭނުން ކުރައްވާނަމަ ވަރަށް ވިސްނަން ޖެހޭނެއެވެ. އެހެންނޫނީ ބައިޕޯލާރގައި މާބޮޑަށް ނުރައްކާ ވާތަން އާދެއެވެ. ވީމާ ދެ ބަލީގެ ހެކިތަކަށް ވަރަށް ވިސްނަންޖެހެއެވެ.

ޑިޕްރެޝަނާ އަމިއްލަޔަށް މަރުވުމުގެ ރިސްކް

ޑިޕްރެޝަނަކީ ބައެއް ފަހަރު މަދު ޙާލަތެއްގައި ނަމަވެސް އަމިއްލަޔަށް މަރުވުމާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް މަގުފަހިކުރުވާ ބައްޔެކެވެ. ހަމައެކަނި އެ ތަދާ ވޭނުން މިންޖުވުމަށް އޮންނަ މަގަކީ އަމިއްލަޔަށް މަރުވުން ކަމަށް ހިތަށް އަރަނީއެވެ. އެއީ މިކަމުގެ އެއްވެސް ފަރުވާއެއް މަސައްކަތެއް ނުކޮށް މީހުނަށް ނާންގާ ސިއްރުކުރުމުގެ ނަތީޖާއެވެ. އަސްލު ތިބާ އެހައި ހިސާބަށް ވިސްނުން ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ހިތަށް އަރާހައި ގޮތްގޮތަށް ކަންކުރެވޭ ހަމަ އެކެއްވެސް ނެތެވެ. ވީމާ ތިބާ އެކަނި އެގޮތަށް ވިސްނަންވީ ކީއްވެތޯއެވެ؟

އެއްވެސް ގާތް އެކުވެރިއެއް ނުވަތަ ތިމާގެމީހެއް ވިޔަސް އެފަދަ މޭރުމަކުން ވާހައެއް ބުނެފިނަމަ ވަރަށް ފަރުވާތެރިވާށެވެ. އަދި އެމީހެއްގެ ފަރާތުން ކުރިން ދެންނެވުނު ފަދަ އަލާމާތްތައް ފެނޭތޯ ފާރަލާ ބުނެދޭށެވެ. އަދިވެސް ގުޅުންހުރި ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

* އަމިއްލަ ނަފުސަށް ގެއްލުމެއް ދިނުން ނުވަތަ މަރުވުމާމެދު ވިސްނާކަން ދޭހަވާފަދަ ބަހެއް ބޭނުންކުރި ނަމަ އަވަހަށް ފިޔަވަޅު އަޅާށެވެ.
* އުއްމީދު ގެއްލިފައިވާކަން، ދުނިޔެދެކެ ފޫހިވެފައިވާކަން ދޭހަވާ ވާހަކައެއް ބުންޏަސް ހަމަ އެފަދައިން ސަމާލުވާށެވެ.
* އަމިއްލަޔަށް މަރުވާން ކޮށްފާނޭ އެއްވެސް އަމަލެއްގެ ނިޝާނެއް ފެނުނަސް ވިސްނާށެވެ.
* ފަރުވާކުޑަ، ޖެހިލުންކުޑަ ގޮތަކަށް އޭނާގެ އެއްވެސް އަމަލެއް ހުރިނަމަވެސް ވަރަށް ސަމާލުވާށެވެ. މިސާލަކަށް ޓްރެފިކްގައި ރަތް ބޮތްކަށް ނުބެލުމާއި އާދަޔާޚިލާފު އުސް ތަނަކުން ފުންމާލަން އުޅުމާ މިބާވަތުގެ އެއްވެސް ކަމެކެވެ.
* އެކުވެރިންނާ ބައްދަލުވެފައި އަލްވަދާއު ކިޔުމުގައި ނުބައި ވިސްނުމަކުން ޢިބާރާތް ބޭނުންކުރާނަމަވެސް ބަލާށެވެ.
* ކަރަންޓާ ވަޅިފަދަ ތަކެތީގެ ބޭނުން އާންމު ނޫން ހާލަތުތަކުގައި ކުރާނަމަވެސް ބަލަންޖެހެއެވެ.
* ބައެއް ޖުމްލައިން މިހާރު އެންމެނަށް ވެސް ރަނގަޅު ވާނީ ތިމަންނާ އެމީހުނަށް އުނދަގޫކުރަން ނެތިއްޔާއެވެ. ނުވަތަ އަހަރެން ބޭނުމީ އެމީހުނަށް ދުވަހަކުވެސް ނުފެންނަ ހިސާބަށް ދުރަށް ދާށެވެ. މިފަދަ ޢިބާރާތްތަކަކީ ވެސް ނުރައްކާ ޢިޝާރާތެވެ.
• ޑިޕްރެޝަންގެ ފަރުވާ ހޯދަމުން ދާ މީހަކު ކުއްލިއަކަށް މާބޮޑަށް ރަނގަޅުވާގޮތް ދެއްކުމަކީ ވެސް އޭގެ ފަހަތުގައި މިބާވަތުގެ ނުރައްކަލެއް ފޮރުވިފައިވާ ކަމަކަށް ވުން ވަރަށް ގާތެވެ.

ތިބާއަށް އެކުވެރިއެއް ނުވަތަ ގާތް ތިމާގެ މީހެއް މި ބާވަތުގެ އެއްވެސް ވާހަކައެއް ދައްކާ އަމަލެއް ކުރާތީ ފެނުނުނަމަ، ވަގުތުން އެމީހަކަށް އެހީވާން މަސައްކަތް ފަށާށެވެ. އެގޮތުން އޭނާގެ ހުރިހާ ވާހަކައެއް ކެތްތެރިކަމާ ޝަޢުޤުވެރިކަމާއެކު ފުރިހަމަޔަށް އަޑުއަހައި، ސީދާ އަމިއްލަޔަށް މަރުވުމުގެ ގޯސްކަމާ އެ ފާފައިގެ ބޮޑުކަމާ، އެއީ އެންމެނަށް ވެސް ދެވޭ ދެރައެއްކަން ވިސްނައިދިނުމުން ވަރަށް ގިނަ ފަހަރު ޚިޔާލު ބަދަލުކުރާނެއެވެ. އެ މޮޔަ ޚިޔާލު ދޫކުރާނެއެވެ. އެފަދަ މީހުން މާގިނައިން އެކަނި ވިޔަ ނުދޭށެވެ.

ތިބާ އަމިއްލައަށް މަރުވާން ހިތަށް އަރާނަމަ

ތިބާ މާ ބޮޑަށް ޑިޕްރެސްވެ އަމިއްލަޔަށް މަރުވާން ހިތަށް އަރާނަމަ ތިބާގެ މައްސަލައަކީ އެ ހިނދަށް އެކަނި އޮތް މައްސަލައެއް ނޫނެވެ. އެ ކަމަކީ އެތައް ދުވަހެއްގެ މައްސަލައެކެވެ. ނުފިލާ މިއަދާ ހަމަޔަށް އައީއެވެ. އެކަމަކު އެކަމަށް ރަނގަޅަށް ތިބާއަށް ސަމާލު ވެވިއްޖެއްޔާ އެސާހިތަކު އެކަމުން ސަލާމަތް ވެވި ވިސްނުން ބަދަލު ކޮށްލެވޭނެއެވެ. ޚާއްޞަކޮށް ކައުންސިލިންގ ހޯދުމާއެކު އަމިއްލަ މަސައްކަތް ކުރުން މުހިންމެވެ. ތިބާގެ އެ އުނދަގޫ ދަނޑިވަޅުގައި އެހީތެރިވެ ޚިޔާލުދޭނޭ އެތައް ބަޔަކު ތިބޭނެއެވެ. އެހެންވީމާ އެބަޔަކާއި ހަމައަށް އެ އަޑު ގެންދިއުމުގެ ހިތްވަރު ލިބޭތޯ ބަލާށެވެ.

ޑިޕްރެޝަންގެ އަލާމާތްތަކަށް ޖިންސާއި އުމުރުން އަންނަ ތަފާތު

އުމުރާއި ޖިންސުގެ ތަފާތުން ޑިޕްރެޝަންގެ އަސަރުތައް ތަފާތުވެއެވެ. އެގޮތުން ފިރިހެނުންނާއި އަންހެނުން އަދި ޒުވާނުންނާއި މުސްކުޅިންވެސް ތަފާތުވެއެވެ.

ފިރިހެނުންގެ ޑިޕްރެޝަން

ޑިޕްރެސްވެފައިވާ ފިރިހެނުން މަދުފަހަރަކު ނޫނީ އަމިއްލަ ނަފުސުދެކެ ފޫހިވުމާއި އުއްމީދު ގެއްލިފައި ތިބޭތީ ވަރަށް ފާހަގަ ނުކުރެވެއެވެ. އެހެނަސް ވަރަށް ބޮޑަށް ސިކުނޑިއާއި ނަފުސު ވަރުބަލިވެ، ކަންބޮޑުވެ ނުތަނަވަސްވުމާއެކު ނިދުމުގެ މައްސަލަތަކާ ކުރިމަތިވެއެވެ. އަދި މަސައްކަތާ ކަންކަން ކުރުމުގެ އެކިއެކި ޝަޢުޤުތައް ދެކެ ފޫހިވެއެވެ. އަދި ވަރަށް ގިނަފަހަރަށް ރުޅި އިސްވެ ބުއްދި އޮޅި އަތުންފައިން ގޯސްހެދޭ ޙާލަތަށް އާދެއެވެ. މިފަދަ ގޮތްތައް މެދުވެރިވުމުން ނުހަމަ އަމަލުތަކުގެ ޝިކާރަޔަކަށް ވެސް ބައެއްފަހަރު ވެދެއެވެ.

އަންހެނުންގެ ޑިޕްރެޝަން

ގިނަފަހަރު އަންހެނުން ޑިޕްރެސްވުމުން ފެންނަ ޢަލާމާތްތަކަކީ އަމިއްލަ ނަފުސު ކުށްވެރިކުރުމާ، މާގިނައިން ނިދުމާ، އާދަޔާ ޚިލާފަށް ކެއުމެވެ. މިހެންވުމުން ހަށިގަނޑު ފަލަވެ ބަރުހެލިވާން ފަށައެވެ. އަދި އެއްދާން ކުރުމުގައްޔާއި ބަލިވެއިނުމުގައްޔާއި މައްސަރުކަންތަކުގައި ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބައެއްފަހަރު ކޮންމެ 7 އަންހެނަކުން އެކަކު ވިހެމާއި ގުޅިގެން މިފަދަ ބައެއް ބަދަލު ފެށެއެވެ.

ޓީންއޭޖް ޑިޕްރެޝަން

ކަންބޮޑުވުމާއި ރުޅިގަދަވުމާއި ހާސްކަން މީ ޓީންއޭޖްގައި ދިމާވާ ޑިޕްރެޝަންގެ އަލާމާތް ތަކެކެވެ. އެކަމުން ހިތާމަޔާއި ހިތްދަތިކަން އެހައި ބޮޑަކަށް ފާހަގައެއް ނުކުރެވޭނެއެވެ. އެހެނަސް އެކުދިންގެ ބޮލުގައި ރިހުމާއި ބަނޑުގައި ރިހުން އަދި ހަށިގަނޑުގައި ރިހުމުގެ ޝަކުވާތައް ގިނައެވެ.

އުމުރުން ދޮށީ މީހުންގެ ޑިޕްރެޝަން

އުމުރުން ދުވަސްވީ މީހުންގެ ޖަޒުބާތީ ބަލިކަށި ކަމަށްވުރެ ބޮޑަށް ހަށިގަނޑުގެ ބަލިކަމާއި ނަފުސުގެ ލޮޑުކަން ފާހަގަކުރެވެއެވެ. ވަރުބަލިކަމާއި ރިހޭ ވަކިތަނެއް އައްޔަނުނުވެ ގައިގެ ތަންތާ ރިހުމުގެ ޝަކުވާ ގިނައެވެ. ހަނދާން ބަލިވުމުގެ މައްސަލަ ވަރަށް އާންމުވެފައި، އެމީހުން ފަރުވާ ހޯދުމާއި ބޭސް ބޭނުންކުރަން އިންކާރުކުރެއެވެ.

ޑިޕްރެޝަންގެ ބާވަތްތައް

ވަރަށް ޒާތްޒާތުގެ ޑިޕްރެޝަން ކުރިމަތިވެއެވެ. އެއިން ޑިޕްރެސް ވާ މިންގަނޑު ދެނެގަތުން ބައެއް ޙާލަތުގައި ދަތިވާނެއެވެ. ކުޑަކޮށްތޯ ބޮޑުކޮށްތޯ ނުވަތަ އާދައިގެ ވަރެއްގެ ޑިޕްރެޝަނެއްތޯ ކަނޑައެޅުން އެހާ ފަސޭހަ ނުވާ ފަހަރު އާދެއެވެ. އެކަމަކު ޑިޕްރެޝަންގެ ބާވަތް ދެނެގަނެވުމުން އެކަމުގެ ފަރުވާއާއި ޙައްލު ހޯދަން ފަސޭހަވާނެއެވެ.

އާދައިގެ އަދި މެދުމިނުގެ ޑިޕްރެޝަން

އެންމެ އާންމު ދެބާވަތަކީ އާދައިގެ އަދި މެދުފަންތީގެ ޑިޕްރެޝަނެވެ. މި ލެވަލްގައި ގިނަފަހަރު ހީވާނީ ހަށިގަނޑުން ބައެއް އުނިވެފައި ހުންނަހެންނެވެ. އަދި އާދަވެ ކޮންމެ ދުވަހަކު ކުރަމުންއައި ކަންކަމަށް ފަރުވާކުޑަކުރެވެން ފަށައެވެ. އެކަމުގެ ސަބަބުން ތިބާގެ ކަންކަން ކުރުމުގެ ޖޯޝާ ކުރިޔަށް ދިއުމުގެ ބާރު ކަނޑުވާލައެވެ. އަދި މިކަންކަން މެދުފަންތީގެ ޑިޕްރެޝަންގައި ބޮޑަށް އިތުރުވެގޮސް އަމިއްލަ ނަފުސުގެ އިތުބާރު އެއްކޮށް ގެއްލި ނަފުސުގެ އަގުކުރުން ހަނދާން ނެތިކޮށްލައެވެ.

އެންމެ އާންމު ޑިޕްރެޝަން – ޑިސްތައިމިއާ

ޑިސްތައިމިއާއަކީ ގިނަދުވަހަށް ދެމިހުންނަ ކުޑަ ޑިޕްރެޝަނެކެވެ. މިވައްތަރުގައި ތިބާއަށް ގިނަ ދުވަސް ތަކުގައި މާބޮޑު މައްސަލަތަކެއް ނޯންނާނެއެވެ. އެހެނަސް ދޭތެރެ ދޭތެރެއިން މިކަމުގެ އަސަރުތައް ހިލެމުންދާނެއެވެ.
* ޑިސްތައިމިއާގެ އަސަރުތައް މޭޖަރ ޑިޕްރެޝަންހައި ވަރުގަދައެއް ނުވާނެއެވެ. އެކަމަކު މަދުވެގެން ދެ އަހަރެއްހައި ދުވަހަށް މި އަސަރުތައް ދޭތެރެ ދޭތެރެއިން ހިލިހިލި ހުރެއެވެ.
* ބައެއް މީހުނަށް ޑިސްތައިމިއާގެ ތެރެއިން މޭޖަރ ޑިޕްރެޝަނަށް ދާންޖެހޭ ދަނޑިވަޅުތައް މަދުން ނަމަވެސް އާދެއެވެ. މިފަދަ ދަނޑިވަޅުތަކަށް ކިޔަނީ ޑަބަލް ޑިޕްރެޝަން އެވެ.
* ތިބާ ތަހައްމަލް ކުރަމުން ތިޔަ ދަނީ ޑިސްތައިމިއާ ނަމަ ހިތަށް އަރާނީ އަބަދުވެސް ކަމަކުން މިންޖުނުވެ ޑިޕްރެސްވެފައި ހުންނަކަހަލަ ގޮތަކަށެވެ. ނޫނީ ތިމާގެ މޫޑު އަބަދު ގޯސްވެލާފައި އެ ހުންނަ ހުރުމަށް ބައެއްފަހަރު އާދަވެސްވެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com