“އަދު މިޔޯ އަނިއްކާވެސް ބައެނަލްއަގުވާމީ މާދަރީ ބަހުގެ ދޮހާ” އާދެ، މި ލިޔެވުނީ ލާމު ބަހުރުވައިން ދޮގެއްތޯއެވެ. މައްސަލައެއް ނެތެވެ. އެހެން ގޮތަކަށް ލިޔެލާނަމެވެ. “އަދާއްކޫ އެނެއްކަލާސް ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދޮފަޔާ” މިފަހަރު މި ލިޔެވުނީ ހުވަދޫ ބަހުރުވައިންނެވެ. “އަދަކީ އެނައްކަލާއިޔަސް ބައިނަލްއަގްވާމީ މާދަރީ ބަހި ދުވަސް” މިފަހަރު މިއީ އައްޑޫ ބަހުރުވައިންނެވެ. ދެން މިއޮތީ ފުވައްމުލަކު ބަހުރުވަައިންނެވެ. “އަދަކީ އެނެއްކަލަސް ބައިނަލްއަގޮވާމީ މާދަރީ ބަހިގެ ދުވަހަ”. ތަފާތުކަމެއް ހުއްޓަސް، ދިވެހިންނަށް މި ބުނާ އެއްޗެއް މޭރުންވާނެކަމަށް ފެނެއެވެ. މި ފަހަރު ރަސްމީ ބަހުރުވައިންނެވެ. “މިއަދަކީ އަނެއްކާވެސް ބަައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް”
އާދޭހެވެ. މިއަދަަކީ އަނެއްކާވެސް މިއަހަރުގެ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. މިއަދުގެ ޝިޢާރަކީ “ތަޢުލީމުގައްޔާއި މުޖުތަމައުގައި ޝާމިލުވުން އިތުރުކުރުވުމަށްޓަކައި ގިނަ ބައްސަކަން ކުރިއެރުވުން” (FOSTERING MULTILINGUALISM FOR INCLUSION IN EDUCATION AND SOCIETY) މިއެވެ.
ދިވެހިވަންތަ ހެދުން އަޅުވައިގެން ސްކޫލުތަކަށް ކުދިން ގެންގޮސްގެން ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުން އެެބައެއްގެ މާދަރީ ބަހަށް ލިބޭޭނީ ކޮން ކުރިއެރުމެއްތޯ މިއީ ފެންނަ މަންޒަރުތަކުން ހަމަ ކޮންމެ އަހަރަކުވެސް އަޅުގަނޑުގެ ހިތަށް ވަންނަ، ހިނިއަންނަ ޒާތުގެ ސުވާލެކެވެ. އޮފީސްތަކަށްވެސް މި ދެންނެވި ގޮތަށް ހެދުން އަޅައިގެން ދަނީ މަދަކުން ނޫނެވެ. ކުޑަކުޑަ ޚިޔާާލީ ވާހަކައެއް ހިއްސާކޮށްލާނަމެވެ.
އުމުރުން 10 އަހަރުގެ ތޫބާ ގޮވައިގެން އޭނާގެ ބައްޕަ ޒަކީ ނުކުތީ ތޫބާ އިސްކޫލަށް ގެންދިއުމަށެވެ. ތޫބާ ހުރީ ނިކަން ޗާާލު ދިވެހި ވަންތަ ހެދުމެއް ލައިގެންނެވެ. އެއީ މާާލޭގައި ހުރި އެންމެ މޮޅު ޑިޒައިނަރަށް ބޮޑު އަގު ދީގެން މިއަދަށްޓަކައި ފަހާފައިވާ ހެދުމެކެވެ. ޒަކީވެސް ހުރީ ހުދު މުންޑަކާ ހުދު ގަންޖުފަރާހެއް ލައިގެންނެވެ. ބޮލުގައި ހުދު ފޮށައެއް އޮޅާލާފައި އޮތެވެ.
“މަންމީ، ތެންކިޔޫ….. އަޅެ މި ޑްރެސް ވަރަށް ބިއުޓިފުލްއޭ. ޕްލީޒް ޓެލް ރަޒީ ދައްތަ ކައިރީ ތޫއްކޮ ބުންޏޭ ވަރަށް ބޮޑަށް ތޭންކިޔޫ އޭ. ޑެޑީ ލެޓްސް ގޯ. މިހާރު މަދަރ ޓަންގު ޑޭގެ ސްޕެޝަލް އެސެމްބްްލީ ސްޓާޓުވެދާނެ.!” އަނގަ ގަދަ ތޫބާ ހުރީ ވަރަށް އުފަލުންނެވެ. އެހެންވެ އޭނާގެ ހިތުގައި އޮތް ހުރިހައި އެއްޗެއް އެއްފަހަރާ ބޭރުކޮށްލި ކަހަލައެވެ.
“ތޫއްކޯ.. މަންމީ އަށް ބައި ބުނޭ!” ސައިކަލަށް އަރަމުން ޒަކީ ބުންޏެވެ.
މި ކުރުކުރު ޚިޔާލީ ވާހަކަ ކިހިނެއްތޯއެވެ. ކިޔައިލަން ފަސޭހަތޯއެވެ. ވިސްނަވާށެވެ. ތޫބާ އެދަނީ މިއަދުގެ ޚާއްޞަ އެސެމްބްލީގައި ބައިވެރިވާށެވެ. ހަމަ ގައިމުވެސް މާދަރީ ބަހަށް، ދިވެހި ބަހަށް މި ކުއްޖާ ހުރި ލޯބި، ކުއްޖާގެ މައިންބަފައިން ހުރި ލޯބި އެނގިއްޖެ ނޫންތޯއެވެ. އެއްކަލަ ހިނިއަންނަ ޒާތުގެ ސުވާލު އަޅުގަނޑުގެ ހިތުގައި އުފެދެނީ އެހެންވެއެވެ.
ބަވަނަވަމުންދާ ދުނިޔޭގައި ގިނަ ބަސްބަސް އުނގެނުމުގެ މުހިންމުކަން އިތުރުވަމުން ދިޔަނަމަވެސް އަމިއްލަ މާދަރީ ބަހަށް ދޭ ސަމާލުކަން ކުޑަ ނުކުރައްވާ. ޅަފަތުގައި ކުދީންނަށް ރަނގަޅަށް މާދަރީ ބަސް ދަސްވުމުން އެ ކުދީންގެ އަމިއްލަ ވެއްޓާއި ސަގާފަތާއި އާދަކާދަތައް ދަސްވޭ.
އަދި ޅަފަތުގައި ކުދީންނަށް އެ ކުދީންގެ އަމިއްލަ މާދަރީބަސް ރަނގަޅަށް ދަސްވުމުން އެހެން ބަސްބަސް ދަސްކުރަން ފަސޭހަވާކަން ދިރާސާތަކުން ދައްކާ. #މާދަރީބަސް– މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާާ މަޢުމޫނުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ދިވެހިބަހުގެ އެކެޑަމީގެ އިސް ބެލެނިވެރިޔާ އެ ދެއްވީ ރަނގަޅު ނަސޭހަތެކެވެ. މިއީ އަދުގެ ޅަ ދަރިންނަށް، އަޅުގަނޑުމެން ބެލެނިވެރިންނާއި މުދައްރިސުން ފޯރުކޮށްދެއްވަންވީ އެންމެ މުހިންމު މެސެޖެވެ. ދިވެހި ހެދުން އެޅުންވެސް ރަނގަޅެވެ. ނަމަވެސް ދިވެހި ހެދުމެއް އަޅައިގެން މާދަރީ ބަހަށް ނުވަތަ އަމިއްލަ ބަހަށް ކުއްޖާ، މީހާ ނުވަތަ މީހުން އަހުލުވެރިވާނެތޯއެވެ؟
ކޮންމެއަކަސް މިއަދަކީ އަނެއްކާވެސް ބަައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. ދުވަހުގެ ތަަހުނިޔާ ޚާއްޞަކޮށް އެއްމެހައި ދިވެހީންނަށް އަރިސްކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ސޭކު ލިޔުމެއް