ސިކުނޑިއަށް ވެރިވުން

1 ތިބާގެ ލަދަކީ މައްސަލައިގެ ތެރެއަށް ވަންނަ ތަޅުދަނޑިއަށް ހަދާށެވެ.

ތިބާގެ ސިނކުޑިތެރޭގައި އެނބުރޭ ބިރަކީ އެ ލަދަށް މަގުދައްކާ އާރުކާޓީއެވެ. އޭގެ ސަބަބުން ތިމާގެ ވިސްނުމާ ނިންމުންތައް ތިބާ އެދޭގޮތްނޫން ގޮތްތަކަކަށް ފުރޮޅާލަނީއެވެ. އެއީ ކޮމްޕިއުޓަރ ޕްރޮގްރާމް ތަކުގައި އަރާ އެރާރ ފިލުވާލުމަށް އެ ޕްރޮގްރާމް ތައްޔާރު ކޮށްފައިވާ ފަދައިންނެވެ. ހަމަ އެގޮތައް ސިކުނޑިއަކީވެސް ޕްރޮގްރާމްކުރެވޭ އެއްޗެކެވެ. ކިރިޔާވެސް މައްސަލައެއް ކުރިމަތިވާއިރަށް އަވަހަށް އެކަންކަމާ ކުރިމަތިނުލުމަށް އަޅުގަނޑުމެނަށް އެ ސިކުނޑިއަށް ބުނެދެވެމުން ދަނީއެވެ. ނުދަންނަ ބީރައްޓެހިންނާ ކުރިމަތި ނުލުމަށާ، އުސްތަނަކަށް ނޭރުމަށާ، ނުރައްކާ ޖަނަވާރާ ސޫފިތަކާ ދުރުވުމަށް ބުނެދޭ ފަދައިން އެ ޙާލަތުތަކަކީ ވަރަށް ލަދުވެތި ޙާލަތުތަކެއްގެ ގޮތުގައި ސިކުނޑީން ނަފުސަށް އަންގައިދެނީއެވެ. އެގޮތަށް އެންމެ ޅަފަތުން ފެށިގެން ސިކުނޑިއަށް މެސެޖުތައް ދީދީ އެކަމަށް ހޭނިފައި ތިބެނީއެވެ. އާދަވުމުން ނަފުސާ ސިކުނޑި އޭގެ އަމިއްލަޒާތުގައި އެފަދަ މާހައުލުތައް ދޫކޮށްލުމަށް ބުނަނީއެވެ. މިސާލަކަށް ބިޗުލަކީ ވަރަށް ވިހަގަދަ އެއްޗެއްކަން ދަސްކޮށްދޭ ގޮތަށެވެ. އަލިފާނުން ފިހޭނޭކަން ދަސްކޮށްދޭ ފަދައިންނެވެ. އެއްބަޔަކު ކުރަފިދެކެ ބިރުގަންނައިރު އަނެއްބަޔަގު ބުޅާދެކެ އެހާ ބިރުގަނެއެވެ. މިއިން ކޮންމެ ތަފާތަކީ އެމީހެއްގެ މާޒީގައި ދަސްވެފައި ހުންނަ ގޮތަކަށް ބައްޓަންވާ ކަންކަމެވެ.

ވީމާ ހަޤީޤަތަކީ ތިބާއަށް އެކަންކަން އަލުން ސިކުނޑިއަށް ބުނެދެވޭނެކަމެވެ. އަލުން ރިޕްރޮގަރާމް ކުރެވޭނޭ ކަމެވެ. އެކަން ކުރުމަށް އެތައްގޮތަކަށް މަސައްކަތް ކޮށްލެވިދާނެއެވެ.

• އަމިއްލަ ނަފުސާ އަދި އަމިއްލަ ސިކުނޑިއާ ސުވާލުކުރާށެވެ. އަނެކުންގެ ކުރިމަތީ ވަކި މަށަށް ވާހަކަދައްކަން ނުކެރެންވީ ކީއްވެތޯއެވެ؟ ކޮންބިރަކާ ހެދިތޯ ފަސްޖެހެވެނީ އަހާށެވެ. ޖަވާބަކަށްވާނީ ކުރިން މިދެންނެވި ސަބަބުތަކެވެ. އެހިސާބުން ދެން، މީގެކުރިން ލަދުގަންނަ ހިނދު ކަންކުރާގޮތުގެ ދިމާ އިދިކޮޅަށް ކަންކުރަން ފަށާށެވެ. ފަހަތަށް ޖެހުމުގެ ބަދަލުގައި ކުރިމަތިލާށެވެ. އެއީވެސް ތިޔަފަދަ އިންސާނުންކަމާ ވަކި އޮތީކޮން ތަފާތެއްތޯ ސުވާލު އުފައްދާށެވެ.

• މީގެކުރިން ހަމަ ލަދުވެތިކަން އިޙުސާސް ވާން ފަށާއިރަށް އަވަހަށް ހިމޭން އެކަނިވެރި މާހައުލަކަށް ވަދެ ފިލުމީ ތިބާއަށް ދަސްވެ އާދަވެފައި ހުރިގޮތްކަމަށްވާތީ އެގޮތަށް އަމަލުކުރެވެން އުޅޭނެއެވެ. އެކަމަކު އަޅެ މިއަދަށްފަހު އެހެން ދިމާވެއްޖެނަމަ ސީދާ އޭގެ އިދިކޮޅަށް ކަންކުރަން ފަށާބަލާށެވެ. އަގައިން ބުނަންނުކެރުނަސް ހިތްވަރުކޮށްފައި އެތަނަކުން ދުރަށް ނުގޮސް ފަހަށްނުޖެހި ހުރެވުނަސް އެލިބުނީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ދެންފަހަރަކުން ދުލުން ބަހެއްވެސް ބުނެވޭތޯ މަސައްކަތްކޮށްލާށެވެ. މިހެން ދެންނެވިޔަސް އެއީ ތިބާއަށް ވަރަށްބޮޑު ގޮންޖެހުމަކަށް ވާނޭކަން ވެސް އެނގެއެވެ. ހުން އައުމުން ހިތި ބޭސް ވެސް ބޯފަދައިން، އަދި ބޭސް ބުއިމާ ހުން ފިލާ ފަދައިން، މިކަންކަންވެސް މަޑުމަޑުން ބަދަލުކޮށްލެވޭނެއެވެ.

ތިބާ އެކަމަކާ ކުރިމަތިލާން ކުރާ ހިތްވަރު ބަލިކޮށްލުމަށް މާޒީގެ ބިރު ހަމަ އެހާ ގަދަޔަށް މަސައްކަތް ކުރާނެއެވެ. އެންމެ ތަންފުކެއްވެސް ދޫނުދޭށެވެ. ހަމަ ޔަޤީނުންވެސް އެމީހުން ތިބާ އަށް އަނިޔާއެއް ނުދޭނެއެވެ. ދެން ކޮން ބިރެއް ހެއްޔެވެ؟ ތަކުރާރުކޮށް މިފަދައިން މަސައްކަތް ކޮށްލުމުން އެ ލަދާ އެ ބިރު އެއީ ތިމާގެ އެކުވެރިއަކަށް ބަދަލުވެ، ތިމާގެ އަމުރަށް ކިޔަމަންވާން ފަށާނެއެވެ. މަޑުމަޑުން ބަދަލު ފެންނަން ފަށާނެއެވެ. އަޅެ ޓެސްޓް ކޮށްލައްވާށެވެ.

2 ތިބާގެ ސަމާލުކަން އަނެކުންނަށް ދޭން ފަށާށެވެ.

އަޅުގަނޑުމެން އިންސާނުންގެ %99 މީހުން އެކި މިންވަރަށް ލަދުވެތިކަން އިޙުސާސްކުރެއެވެ. ޚާއްޞަކޮށް ބައެއްގެތެރޭ އެއްޗެކޭ ބުނެލުމަށް ނުވަތަ ކަމެއްގެ ކުރީ ސަފުގައި ނުކުމެ މަސައްކަތް ކޮށްލުމަށް ވަރަށް ޖެހިލުން ވެއެވެ. ވީމާ ތިބާ ހިތާމަނުކުރާށެވެ. ޖެހިލުމެއް ބިރެއްނެތި ކަންކަމުގައި ކުރިމަތިލާނީ ސަތޭކައަކުން އެންމެ މީހެކެވެ.

ތިބާގެ ވިސްނުމުގެ ނަޒަރު ތިބާގެ ނަފުސަށްވުރެ ބޮޑަށް އެހެނިހެން ބޭރުކަންކަމަށް ހުއްޓުވާށެވެ. ތިބާގެ ނަފުސު މިހާރު އެކަށިގެންވާ މިންވަރަށް ތިބާއަށް އެނގެއެވެ. އެހެން ވީމާ ތިބާގެ ނަފުސަށް ވެދާނޭގޮތުގެ ޚިޔާލުތަކާ ހިނދުކޮޅަކަށް ދުރަށް ޖެހިލާފައި، ވަށައިގެން ތިބި ބަޔަކާ އެބައެއްގެ ތެރޭގައި ތިބާވެސް ހުރި މާހައުލަށް ސަމާލުކަން ދީބަލާށެވެ. މިވަގުތު ތިބާގެ މާހައުލަކީ ތިޔައެވެ. އެކަހެރިވެ ފިލަން ނޫޅެއްޗެވެ. އެމީހުންވެސް އެތިބީ އެކި ފެންވަރަށް ބިރުގަނެ ލަދުވެސް ގަނެފައެވެ. އެކަން ތިމާއަށް ނޭނގެނީއެވެ.

• އެންމެ ފަސޭހައިން ތިބާގެ ފިއްތުންތަކުން ސަލާމަތް ހޯދޭނެ ގޮތަކީ ދެން އެތިބަ މީހުން ތިބީ ތިބާއެކޭ ހަމަ އެއްޙާލެއްގައި ކަން ވިސްނާލުމެވެ. އެކިމީހުންގެ ބިރާ ލަދު އެކި މިންވަރުގައެވެ. ދެން ތިބާ ވަކި އެމީހުނަށްވުރެ ފިނޑިވާންވީ ކީއްވެހެއްޔެވެ؟ އެމީހުންވެސް އެ މަސައްކަތް ކުރަނީ އެކަން ފޮރުވާށެވެ. ރީއްޗަށް އެ މޫނުތަކަށް އިސްއުފުލާ ބަލައިލަބަލާށެވެ. އެ މޫނުތަކުން އެބުނެދޭ ވާހަކަތަށް ވެސް ކިޔާލަބަލާށެވެ. އެންމެންވެސް އެދަނީ އަމިއްލަ ނަފުސާ އެކިވަރުގެ ހަނގުރާމަކުރަމުންނެވެ. ކުޑަޔަސް ބޮޑަސް، ހަމަޔަޤީނުންވެސް އެކަން އެމީހުނަށް ކުޑައެއްނުވާނެއެވެ. އެ އެންމެންވެސް އެތިބެނީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

• މި ދެންނެވި ގޮތުން ވިސްނުމާ ނަފުސަށް ޙައްލެއް ނުހޯދުނުނަމަ، އަޅެ ތިބާވެސް ތިބާގެ ހިތުން އެމީހުން އެ ހިތަށް އަރާގޮތަށް ތިބާގެ ވިސްނުން މިފަހަރު ބަދަލުކޮށްލަބަލާށެވެ. މިސާލަކަށް ތިބާ ހިތުން އެމީހުން އެތިބީ ވަރަށް ފުދިފައެވެ. އެހެންކަމަށްވާނަމަ ތިބާވެސް ފުދިފައި ހުރިކަމުގައި ހީކޮށްލާށެވެ. އެމީހުންގެ ކުރިމަތީގައި ތިބާ އަށް ތިޔަ ހުރެވެނީ ލަދުންހާސްވެފައި ހެއްވާ ގޮތަކަށްކަމަށް ހީވާނަމަ، އެމީހުންވެސް އެތިބީ އެހެންކަން ވިސްނާލާށެވެ. ތަފާތަކީ އެމީހުންގެ ނުކުޅެދުންތެރިކަން ފޮރުވާ މިންވަރު ބޮޑީކަމަށް ވެދާނެއެވެ. ތިބާވެސް އެބައި ސިއްރުކޮށްފައި އެއް މިޔަކަނުން ނަމަވެސް ހީލަބަލާށެވެ. ނުރަނގަޅުމަގުން ވިސްނަންޏާ އަބަދުވެސް ވާނީ އެވިސްނުމުގެ މަގުން ފިތިފައި ހުރެ ފަހަތަށްޖެހޭށެވެ. ތީވެސް މިނިވަނެކެވެ. ނިކަން ކުރިޔަށް ޖެހިލާފައި އެމީހުނާ ސުވާލެއް ކޮށްލަބަލާށެވެ. ފަށައިގަންނައިރު ޚިޔާލީ މަންޒަރުތަކެއް ސިކުނޑީގައި ކުރަހާށެވެ.

3 ޚިޔާލުގެ އިސްކިރީނުގައި ކުރަހާށެވެ.

ތިބާ އެންމެ ލަދުވެތިވާ ފަދަ ޙާލަތެެއް ހިތަށް އަރުވާ، ލޯމަރާލައިގެން ހުުރެ ވިސްނާލާށެވެ. އެހެން ހުރެ ތިބާގެ ސިކުނޑީގެ ނަޒަރުން މަންޒަރު ބަލަމުން ގެންދާށެވެ. އަމިއްލަ ނަފުސަށް އިތުބާރާއެކު ޚިޔާލުކުރަމުން ކުރިއަށް ދާށެވެ. މިކަން ގިނަގިނައިން ތަކުރާރު ކުރާށެވެ. އަދި ތަފާތު ޙާލަތު އެކި ފަހަރު ސިފަކުރާށެވެ. އެއިން ކޮންމެ ޙާލަތެއްގައި ލަދުވެތިކަން އިޙުސާސްކުރަން މަޖުބޫރު ދަނޑިވަޅުތަކުގައި ތިބާ ދެން ކަންކުރާނޭގޮތް ވަރަށް ޔަޤީން ކަމާއެކު ފަރިތަކުރާށެވެ. ޙަޤީޤީ ޙާދިސާތަކާ ކުރިމަތިލުމުގެ ކުރިން އެތައްފަހަރަކު މިކަން ކުރާށެވެ. ޚާއްސަކޮށް ހެނދުނު ރަނގަޅުވާނެއެވެ. އެހެން ދެންނެވުމުން ހެއްވާކަމެކޭ ހީފުޅު ކުރެއްވިދާނެއެވެ. އެތުލީޓުން، ކަސްރަތުކުރާ މީހުންވެސް ޚިޔާލީ ފަރުދާގެ ބޭނުން ސިކުނޑި ތައްޔާރުކުރުމަށާއި ނަފުސުގެ ބާރުގަދަކުރުމަށް މި ކަސްރަތުތައް ސިކުނޑިއަށް ދޭއިރު ތިބާވަކި މިކަން ނުކުރާންވީ ކީއްވެތޯއެވެ؟

• ތިބާގެ ހުރިހައި ޙިއްސެއް މިކަމުގައި ވީ އެންމެ ފުރިހަމައަކަށް ބައިވެރިކޮށްގެން މި ކަސްރަތުތައް ތަކުރާރުކުރާށެވެ. އަދި ކަސްރަތުގެ ވަގުތުގައި ހިތްހަމަޖެހިގެން އުފަލާއެކު ފަރިތަކުރުން ވަރަށް މުހިންމެވެ. ފުނަށް ވިސްނުންފޯރުވާ އެފަދަ ދަނޑިވަޅުގައި ސީދާ ކަން ހިނގާނޭގޮތާ، ތިބާ ކަންކުރާނޭގޮތް އެންމެ ކުދިކުދި ތަފުސީލާއެކު ވިސްނައިގެންނެވެ. ދެން އެންމެ އަވަހަށް އަންނަ އެފަދަ ފުރުސަތެއްގައި ތިބާއަށް ތިބާގެ ނަފުސު އިތުރަށް ކޮންޓްރޯލް ވާތީ ތިބާ އުފަލާއެކު ދެކޭނެއެވެ.

4 ސާބިތުވެހުރެ ފަރިތަކުރުން މުހިންމެވެ.

ސީދާ ކޮޅަށްހުރެ މިގޮތަށް ޚިޔާލީ މަންޒަރުތައް ދެކުން މޮޅެވެ. އެހެނީ ކޮޅަށްހުރެ ބަލާލާ ޚިޔާލީ މަންޒަރުން އަމިއްލަ ނަފުސުގެ މިނިވަންކަމާ އިތުބާރު ބޮޑުކަން ފާހަގަ ކުރެވޭތީއެވެ. އަދި އަނެކުންނާ އިސްތިޤުބާލުކުރަން ފަސޭހަ ވާނެތީއެވެ. ގިނަފަހަރު އަޅުގަނޑުމެންގެ ޚިޔާލާއެއްގޮތަށް ނަފުސު އަޅުގަނޑުމެނަށް ފުރުސަތު ދޭނެއެވެ. އެހެންކަމުން ތިބާ ހުޅުވިފައިވާ މަރުހަބާއަކުން ޚިޔާލީ މެހެމާނުންނާ ބައްދަލުކޮށްލުމުން އެ މަންޒަރުގެ އިޙުސާސް އެތައް ގުނައެއް އިތުރުވެ ޙަޤީޤަތާ ގާތް ކުރާނެއެވެ. ތިބާގެ ހަށިގަނޑާ އިޙުސާސާ މުއާމަލާތް ކުރާނީ މިނިވަންކަމާ އެކު ހުޅުވިގެންވާ މާހައުލެއްގައެވެ. އޭރުން ތިބާގެ ސިކުނޑިއަށް ވެސް ގަބޫލުކުރުން ފަސޭހަވާނެއެވެ. އާންމު ރިސާރޗްތަކުން ވެސް އެންމެ މިނިވަން އިޙުސާސް ލިބޭނީ، އިސް އުފުލާލާ، ކޮނޑު ފަހަތަށް ހިފާލާ، އަތުގެ މުލައްދަނޑި ހުޅުވާލުމުންނެވެ. އޭރުން ތިބާގެ އަތުގައި ހުރިހާ ކޮންޓްރޯލެއް އޮވެ، އިތުބާރާއެކު އަނެކުންނަށް މަރުހަބާ ކިޔޭނެއެވެ. ހާސްކަމާ ކަންބޮޑުވުން ވެސް މީގެ ސަބަބުން ކުޑަވެގެން ދާނެއެވެ. އަދި އެހެން ހުންނައިރު ތިބާއަށް ދެން މާގިން ޝައްކު އުފެދޭނެ ސަބަބުތަކެއް ވެސް ނޯންނާނެއެވެ. ތިބާ ހުންނާނީ ފުރިހަމަ ކޮންޓްރޯލާއެކު މަރުހަބާކިއުމަށް ތައްޔާރަށެވެ.

5 ސާފުއަޑުން ސާދާކޮށް ތިބާގެ ނަފުސާ މުޚާތަބުކުރާށެވެ.

މީގެ ބޭނުމަކީ އަނެކުން ދެވަނަ ފަހަރަށް ކީކޭތޯ އަހަން ފުރުސަތު ނުދިނުމާއި އަދި އަޑުއަހާ މީހާއަށް ތިބާގެ ނަފުސުގެ ޔަޤީންކަން އޮތްކަން ސާބިތުކޮށްދިނުމެވެ. މާމަޑުން ވައިއަޑުން ސިއްރުން އެއްޗެއް ބުނުމުން އެހުރީ ލަދުން، ނޫނީ ބިރުންކަމުގައި އެމީހުން ދެކޭނެއެވެ. ވީމާ ތިބާގެ އަމިއްލަ ކަންފަތަށް ރީއްޗަށް ލަފުޒުތައް ސާފުވާވަރަށް ވާހަކަ ދައްކާށެވެ. އަދި އުފާވެރިކަން އަޑުގައި ބެހެއްޓޭތޯ ބަލާށެވެ. ޝައުޤާއެކު ވާހަކަ ކުރިޔަށް ގެންދިއުން ވަރަށް މުހިންމެވެ.

• ފަހުން އަޑުއަހާލުމަށް ފޯނަށްނަމަވެސް ރެކޯޑް ކޮށްލުން ރަނގަޅެވެ. އިތުބާރާ އެކު ޖުމުލަތައް ކުރުކޮށް ސާދާކޮށް ވާހަކަދައްކާށެވެ. އެކަމަކު ބައެއް ލަފުޒާ ޖުމުލައިގައި އަސަރު އުފެއްދުމަށް ގަދަ މަޑުމިން ތަފާކުރާނީ ރާގުރީތިވާ މިންގަނޑަށެވެ. އަމިއްލަޔަށް ހުރެ ވާހަކަ ދައްކާއިރު ބައެއްފަހަރު މާ އަޑުގަދަ ބާއޭ ހިތަށް އަރާނެއެވެ. އެކަމު އެއީ އަސްލު މާހައުލެއްގައި ނަމަ ބާރެއް ނުވާނެއެވެ. ފެށޭކޮޅުގައި ބައެއްފަހަރު މި ފަރިތަކުރުމުން ތިބާއަށް ތިބާއަކީ އެކްޓަރެއް ބާއޭވެސް ހީވާނެއެވެ. އަސްލު ކޮންމެ މީހަކީ ވެސް އެކްޓަރެކެވެ. މިއާދަ ފުރަތަމަ އަލޭ ހީވިއަސް ދުވަސްކޮޅެއްގެ ތެރޭގައި އެއަށް ހޭނި ފަސޭހަވެދާނެއެވެ. ދުނިޔޭގައި ކޮންމެ ކަމަކީ ވެސް ކޮންމެސް ގޮތަކުން ދަސްކޮށްގެން ކުރާ ކަމެކެވެ. ނިންމާފައި ފޯނުން ބަލާ އަޑުއަހާލާށެވެ. ދެންފަހަރަކުން ރަނގަޅުކޮށްލަން ހުރިކަންކަން ފާހަގަ ވާނީ އޭރުންނެވެ.

6 ތިބާއާއި އަނެކުންނާ އަޅާ ނުކިޔާށެވެ.

އެކަން ތިބާ ކުރަން ފަށައިފިނަމަ އަބަދުވެސް ތިބާއަށް އެ ފެންވަރަށް ނުވަތަ އެހައި ރީތިކޮށް ކަންކަން ނުކުރެވޭކަމުގެ އިޙުސާސް ތިބާގެ މަސައްކަތަށް ހުރަސް އަޅާނެއެވެ. އަނެކުންނާމެދު ވިސްނާނީ އެބަޔަކާ ދިމާވީމައެވެ. އެހެންނޫނީ ތިބާގެ ލަދުގެ ވަކިތަކުން ސަލާމަތެއް ނުވެވޭނެއެވެ. އަނެކާގެ އަޑާ އޭނާގެ ލަހުޖާ އަކީ އެއީ އޭނާގެ އެއްޗެކެވެ. ތިބާގެ އަޑާ ތިބާގެ ރާގަކީ ތިބާގެ ޙައްޤެކެވެ. ވަކިވަރަކަށް ފަރިތަވުމުން ދެން އަނެކުންގެ ރާގާއި އަޑު އަދި ޙަރަކާތް ތިބާއަށް ކަމުދާނަމަ ކޮޕީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެމީހުން ފަހަރެއްގައި ދުވަސްކޮޅެއްގެތެރޭ ތިބާ ކޮޕީކުރުމަކީ ވެސް ގާތްކަމެކެވެ.

• ސީރިއަސްކޮށް ތިބާއަށް ނަފުސުގެ ކޮންޓްރޯލު ލިބޭ ހިސާބުން އަނެކުން ގާތު އެމީހުން މިކަން ކުރީ ކިހިނެއްތޯ އަހާލެވިދާނެއެވެ. އެހެނަސް ގާތް މީހުންގެގާތުގައެވެ. އަދި އެމީހުންގެ ޖަވާބު އެހާ ފުރިހަމަ ވެސް ނުވެދާނެއެވެ. އެއްބަޔަކު ތެދަކަށް ނުބުނާނެއެވެ. ތިބާގެ މަސައްކަތް ހުއްޓާނުލާށެވެ.

7 ތިބާގެ ކުރިއެރުމާ ހިތްވަރާމެދު ފަޚުރުވެރިވާށެވެ.

ކޮންމެ އިންސާނަކަށް ވެސް މޮޅު ހުނަރާ ރަނގަޅު ސިފަތަކެއް ލިބިފައި ވާނެއެވެ. އެސިފަތަކަކީ އަނެކުންނަށް ނުލިބިވާ ބައެއް ސިފައެވެ. ތިބާގެއަތުގައި އޮތް ހުނަރުން ދުނިޔެ ޙައިރާންކޮށްލާށެވެ. މިހެން ދެންނެވުމުން ހެއްވާ ވާހަކައެކޭ ހިތަށް އެރުމަކީ ދާދި ކައިރި ކަމެކެވެ. އެކަމު މިދެންނެވީ ހަމަ ތެދެކެވެ. ވިސްނާލަބަލާށެވެ. ތިބާ ދަންނަ ކަންކަމާ ތިބާއަށް ކުރެވޭ ކަންކަމާ މިހާރު ތިބާއަށް ވަރަށް ސާފުވާނެއެވެ. ތިބާގެ ސިފަޔަކީ އަދި ތިބާގެ އަޑަކީ އަދި ޙަރަކާތަކީ ތިބާގެ އެކަނި އެއްޗެކެވެ. ތިބާ ހެދުން އަޅާގޮތާ ފުނާއަޅާ ގޮތާ ހިނގާގޮތާ ހުއްޓި ހުންނަގޮތަކީ ތިބާގެ ޚާއްސަ ސިފަތަކެވެ.

އެންމެ ރީތިމީހާވެސް އޭނާގެ އެތައްކަމަކާ އޭނާ އަމިއްލައަށް ދެރަވެ ވިސްނާނެއެވެ. ހަމަ ތިބާއެކޭ އެއްފަދައިންނެވެ. އޭނާގެ ނަޒަރުގައި އޭނާއަށް ނުކުރެވޭ އެތައްކަމެއް ހުންނާނެއެވެ. ވީމާ ތިބާގެ މައްސަލައިން ތިބާ ލަދުވެތިވާންޖެހޭ ސަބަބެއް ނެތެވެ. އޭނާވެސް އޭނާގެ އުނިކަންކަމާމެދު ލަދުވެތި ނުވޭނޫންހެއްޔެވެ؟

• މިކަންކަމަށް ތިބާ ފުންކޮށް ވިސްނާލަނިކޮށް ތިބާއަށް އެމީހުނަށްވުރެ މާ ބޮޑަށް އެހެންމީހުންގެ ސަމާލުކަމާ ލޯބި ޙާސިލް ވާނޭ އެތައްކަމެއް ހުންނާނެއެވެ. މިކަންކަމާމެދު ތިބާގެ ވިސްނުން ބަހައްޓައިފިނަމަ ތިބާއަކީ ކެރޭ ވާހަކަވެސް ދެއްކޭ އަނެކުންގެ އިޙުތިރާމު ލިބޭ މީހަކަށް ވެގެން ދާނެއެވެ. އަނގަ ހުޅުވާށެވެ. ބަސްބުނާށެވެ. މިހާރު އެމީހުނެކޭ އޮތީ ކޮން ތަފާތެއްހެއްޔެވެ؟

8 މުޖުތަމާގައި ތިމާގެ ބާރާއި އަގު ދެނެގަންނާށެވެ.

އެހެނީ ތިބާއަކީ އަނެކުނަށް ނީވޭ އަޑަކަށްވެ މަންމަންވެފައި ހުރުމުން ވަކި ލިބޭނެ މޮޅެއް ނެތީތީއެވެ. ވީމާ އެންމެންގެ ސަމާލުކަން ލިބޭ ފާހަގަވާ އަޑަކަށް ތިބާގެ އަޑު ހެދިއްޖެނަމަ ލިބިދާނޭ ބައިވަރު ކުރިއެރުން ހުރެދާނެއެވެ. އެހެންނޫނަސް ޕާޓީ ފެށުމުން ތިބާ އެކަނި ހިމޭންވެ ހަނުހުރުމުން އޮތީ ކޮން އުފަލެއްހެއްޔެވެ. މީގެ ކުރިން ތިބާގެ ދޫ ބަންދުވިއަސް މިއަދު އެހެންވިޔަ ނުދޭށެވެ. ކުޑަކޮށް ފަހަތަށް ޖެހި ވިސްނާލާށެވެ. ތީ ހަމައެކަނި އަޑުތަށް އަހާ މަންމަނަކަށް ނުވާށެވެ. ފަށާށެވެ.

އަނގަހުޅުވާށެވެ. މަންމަން ދުލަށް ބަސްބުނަން އަމުރުކުރާށެވެ. އެހެންމީހުނާ އެއްސަފަކަށް ޖެހިލާށެވެ. އިސްވެ ބަސް ނުބުންޏަސް އެމީހުންގެ ވާހަކަޔާ ބައިވެރިވާށެވެ.

• ތިބާގެ ހެޔޮ ވިސްނުމުގެ ބޭނުން ހިފަންވީ ވަގުތަކީ މިއެވެ. އެމީހުނަށް ބޭނުމީ ތިބާގެފުށުން ކޮން އެހީތެރިކަމެއްތޯ ވެސް އަހާލާށެވެ. ތިބާގެ ހިމޭންކަމުން އެހެންމީހުނަށް އުނދަގޫ ވާނެއެވެ. އެއްޗެއް ބުނުމަކުން އަތުންގެއްލޭނެ އެއްޗެއް ނެތެވެ. ބަސްބުނުމަކީ ގުޅުންތައް ބަދިހިވާން އޮންނަ އެންމެ ފަސޭހަ މަގެވެ.

• ސޯޝަލް ގްރޫޕެއްގެތެރޭގައި ކޮންމެ ފަރުދަކަށް އޭނާ ފުރަންޖެހޭ ހުސްޖާގަތަކެއް ހުރެއެވެ. ތިބާގެ ޖާގަ އެއްކޮށް ފަޅުވިޔަ ނުދޭށެވެ. އެ ފަޅުކަން މުޅި ގްރޫޕު ދެކޭނެއެވެ. ތިބާއަށް ފަހަރުގައި އެ ހުސްތަން ނުފެނިދާނެއެވެ. އެކަމަކު މިސާލަކަށް އެ އެންމެންވެސް ތިބާ ފަދައިން ހިމޭން ވެއްޖެނަމަ…. ދެން ކަން ވާނޭގޮތް ހިތަށް ގެންނާށެވެ. ތިބާގެ ހިއްސާ ކިތަންމެ ކުޑަޔަސް ތިބާގެ ބައި ފުރިހަމަކުރާށެވެ. ގްރޫޕްގެ ޖޯޝް ގެއްލުނަ ނުދޭށެވެ.

9 ތިބާގެ ގައިގާ ނުކުޅެދޭ ލޭބަލް ތަތްކުރިޔަ ނުދޭށެވެ.

ސިއްރެން ދަންނަވަންތޯއެވެ. މަޝްހޫރުގިނަ މީހުންނަކީ މާ އުފާވެރި ބައެއްނޫނެވެ. ބޭރަށް ނުކުމެ ސޯޝަލް ކަންކަމުގައި އުޅޭހައި ބަޔަކީ މަޝްހޫރު ބައެއްވެސް ނޫނެވެ. އަދި ހަމަ އެފަދައިން ހިމޭނުން ގޭގައި އެތިބޭ އެންމެނަކީ މީހުން ނުދަންނަ ބައެއްވެސް ނޫނެވެ. އުފާވެރި މޫނުތައް ގިނަފަހަރު ފެންނަނީ މެދުމިނެއްގައި ޙަރަކާތްތެރި ވާތީއެވެ. ތިބާއަކީ ނުކުޅެދޭ ވާހަކަ ނުދެއްކޭ މީހެއްގެ ލޭބަލް ޖެހުން ނޭދޭ ފަދައިން އެހެން ބަޔަކަށް ވެސް އެ ލޭބަލް ލިބުން އެމީހުން ވެސް ނޭދޭނެއެވެ.

• ސްކޫލްތަކުގައިވެސް މަޝްހޫރުވަނީ ވަރަށް ބުރަ މަސައްކަތް ކޮށްއުޅޭ ހީވާގި ދަރިވަރުންނެވެ. ރެޔާދުވާލު މަސައްކަތްކުރާ މުރާލި ކުދިންނެވެ. އެމީހުންގެ ޓާގެޓަކަށް ވާނީ އަބަދުވެސް ކުރިއަރާ ދިއުމެވެ. އެހެނަސް އެ އެންމެންނަކީ އުފާވެރިބަޔަކަށް ނުވެދާނެއެވެ. ކަމެއްގެ ޙަޤީޤަތް އޮޅުވާލާ އެއްމިޔަކަނުން ހީލާހައި ބަޔަކީ އަދި އުފާވެރި ދިރިއުޅުމެއްގައި ތިބި ބައެއް ކަމަށް ނުދެކޭށެވެ. ތިބާ މާޗު ކުރަންވާނީ ތިބާގެ އަމިއްލަ ބެރާ ހަމަޔަށްކަން ދަންނާށެވެ. އަނެކުން ޖަހާހައި ބެރަކަށް ނަށާކަށް ނުޖެހެއެވެ. އެމީހުންގެ ބެރު ހުއްޓައިފިނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ. ތިބާގެ ބެރު ތިބާ ބޭނުންއިރަކު ފަށާ ހުއްޓޭނެއެވެ. ކޮންޓްރޯލް ނަގާށެވެ. ތިބާއަށް ވާނެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com