ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކަނޑިފަރު ދާއިރާއަށް ކުރިމަތިލާފައިވާ ‘މަރްޔަމް މުޙައްމަދު’ގެ ކެމްޕޭން ފަށައިފިއެވެ. “މަރްޔަމް“ގެ ވަރުގަދަ ކެމްޕޭން ޓީމާއި އެކުގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ކަނޑިފަރު ދާއިރާގައި ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފޯރިއާއެކު ތަފާތު ދައްކަމުންނެވެ.

#ބަދަލެއްގެ ފެށުން ކެމްޕޭން ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ “މަރްޔަމް“ގެ ކެމްޕޭން ފަށާފައިވަނީވެސް ބަދަލެއް ދައްކަމުންނެވެ.

މަރްޔަމް“ގެ ކެމްޕޭން ޕޯސްޓަރާއި ކެމްޕޭނުގައި ހަރަކާތްތެރިވެފައިވާ ފޮޓޯތައް، ކެމްްޕޭން ޓީމުން އިއްޔެގެ ވަގުތެއްގައި އާއްމުކޮށްފައިވާއިރު، ކެމްޕޭނު ހަރަކާާތްތަކުން ވެސް ތަފާާތު ދައްކައެވެ. އެގޮތުން ރައްޔިތުންނާއި ގާތުން “މަރްޔަމް” ކެމްޕޭން ކުރަމުން ގެންދަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ރައްޔިތުމީހާ އާއި އެއް ހަމައެއްގައި ހުރެގެންކަން ކެމްޕޭން ފޮޓޯތަކުން ފެނެއެވެ.

މުނިއަވަސް އަކީ ސިޔާސީ އެއްވެސް ޚަބަރެއް ގެނެސްނުދޭ އޮންލައިން އެއް ނަމަވެސް “މަރްޔަމް“ގެ ކެމްޕޭންގެ ޚަބަރާއި މަޢުލޫމާތުތައް އެންމެ އަވަހަށް، އެންމެ ސައްހަކޮށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ސަބަބަކީ، ކަނބަލުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކީ މުނިއަވަސް އިން ވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް ކަމަށްވުމެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް އަންހެނުންނަށް ލިބެންޖެހޭ ހައްގު މިންވަރާ ގާތަށްވެެސް، ސިޔާސީ ޕޯސްޓްތަކުގައި އަންހެނުން ހަރަކާތްތެރި ނުވާ ކަން އެއީ ޙަގީގަތެކެވެ. އެހެންްކަމުން، ބަދަލެއްގެ ފެށުމަށް ނުކުންނަ “މަރްޔަމް” އާއެކު ކެމްޕޭނުގެ ޚަބަރުތައް ގެނެސްދިނުމަށް މުނިއަވަސް އިން ތިބީ އެންމެ ތަންފުކެއްވެސް ދޫދޭ ގޮތަކަށް ނޫނެވެ.

މަރްޔަމް” އަކީ ކާކުކަން މުނިއަވަސްގެ ކިޔުންތެރިންނަށް އަދިވެސް އެއްފަހަރު ހިއްސާކޮށްލާނަމެވެ. “މަރްޔަމް” އަކީ ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމެކެވެ. އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގެ ކަންތައްތަކެއް ފެނިގެންދާ ފިލްމު “މަރްޔަމް” އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ.

މިއީ ’އެއް ކާފު ޕްރޮޑަކްޝަންސް‘ އިން އުފައްދާ މީޑިއާނެޓްގެ މަލްޓި-އެޕް އިން ދެއްކުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމު “މަރްޔަމް” ޑައިރެކްޓްކޮށް ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ މަޖޫގެ އިތުރުން މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދުއެވެ. މި ފިލްމުގައި ސަޢީދުގެ ވަރުގަދަ އަދި ތަފާތު އެކްޓިންއެއް ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ފިލްމު “މަރްޔަމް”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ’އޯކޭޒް‘ އިންނެވެ.

ފިލްމު “މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.