ހަފުލާތަކުގެ ކޮންޓްރޯލް
1 ނަފުސު ސަމާލުކުރުވާށެވެ.
ޕާޓީއަކަށް ނުވަތަ ހަފުލާއަކަށް ދާންޖެހޭނަމަ ކުރިއަށް ނަފުސު ސަމާލު ކުރުވާށެވެ. އެ މާހައުލު ހިތަށް ގެނެސް ފަރިތަކޮށްލާށެވެ. މިހާރު އެހާ އުނދަގުލެއް ނުވާނެއެވެ. ގިނަ އެފަދަ ބައްދަލުވުމުގެ ވީޑީއޯ ހުރިނަމަ ބަލާ މާހައުލަށް ފަރިތަވެލުން މުހިންމެވެ. މިފަހަރު ކާމިޔާބު ވާނެއެވެ. އުއްމީދަކީ މުހިންމު ބައެކެވެ.
• ތިބާގެ މި ފަރިތަކުރުމަކީ ބަޔަކު ޙައިރާންކޮށްލުމަށް ކުރާކަމެއްނޫނެެވެ. ތިމާއަށް މީގެ ކުރިން ބައިވެރިވުން ނުދެވޭފަދަ ބައްދަލުވުމެއްގައި ނަފުސު ބައިވެރިކުރުމެވެ. އެހެން މީހުން ތިބޭނީ ތިބާ ޖަޖު ކުރާކަށްނޫނެވެ. އެމީހުން ވެސް އެ ތިބެނީ ޖެހިލުންވެ ކިރިޔަކިރިޔާއެވެ. އެކަމާ އެއްވެސް ވަރަކަށް ތިބާ ހާސްނުވާށެވެ. އެހެންވީމާ ފަސޭހަކަމާ އެކުވެރިކަމާއެކު ކުރިމަތިލާށެވެ. “މިރޭ އެ ހަފުލާގައި އަހަރެން ވެސް އުފާކުރާނަން”. މި ނިންމުން ހިތާ ސިކުނޑިން ތިބާގެ ނަފުސަށް ނިންމައިދޭށެވެ.
2 އޯޑިއަންސަކާ މުޚާތަބުކުރުން ހަނދާނަށް ގެންނާށެވެ.
ސްޓޭޖެއްގައި ތިމާ ހުރެ ކުރިމަތީގައި ތިބޭ އެތަށް ބަޔަކާ މައިކަކުން ވާހަކަ ދެއްކުމަކީ އަދި މުޅިން ތަފާތު ކަމެކެވެ. އެކަމުގެ އަސާސީ ކަންކަން ދަސްކޮށްލުމުން ފެށިދާނެއެވެ. ހަރުފަތަކަށްފަހު ހަރުފަތެކެވެ. ބައެއްފަހަރު “އޮޓޯ ކިއު” ނުވަތަ ކަރުދާހެއް ބަލައިގެންނެވެ. މިއިން ކޮންމެ ގޮތެއްގައިވެސް ލިޔެފައިވާ އެއްޗެއް ބަލަންޖެހެއެވެ. “އޮޓޯ ކިއު” ގައި ލިޔުން ދާނީ ފުރޮޅެމުން އަބަދުވެސް ކުރިއަށެވެ. ތިބާއަށް ބޭނުންތާކަށް ރިމޯޓުން ހުއްޓާ ހެދޭނެއެވެ. ކަރުދާސް ޖޭނީ އަމިއްލައަށް ސަފުހާ ބަދަލުކުރާށެވެ. ކޮންމެއަކަސް ވާހަކަ ހަތަރު ބަޔަކަށް ބަހާލާށެވެ.
1. ފުރަތަމަ ވާހަކަ ހުޅުވާލާނެ ގޮތެކެވެ. އެ ޖުމުލަތަށް ކުރުވެފައި ފަސޭހަކޮށް ރާވާލާށެވެ. ބިސްމިއަށްފަހު ހަމްދުސަނާ އިން ފަށާ، ޙާޟިރީންގެ ނަންތައް ތަރުތީބަކުން ކިޔަމުން ފަށައިގެން ކުރިޔަށް ދާށެވެ.
2. ދެވަނަބަޔަކީ ތަޢާރަފުތަކެވެ. ތިބާގެ ތަޢާރަފާއި މީ ކޮންކަމަކާ ގުޅިގެން ފާހަގަކުރެވޭ ކަމެއްކަމެވެ.
3. ތިންވަނަ ބަޔަކީ ކަމުގެ މުހިންމުކަމާއި އެކަމުން އޯޑިއަންސަށް ހިފޭނޭ ބޭނުންތައް ތަފުސީލުކޮށްދިނުމެވެ. މިބައިގައި އެބަޔަކަށް ފަސޭހައިން ވިސްނޭފަދަ ހެކިތަކާއެކު ކުރިއަށް ދާށެވެ. މާ ދިގުކޮށްފިއްޔާ ފޫހިވެދާނޭކަން ވިސްނާށެވެ.
4. ހަތަރުވަނަ ބަޔަކީ ވާހަކަ ނިންމާބައެވެ. މިބައިގައި ދެކެވުނު ވާހަކައިން ބޭނުން ހިފޭނޭގޮތާއި އެކަންކުރަން ހަނދާންކޮށްދޭށެވެ. ފަހުން ކަންހިނގާނޭގޮތުގެ ތަފުސީލު ވެސް ދެވެން އޮތްނަމަ ދޭށެވެ. ނިންމާލާފައި ހަމަޖެހިލައިގެން ބައިވެރިންނާ ވަކިވަކިން ބައްދަލުކޮށްލާށެވެ.
3 ވަކިފަރުދުނާއެކު ވާހަކަފަށާށެވެ.
ތިޔަށްވުރެ މާބޮޑު މާ އުނދަގު ޓާސްކެއް ނިންމާފައި ސްޓޭޖުން ފޭބިކަން ހަނދާންނުގައި ބަހައްޓާށެވެ. ތީ އެއަށްވުރެ މާ ފަސޭހަ ކަމެކެވެ. އެއްކަލަ ލަދުގެ ފަރުދާ ކަހާލެވިއްޖެ ނޫންހެއްޔެވެ. ތޮށިގަނޑު ފަޅާލާފައި ތިޔަހުރީ ނުކުމެ ބޭރުގައެވެ. އެކަންކަމާ އަޅާބަލާއިރު މި ބައްދަލުވުން މީ ކައިނިމިގެން ވައެއްލުންހާ ފަސޭހަކަމެކެވެ. ހާސްކަމެއްނެތިއެވެ. ވާހަކަ ފަސޭހަ ދިމާލަކުން ފަށާށެވެ. “ތިޔަރަށުގެ އާބާދީ މިހާރު ކިހާވަރެއް؟ ސްކޫލްގައި ކިތަށް ގްރޭޑުއޮވޭ؟ ކޮންކަހަލަ މަސައްކަތްތަކެއް އާންމުކޮށް ކޮށްއުޅެނީ؟ …… މީ ހައްތަހާ ވެސް ފަށަން ރަނގަޅު ދިމަދިމާއެވެ. ކުޑަ ސުވާލަކުން ހާސްކަން ފިލުވާލުމަށްފަހު އަސްލު ބޭނުންވާ ދިމާއަށް މިސްރާބުޖަހާށެވެ.
• އަސްލު ވާހަކައިގެ އަސާސީ ބައިން ފަށާށެވެ. އޭނަ ތިބާއާއި ބެހޭގޮތުން ކޮން ރަށަކުތޯ އުޅެނީ ނުވަތަ ކީއްތޯކުރަނީ އަހައިފިނަމަ ސީދާ ލޮލަށް ބަލަންހުރެ އުޅޭ ރަށާ އިތު ތަފުސީލު ދޭށެވެ. ނާހާ ބަޔަށް ވެސް އިތުރުކޮށްލާފައި ހިތްގައިމު ކުޑަކުޑަ އާބާދީ މަދު ވަރަށް ހިމޭން މާހައުލެކޭ ވެސް ބުނެލާށެވެ. އޭނާ އުފަލުން ދެން އޮތްބައި ކުރިޔަށް ގެންދާނެއެވެ.
4 ތައްޔާރުވެލާށެވެ.
ޚިޔާލީ ފަރުދާ ކަހާލާށެވެ. ތިބާ ތިޔަހުރީ ޕާޓީއެއްގެ ތެރޭގައެވެ. އެކި މީހުނާ ބައްދަލުކޮށްލާށެވެ. ކުރިންވެސް ދެއްކިފަދަ ވާހަކަތަކުން ފަށާށެވެ. ފުރަތަމަ އެކަކާއެވެ. ހާލަތަށް ފުރިހަމައަށް ވަންނާށެވެ. މަންޒަރުތައް އެންމެ ތަފުސީލުކޮށް ބަލަމުން ކުރިޔަށް ދާށެވެ. ދެން ކުދި ގްރޫޕްތަކާ ވެސް ބައްދަލުކޮށްލާށެވެ. ހަމަ ތިބާއަށް އެންމެ ފަރިތަ މައުލޫތަކުންނެވެ. އެއްވެސް ހާސްކަމެއްނެތި އަޅައިގަތުމެއް ނެތި ވާހަކަ ދެއްކޭވަރު ވަންދެން ފަރިތަކުރާށެވެ. ދެން އަސްލު ތިބާ އެންމެ ވާހަކަދައްކާލަން ބޭނުން މީހުނާ މަޑުމަޑުން ބައްދަލުވެ އަނގަތަޅާލައި ހަދަން ފަށާށެވެ. އެގޮތުން ދުވަސްކޮޅެއްގެ ތެރޭގައި ތިބާގެ ހުރިހާ ފިއްތުމަކުން ސަލާމަތްވެ ހަމަޖެހިލައިގެން މިނިވަންކޮށް ވާހަކަ ދައްކާލެވޭނެއެވެ.
• ދޭތެރެ މާދުރުނުކޮށް ފަށާށެވެ. ކޮންމެ ޚިޔާލީ ބައްދަލުވުމެއް ދެތިން މިނިޓަށް ފަރިތަކޮށްލާށެވެ. މިހެން އާދަކޮށް މަސައްކަތްކޮށްލަނިކޮށް ތިބާގެ ހުރިހާ ހާސްކަމަކާ ދުރަށް ޖެހިލެވޭނެއެވެ. ވާހަކަ ނިންމަމުން އަދި ބައްދަލުވުމުގެ އުއްމީދާއެކު ވަކިވަމޭ ބުނެލާށެވެ. ތިބާއަށް ހާސްކަމެއްނެތި ވާހަކަ ދައްކާލެވޭނީ ކިތައް މިނިޓްކަން ކަނޑައަޅާށެވެ. އޭރުން ބުނަން އުޅޭ ވާހަކަތަކަށް ފޯކަސް ކުރަން ފަސޭހަވާނެއެވެ. އަސްލު ދިގުމިނާ ވާހަކައިގެ ބާވަތް ވަރަށް މުހިންމު ވާނެއެވެ.
5 ކުރިމަތިލާނީ ވަރަށް މިނިވަންކޮންނެވެ.
ހަށިގަނޑާ ޙަރަކާތުން ވެސް ތިބާ ވަރަށް އޭނައާއި ވާހަކަ ދައްކާލާ ހިތުން ހުރިކަން ދައްކާށެވެ. ހަށަންބަނދެގެން ހުރެ ކުރިމަތިނުލާށެވެ. އިސްޖަހައިގެން ނުހުންނާށެވެ. އަތް ވަރަށް މިނިވަންކޮށް ބާއަވައިގެން ބައްދަލު ކުރައްޗެވެ. މިދެންނެވީ ފޯނުން ޗެޓްކުރަމުން ނޫނީ މެސެޖެއް ލިޔަމުން ކުރިމަތިނުލާށެވެ. ތިބާ ފޯނާކުޅެމުން ދާނަމަ އެކަކުވެސް ތިބާޔާ ވާހަކަ ދައްކާހިތެއް ނުވާނެއެވެ. އެމީހުން ނަށް ސަމާލުކަން ބޭނުންވާނެއެވެ.
• ތިބާ ކުރިމަތިލާންވާ މީހުން ކުރިން ނިންމާށެވެ. އެމީހުންގެ ހަރަކާތާ މޫނު ތަރުޖަމާކޮށްލާށެވެ. ތިބާ ހިތްނޭދޭ މީހަކާ ވާހަކަ ނުދައްކާށެވެ. މިހާރު މިކިޔައިދެވުނު ވާހަކަތަކުން ތިބާގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމުގައި ޔަޤީންކުރަމެވެ.
6 ހިނިތުންވުމާއެކު ލޮލަށް ބަލާށެވެ.
ނުފަރިތަ ނުރައްޓެހި މީހަކަށް އެންމެ ހިނިތުންވުމެއް ހަދިޔާކުރެވުނަސް ތިބާގެ މުޅިދުވަސް އުފާވެރިވީ ކަމުގައި ދެކޭށެވެ. އަދި އޭނައަށް ވެސް އެ އިޙުސާސް ހަމަ އެގޮތަށް ކުރެވޭނެއެވެ. ހިނިތުންވުމަކީ އަނެކާ ދެކޭގޮތް ގާތްކަމަށް ބަދަލުކޮށްލާ އޭނާވެސް ހުޅުވޭނޭ ކަމެކެވެ. އެގޮތަށް ފަށައިގަނެވޭ ވާހަކަ ވަރަށް ކާމިޔާބުވާނެއެވެ. އާކަން ކެނޑި ގާތްގުޅުމެއްގެ ސިފަޖެހި އިތުބާރު ކުރެވޭނެއެވެ. ތިބާގެ ފުށުން އޭރުން އޭނާއަށް އެދެއްކެނީ ތިބާއަކީ އެއްވެސް ނުރައްކަލެއް ނެތް ބިރުގަންނަން ނުޖެހޭ ގާތް މީހެއްކަމެވެ.
• އިންސާނުންނަކީ ވަރަށް ސޯޝަލް ސިކުނޑިތަކެއްގެ ވެރި ބައެކެވެ. ހިތުގައި އުދާސްތަކަކާއެކު ބައްދަލުވާ މީހާވެސް ގާތް ހިނިތުންވުމަކުން އެކަމާ ދުރުކޮށްދެވޭނެއެވެ. އަޅުގަނޑުމެން އެންމެން ވެސް މިތިބެނީ އެކަމަށް އެދިއެދިއެވެ. ހަމައެކަނި ތިބާ އޭނަޔާ ބައްދަލުވުމުގެ އިތުރުން އެކަމުގެ ސަބަބުން އޭނައަށް މުޅިދުވަހުގެ ހިތްހަމަޖެހުމަކަށް ވެގެން ދާނެއެވެ…. ތިބާ ތިދަނީ ވަރަށް ބާރަށް ކުރިޔަށެވެ. އެއްކަލަ ކުރީގެ ހާސްކަމާ ފިއްތުންތަކާ ދުރަށެވެ. ހިތްވަރާއެކު ބާރަށް ދާށެވެ.
7 ތިބާގެ ހަށިގަނޑާމެދު ވިސްނާށެވެ.
ތިބާ ގްރޫޕަކާއެކު ނުވަތަ އެންމެ މީހަކާއެކު ހުންނައިރު ވެސް ތިބާގެ މޫނުގެ ލަދުރަކިކަން ފެންނަމުން ދާނެކަމުގެ ބިރު ހިތުގައި އޮންނާނެއެވެ. އެއީ ފަށައިގަންނަ ހިސާބުގައި އެކަން ވާނޭވެސް ގޮތެވެ. އެކަމަކު ތިބާ ހާސްކަން އިތުރުވާނަމަ މިސުވާލުތަށް އަމިއްލަ ނަފުސާ ކޮށްލާށެވެ.
• މަށަށް އެބަ ނޭވާ ލެވޭބާ؟ ތިބާއަށް ނޭވާގެ ސްޕީޑް ލަސްކޮށްލެވިއްޖެއްޔާ، ހާސްކަން ފިލައިގެން ދާނެއެވެ. އެކަމުގެ ސަބަބުން އޮޓަމެޓިކުން ނަފުސު ހަމަޖެހި ހާސްކަމާ ދުރަށް ޖެހިލެވޭނެއެވެ.
• އަހަރެން މިހާރު ހަމަޖެހިއްޖެތަ؟ ހަމަ ނުޖެހޭނަމަ ތިބާގެ ހަށިގަނޑު އިތުރަށް ފަސޭހަ ޕޮޒިޝަނަކަށް ބަދަލުވެލާށެވެ. އޭރުން މާބޮޑަށްވެސް ހަމަޔަކަށް އެޅޭނެއެވެ.
• އަހަރެން މިހުރީ ރަނގަޅަށް ސިކުނޑިއާ ލޯ ހުޅުވިފައިބާ؟ ތިބާ އަށް ހުރެވޭ ގޮތުން ތިބާގެ ވާހަކައަށް ހަމަޖެހުން ލިބޭނެއެވެ. އަދިވެސް ހާސްކަން އިޙުސާސު ވާނަމަ ލަސްލަހުން ނޭވާލާފައި ކުރިޔަށް ގެންދާށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
-
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ޚަބަރުސަހަރޯ! ފިލްމު ޕްރޮޑިއުސަރުންނަށް މަރެއް!
- 6 މެއި 2023ހާދިސާލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ދެވަނަ ބައި
- 2 މެއި 2023ރިޕޯޓްލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ފުރަތަމަ ބައި
- 17 ޖުލައި 2021ރިޕޯޓްފަހި ވިސްނުމުން – 02