ހަފުލާތަކުގެ ކޮންޓްރޯލް

1 ލަނޑުދަނޑިތައް ތިބާ ކަނޑައަޅާށެވެ.

ހަމައެކަނި ތިމާ ޕާޓީތަކަށް ދާނަމޭ ނުވަތަ ލަދެއްނުގަންނާނަމޭ ބުންޏަކަސް އަދި އެކަމެއް ނުވާނެއެވެ. އެއީ އަދި ލަނޑުދަނޑިއެއް ކަނޑައެޅުނީ ކީ ނޫނެވެ. ދުލުން ބުނުމަކުން އަދި ހިތަށް އެރުވުމަކުން އެކަންކަން ޙާޞިލެއް ނުވާނެއެވެ. ދެން އެހެންކަމަށް ވާނަމަ ތިބާ ކަންކުރަންވީ ރަނގަޅު ގޮތަކީ އަސްލު ކޮބައިބާވައެވެ؟
ތިބާއަށް ބޭނުންވާނީ އަމަލީ ލަނޑުދަނޑިތަކެވެ. ބީރައްޓެހި ތިމާއަށް ނުފަރިތަ މީހަކާ ވާހަކަދެއްކުން ފަދަ ނޫނީ ޝަޤުހުންނަ ކުއްޖަކާ އަނގަތަޅާލުން ފަދަ ނުވަތަ ޕާޓީއެއްގައި ބަޔަކާ މުއާމަލާތްކޮށްލުން ފަދަ ކަންކަމުންނެވެ. މި ބައިގައި މިކަންކަމަށް އަލިއަޅުވާލާނަމެވެ.

• އެންމެ ކުދިކުދި ކަންކަމުން ފަށާށެވެ. ދެން ބޮޑެތިކުރާށެވެ. ފުރަތަމަ ތިމާގެ ނަފުސާއެވެ. ދެން ދެކެފަރިތަ މީހުންނާއެވެ. އެއަށްފަހު ބީރައްޓެހިން ދެން ގްރޫޕް ޕާޓީފަދަ މާހައުލުންނެވެ. މީ މިހެން ލިޔެލިޔަސް ބޮޑެތި ޓާސްކް ކަންވެސް އެނގެއެވެ. ފަށައިގެން ކުރިއަށް ދާށެވެ.

2 ތިބާއަށް އެންމެ ހިތްފަސޭހަކަމެއް ހޯދާށެވެ.

ތިބާ ކުރަން ތިޔަ އުޅޭކަމަކީ ދަނޑަކަށް އަރާ ފުޓުބޯޅަމެޗެއް ކުޅުން ނުވަތަ ރާޅާއެޅުމެއް ނޫނެވެ. މި ކަންކަމާ ތިބާގެ ލަދުވެތިކަމާ ގުޅުމެއްނެތެވެ. ތިބާގެ މާމަގެ ނިޔަފަތިކެނޑުން ނުވަތަ ފެންވެރުވުން ފަދަ ކަންކަމަށް ފަރިތަވީ ފަދައިން ތިޔަ ކުރަން ހިތުއަޅާ ކަންކަން ވެސް ދާނީ ދަސްވެ ފަރިތަވަމުންނެވެ. އަދި މިވަގުތު ސީދާ ތިބާއަށް އުފުލަން ނުކެރޭވަރު ކަންކަމާ ނޫޅޭށެވެ. ވާވަރުގެ ކުދިކަންކަމުން ފަށާށެވެ.

• އެހެން މީހަކު ކުރާހާ ކަމެއް އަދި ތިބާއަކާ ކުރާކަށް ކޮންމެހެން ނުޖެހޭނެއެވެ. އެކަންކަން ތިބާ ކުރިޔަސް އެކަމަށް އާދައެއް ނުވެވޭނެއެވެ. އެއީ ތިބާގެ ޠަބީޤަތުން ބޭރުކަމަކަށް ވާތީއެވެ. އެކަމަށް ވަގުތު ނަގާ ނުލާށެވެ. ކާނިވަލަށް ދިއުން ތިބާއާ ނުގުޅެއްޏާ އެބައި ދޫކޮށްލާށެވެ. ވަގުތުނަގާނުލާށެވެ. ތިބާގެ ފަރިތަކުރުމުގެ ދެވަނަ މަރުހަލާ އަކީ ސައިހޮޓާ ރެސްޓްރަންޓް ނޫނީ ކޮފީޝޮޕުތައްކަމަށް ހަދައި އެ ތަންތަނުން ފެށިދާނެއެވެ. އެއަށްފަހު ބައެއް އާންމު އެއްވުންތަކާއި ޕާޓީ އަދި ޖަލްސާތަކަށް ދެވިދާނެއެވެ. އެހެންވެސް ދާނީ ތިބާއާ ގުޅޭ ކަހަލަ ތަންތަނަށެވެ.

3 ތިބާއަށް އެތަނަކަށް ދިއުން ކުޑަކޮށް އުނދަގޫ މާހައުލަކުން ފެށުން ރަނގަޅެވެ.

އެހެންވީމާ އެތަނަކަށް ގޮސް ތިބާ ކަނަކަށްވަދެ ލަދުން ފިލާ އިންނަން ނުޖެހޭވަރު މާހައުލެއްތޯ ވެސް އަމިއްލައަށް ޗެކްކޮށްލުން ރަނގަޅެވެ. މިހެން ދެންނެވިއަސް ކުދިކުދި ހާސްވުންތައް ހުންނާނެހެން ހީވާ ތަނެއް ޚިޔާރު ކުރާށެވެ. ވިސްނުން ތަރައްޤީވެ ނަފުސު ހޭލަމުންދާނީ އޭރުންނެވެ.

• ގޭދޮށު ކަންމަތީ ފިިހާރަޔަކުން ވެސް ފެށިދާނެއެވެ. ނުވަތަ އަވައްޓެރިއަކާ ވެސް އަނގަތަޅާލެވިދާނެއެވެ. ބައެއް މީހުން ކުޑަކޮށް އެކަހެރިވާން އުޅެފާނެއެވެ. ސަބަބު އެނގޭ ހެއްޔެވެ. އެއީވެސް ތިބާފަދަ ލަދުވެތިކަމުން ސަލާމަތް ނުވެވި ހުރި މީހަކަށް ވުން ވަރަށް ގާތެވެ. އެކަމު މުއާމަލާތްކުރުމުގެ ކޮންމެސް މިންވަރެއް ލިބޭނެއެވެ.

4 ކޮންމެދުވަކުވެސް މަދުވެގެން އަލަށް އެކަކާ ވާހަކަ ދައްކާލާށެވެ.

ބޮޑަށް ރަނގަޅީވެސް އެއްފަހަރު ބައްދަލުވާ ކަހަލަ ބީރައްޓެހީނެވެ. އޭރުން އެމީހުން ހިތަށްއަރާފާނެ އެއްޗެއްވެސް ކޮންމެހެން ތިބާ ވިސްނާކަށް ނުޖެހޭނެއެވެ. ރަށަށް އަރާ ބީރައްޓެއްސަކާ ނުވަތަ މަގުމަތިން ދިމާވާ ނުދަންނަ މީހަކާ ވެސް ވާހަކަ ދައްކާލެވިދާނެއެވެ. އެއީ އެންމެ ވިއްސަކަށް ސިކުންތައް ވިއަސް ހެވެވެ.

• ތިބާ މިކަން ފަރިތަކުރި ވަރަކަށް ގިނަ މީހުންނާ ދެކެފަރިތަވެ ގުޅުން ވެސް އުފެދެމުން ދާނެއެވެ. ބައެއްފަހަރު ތިމާ އެމީހަކަށް ހީނލާ އެ ވާހަކަދެއްކީ ކީއްވެބާއޭ އެމީހަކު ވެސް ހިތަށް އަރާފަހަރު އަތުވެދާނެއެވެ. އަޅާނުލާށެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ. މާނަ ނުބައިކުރާހީ ހިތްގޯސް މީހުނެވެ. އޭނާ ހިތަށްއަރާ އެއްޗެއް ބަލާނެ ބޭނުމެއް ނެތެވެ. އަޅެ މިހިސާބުން ތިބާއަށް ލިބުނު ހިތްވަރު ވަޒަންކޮށްލަ ބަލާށެވެ.

5 އަމަލީގޮތުން ތިބާ އެމީހުނާ ކުރިމަތިލާށެވެ.

އާންމުކޮށް ތިބާ ބައްދަލު ނުވާ މީހަކާ ވާހަކަދައްކާލާށެވެ. ތިބާ ބޭނުން ދެ މައުލޫއަކަށް ވާހަކަތައް ހިއްސާ ކޮށްލެވޭނެހެން ހީވާ ބަޔަކާ ބައްދަލުވާނެ ގޮތެއް ރާވާލާށެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ބަޔަކު ހޯދާށެވެ. ހަމަޖެހިލައިގެން ފެށޭ ދިމާލަކުން ވާހަކަ ފަށާށެވެ. އަދި އެކުވެރިޔަކު މެދުވެރިކޮށް ނަމަވެސް ފުރުސަތު ހޯދާށެވެ. ހަމައެކަނި ތިބާގެ ނަފުސު ތަރައްގީކޮށް ފަރުވާދެވޭނެ ގޮތަކީ އެއީއެވެ.

• ވަގުތާއެކު ކަންކަން ރަނގަޅުވަމުން އަންނާތީ ތިބާ ދެކޭނޭކަން ކަށަވަރެވެ. ބައިސްކަލު ދުއްވަން ދަސްކުރީވެސް ވަރަށް ހާލުން ނޫންހެއްޔެވެ. ހަމަ އެހެން މިކަންވެސް ދަސްވާނީ މަސައްކަތުންނެވެ. އެތައް ފަރިތަކުރުމަކާ އެތައް ވަގުތެއް ބޭނުންވާނެއެވެ. މަޑުމަޑުން ތިބާއަށް އެކަމުގެ ތެރެއަށް ވަދެވެމުން ބިރާ ހާސްކަން ފިލަމުން މޫނުގެ ކުލަވަރު ރީތިވަމުން އަންނާނެއެވެ. ތިބާއަތުން އުނިވެ ގެއްލޭނެ އެއްޗެއް ނެތެވެ. ހުރިހާ ގޮތަކުން ވެސް ވާނީ ފައިދާއެވެ. ދާނީ ކުރިއަށެވެ.

6 ތިބާގެ ކުރިއެރުން ނޯޓުކޮށް ބަލަމުން ކުރިޔަށްދާށެވެ.

ތިބާ ކުރިން ތިބާއަށް އުނދަގޫ ކަންކަން ނޯޓްކުރި ފޮތް ނަގާ އެފޮތުގައި ނޯޓްކުރާށެވެ. މިހާރު ލިޔަމުންދާންވީ ތިބާއަށް އޭގެތެރެއިން ހޯދިފައިވާ ކުރިއެރުންތަކެވެ. އެ ކުރިއެރުންތައް ފެނުމުން ތިބާގެ އަމިއްލަ ނަފުސު މިހާރު ފަޚުރުވެރިވެ އިތުރަށް ކުރިއަށް ދިއުމަށް ބާރުއަޅާނެއެވެ. މަދު ހަފުތާކޮޅެއްގެ ތެރޭގައި ތިބާއަށް ނަފުސުގެ މަށްޗަށް ހޯދެމުންއައި ކުރިއެރުން ތިބާދެކޭނީ ހިތްހަމަޖެހިގެންނެވެ. ކުރިން ގަތް ލަދު އެ ހާސްކަމާ ބިރު މިހާރު ކޮބައިހެއްޔެވެ؟ ތިބާގެ ހިތްވަރާ ބުރަ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަހެވެ.

• މިކަމަށް ސެޓް ވަކި މުއްދަތެއް ނޯންނާނެއެވެ. ބައެއް މީހުނަށް އެތައް ދުވަހެއް ވާއިރު ވެސް އަދިހަމަ ފަނޑު އަލިކޮޅެއް ފެނިފެނި ހުރެދާނެއެވެ. އެހެންހުރެފައި މުޅިތަން އުޖާލާވެ ދިއްލިގެން ދާނީ ނޭނގި ހަމަ ކުއްލިއަކަށެވެ. އަނެއްބަޔަކަށް އެމަގު ވަރަށް ދިގުވެފައި ދުވެލި ލަސްވެދާނެއެވެ. ހައެއްކަ މަސް ވެސް ނަގައިފާނެއެވެ. ކަމުގެ ބާވަތަށް ބަލާއިރު އެއީވެސް ގޯސް މުއްދަތެއްނޫނެވެ. ހޭދަވާ މުއްދަތު ކިތަންމެ ދިގަސް ކިތަންމެ ކުރަސް ތިބާއަށް އެ މަންޒިލަށް ވާސިލު ވެވޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ. ހުއްޓާނުލާ ކުރިޔަށް ދާށެވެ. ފާގަތި ދުވަސްތަކަކަށް އެދެމެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com