❖ ތިބާގެ ޤާބިލްކަން އިތުރުވެއެވެ.
❖ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވެއެވެ.
❖ މަސައްކަތުގެ ކުރިއެރުން ލިބެއެވެ.

ކަންކަން ހަމަމަގަށް އަޅުވާ ކާމިޔާބީއަށް މަގު ކޮށައިދެނީ ފަހި ވިސްނުމުންނެވެ. މިސަބަބަށް ޓަކައި އަޅުގަނޑުމެން އެންމެންވެސް އިދި ވިސްނުމުގެ ބަދަލުގައި ކަންކަމާމެދު ފަހި ވިސްނުމެއް ގެންގުޅުން ވަރަށް މުހިންމެވެ. އެކަމަކު ފަހި ވިސްނުމަކީ އަދުގެ ކޮރަޕްޓް މުޖުތަމަޢު ތަކުގައި އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން ދަތި އެއްޗެކެވެ. ބައެއް މާހައުލުގައި އޭގެ އަސްލު ބަރުދަން ނުހުރެދާނެއެވެ. އެހެނަސް ހަގީގީ ނިމުން ފޮނިވާނެއެވެ.

އަދުގެ ހޯދުންތަކުން ދައްކާގޮތުގައި ފަހި ވިސްނުމުން ލިބޭ ކުރިއެރުން ހިތަށްވެސް ނާރާހާ ބޮޑެވެ. ކާމިޔާބެވެ. ފަހި ވިސްނުމުގެ ސަބަބުން ތިބާގެ އަސްލު ދިރިއުޅުމުގެ ފުރިހަމަ އަގު ތިމާއަށް ވަޒަންކުރެވި، ލިބިގެން ދެއެވެ. އަދި ތިބާގެ ފޯރުންތެރިކަމާ އުފެއްދުންތެރި ޚިޔާލު އެތައް ގުނައެއް މަތިވާކަން ފާހަގަ ވެއެވެ. އޭގެ އަސަރުތައް މާ ގިނަ ދުވަހަށް ރަނގަޅުގޮތުގައި ދިރި ދެމި ހުރެއެވެ.

ފަހި ވިސްނުމުގެ އަސަރު ތިބާގެ މަސައްކަތަށާއި ސިއްޙަތަށް އަދި މުޅި ދިރިއުޅުމަށް ވެސް މާ އެދެވޭގޮތުގައި ފޯރައެވެ. ދިގު މުއްދަތަށާއި ކޮންމެ ދުވަހެއްގެ މަސައްކަތަށެވެ.

ތިބާގެ ސިކުނޑިއަށް އިދި ވިސްނުމުން ވަނީ ކިހިނެއް؟

ބައެއް ކަހަލަ ހާލަތަށް ވިސްނާލަމާ ތޯއެވެ؟ މިސާލަކަށް ތިބާ ވަލުތެރޭން އެކަނި ހިނގާފައި ދަނިކޮށް ކުރިމައްޗަށް ކުއްލިއަކަށް ފުންމައިގެން އައިސް މިނިކާވަގެއް އެރީއެވެ. މިނިކާވަގަކީ އިންސާނުން ރޮލާ ކާ އެއްޗެއްކަން އެންމެންވެސް ދަނެއެވެ. އެވަގުތު ތިބާއަށް ކަންކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހަމަ ކުއްލިއަކަށް ތިބާގެ ސިކުނޑިން އިދި ވިސްނުމަކުން ޖަޒުބާތު އުފަންކުރާނީ ބިރެކެވެ. ޖެހިލުންވުމެވެ.

މާކުރިއްސުރެ ވެސް އިދި ވިސްނުމެއްގެ ޖަޒުބާތު ސިކުޑިއަށް ގެނެސްދޭނީ ކޮންކަހަލަ ޙަރަކާތެއްކަން ވަނީ ހޯދިފައެވެ. އެގޮތުން ކުއްލިއަކަށް ތިބާގެ ކުރިމަށްޗަށް އެ ފުންމާލި މިނިކާވަގުގެ ސަބަބުން ފުރަތަމަވެސް ގަދަ ހަޅޭކަކާއެކު ތިބާއަށް ދުއްވައި ގަނެވޭނީއެވެ. ދުނިޔޭގެ އެހެން ހުރިހައި ކަމެއް ހަނދާން ނައްތާލާފައެވެ. ހަމައެކަނި ޚިޔާލުގައި އޮންނާނީ އެ މިނިކާވަގެވެ. އޭގެ ސަބަބުން އުފެދުނު ބިރެވެ. އަދި އޭގެ ކިބައިން ސަލާމަތް ވެވޭނީ ކިހިނެއް ކަންކޮށްގެން ތޯއެވެ.

އެހެން ގޮތަކަށް ދަންނަވާނަމަ އިދި ވިސްނުމުގެ ސަބަބުން ތިބާގެ ވިސްނުމުގެ ރޮނގު ވަރަށް ހަނި ކޮށްލައެވެ. އަދި ހަމައެކަނި ތިބާގެ އަމިއްލަ ނަފުސާއި ޚިޔާލަށް ފޯކަސް ކުރެއެވެ. އެނޫން ހުރިހާއެއްޗެއް އެ ހިނދަށް ހިތުން ފޮހެލައެވެ. އެކަމަކު ހަމަ އެ މާހައުލުގައި އެނޫން ގޮތްގޮތް ވެސް ސަލާމަތްވުމަށް ހުންނާނެއެވެ. އެތަނުން ގަހަކަށް އެރުން ނުވަތަ ދަނޑި ބުރިއެއް ހޯދުން ފަދަ އެތައް ގޮތެއް ހުރެދާނެއެވެ. އެކަމަކު އެފަދަ ދަނޑިވަޅުގައި ތިބާގެ ސިކުނޑި އެ ހުރިހާކަމަކަށް ލައްޕާލެވެނީއެވެ. އެއީ މިނިކާވަގެއް ކުރިމަތީގައި އޮތުމުން ގަތް ބިރުންނެވެ. ތިބާއަށް ދަސްވެފައިވަނީ މިނިކާވަގަކީ އިންސާނަކު ފެނިއްޖެއްޔާ ކާލާ އެއްޗެއްކަމެވެ.

އެކަމަކު މިޒަމާނުގައި ޖަންގަލިން އެހެން ފެންނަ މިނިކާވަގަކަށް ބިރުން ގޮތްހުސްވާނީ މަދު މީހެކެވެ. އޭގެ މިޒާޖާއި އެސޮރު ކަންކުރާނޭ އެތައް ގޮތެއް ދަނެއެވެ. ހިތާމަޔަކީ ކުއްލި ޙާލަތުގައި ތިބާގެ ސިކުޑި އަބަދުވެސް އިދި ވިސްނުމަށް ދިއުމަށް ކުރިއްސުރެ ހޭނިފައި ވާކަމެވެ. އަދި އެހިސާބުން މުޅި ދުނިޔޭގެ ދޮރުފަތް ލެއްޕި ހަމައެކަނި އެ ނުރައްކާ ތިމާގެ ދުރުމިއަށް އަރާކަމެވެ.

ހަމަ އެގޮތަށް ތިބާ އެހެންމީހަކާ ތަޅާފޮޅާނަމަ ވެސް ތިބާގެ ޖަޒުބާތާ ރުޅި ހުންނާނީ އެހެން އެއްވެސް ކަމެއް ހަނދާންވާ ވަރަށްވުރެ މާ މަތީގައެވެ. އަދި މި ހުރިހާ ދުވަހުގެ ނަފުރަތުގެ ބަދަލު މިސިކުންތުގެ ތެރޭ ހިފުމަށް ހުންނާނީ ކެތް މަދުވެފައެވެ. އެހެން ކޮންޓްރޯލުން ބޭރުވާ ރުޅީގެ ސަބަބުން ތިމާއަށް ފައިދާހުރި އެއްކަމެއް ވެސް ނުކުރެވޭނެއެވެ. ކުޑަމިނުން އަމާޒަށް ގާބުރިއެއް ވެސް ނޭއްލޭހައި ލޭމައްޗަށް ދާނެއެވެ.

ވީމާ ބުއްދިވެރި ގޮތަކީ ފިނި ސިކުނޑިއަކުން އެންމެ މޮޅުގޮތް ދަނެގަނެވޭ ވަރަށް ތިމާގެ ރުޅި ތިމާގެ ކޮންޓްރޯލްގައި ބާއްވައިގެން އެކަމަކަށް އެންމެ އެކަށީގެންވާ ފިޔަވަޅެއް އަޅަން ދަސްކުރުމެވެ. އެހެންނޫނީ މިފަދަ ކޮންމެ ޙާލަތެއްގައި ވެސް ތިމާއަށް މުޅިދުނިޔެ ގެއްލި ދެން ފެންނަން ހުންނާނީ ތިމާގެ ދުޝްމިން މީހާ ނުވަތަ އެއެއްޗެއް ހަމަ އެކަންޏެވެ. އެއީ އިދި ވިސްނުމާ ބިރާ ފިއްތުމުގެ ސަބަބުންނެވެ. އިދި ވިސްނުން ތިބާގެ ސިކުޑީގައި ތަޅެއް ލަނީއެވެ. އެތަނުން ލިބެންހުރި އެތަށް މޮޅެއް ފޮރުވާފައެވެ. ބަދަލުގައި ދައްކާނީ ދުޝްމަނާ އެކަންޏެވެ. ސަލާމަތަކީ ދުއްވައިގަތުން އެކަނި ކަމުގައި ބުނެދޭނެއެވެ. ތިބާއަށް މިނިކާވަގަކަށް އެފަދަ މާހައުލަކުން ދުވެ ފިލޭނެހެއްޔެވެ. އެއީ ސިކުނޑި ބުނެދޭ މޮޔަ ވިސްނުމެވެ.

ދެން މިބާވަތުގެ އިދި ވިސްނުމާ ތަފާތުކޮށް ފަހި ވިސްނުމުން އެފަދަ ދަނޑިވަޅުގަައި ތިބާގެ ސިކުނޑިއަށް ކޮށްދޭނޭ ކަންކަމާމެދު ވިސްނާލަމާތޯއެވެ؟

ތިބާގެ ސިކުނޑިއަށް ފަހި ވިސްނުމުން ވަނީ ކިހިނެއް؟

މިބައި ވަރަށް މުހިންމު ހޯދުންތަކެއްގެ ތަފުސީލުން ފަށާނަމެވެ. ފްރެޑްރިކްސަން އަކީ ފަހި ވިސްނުމުގެ ނަފުސާނީ ހަމަތައް ހޯއްދަވާ ނޯތު ކެރޮލީނާގެ ދިރާސާ ކުރައްވާ ކަނބަލެކެވެ. އެގޮތުން އޭނާ ތައްޔާރުކުރެއްވި ކަރުދާހެއްގައި ފަހި ވިސްނުމުން އިންސާނާގެ ޤާބިލްކަން އިތުރުކޮށްދޭ މިންވަރާމެދު ޙައިރާންވާފަދަ ވާހަކަތަކެއް ހާމަކުރައްވާފައި ވެއެވެ. އޭނާގެ އެ ލިޔުއްވުމަކީ މިހާތަނަށް އެރޮނގުން އެންމެ އިތުބާރުކުރެވޭ އަދި އާންމު ދިރިއުޅުމުގައި އެންމެ ބޭނުންކުރޭ ޙަޤީޤަތަކަށް ވަނީ ވެފައެވެ. އެހެންކަމުން އޭގެ ސަބަބުން ތިބާއަށް އެއިން އެއްޗެއް ދޭހަވޭތޯ ފްރެޑްރިކްސަންގެ ވާހަކަތަކުން ބައެއް ނަކަލު ކޮށްލާނަމެވެ.

ފްރެޑްރިކްސަން ވަނީ ސިކުނޑީގެ ފަހި ވިސްނުންތަކުން ވާ ފައިދާއާ ބެހޭ ތަޙުލީލުތަކެއް ކޮށްފައެވެ. މި ތަޙުލީލުތައް ކުރިއަށް ގެންދެވީ ތަފާތު ފަސް ބަޔަކަށް ބައިވެރިން ބަހާލައިގެން ވީޑިއޯ ކްލިޕްތަކެއް ދައްކައިގެންނެވެ.

ފުރަތަމަ ދެ ގްރޫޕަށް ދެއްކެވީ ފަހި ވިސްނުމުން ކަންކުރާ ގޮތުގެ ކްލިޕްތަކެވެ. އެއިން 1 ވަނަ ގްރޫޕަށް ދެއްކެވީ އުފާވެރިކަމުގައި ތިބޭ ފޮޓޯތަކެކެވެ. އަދި ގްރޫޕް 2 އަށް ދެއްކެވީ އުފާވެރި އަދި އުފަލުން ހިތްފުރިފައިވާ ބައެއްގެ ފޮޓޯތަކެވެ.

ގްރޫޕް 3 އަށް ދެއްކެވީ އާދައިގެ މޫޑެއްގައި ތިބޭ ވަކި އަތަކަށް ބުރަނުވާ ބައެއްގެ ފޮޓޯއެވެ. އެއިން އެގްރޫޕަށް މާ ޚާއްސަ އަސަރެއް ފޯރިކަމަކަށް ނުދައްކައެވެ.
އެންމެ ފަހު ދެ ގްރޫޕަށް ދެއްކެވީ އިދި ވިސްނުން އަންނަ ފަދަ ފޮޓޯތަކެކެވެ. އެތަނުން ގްރޫޕް 4 އަށް ދެއްކެވީ ބިރުގަންނަފަދަ ފޮޓޯތަކެވެ. ގްރޫޕް 5 އަށް ދެއްކެވީ ރުޅިވެރިކަން ފެންނަ ފޮޓޯތަކެވެ.

އެއަށްފަހު ކޮންމެ ބައިވެރިއަކަށް ޖެއްސީ އެމީހަކަށް އެ ފެނުނުފަދަ ޙާލަތެއްގައި އޭނާ ކަންކުރާނޭގޮތް ލިޔާށެވެ. ކޮންމެ ބައިވެރިއަކަށް ހުސް 20 ފޮޅުވަތުގެ ކަރުދާހެއް ދެއްވުމުން އެންމެންހެން ފަށަން ބޭނުންކޮށްފައިވާ ޖުމުލަޔަކީ…” އަހަރެން ހަނދަން ބޭނުންގޮތަކީ….” މިހެނެވެ.

އެންމެ ކުރު ވާހަކަކޮޅެއް ލިޔެފައިވަނީ ބިރުވެރި ފޮޓޯތައް ބެލި ބައިވެރިންނެވެ. އަދި އުފާވެރި ހިތްހަމަޖެހޭ ފޮޓޯތައްބެލި ބައިވެރީން ފާހަގަކުރެވޭހައި ގިނަ ކަންކަމާ އޮޕްޝަންތައް އެމީހުން ބޭނުންކުރާނެ ކަމަށް ލިޔެފައިވެއެވެ.

އެހެންގޮތަކަށް ދަންނަވާނަމަ ތިބާއަށް އުފާވެރި ހިތްއެދޭ މަންޒަރުތަކެއް ފެންނަމުން ދާނަމަ ތިބާއަށް ދިރިއުޅުމުގައި ކަންކަން ކުރާނޭ މާގިނަ ގޮތްތައް ހޯދާބަލައެވެ. މިއީ ފަހި ވިސްނުމުން ވިސްނާމީހުން ދުނިޔޭގައި އުޅުމަށް މާ ގިނަ ފަހި ގޮތްތައް ހޯދައިގަންނަ ކަމާ އަދި އެފަދަ އޮޕްޝަން ތަކުން އެދެވޭ އަސަރު މާބޮޑަށް ކުރާކަން ބެލުނު މިފަދަ އެންމެ ބޮޑު ދިރާސާއެވެ.

އެކަމަކު އެއީ އަދި އޭގެ ހަމައެކަނި ފަށައިގަތުމެކެވެ. އަސްލު ދިރިއުޅުމުގައި ފަހި ވިސްނުމުން ކުރާ އަސަރުތައް އަދި ކުރިއަށް އޮތީއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com