އަމްޖޭގެ ލޯބީގެ ބިރުވެރިފިލްމު ‘ރޭވުމުން‘ އަންނަ މާޗްމަހު ސިނަމާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ/ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ބުނެފި އެވެ. “ސަނދުރަވިރޭ” އާއި “އުދަބާނި” “ދޮންކަމަނަ” އަދި “12ގެ ފަސް” ފަދަ ކާމިޔާބު އެތައް ބިރުވެރި ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސް ދިން އަމްޖޭ ބުނީ މި ފިލްމުން މިހާރުގެ މުޖުތަމަޢު އޮތްގޮތް ވަރަށް ރަނގަޅަށް ދައްކައިދޭނެ ކަމަށެވެ.
“އަމިއްލަ އެދުން ބޮޑުވެގެން ގޮސް އެޅޭ ޅައެއްޗަކުން ކަންތައްތައް އަނެއް އަތަށް މުޅިން ބަދަލުވެގެން ދަނީ. ގޯސް އަތަށް. ބިރުވެރިކަމެއްގެ ތެރޭގަ ގޮސް އެމީހުން ފަނާވެ ނިމިގެންދަނީ.” މި ފިލްމާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން އަމްޖޭ ބުންޏެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައިދޭނީ ގެދޮރުގެ ދަތިކަމުގެ ތެރެއިން އުފެދޭ ވަސްވާސްތަކާއި އެކުގައި ހިނގާ ބިރުވެރި ހާދިސާތަކެކެވެ.
އަމްޖޭގެ އަމިއްލަ ވާހަކައަކަށް، އަމިއްލަ އަށް ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އޭނާގެ 52 ވަނަ ޑައިރެކްޝަން އެވެ. މި ފިލްމުގެ ޝޫޓިން އާއި އެޑިޓިން ނިމި މިހާރު އޮތީ ޑަބިންގެ މަސައްކަތް އެކަނި ކަމަށް އަމްޖޭ ބުންޏެވެ.
މަސްދުވަސް ތެރޭގައި ޝޫޓިން ނިންމާލެވިފައިވާ މި ފިލްމާއި މެދު އަމްޖޭ އިތުރަށް ބުނީ މި ފިލްމުގެ ޝޫޓިން މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމައިލެވުނީ މީގެ ޕްރޮޑަކްޝަން ސައިޑް ގައި މަނިކް އަދި ޝާޒް ހަރަކާތްތެރިވެފައިވާތީ އެވެ.
“ސީދާ އޯވަރޯލް ކޮށް މުޅި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރިކަމަށް ވިޔަސްވެސް އެމީހުންނަކީވެސް ހަމަ ޕްރޮޑިއުސަރުން މީގަ. އެގޮތަށް ބައިވެރިވެގެން ކުރި މަސައްކަތެއް މީ. ދެން އެމީހުންނަށް ވަރަށް ބޮޑަށް މި ފުރުޞަތުގައިވެސް ޝުކުރު އަދާކޮށްލަން ބޭނުން.” މުޅި ޕްރޮޑަކްޝަން ޓީމުގެ މަސައްކަތް ވެސް އަމްޖޭ ފާހަގަކުރަނީ މުޅި ޓީމަށް ޝުކުރުއަދާކުރަމުންނެވެ. ޝާޒް އަދި މަނިކު ގެ އިތުރުން ފިލްމުގެ މަސައްކަތުގައި މާއެނބޫ އާއި ދަބަޅޭ އަދި ޒިޔާ ކޮށްދިން މަސައްކަތްވެސް އަމްޖޭ ފާހަގަ ކުރެއެވެ.
ހުޅުމާލޭގައި ޝޫޓްކޮށް ނިންމާފައިވާ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ (ޝަކިއްތަ)، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.
ކޮމިކް ރޯލުތަކަށް މަޝްހޫރު ޝާޒް މި ފިލްމުން ފެނިގެންދަނީ ވަރަށް ތަފާތު ރޯލަކުން ކަމަށް އަމްޖޭ ބުންޏެވެ.
“ތަފާތު ރޯލެއް އިނގޭތޯ. މީހުން ހީނުކުރާކަހަލަ ރޯލެއް މިފަހަރު ކުޅެފަ އެއޮތީ.”
އަމްޖޭ ބުނީ ޝާޒަކީ ރާއްޖޭގެ އެކްޓަރުންގެ ތެރޭގައި އެހެން މީހުންނަށް ގޮންޖަހާލާ ވަރުގެ ނަމޫނާ އެކްޓަރެއް ކަމަށާއި ކޮންމެ ރޯލެއްވެސް އޭނާ މޮޅަށް ކުޅޭނެ ކަމަށެވެ. ޝާޒަކީ އެކްޓިން އެނގިގެން އެކްޓް ކުރާ މީހެއް ކަމަށާއި މި ފިލްމުގައި ޝާޒް އަދާކޮށްފައިވާ ރޯލު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ބުންޏެވެ. ޝާޒް އެކޭ އެއްގޮތަށް މަނިކް އަކީ ވެސް ހަމަ އެހާމެ މޮޅު، ޝާޒް ފަދަ އެކްޓަރެއްކަންވެސް އަމްޖޭ ފާހަގަ ކުރިއެވެ.
އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ.
ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކށޯްފައިވަނި ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!