ރާއްޖޭގެ ރިސޯޓްތަކުގައި ޕާފޯމްކުރުމަށް ބިދޭސީ ފަންނުވެރިން ގެނައުމާ ދެކޮޅަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް (އެމް.ޔޫ.އެމް)އިން ކެމްޕޭނެއް ފަށަައިފިއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން ބުނީ މި ކެމްޕޭނަކީ ގަވާއިދާ ހިލާފަށް ބިދޭސީ ފަންނުވެރިން ދިވެހިރާއްޖޭގެ ރިސޯޓު ތަކުގައި ކުޅެން ގެންނަ މައްސަލައަށް އަލިއަޅުވާލާ، އެކަމާ ދޭތެރޭ އެޅެން އޮތް ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ނިޔަތުގައި މިއަދު ފެށި ކެމްޕޭނެއް ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ މިއުޒިކީ ސިނާއަތަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން ފާަހަގަކުރެއެވެ. މި ބަލިމަޑުކަމުގެ ސަބަބުން 2020 ގެ މާރޗް މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން އާމްދަނީ ހޯދުމުގެ ގޮތުން ރިސޯޓު ތަކުގައި މިއުޒިކު ކުޅެމުން ދިޔަ އެތަކެއް ފަންނާނުންނަކަށް އެމީހުންގެ އާމްދަނީ ހޯދުމުގެ ދޮރު ބަންދުވެގެން ދިޔަކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

“ޖޫން މަހުގައި އަލުން ބޯޑަރުތައް ހުޅުވުމާއި ގުޅިގެން ދިވެހި ފަންނާނުންގެ އުންމީދުތައް އަލުން އާވެގެން ދިޔަނަމަވެސް، ދެން ފެންނަންފެށީ އަނެއްކާވެސް ހިތާމަވެރި މަންޒަރެކެވެ. އެތައް މަހެއްގެ އާމްދަނީއިން މަޙުރޫމުވެފައި ތިބި ދިވެހި ފަންނާނުންނަށް ރިސޯޓުތަކުގައި މިއުޒްކުޅެ އާމްދަނީ ހޯދުމުގެ ޖާގަ ހަނިވެ، ބިދޭސީ ފަންނާނުން ރާއްޖެ ގެނެސް، އެމީހުންނަށް ރިސޯޓު ތަކުގައި ލިބެމުންދިޔަ ފުރުސަތުތައް އިތުރުވަމުން ދިޔަ މަންޒަރެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުން އެކަން މަނާކޮށްފައި ވީނަމަވެސް، އެތައް ރިސޯޓު ތަކަކުން ދިޔައީ – އަދި މިހާރުވެސް ދަނީ ދިވެހި ފަންނާނުންތައް އެއްފަރާތްކޮށްލާ، ބޭރު ފަންނާނުން ގެންނަމުންނެވެ.

މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން، މި މައްސަލައަށް ހުރި ހައްލުތައް ހޯދުމަށް މި ޔޫނިއަންއިން މަސައްކަތްފެށީމެވެ. މިގޮތުން އެތައް ފަހަރެއްގެ މަތިން، ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް، މި މައްސަލަ އާއި ގުޅޭގޮތުން އެތައް ލިޔެކިޔުމެއް ވާނީ ފޮނުވާފައެވެ. މީގެ އިތުރުން، މީސްމީޑިއާގައިވެސް މި ޔޫނިނަންގެ އެތަކެއް މެމްބަރުންނެއް، އަދި އެތަކެއް ފަންނާނުންނެއް، އެތައް ފަހަރެއްގެ މަތިން މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭތޯ މަސައްކަތް ކުރިނަމަވެސް، މާބޮޑު ކާމިއާބީއެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ. މި ކަމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދުތަކާ ހިލާފު ކަމެއް ނަމަވެސް، މިފަދަ ކަންކަން ބަލަން ކަނޑައަޅާފައިވާ އިދާރާތަކުން ނުބެލޭކަންމީ ހިތާމަހުރި ކަމެކެވެ.”

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން މިއަދު އާއްމުކުރި ބަޔާނެއްގައި ވެއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް (ޤަވާއިދު ނަންބަރ 2-R/2020) ގެނެވުނު 1 ވަނަ އިޞްލާޙު ގެ 13 ވަނަ މާއްދާގެ (ށ)ގެ 6ގައި ވާ ކޯޓާ ދޫކުރެ ވޭ މަޤާމްތަކާއި ކޯޓާ ދޫނުކުރެވޭ މަޤާމްތައް (ކޯޓާ އޮކިއުޕޭޝަން) ގެ ދަށުން ކޯޓާ ދޫނުކުރެވޭ ވަޒީފާތަކުގެ ތެރޭގައި މުނިފޫހިފިލުވުން ހިމެނޭ ކަމީ މިއުޒިކް ވެސް އޭގެ ތެރޭގައި ޝާމިލްވާގޮތަށް އޮތް މާއްދާއެކެވެ.

ފެބްރުއަރީ 17 ވަނަ ދުވަހު ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮޕްމެންޓް ހިމެނޭހެން، ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް މި މައްސަލައާއި ގުޅޭގޮތުން މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން ސިޓީ ފޮނުވާފައިވެއެވެ. ގާނޫނީ ވަކީލެއްގެ ބައިވެރިވުމާއި އެކު ފޮނިވި މި ސިޓީގައި ވާނީމައްސަލައިގައި ޝާމިލުވާ ފަރާތްތަކުން މިކުރާ ޣަައިރު ގާނޫނީ ކަންކަން ފާހަގަކޮށް، އެ ފަރާތްތަށް ޒިންމާދާރު ކުރުމަށް އެ ސިޓީގައި ގޮވާލާފައިވެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން ބިދޭސީ ފަންނާނުން މަރުޙަބާ ކިޔާ ނަމަވެސް، މިހާރުވެސް ދަތި ޙާލުގައި އުޅެމުން ދާ ދިވެހި ފަންނާނުންނަށް އޮތް ފުރުސަތުތައް އިތުރަށް ހަނިކުރުމަކީ ކުރެވިގެން ވާނެ ކަމެއް ކަމުގައި ނުދެކެއެވެ. މިގޮތުން ޤާނޫނާއި، ޤަވާއިދުތަކާ ހިލާފަށް ބޭރު ފަންނާނުން ގެނައުމުގައި ޝާމިލުވާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް އެ ޔޫނިއަންއިން ގޮވާލައެވެ. އަދި އެފަދަ ފަރާތްތަކުން ދިވެހި ފަންނާނުންނާއި ދޭތެރޭ އިހާނެތިކޮށް ހިތާ ހިތުން ކުށްވެރިކުރެއެވެ.

މިއަދު ފެށި ކެމްޕޭނަކީ މި މައްސަލަ އާއި ގުޅޭގޮތުން އިތުރަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުންނާއި، މި މައްސަލައިގައި އެޅެން އޮތް ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ނިޔަތުގައި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑީވްސް އިން މިއަދު ފެށި ހަރަކާތެކެވެ.

މިއިޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން އަބަދުވެސް ދިވެހި ފަންނާނުންގެ އަގު ވަޒަންކޮށް، އެބައެއްގެ ހައްގުތައް ރައްކާތެރިކުމަށް ވަކާލާތުކުރާނެ ކަމަށް ތަކުރާރުކޮށް ބުނާ ބުނުން މިއަދުވެސް ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.