❖ ތިބާގެ ޤާބިލްކަން އިތުރުވެއެވެ.
❖ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވެއެވެ.
❖ މަސައްކަތުގެ ކުރިއެރުން ލިބެއެވެ.
ފަހި ވިސްނުމުން ނަފުސާ ސިކުނޑިއަށް މެސެޖުދޭން ދަސްކުރުން
ފަހި ވިސްނުމުގެ މާނައަކީ ތިބާގެ ކަރާ ހަމައަށް ވެލިގަނޑެއްގައި ވަޅުލެވި ބޯ އެކަނި މިނިވަން ކޮށްގެން ހުރުން ކަމުގައި ވެސް ހަދައިގެން ނުވާނެއެވެ. އެހެންނޫނީ ބައެއް ޙާލަތުގައި ޙަޔާތުގެ ފޮނިމީރުކަމުގެ ޙަޤީޤީ ރަހަ ގެއްލި ހިގައިދާނެއެވެ. ފަހި ވިސްނުމުން ވިސްނުމަކީ ތިބާއަށް ދިމާވާ ހިތްހަމަ ނުޖެހޭ ޙާލަތުތަކުގައި ވެސް ކުރިމަތިލާ ތިބާ ޤަބޫލުކުރާ ގޮތުން އެޙާލަތުގެ ފައިދާ ނެގޭނޭ ހެން ފައިދާހުރި ގޮތަކަށް ތިމާއަށް ވިސްނުން ބަދަލު ކޮށްލެވުމެވެ. ކަންވާނީ އެންމެ ރަނގަޅަށް ކަމަށް ހިތަށް އަރުވާށެވެ. އެންމެ ގޯސްކޮށްކަމަށް ހީނުކުރާށެވެ.
ފަހި ވިސްނުން ފެށެނީ ތިބާގެ ނަފުސާ ދައްކާ ވާހަކައިންނެވެ. ނަފުސާ މުޚާތަބު ކުރުމަކީ އަބަދުވެސް ބޭރަށް އަޑުނީއްވާ ސިކުނޑިން ނަފުސަށް ކޮށްދޭ ތަރުޖަމާއެވެ. އެގޮތުން އޮޓަމެޓިކުން އެ އުފަންވާ ވިސްނުމަކީ ފަހި ނުވަތަ އިދި ވިސްނުމެކެވެ. ތިބާގެ ނަފުސާ ދައްކާ ވާހަކަ ވާންވާނީ ސަބަބުތަކާއެކު ވިސްނުންތެރި އަސްލެއްގެ މައްޗައް ނިންމާ ފަހި ނިންމުމަކަށެވެ. ނަފުސާ ދެއްކޭ އެހެނިހެން ވާހަކަތައް ވާނީ ތިބާގެ ތަޖުރިބާ ނެތުމާ އޮޅުންތަކުން އުފަންކުރާ ވަހުމް ކަމުގައެވެ.
ތިބާގެ ބޮލުގައި ގުގުމާ ޖަވާބު އިދި ވިސްނުމެއް އުފައްދާނަމަ އޭގެ ސަބަބުން ބިރާ ހާސްކަމުގެ އޮއިވަރެއްގައި ތިބާ ބައްސާލާނެއެވެ. އެއާ ޚިލާފަށް ތިބާ އަބަދުވެސް ހެޔޮ ކޮޅަށް ފަހި ވިސްނުމުން ކަންކަން ވިސްނާނަމަ ތިބާ އަކީ ކާމިޔާބު ފަހި ވިސްނުމުގެ އަހުލުވެރިއެކެވެ.
ފަހި ވިސްނުމުން ސިއަޙަތަށް ކުރާ އެދެވޭ އަސަރުތައް
ދިރާސާ ކުރާ ޢިލްމީ ބޭފުޅުންގެ ހޯއްދެވުންތަކުން ފަހި ވިސްނުމުގެ ސަބަބުން ސިއްހަތަށް ހެޔޮ ބަދަލުތައް ގެނެސްދެނީ އުންމީދުގެ ތެރެއިން ނެވެ. އޭގެ ތެރޭގައި މިދަންނަވާ ބައިތައް ހިމެނެއެވެ.
❖ އުމުރު ދިގުވުން
❖ ޑިޕްރެޝަންގެ ނުރައްކަލުން ދުރުވުން
❖ ހާސްކަމާ ފިއްތުންތަކުން ސަލާމަތްވުން
❖ އާންމު އަރިދަފުސް ރޯގާފަދަ ބަލިތަކުން ސަލާމަތްވުން
❖ ނަފުސާނީ އަދި ޖަޒުބާތީ ގޮތުން ފުދިފައި ހުރުން
❖ ލޭހޮޅިތައް ބެދުމާ ހިތުގެ ބަލިތަކާ ދުރުކޮށްދިނުން
❖ ހިތާމަޔާއި ފިއްތުންތައް މެދުވެރިވާ ޙާލަތުގައިވެސް އެކަންކަމަށް ފުދިގެން ސިކުނޑި ހާނަން އެނގުން
މިހުރިހާ ފައިދާއެއް މިހާ ބޮޑަށް ފަހި ވިސްނުމުގެ ވެރިންނަށް ލިބޭ ސަބަބުތައް އަދިވެސް މުޅިން ހޯދިފައެއްނެތެވެ. ނަމަވެސް ޔަޤީންވާ އެއްކަމަކީ ފަހި ވިސްނުމުގެ ވެރިންނަށް މި ފައިދާތަށް ކުރާކަމެވެ. މިބާވަތުގެ މީހުން އާންމުކޮށް މަސްތުވާ ތަކެއްޗާއި އަދި އެބާވަތުގެ ނަހަމަ ކަންކަމާ ދުރުކަން ފާހަގަ ކުރެވެއެވެ.
އިދި ވިސްނުން ދެނެގަންނާނެގޮތްތައް
ތިބާއަށް ވިސްނުން ގެންގުޅެވެނީ ފަހިކޮށްތޯ ނުވަތަ އިދިކޮށްތޯ ބަލާށެވެ. އިދި ވިސްނުމުގެ ބައެއް އާންމު ފާހަގަތައް ލިޔެލާނަމެވެ.
❖ ވިސްނުން ފުރާނާލުން: ގޯސް ޙާލަތެއްގައި ވެސް ކަންކަން ހުރިހައި ގޮތަކުން ތިބާ ބަލާ އެ ޙާލަތުން ރަނގަޅު ކަންކަން ފުރާނާލާށެވެ. މިސާލަކަށް، ތިބާއަށް ދުވާލު ކުރަންޖެހޭ މަސައްކަތްތައް ގަޑިޖެހުމުގެ މާ ކުރިން ނިންމާލެވުނެވެ. އަދި އޭގެ ސަބަބުން މެނޭޖަރު ވަރަށް ތަޢުރީފުކުރިއެވެ. މަސައްކަތަށް ފަރިތަކަމާ މޮޅުކަމަށެވެ. އެ ދުވަހު ހަވީރު ގެއަށްއައިސް ވިސްނާލަންވީ ދެން ކޮންމެ ދުވަހަކުވެސް އަދި އެއަށްވުރެ ވެސް ރަނގަޅަށް ވަޒީފާގެ ވާޖިބުތައް މާ ފަރުވާ ތެރިކަމާއެކު އަދާ ކުރުމަށެވެ. އެއީ އަޒުމެކެވެ. އަދި މެނޭޖަރުގެ އެ ސާބަސްތައް ބޮލުން ފޮހެލާށެވެ. ތިބާ ކުރީ ތިބާ ކުރަންޖެހޭ ކަންކަމެވެ.
❖ އިލްޒާމު އަމިއްލައަށް ބޮލުގައި ނޭޅުން: ފަހަރެއްގައި ހިތްހަމަނުޖެހޭ ކަމެއް ވާއިރަށް އޮޓަމެޓިކުން އެކަމުގައި އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ ގޮތް ވެއެވެ. މިސާލަކަށް، ތިބާއަށް އަންނަ ފޯނުކޯލުން އެނގެނީ ތިބާއާއެކު ރައްޓެހިން ދާން ހަމަޖައްސާފައި އޮތް ކޮފީ ކެންސަލް ވެއްޖެކަމެވެ. އެހިސާބުން ތިބާ ނިންމަނީ އެއީ އެމީހުން ތިބާގޮވައިގެން ނުދާން ދެއްކި ބަހަނާއެއްގެ ގޮތުގައެވެ. އެހެން ނުހަދާށެވެ. އެއީ ކޮންމެސް ރަނގަޅު އުޒުރަކާއެކު އެމީހުނަށް ހަމަ ދެވެން ނެތީކަމަށް ނިންމާށެވެ. އަދި އެ ބައްދަލުވުން އެހެން އިރަކުން ބޭއްވިދާނެ ކަމަށް ވިސްނާށެވެ.
❖ މާ ކަންބޮޑުކުރުން: ކުރިންވެސް ދެންނެވުނުހެން ތިބާއަށް ކުއްލިއަކަށް އެކަމެއްގެ އޮންނަ އެންމެ ނުބައިގޮތަށް ވިސްނައިގަނެވޭތަން އާދެއެވެ. މިސާލަކަށް ތިބާ ގެންނަށް އޯޑަރު ދިން ރޯސްކުރި ކުކުޅުގެ ބަދަލުގައި ގެނައީ ކުކުޅު ރިހައެވެ. އެކަމާ ވަރަށް ހިތްހަމަ ނުޖެހި ވެއިޓަރަށް އެތިވަރު ގޮވާ އަޑުލުމަށްފަހު ނުވެސްކައި ނުކުމެގެންދަމުން ހިތަށްއަރުވާނީ މުޅި ދުވަސް ޚަރާބެވެ. ދެން ދުވަހަކުވެސް އެތަނަށް ނުދާނަމެވެ. މިއަދު މޫޑު މިދިޔައީއެވެ. މިހެން ކަން ވިޔަނުދޭށެވެ. ހަމަ ކަމެއް އޮޅިދާނެތާއެވެ. ވެއިޓަރަށް އިވުނުގޮތް ތަފާތުވީއެވެ. އޭނާވެސް ގަސްދުގައި އެހެނެއް ނުހަދާނެއެވެ. ވީމާ އެ އިދި ވިސްނުމުގެ ބަދަލުގައި ފަހި ވިސްނުމުން ނިންމާށެވެ. އަލުން އޯޑަރު ސާފުކޮށްދެށެވެ. އެހިސާބުން މައްސަލަ ޙައްލުވީއެވެ. އޭނާވެސް ހިތްހަމަޖެހުނީއެވެ.
❖ ވަޒަން ކޮށް މެދަށް ނިންމުން: ތިބާ ގިނަފަހަރު ކަންކަން ދެކޭނީ ގޯސް ނުވަތަ ރަނގަޅު މި ދެގޮތުންކުރެ ގޮތަކަށެވެ. އެދެމެދުގެ ނިންމުމެއް ވަރަށް ނުނިންމޭނެއެވެ. ތިބާ ދެކޭނީ ތިބާއަކީ އެންމެ ފުރިހަމަ މީހާ ކަމުގައެވެ. ނުވަތަ ތިބާއަކީ ވަރަށް ނާކާމިޔާބު މީހެއްގެ ގޮތުގައެވެ. އެހެނަސް މިދެގޮތަށް ވިސްނާފައި ވަކި އަތަކަށް އެހާ އަވަހަށް ބުރަނުވެ މެދުމިނަށް ނިންމަން ދަސްކުރުމަކީ އެންމެ އުދަނގޫ އެހެނަސް އެންމެ ކާމިޔާބު ނިންމުމެވެ.
ފަހި ވިސްނުމަށް ސަމާލުކަން ދިނުން
އިދި ވިސްނުމެއް ވެސް ފަހި ވިސްނުމަކަށް ބަދަލުކޮށްލަން ތިބާއަށް ދަސްކުރެވިދާނެއެވެ. އެއީ ދާދި ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަކު ވަގުތާ ޕްރެކްޓިސް ބޭނުންވާނެއެވެ. އޭރުން ތިބާއަށް އެ އުފަންކުރެވެނީ އާ އާދަތަކެކެވެ. ކޮންމެއަކަސް ތިރީގައި މި ބަޔާންކުރަނީ ތިބާގެ ވިސްނުމަށް ގެނެވިދާނެ ބައެއް ބަދަލެވެ.
ބަދަލުކޮށްލަން ވީ ބައިތައް ދެނެގަތުން: ތިބާ ކަންކަމުގައި ހެޔޮގޮތް އެދޭނަމަ އަދި ފަހި ވިސްނުމަށް ދާން އެދޭނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތިބާގެ ދިރިއުޅުމުގެ މައިގަނޑު ބައިތަކާ ޙަޤީޤަތް ދެނެގަތުމެވެ. އެއީ މާ ދަތި ކަމެއްނޫނެވެ. އެހެނީ އެއީ ތިބާގެ އަމިއްލަ ކަންކަމެވެ. އެހެން މީހެއްގެ ކަމެއްނަމަ ފާރަލައިގެން ވަރަށް ޙާލުން ނޫނީ ނުހޯދޭނެއެވެ. ވީމާ ތިބާގެ މަސައްކަތާ އެހެނިހެން ކަންކަމުގައި ތިބާއަށް ގިނަފަހަރު ގޯސްކޮށް ހިނގާހެން ހީވާ ކަންކަން ފާހަގަ ކޮށްލާށެވެ. އެއީ ތިބާގެ ކޮންމެ ދުހެއްގެ ދިރިއުޅުމާއި އާއިލީ ގުޅުމުން ވެސް މެއެވެ. ދެން ތިބާއަށް މަޑުމަޑުން ލަސްލަހުން ކޮންމެސް އެއްކަމަކުން ފަށައިގަނެވި ދާނެއެވެ. އެކަމަކަށް ކުރިއަށްވުރެ ފަހި ވިސްނުމަކުން ވިސްނަން ފަށާށެވެ. ފަހަރަކު ކަމެއް ބަދަލު ކުރެވޭނެއެވެ.
❖ ތިބާ އަމިއްލައަށް ނަފުސު ޗެކްކޮށްލުން: ވަގުތުތައް ގުނަމުން އެކި ކަންކަން ކުރަމުން ތިޔަ ދާ ދިއުމުގައި އަޅެ ކޮންމެވެސް ވަގުތު ކޮޅުތަކެއް ހުސްކޮށްލާ ތިމާގެ މަސައްކަތާ މިޒާޖު ޗެކްކޮށްލަން ފުންކޮށް ވިސްނާލަބަލާށެވެ. ތިބާއަށް ގިނަ ކަންކަމާމެދު ވިސްނެނީ އިދި ވިސްނުމުންކަން އެނގޭނަމަ އެކަންކަން ފަހި ވިސްނުމަކުން ވިސްނާފައި ކުރުމަށް ބަދަލުކޮށްލާށެވެ. ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނާނެއެވެ.
❖ ސިކުނޑި މިނިވަންކޮށް ހުޅުވާލުން: ފުރަތަމަ ތިބާ ކުރަންވީ ކަމަކީ އަމިއްލަ ނަފުސަށް ހިނިތުންވެ ހީނލާނޭ ފުރުސަތު ދިނުމެވެ. ޚާއްޞަކޮށް އުނދަގު ދަތި ޙާލަތުތަކުގައެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގެ ހާދިސާތަކުން ފިލާވަޅު ހޯދާ މޫޑު ހެޔޮކޮށް ބަހައްޓަން އާދަކުރާށެވެ. ތިބާއަށް ދިރިއުޅުމާމެދު ހިނިތުން ވެވިއްޖެއްޔާ ހަމަ ގައިމުވެސް ހާސްކަމާ ކަންބޮޑުވުން ފިލާނެއެވެ. އެކަންކަމުން ސަލާމަތް ވެއްޖެއްޔާ ކަށަވަރުން ކުރިއަށް ދިއުމުގެ ދޮރުތައް ހުޅުވޭނެއެވެ.
❖ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި: ގިނަ ދުވަސްދުވަހު ބައިގަޑިއެއްހައި އިރު އަމިއްލަ ކަސްރަތަށް ހޭދަކޮށްލާށެވެ. ނޫނީ ދިހަވަރަކަށް މިނިޓުގެ ތިން ބުރަކަށް ވެސް ބަހާލެވި ދާނެއެވެ. ކަސްރަތުން ގައިމުވެސް ތިބާގެ ވިސްނުމާ ސިއްހަތަށް ބޮޑެތި އެދެވޭ ހެޔޮ ބަދަލްތައް ގެނެސްދޭނެއެވެ. ހާސްކަން ފިލުވާލާނެއެވެ. ކެއުމުގެ ވައްޓަފާޅި ވެސް ތިބާ އަށް ހެޔޮ ސިއްޙަތަކަށް މަގުފަހި ވާނޭހެން ބަދަލު ކޮށްލާށެވެ. މިގޮތުން ކަންބޮޑުވުމާ ހާސްކަން ކޮންޓްރޯލް ކުރެވިދާނެއެވެ.
❖ ފަހި ވިސްނުމުގެ އެކުވެރިން ހޯދުން: ތިބާގެ ދިރިއުޅުމުގައި ހުރިހާކަމެއް ވެސް ފަހި ވިސްނުމުގައި ބަހައްޓަން އާދަކުރާށެވެ. އެހީތެރި ވެދީ ލަފާދީ އެކުގައި އުޅޭ އެކުވެރިން ޚިޔާރުކުރުމުގައި ވެސް އެފަދަ ރައްޓެހިން ހޯދާށެވެ. އިދި ވިސްނުމުގެ މީހުންގެ ސަބަބުން ތިބާގެ ފަހި ދިރިއުޅުން ހާސްކަމުގެ ތެރެއަށް ނުލާށެވެ. ހަސަދަޔަށް ތަން ނުދޭށެވެ. ހެޔޮ ސިއްހަތުގައި ހެޔޮ ދިރިއުޅުމަކަށް މިކަންކަން ވަރަށް މުހިންމެވެ.
❖ ނަފުސާ މުޚާތަބުކުރުމުގައި ފަހި ވިސްނުން: އަމިއްލަ ނަފުސާ މުޚާޠަބު ކުރަން ފަށާއިރު އާދައިގެ އުސޫލެއްގައި ހިފަހައްޓާށެވެ. އަނެކުނާ ދިމާއަށް ބުނަން ނުކެރޭފަދަ ބަސްތަކުން ތިބާ އަމިއްލަ ނަފުސާވެސް މުޚާތަބު ނުކުރައްޗެއެވެ. އަބަދުވެސް ނަފުސަށް ހިތްވަރުދޭށެވެ. އިދި ވިސްނުމެއް އަޔަސް އެކަމެއް ފުންކޮށް ވިސްނާ އޭގައިވާ ހެޔޮ ބައި ނަފުސަށް ކިޔައިދޭށެވެ. އަބަދުވެސް ތިބާގެ ނަފުސަށް ބުނެދޭންވާނީ ތިބާވެސް އެކަމަކުން އުފާވާ ފަދަ ވާހަކަތަކެވެ. ގޯސް ޙާލަތުން ހެޔޮ ވިސްނުން އުފައްދާނޭ ގޮތުގެ ބައެއް މިސާލު ތިރީގައި ލިޔެ ލާނަމެވެ.
ފަހިކޮށް ވިސްނަން ފަރިތަކުރާނޭގޮތް
❖ ނަފުސުގެ އިދި ވިސްނުން – ވިސްނަން ޖެހޭ ފަހި ވިސްނުން
❖ ތިޔައީ މީގެކުރިން ދުވަހަކުވެސް އަހަރެން ކުރި ކަމެއްނޫން – މިކަމުންވެސް އާކޮންމެސް ކަމެއް ދަސްވާނެ
❖ ތިޔައީ މާއުނދަގޫ ކަމެއް – ތަފާތު ގޮތަކުން އަޅެ މިފަހަރު މަސައްކަތް ކޮށްލާނީ
❖ ތިޔަކަން ކުރާނެ ސާމާނެއް އަހަރެންގެ އަތަކު ނެތް – ތާކުން އެއްޗެހި ހޯދައިގެން ކޮށްލެވޭނެ
❖ ތިޔަކަހަލަ ކަމެއް ކުރާހާ ހުސް ވަގުތެއް ނެތް – ތިވަރުކަމެއް ކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލެވިދާނެ
❖ ތިޔައީ ވާވަރު ކަމެއްނޫން – ވޭތޯ ބަލައިލެވި ދާނެ
❖ ތިޔަހާ ބޮޑު ބަދަލެއް ނުގެނެވޭނެ – އަޅެ ވޭތޯ ބަލައިލަމާ
❖ ތިކަހަލަ ކަމަކަށް ކާކުބާ އެހީވާނީ – ރައްޓެހިންގާތު އަހާލީމަތާ އެނގޭނީ
❖ ތިޔަހާ ބޮޑު ބަދަލެއް ނުގެނެވޭނެ – އަޅެ ޗާންސެއް ނަގަމާ
❖ މިއަށްވުރެ ރަނގަޅަކަން މަށަކަށް ނުވާނެ – އެހެން ގޮތަކަށް ވޭތޯ ބަލާލީމަ އެނގޭނީ
ކޮންމެ ދުވަހަކު ފަހި ވިސްނުމަށް ފަރިތަކުރުން މުހިންމު
ތިބާއަކީ އަބަދުވެސް އިދި ވިސްނުން ގެންގުޅޭ މީހަކަށްވާނަމަ އެންމެ ރެއެއްގެ ހަތަރުދަމަކުން އެކަނި އެ ވިސްނުމުގެ ވައްޓަފާޅި ބަދަލު ކޮށްލެވޭނޭ ކަމަށް ނުދެކޭށެވެ. އެއީ ބައިވަރު މަސައްކަތް ކޮށްގެން ހާސިލު ކުރެވޭނޭ ކަމެކެވެ. ގިނަފަހަރު ތިބާ ނަފުސާ ދައްކާ ވާހަކައިން ނަފުސު ބަލާނީ ފަސޭހަގޮތާ ތިބާގެ ސިކުނޑި އެދޭ ގޮތެވެ. ތިބާއަށް ވިސްނައިދެވެން އުޅޭނީވެސް ކަމުގެ އިދި ކޮޅަށެވެ. އިސްލާޙު ވާނެއެވެ. ވާނީ މަޑުމަޑުން ލަސްލަހުން ކެތްތެރި މަސައްކަތް ތަކެއް ކުރެވިގެންނެވެ.
މިކަންކަން ބަދަލުވެ ތިބާއަށް ކޮންޓްރޯލް ކުރެވި ފަހި ވިސްނުމުން ކޮންމެ ޙާލަތަކަށް ވިސްނެން ފެށުމުން މުޅި ދުނިޔެއާއި ތިބާގެ ވަށައިގެންވާ މާހައުލު ރީތިވެ އުފާފާގަތި ކަމަށް ފުރޮޅިގެން ދާނެއެވެ. މަސައްކަތް ކޮށްލަބަލާށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
-
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ޚަބަރުސަހަރޯ! ފިލްމު ޕްރޮޑިއުސަރުންނަށް މަރެއް!
- 6 މެއި 2023ހާދިސާލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ދެވަނަ ބައި
- 2 މެއި 2023ރިޕޯޓްލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ފުރަތަމަ ބައި
- 17 ޖުލައި 2021ރިޕޯޓްފަހި ވިސްނުމުން – 02