❖ ތިބާގެ ޤާބިލްކަން އިތުރުވެއެވެ.
❖ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވެއެވެ.
❖ މަސައްކަތުގެ ކުރިއެރުން ލިބެއެވެ.
މިއަދުގެ އެންމެ ހިތި ޙަޤީޤަތް
އެހެން މީހުނަށް ފާޑުކިއުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަކު ދަތިކަމަކީ ތެދުވެރި ކަމާއެކު ހެޔޮ ނިޔަތުގައި އެންމެ ޖުމުލައެއް ވެސް އަނެކާއަށް ޓަކައި ބުނުމެވެ. ހަމަ އެފަދައިން އަނެކުން ކުރާ ކޮންމެ ކަމެއް ގޯސް ކުރުމާއެކު އެބައިމީހުން ކުށްވެރި ކޮށްފައި، ތިބާއަށް ތިޔަ ހުރެވުނީ ހެޔޮ މަގުގައި ކަމަށް ހަމައެކަނި ހީކުރެވުމަކީ އެންމެ ހިތި ނަތީޖާ ނުކުންނަ އެއް ސަބަބެވެ. އެންމެ ނުރައްކާކަމަކީ ހަސަދައެވެ.
އަނެކުންނަށް ނުހަމަގޮތުގައި ފާޑުކިޔައިގެން ލިބޭހާވެސް އެއްޗަކީ ނުރުހުމާ ނަފުރަތާ ހަސަދައެވެ. އެކަމުން އިތުރު މައްސަލަތައް އުފެދުމާ ދޭތެރެ ޖެހުމާ އެންމެފަހުން ތިބާ އެކަހެރިވުން ފިޔަވާ އެކަށްޗެއް ވެސް ޙާސިލެއް ނުވާނެއެވެ. ތިބާގެ އަގުވެއްޓުން އެއީ އެންމެ ބޮޑު ގެއްލުމެވެ.
ނުރަނގަޅު ފާޑުކިޔުމަކީ އިދި ވިސްނުމަށް މުޖުތަމަޢު ގެންދާ އެންމެ ތޫނު އެއް ހަތިޔާރެވެ. އުފެދެމުން ދާނީ ދުރުކަމާ ހާސްކަމެވެ. ބައިބައި ވުމާ ބަދަލު ހިފުމުގެ ނުރައްކާ ޖޯޝެވެ.
ފާޑުކިޔުމަށް ލޯބިކުރަނީ ކީއްވެބާ
އަސްލަށް ވިސްނާލީމާ އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ އެއް ޙަޤީޤަތަކީ، އެގޮތަށް ފާޑުކިޔުމުން ލިބޭ އެއްވެސް ފައިދާއެއް ކުރިއެރުމެއް ނެތްކަމެވެ. މިކަން ވަރަށް ސާފުކޮށް އެނގިތިބެމެ އެކަން ކުރުމަށް އެހައި ޝަޢުޤެއް އެ ހުންނަނީ ކީއްވެގެން ބާވައެވެ؟
ކަމެއް ކުރުމުގެ ބޭނުމަކަށް ވާންވާނީ ކޮންމެސް ފައިދާއެއް ތިމާއަށް ނުވަތަ ތިމާގެ މުޖުތަމަޢަށް ކުރާނަމައެވެ. އެފަދަ ފައިދާއެއް ވާންވާނީ އަނެކާއަށް ބޮޑު ހިތާމައެއް ނުލިބި ލިބެންޖެހޭ އެއްޗަކަށެވެ. ޖަޒުބާތަކީ ހުޅު ރޯވާ އެއްޗެކެވެ. އަނެކުންގެ އިޙުސާސަށް އަނިޔާ ވާހެން އަމަލުކުރަން ވާނީ ތިމާއަށްވެސް އެފަދަ އަނިޔާއެއް ދީފާނޭކަން ވެސް ދެނެހުރެއެވެ. ތިމާގެ ކޮޅަށް އެ ފާޑުކިޔުން އެނބުރޭ ހިނދު އެއިން ރެކެން ކުރެވޭނޭ އެއްކަމެއް ވެސް ގިނަފަހަރު ނޯވެއެވެ. އެފަދަ ފާޑުކިޔުންތަކުގެ އަސަރު ފަހުން ކޮޅު ބަދަލުވެ ތިމާއާ ކުރިމަތިލާނެއެވެ.
ފާޑުކިޔުމަކީ ޖަޒުބާތީ ނަފުރަތުގެ ހުޅެވެ.
އަޅުގަނޑުމެނަށް ބައެއް ކުދިކުދި ފައިދާ އަށްޓަކައި ދުވަސްވީ ގުޅުމާއި އިތުބާރުގައި ކޮޅުފައިން ޖެހެއެވެ. އެއީ ކޮންމެވެސް ފަރާތެއްގެ ރުހުން ހޯދުމަށް އަނެކުންނަށް އެކަން ނޭނގޭނެއޭ ހީކޮށް ކުރާ ސިއްރު ކަމެއްގެ ގޮތުގައެވެ. ނިމިގެންދާއިރު ނަތީޖާ ހީނުކުރާހާ ހިތިކޮށް ތިމާއަށް އެނބުރި ޙަމާލާ ރައްދުވެއެވެ.
އާއިލާތަކުގެތެރޭގައި ދަރިން ބިކަވުމާއި މައިން ބަފައިންނާ ގުޅުން ކެނޑުމާ ދެބެއިން ތަޅާފޮޅުމާ އެތައް ނޭދެވޭ މައްސަލަތަކެއްގެ ފެށުމަށް ވެފައި އޮންނަނީ ތިމާގެ މޮޅުކަން ދައްކަން އެކަކުގާތު އަނެކަކާ ބެހޭ ގޮތުން ކިޔާލާ ސިއްރު ފާޑު ކިއުމެވެ.
ވަރަށް ހިނިތުންވެފައި ފާޑުކިޔަސް ހެވޭ ބުނާނެއެވެ. އެކަމަކު ހަގީގަތުގައި ހަމަ އެކަކުވެސް ފާޑުކިޔުމަކަށް ނުރުހޭނެއެވެ.
މެޑެލްޖެހުގެ ނިޔަތުގައި ކިޔާ ފާޑު
ތިމާގެ އަގު ވަކި މީހެއްގެ ނުވަތަ ބައެއްގެ ކުރިމަތީގައި އެރުވުމުގެ ނިޔަތުގައި ވަރަށް ގިނަފަހަރު ދުރުގައި ހުންނަ މީހަކަށް ފާޑުކިޔެއެވެ. މާބޮޑުކަމެއް ކަމަށް ނުދެކިއެވެ. ވަގުތީ ކުރިއެރުމަކަށް ޓަކައެވެ. ގާތުގައި އެ ހިނދު ހުންނަ ކޮންމެވެސް ފަރާތެއްގެ ލޯތްބާއި އިޙުތިރާމާއި ހަމްދަރުދީއަށް ދަހިވެތި ވެގެންނެވެ. އެވަގުތު އެގޮތަށް ޙާލަތު އޮތަސް އަދި އެ ހޯދަން ބޭނުންވި ލޯބި ލިބުނަސް ޖެހިގެން އަންނަ ދުވަހު މުޅި މާހައުލާ ޙާލަތު ބަދަލުވެގެން ހިނގައި ދާނެއެވެ. ހަގީގަތް އަބަދަކު ސިއްރެއް ނުކުރެވޭނެއެވެ. އެއަށްވުރެ މުއާސަލާތް މާ ތަހުޒީބެވެ.
އަމިއްލަ އެދުމެއް ހާސިލް ކުރަން އަނެކާއަށް ފާޑުކިޔުން
ތިބާގެ ފެންވަރާ ޤާބިލުކަން ބުނެދޭނީ އަމަލުންނާއި އެކު އުޅުމުންނެވެ. ތިބާގެ މޮޅުކަން ބުނެދޭން އަނެކާއަށް ފާޑު ކިޔާ އަގު ވައްޓާލައިގެނެއް ނޫނެވެ. އަނެކާގެ މޮޅުކަމުން އެ ޙަސަދައިގައި އޭނާ ދެރަކަން ސާބިތުކޮށްދޭން އެކިޔާ ފާޑަކީ މޮޔައަކު، ފެނިގެން އަލިފާންގަނޑަކަށް ފުންމާލުން ފަދަ މޮޔަ އަމަލެކެވެ. ފިހޭނެއެވެ. ކޮންދުވަހަކުން ކަމެއް ނޭނގެއެވެ. އެދުވަހަކުން ނަގާ ދިލަ މާ ގަދަވެފައި ތިބާގެ ނަފުސު އަނދަން ފެށުމުން ކެތެއް ނުވާނެއެވެ.
ތިބާއަށްވުރެ އޭނާ މޮޅީއެވެ.
އަނެކާގެ އަގު ވައްޓާލުމަށް ނުވަތަ އޭނަގެ މައްޗަށް ކުރި ހޯދުމުގެ ނިޔަތުގައި އޭނާއަށް ފާޑުކިޔަން އެ ޖެހެނީ ކޮންމެވެސް ގޮތަކުން އޭނާ ތިބާއަށްވުރެ މޮޅުވީމަކަން އެއީ ގަބޫލުކުރަން ދަތިވިއަސް ހަގީގަތެކެވެ. އަނެކުންގެ ކާމިޔާބީގެ ސަބަބުން ތިބާގެ ނަފުސު އަންދާކަށް ނުޖެހޭނެއެވެ.
އަޅުގަނުމެންގެ ލޭގައި ބަދަލު ހިފުމުގެ އަލިފާން އަބަދުވެސް އަނދައެވެ. އަނެކާއަށް ކުރިއެރުމެއް ލިބޭތަން ދެކެން ހަމަ ހިމޭނުން ނުތިބެވެނީއެވެ. އޭގެ ސަބަބުން ކޮންޓްރޯލް ނުވާވަރުގެ ހުޅެއް ނަފުސުގައި އަނދައި ގަންނަނީ އަމިއްލަ އެދުމުގެ ސަބަބުންނެވެ. އެއްފަހަރުވެސް އެއީ އޭނާއަށް ޙައްޤު ކާމިޔާބެއްކަން އެއްބަސް ވާން ތިބާގެ ސިކުނޑި ތަނެއް ނުދެއެވެ. ހަސަދައިގެ ވަކިތައް ދިގުވެ ބޭރަށް ފާޅުވާން ފަށަނީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ. ބައެއްކަހަލަ މިސާލު ލިޔެލާނަމެވެ.
❖ ރައްޓެއްސަކަށް މޮޅު ވަޒީފާއެއްލިބި މާބޮޑު މުސާރައެއް ލިބޭތަން ދެކެން ނުހުރެވުން
❖ ބެލެނިވެރިއަކު ތިބާއަށްވުރެ ބޮޑު ސަމާލުކަމެއް ކޮއްކޮއަށް ދޭތަން ދެކެން ކެތްނުވުން
❖ އެކުގައި މަސައްކަތްކުރާ އޮފީސް މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ލިބުން
❖ ރައްޓެހިންނަށް މާގިނަ ކަންތައްތަކެއް ކޮށްދެވޭކަމަށް ހީވުމާ އޭގެ ބަދަލުގައި އޭނާ ކަމެއް ނުކޮށްދެޔޭ ހީވުން
❖ ތިބާ ހިތާވާ މީހަކަށް އަނެކަކު ހިތް ކިޔުން
މިފަދަ އެތައް ކަމެއް ލިޔެވިދާނެއެވެ. މިއިން ކޮންމެ ޙާލަތެއް ވަރަށް ބޭއިންސާފުން ހިނގާ ކަމަށް ތިބާގެ ސިކުނޑިއަށް ވިސްނެނީއެވެ. މިފަދަ ފާޑުކިޔުންތަކުން އެ ބުނެދެވޭ އެއްޗަކީ އަސްލު ތިބާ ކަންކަމުގައި ވިސްނަނީ ވަރަށް އިދި ވިސްނުމަކުން ނަހަމައިންކަމެވެ.
ގެއްލުމުން ގެއްލުމަށް
ފާޑުކިޔައިގެން އެކަކަށް ވެސް ޙާޞިލްވާ މޮޅެއް ނެތެވެ. އަނެކާ ދެކޭނީ އޭނާގެ އަގު ވައްޓާލުމަށް ތިބާ ކުރިކަމެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން އުފެދެނީ ދުރުކަމެވެ. ދެމެދު އޮތް ލޯތްބާ އިހުތިރާމަށް ދެން ޖާގައެއް ނެތްކަމެވެ.
ގިނަފަހަރު މީހުން ކިޔާ ފާޑުން އެއްވެސް ކަމެއް އަނެކުން ބަދަލެއް ވެސް ނުކުރާނެއެވެ. އެއަށްވުރެ ބޮޑަށް ނަގާނީ ޒާތީ ކަމެއްގެ ގޮތުގައެވެ. އެހިސާބުން ތިބާއާ ދުރަށް ޖެހިލައެވެ. އަދި ބަދަލުގައި ތިބާގެ އަގު ވައްޓާލުމަށް އޭނާވެސް މަސައްކަތް ފަށައެވެ. ތިބާ އެގޮތައް ކަން ކުރާނަމަ ތިބާއަށް ތިޔަ ކުރެވޭ ކަމަކީ ތިބާގެ ހަޔާތުން އަނެކުން ފަހާ ދުރަށް ލުމެވެ.
ރަނގަޅު ކަންކަން ފާހަގަކުރުން
ފާޑުކިޔުމުގެ ބަދަލުގައި އަނެކުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ސާބަސް ދިނުމަކީ ކުރިން ދެންނެވުނު ފާޑުކިޔުމުގެ ސީދާ އިދިކޮޅެވެ. ރަނގަޅުކަމެއް ފާހަގަ ކުރުމުން އަނެކާއަށް ހިތްވަރު ލިބި އިތުރު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާނެއެވެ. ދެމެދުގެ ގުޅުންވެސް ބަދަހިވެ އިތުބާރު ލިބޭނެއެވެ.
ބިނާކުރަނިވި ފާޑުކިޔުން
ތިމާ ގަބޫލުކުރާ ފެންވަރުގައި ކޮންމެ މީހަކަށް އޭނާ އެކުރާ ކަމެއް ނުކުރެވުމަކީ އޭނާގެ އަގު ވައްޓާލަން ޖެހޭ ސަބަބެއް ނޫނެވެ.
އެހެނަސް އަޅުގަނޑުމެނަށް ގިނަފަހަރު ފާޑުކިޔެނީ އަނެކާގެ އަގު ވައްޓާލުމުގެ ނިޔަތުގައެވެ. އޭގެ ބަދަލުގައި ބިނާކުރަނިވި ފާޑުކިޔުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިސާލަކަށް ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް މަޝްވަރާ ދިނުމާ ރަނގަޅު ކަމެއް ރަނގަޅޭ ބުނެދެވިދާނެއެވެ. އަދި މިވެނި ކަންކަން ރަނގަޅު ކޮށްލައިފިނަމަ މާ ފުރިހަމަވާނެއޭ ވެސް ބުނެވިދާނެއެވެ. އެކަމަކު ސޯޝަލް މީޑިއާގައެއް ނޫނެވެ. އޭނާގެ ގާތުގައި ވަކިން އެކަމަށް މަޝްވަރާ ދިނުމުން ވަރަށް އުފަލުން، ހިތްހަމަ ޖެހިގެން އެ ނަސޭހަތް ބަލައިގަނެ އެދެވޭ ބަދަލުވެސް ދައްކާނެއެވެ.
ފާޑުކިޔުމާއި މެދު އަޅުގަނޑު ގެ ވިސްނުން
އެންމެނަށް އެނގޭނޭހެން ފާޑުކިޔުމާއި އަމުދުން ނެތްތާ ފާޑުކިޔުމަށް އެދޭނޭ އެއްވެސް މީހަކު ނުހުންނާނެއެވެ. އެކަމުގެ ސަބަބުން އުފެދޭ ފިތުނަ އާއި ދެކޮޅުވެރިކަން ނޭނގޭ މީހަކު ވެސް ހުންނާނެއެކޭ ހިތެއް ނުބުނެއެވެ. ތިބާގެ ވަށައިގެން ތިބި އެންމެހައި ގާތް އެކުވެރިންނާ ތިބާއާ މައްސަލަ ޖެހޭނޭ ގޮތަކަށް ކަންކޮށްގެން ތިބާ އެކަނި ހުރެ ދެން ލިބޭނީ ކޮން އުފަލެއް ހިތްހަމަޖެހުމެއްތޯ، މީ އަމިއްލަނަފުސާ ކޮށްލަން ޖެހޭ ސުވާލެކެވެ؟ ހަމައެކަނި އެފަދަ އިދި ވިސްނުމުން ލިބޭނީ ފަޅުކަމާ ހިތާމަކަން ދަންނާށެވެ.
ފާޑު ނުކިޔާވެސް ބޭނުންތައް ހާސިލްކުރެވެން ވާނެ
އަނެކުންނަށް ހިތްހަމަނުޖެހޭ ގޮތްގޮތަށް ފާޑުކިޔާ ފުރައްސާރަ ނުކުރިއަސް ތިމާ ބޭނުންވާ ކަންކަން ހާސިލު ކުރެވޭނެ އެތައް ގޮތެއް ހުންނާނެއެވެ. އެ ފާޑުކިޔުންތައް ހެޔޮ ބަދަލަށް މިސްރާބުވާ ގޮތަށް އަނބުރާލުން ވަރަށް މުހިންމެވެ. ބުނާ ބަހާ ކުރާ އަމަލާމެދު ވިސްނާލާށެވެ.
❖ ފުރަތަމަ ތިބާ ދެނެގަންނަން ޖެހެނީ ތިޔަނޫން އެތައް ގޮތަކުން ތިބާގެ ބޭނުންތައް ހާސިލު ކުރެވިދާނެ ކަމެވެ.
❖ ތިބާއަށް އެކަމެއް އޭނާއަށްވުރެ މޮޅަށް ކުރެވިދާނެހެން ހީވާނަމަ އެގޮތެއް ސީދާ އޭނާއަށް ކިޔައިދޭށެވެ. ފާޑުކިޔުމުގެ ބޭނުމެއް ނެތެވެ.
❖ މީހަކު ކުރާ ކަމަކުން ތިބާއަށް އުނދަގޫ ވާނަމަ އެއީ އަސްލު ތިބާގެ ރަނގަޅު ކޮށްލަން ޖެހޭ މިޒާޖުގެ މައްސަލައެއް ކަން ޤަބޫލުކުރާށެވެ. އެހެންނޫނީ ތިބާޖެހޭނީ އެމީހުންގެ މަގުސަދާ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް ދެނެގަންނާށެވެ. އެމީހުންނަށް ހުރީ ކޮންފަދަ މަޖުބޫރުތަކެއްތޯ ވެސް ބަލާ ހޯދާށެވެ. އެމީހުން ތަހައްމަލް ކުރާ ކަންކަން ތިބާއާ ވަރަށް ތަފާތުވެސް ވެދާނޭކަން ފުރިހަމައަށް ޤަބޫލުކުރާށެވެ.
❖ ތިބާއަށް ޙަޤީޤަތް ނޭގިހުރެ އަނެކުންގެ ހާލަތާ މަޖުބޫރުތައް ސާފުނުވެ އެބައެއްގެ ކަންކަމަށް ފާޑު ކިޔޭނީ ކޮން ހަމައަކުން ހެއްޔެވެ؟ އަދި އޭގެ ސަބަބުން ތިބާއަށް ލިބެނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟
❖ އެހެން މީހަކަށް ފާޑުކިޔުމުގެ ވިސްނުން ތިބާއަށް އެ އަންނަނީ ތިބާއަށް ވުރެ އޭނާ މަޝްހޫރު ވެދާނެކަމުގެ ބިރަށް ކަމަށް ވާނަމަ އެކަން ކުރިޔަސް އޭނާ ދާނީ ހައްތަހައި މަޝްހޫރު ވަމުންނެވެ.
ނިންމާލަމުން
މާބޮޑަށް ފާޑުކިޔާނަމަ ތިބާ ތިޔަ ދަނީ އެބަޔަކާ ވަކިވެ ދުރައްކަން ދަންނާށެވެ. އަދި އެއިން އެ ބުނެދެވެނީ ތިބާއަށް އަނެކުނަށް އިހުތިރާމާ ލޯބި ދިނުމުގެ ގާބިލްކަން ނެތް މިންވަރެވެ. ގަދަކަމުން އަނެކުން ތިބާއާ ދެކޮޅަށް ތެދުވަން އެ ކުރެވެނީ މަޖުބޫރެވެ. އޭގެސަބަބުން ތިބާ މާބޮޑު ބޭޒާރަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެކަން ހުއްޓާލާށެވެ. ތިބާ އަނެކާއާ ދިމާކުރާ ހިސާބުން އެފެށެނީ ތިބާގެ މާހައުލާ އެމީހުން ދުރުކުރުމުގެ މަސައްކަތެވެ. އަދި އެހުޅުވައި ދެވެނީ ނަފުރަތާ ހަސަދައިގެ ދޮރުތަކެވެ. އެބަޔަކު ވެސް އިދި ވިސްނުމުން ވިސްނަން ތިޔަދޭ ފުރުސަތު ނުދޭށެވެ. އެކަމުގައި ތިބާގެ ވިސްނުން ބަދަލުކޮށް ފަހި ވިސްނުމުން ކަންކުރަން ދަސްކުރާށެވެ. ފާޑުކިޔާލަން ހިތަށްހަމަ ވަންނަ ސިކުންތުގައި އޭނާއަށް ފާޑު ނުކިޔާ އެހީތެރިވުމަށް ނިޔަތް ބަދަލުކޮށްލާށެވެ. ކެތްތެރިވާށެވެ. ލޯތްބާ އިހުތިރާމް ހޯދާށެވެ. އޭނާގެ މައްސަލައެއް އުޅޭނަމަ ހަމްދަރުދީވާށެވެ. އެހީތެރިވާށެވެ. މިވަރު ނުވެވޭނަމަ އެ މައްސަލަޔާ ދުރަށް ޖެހި ހިމޭނުން ހުންނާށެވެ. އެއިރުން ތިބާއަށް އެ ސަލާމަތް ވެވެނީ ތިބާގެ އަގުވެއްޓެން ތިބާގެ އަތުން ޖަހާ މަޅިއަކުންކަން ޔަޤީންކުރާށެވެ.
ތިބާއަށް މިގޮތުން އަނެކުންނާމެދު ކެތްތެރިކަން އިސްކުރެވިއްޖެ ނަމަ އެ އެޅެނީ ތިބާގެ އަމިއްލަ ނަފުސާމެދު ވެސް ކެތްތެރިކަމުގެ ނުހަނު އަގުބޮޑު ފިޔަވަޅެކެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
-
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ޚަބަރުސަހަރޯ! ފިލްމު ޕްރޮޑިއުސަރުންނަށް މަރެއް!
- 6 މެއި 2023ހާދިސާލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ދެވަނަ ބައި
- 2 މެއި 2023ރިޕޯޓްލޯބި ލޯތްބަށްވަނީ ހިތިފޮނި އިންތިޒާރާއެކުގައެވެ. – ފުރަތަމަ ބައި
- 17 ޖުލައި 2021ރިޕޯޓްފަހި ވިސްނުމުން – 02